އަފްސަމްގެ ޖުމްލަ ފުރިހަމަ ނުވަނީސް، ޔަލްވީ ދޮރު ހުޅުވާލިއެވެ. ޔަލްވީ ހުރި ގޮތުން އަފްސަމްއަށް އިސްޖަހާލެވުނެވެ. ޔަލްވީ ލައިގެން ހުރީ ކުޑަ ޓޮޕްކޮޅަކާއި ކުރު ސޯޓުކޮޅެކެވެ. އެ ހެދުމުގައި ޔަލްވީގެ ހަށިގަނޑުން ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ. އަފްސަމް ދަންނަ އެއްވެސް ކުއްޖަކު އެފަދަ ހެދުމެއްގައި އޭނާގެ ކުރިމަތީގައި އުޅެފައެއް ނުވެއެވެ. ރަޔާންވެސް އިނީ ލަދުންނެވެ. ޔަލްވީގެ ހެދުން އެޅުމުގެ ވައްޓަފާޅި ރަޔާނަށް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ.
********
"އަފްސަމް ދެން ދޭ ނިދަން" ރަޔާން ބޭނުންވީ އަފްސަމް ފޮނުވައިލާށެވެ.
ކަންތައް ވީގޮތުން އަފްސަމްވެސް ހުރީ އެތަނުން ދާން ބޭނުންވެފައެވެ. އިތުރު އެއްޗެއް ނުބުނެ އަފްސަމް އަވަސް އަވަހަށް އެތަނުން ދިޔައެވެ. ޔަލްވީ ތުންދަމައިލިއެވެ. ޔަލްވީ ކޮންމެ ހެދުމެއްގައި ހުއްޓައި ރަޔާންއަށް ފެނުނަސް އޭނާގެ ފަރުވާލެއް ނެތެވެ. އަފްސަމްއަށް ފެންނަން ޔަލްވީގެ ހިތެއް ނުރުހުނެވެ. ޔަލްވީ ކޮޓަރީގެ ދޮރު ވީހާވެސް ބޮޑަށް ހުޅުވައިލިއެވެ. ރަޔާން އެތެރެއަށް ވައްދަން ޖާގަ ހެދިއެވެ.
"އަފްސަމް ކައިރީ ބުނަންވީނު މިގޭގަ ނުނިދިޔަސް އޯކޭއޭ" ރަޔާން އިން ގޮނޑި އެތެރެއަށް ވައްދަމުން ޔަލްވީ ބުނެލިއެވެ. "ގޭތެރޭގަ އުޅޭއިރު، ދިގު އެއްޗެހި ލައިގެން ނޫޅެވޭނެ"
ރަޔާން އެތެރެއަށް ވެއްދި ނަމަވެސް ދެން ހަދާނެގޮތެއް ޔަލްވީއަކަށް ނުވިސްނުނެވެ. ރަޔާން އެނދުގައި ބާއްވާނީ ހެއްޔެވެ؟ އޭރުން ޔަލްވީ އޮންނާނީ ކޮންތާކު ހެއްޔެވެ؟ ރަޔާންގެ ހާލަތު ހުރިގޮތުން ތިރީގައިވެސް ނޯވެވޭނެކަން ޔަލްވީއަށް އެނގެއެވެ. ރަޔާންއާއި އެއް އެނދެއްގައި ނިދާކަށް ޔަލްވީ ބޭނުމެއް ނުވެއެވެ. އެކަމަކު، ތިރީގައި ރަޖާ އަޅައިގެން ނިދާކަށްވެސް ބޭނުމެއް ނުވިއެވެ.
"އަހަރެން ތިރީގަ އޮވެފާނަން. ރަޖާގަނޑެއް އަޅާފަ، ބާލީހެއް ލައިދީ!" ޔަލްވީ ވިސްނަން ހުރީ ކޮން ކަމަކާއި ކަން އެނގުމުން ރަޔާން ބުނެލިއެވެ.
ރަޔާން ބުނާ ގޮތެއް ހަދާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ. ވަގުތުން އެނދުގެ މެދުން ބާލީސްޖަހައި ދެބައި ކުރިއެވެ. ޔަލްވީގެ ފޮއްޓާއި ދަބަސްވެސް ބާލީސްތަކުގެ މައްޗަށް އެރުވިއެވެ. ރަޔާން ފުރޮޅިލިޔަސް، ޔަލްވީގެ ގައިގައި ނުޖެހޭނޭ ވަރަށެވެ.
