ސްޕެއިންގައި ފެން ބޮޑުވުމުގެ ސަބަބުން 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އަދިވެސް ބޯކޮށް ވާރޭވެހޭތީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.
މިއީ ވޭތުވެދިޔަ ފަސް ގަރުނުގެ ތެރޭގައި ޔޫރަޕަށް ކުރިމަތިވި އެންމެ ނުރައްކާތެރި މޫސުމީ އެއް ކާރިސާއެވެ.
މިދިޔަ ހަފްތާ އަންގާރަ ދުވަހު ވެހެން ފެށި ވާރޭ މެދުނުކެނޑި އަށް ގަޑިއިރު ވަންދެން ވެހިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ވިއްސާރައިގެ ސަބަބުން މި ހަފްތާ އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ސްޕެއިންގެ އިރުމަތިން އިންނަ ވެލެންސިއާއަށެވެ. މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތުގައި އެތައް ސިފައިންނެއް ދަނީ ހަރަކާތެރިވަމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން މަގުތަކާއި، ބްރިޖްތައް އަދި ރެއިލްވޭ ޓްރެކްތައްވެސް ވަނީ ހަލާކުވެފައި. ފޮޓޯ/ރޮއިޓާސް
އޮފިޝަލުން ވިދާޅުވީ މަރުވި މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިއީ ފަހުގެ ތާރީހުގައި ސްޕެއިންއަށް ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށާއި، 1970 ގެ އަހަރުތަކުގެ ފަހުން ޔޫރަޕަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ބޯ ވާރޭގެ ސަބަބުން މަގުތަކާއި، ރޭލު ޓްރެކްތަކާއި، ބްރިޖްތައް ހަލާކުވެ، ކޯރުތައް ފުރުނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ހެކްޓަރެއްގެ ދަނޑުބިން ވެސް ވަނީ ހަލާކުވެފައެވެ.
މީގެއިތުރުން އިތުރު ތޫފާންތަކެއް އަރާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފައެވެ. ސްޕެއިންގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކެޓަލޯނިއާގެ ޓަރަގޯނާގެ އިތުރުން ބެލެއަރިކް އައިލެންޑްސްގެ ބައެއް ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އެލާޓް ނެރެފައެވެ.