"އެނދުގަ އޮވެވިދާނެ. އެކަމަކު ޝަރުތެއްގެ މަތިން" ޔަލްވީ ބޭނުންވީ ރަޔާން އޭނާގެ ޝަރުތާއި ރުހޭށެވެ.
"ކޮން ޝަރުތެއް؟" ރަޔާންގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.
"ޑޯންޓް ޓަޗް މީ. އޮޅިގެންވިޔަސް" ޔަލްވީ ބުނެލިއެވެ. "މިކޮޅަށް އެނބުރިގެންވެސް ނުވާނެ. އޯކޭ؟"
ރަޔާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭނާ އެއްޗެއް ނުބުނެ އިނީ ޔަލްވީ ދެން ހަދަނީ ކިހިނެއްތޯ ބަލާށެވެ. ޔަލްވީ ހީކުރީ ރަޔާން އެއްބަސްވީ ކަމަށެވެ. ރަޔާންގެ އަތުގައި ހިފައި، ގޮނޑިން ނަގަން މަސައްކަތް ކުރިއެވެ. ޔަލްވީ ހީކުރި ވަރަށް ވުރެ ރަޔާން ބަރެވެ. ރަޔާން ގަސްދުގައި ނުތެދުވެ އިނީކަމެއް ޔަލްވީއަކަށް ނޭނގެއެވެ. ރަޔާން ބޭނުންނަމަ، ޔަލްވީގެ އަތުގައި ހިފައިގެން މަޑުމަޑުން ތެދުވެ، އެނދުގައި އިށީނދެވޭނެއެވެ.
ޔަލްވީގެ ގާތްކަމުން ރަޔާންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. ކޮންމެ ބީހިލުމަކާއިއެކު ރަޔާންގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަމުން ދިޔައެވެ. ނުބަލަން އުޅުނަސް، ރަޔާންގެ ނަޒަރު ހުއްޓެމުން ދިޔައީ ޔަލްވީގެ އޮމާން ކަނދުރާއަށެވެ. ޔަލްވީ ރަޔާން ނަގަން މަސައްކަތްކުރާ ކޮންމެ ފަހަރަކު، ރަޔާންގެ މޫނު އެ އޮމާން ކަނދުރާގައި ބީހިލައެވެ. ސިކުނޑީގައި ހައިޖާނު ހަދަމުންދިޔަ ވަސްވާސްތަކުން ދުރުވުމަށް ރަޔާން ނިންމީ އަވަހަށް އެނދުގައި އޮންނާށެވެ.
ރަޔާން ކުއްލިއަކަށް ތެދުވެ، ޔަލްވީގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ފައިގައި ވަރުނެތުމުގެ ސަބަބުން، އަމިއްލަ ބާރުގައި ކޮޅަށް ހުންނަން ރަޔާނަށް އުނދަގޫވިއެވެ. ޔަލްވީއަށް ރަޔާން ހިފަހައްޓާލެވޭގޮތެއް ނުވިއެވެ. ފައިން ވަރު ދޫވިއެވެ. އިސާހިތަކު ރަޔާނާއިއެކު އެނދުމައްޗަށް ވެއްޓުނެވެ. ރަޔާން އޮތީ ޔަލްވީގެ ގައިމަތީގައެވެ.
********
ފޯނު އަތަށް ލައިގެން އަފްސަމް ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ދޭތެރެއަކުން ބޮލުގެ ފުއްކިބައިގައި އަތް ހިންގާލައެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ، ފޯނުކޯލަކަށެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި އަފްސަމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ، ފޯނުގެ އިސްކްރީނަށް އެރި ނަން ފެނުމުންނެވެ.
"ހާދަ ވަރަކަށް ގުޅައިފީމޭ" ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް އަފްސަމް ބުނެލިއެވެ.
"ނުބައި ކޮޅަކުން އިރު އެރި ދުވަހަކީތަ؟" ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ އަފްސަމްގެ އެކުވެރި ރިވާނެވެ. "ގަރުނެއް ފަހުން ތިގުޅީ ކިހިނެއްވީޔޯ؟"
"މިހާރު އަހަރެމެން ގުޅަންޖެހެނީ ކަމަކު އެކަނިތަ؟ ހާދަ ދުރެކޭ ތިކޮށްލީ. އެހެންތާ ވާނީ ދޯ، ޑިޓެކްޓިވްއަކަށް ވެވުނީމަ ދެން އަހަރެމެން އެހާ މުހިއްމެއް ނުވާނެއެއްނު" އަފްސަމް ޝަކުވާކުރިއެވެ.
"އޭތް، އައިއްޓެ ހަމަޖެހިބަލަ. މާ މައްޗަށް ތި ދުއްވާލަނީ" ރިވާން ހީގަތެވެ. "ކޮބާ ރަޔާންގެ ހާލަކީ؟ ހާދަ ދުވަހެއްވެއްޖޭ އޭނަގެ ހަބަރެއްވެސް ނުވާތާ"
"ތިކަމާ އޭ ގުޅީ. ކަންތައް ވަރަށް ގޯސްވެގެން މިއުޅެނީ." އަފްސަމް ފުން ނޭވާ އެއް ދޫކޮށްލިއެވެ. އަދި ރަޔާންގެ ކަންތައް ހިނގާދިޔަ ގޮތް ކުރުގޮތަކަށް ކިޔައި ދިނެވެ.
********
ރަޔާން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ފަޔަށް ބާރު ނުލެވޭތީ އެކަން ކުރަން އުނދަގޫވިއެވެ. ރަޔާން ދެއަތުގެ ބާރުގައި ހަށިގަނޑު ކުޑަކޮށް ހިއްލައިލިއެވެ. ނަމަވެސް ޔަލްވީއަށް ގުޑިއެއް ނުލެވުނެވެ. ޔަލްވީ އޮތީ ދެލޯ ބޮޑުކޮށްލައިގެން ރަޔާންގެ މޫނަށް ބަލާށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެކަކު އަނެކެއްގެ ހޫނު ނޭވާގެ އަސަރު އިހުސާސްވީ ދެނެވެ. އެހާ ކައިރިން ޔަލްވީގެ ރީތި ސޫރަ ފެނުމުން، އަމިއްލަ ނަފުސު ހުއްޓުވާނެ ހިތްވަރެއް ރަޔާނަކަށް ނުލިބުނެވެ.
ޔަލްވީގެ ހިތުގެ ވިންދު އަވަސްވި އެއީ ފުރަތަމަ ފަހަރެވެ. ރަޔާނަކީ ރީތި ފިރިހެނެކެވެ. މޫނުގައިވާ ކޮންމެ ގުނަވަނެއް އެކަމަށް ހެކިވެއެވެ. ރީތި ދެލޮލުގެ އެންމެ ނަޒަރަކުން، ހިތް ވިރުވާލަން އުޅޭކަހަލައެވެ. ބާމަތި ފުޅަލެވެ. ހަމުގެ ކުލަ އައްޔެވެ. ބޮލުގެ މެދުން ކުޑަކޮށް ދިގުކޮށްފައި އޮތް އިސްތަށިތަކުގެ ތަރުތީބު ގެއްލި، ވަޔާއިއެކު ވިހުރެމުން ދިޔައެވެ. ފަންކާގެ ވަޔާއިއެކު އެ އިސްތަށިކޮޅުތައް ނިތްކުރިއަށް ގޯނާކޮށްލާ މަންޒަރު ނުހަނު ހިތްގައިމެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅިން ފިރިހެންވަންތަކަން އިތުރުވެފައިވިއެވެ. ޔަލްވީގެ ނަޒަރު ތިރިވަމުން ގޮސް، ރަޔާންގެ ތުންފަތާއި ހަމައިން ހުއްޓުނެވެ. އެއާއިއެކު ނޭވާ ލާންވެސް ހަނދާންނެތުނެވެ. އެއީ ކުރިން ޔަލްވީއަށް ނުކުރެވޭ ކަހަލަ އިހުސާސެކެވެ. ރަޔާންގެ ގައިން ދުވަމުން ދިޔަ ލުއި ސެންޓްގެ ވަސް ޔަލްވީގެ ނޭފަތުގައި ހަރުލިއެވެ. މުޅި ހަށިގަނޑުގައި ދައުރުކުރަމުންދިޔަ އޮއެވަރުގެ ތެރޭގައި ނިމިގެން ދާން ޔަލްވީގެ ހިތް އެދުނީ ކީއްވެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ޔަލްވީއަށް އެނގުނީ، ރަޔާންގެ ގާތްކަމަށް ޔަލްވީގެ ހިތް އެދެން ފެށިކަމެވެ. ރަޔާންއަށް ދައުވަތު ދެމުން ޔަލްވީއަށް ދެލޯ މަރާލެވުނެވެ.
********
"ހާދަ ދެރައޭ. ރަޒީނާއްތަ އަކީ އެންމެންނަށްވެސް ވަރަށް ހެޔޮ މީހެއް. ތިކޮޅުގަ އުޅުނުއިރު އެއީ އަހަރެންގެ ދެވަނަ މަންމަ. ހާދަ ދެރައޭ ޖަނާޒާގަ ބައިވެރި ނުވެވުނީމަ. އެ ހުރިހާ ކަމެއް ވީއިރުވެސް ކީއްވެތަ އަހަންނަށް އަންގާނުލީ؟" ރިވާން ދެރަވިއެވެ. "އަސްލުވެސް ވަރަށް ދެރަވެއްޖެ"
ފަހު ފަހަރަށް ރަޒީނާގެ މޫނު ދެކެލުމުގެ ފުރުސަތު ނުލިބުމުން ރިވާން ހުރީ އަފްސަމްދެކެ ހިތްހަމަނުޖެހިފައެވެ. މަޔަކު ވަކިވެގެން ދިޔުމަކީ ހިތުގައި ކިހާ ވޭނެއް އަޅާނެ ކަމެއްކަން ރިވާނަށް އެނގެއެވެ.
"ހުރިހާ ކަމެއް ވެ ނިމުނީ އެހާ އަވަހަށް. އަހަރެންގެ ސިކުނޑި އޭރު ރަނގަޅަށް މަސައްކަތްވެސް ނުކުރޭ!" އެދުވަސްތަކުގެ ހަނދާންތަކަކީ އަފްސަމްގެ ހިތުން ފޮހެލަން ދަތި ހަނދާންތަކެކެވެ.
"އަހަރެން ނިމާލާ ވަރަށް ގާތްވާނެ. އަހަރެން ތިރަށަށް ދާނަން. ތި ތަހުގީގު ހިނގާނީ އަހަރެންގެ ބެލުމުގެ ދަށުން. ތިކަން ކުރި ބަޔަކު ހޯދާނަން. މީ އަހަރެން ރަޒީނާއްތައަށްޓަކާ ކޮށްދޭ ކަމެއް" ރިވާން ދޫކޮށްލީ ފުން ނޭވާއެލެވެ. "ރަޔާންގެ ނަންބަރު ފޮނުވާލަދީބަލަ"
********
ރަޔާން މަޑުމަޑުން އަތް އުފުލައިލިއެވެ. ޔަލްވީގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލަދިނެވެ. އެންމެ ބީހިލުމަކުން ޔަލްވީގެ ހަށިގަނޑުގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ކުރިއަށްވުރެ ބޮޑަށް ދެލޯ މަރައިލިއެވެ. ޔަލްވީ ދިން ފުރުސަތުގެ ބޭނުންހިފަން ރަޔާންގެ ހިތް ތަކުރާރުކޮށް ގޮވިއެވެ. ޔަލްވީއަކީ ރަޔާންގެ ހަލާލު އަނބިމީހާއެވެ. ޔަލްވީ އެފުރުސަތު ރަޔާނަށް ދީފިއެވެ. ވީއިރު، އަމިއްލަ ނަފުސު ހުއްޓުވަން މަސައްކަތް ކުރަންވީ ކީއްވެ ހެއްޔެވެ؟ ރަޔާން ކުރިއަށްވުރެ ބޮޑަށް ޔަލްވީއާއި ގާތަށް ޖެހުނެވެ.
ރަޔާންގެ ގާތްކަމުގެ ސަބަބުން ހަޔާތުގެ ލަގަން އަތުން ދޫވެގެން ހިނގައިދާނެތީ ޔަލްވީ ޖެހިލުންވިއެވެ. ނަމަވެސް ރަޔާންގެ ކައިރީގައި ޔަލްވީފަދަ ނިކަމެތި އަންހެން ކުއްޖަކަށް ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ؟ ޔަލްވީގެ ހަނދާނަށް އައީ އޭނާ ރަޔާންގެ ބޮލުގައި އެޅުވި އިލްޒާމުގެ މަތިންނެވެ. އަނެއްކާ ރަޔާން އުޅެނީ ޔަލްވީގެ ކިބައިން ބަދަލު ހިފަން ހެއްޔެވެ؟ ޔަލްވީގެ މުޅި ހަށިގަނޑު ބިރުން ރޫރޫ އަޅައިގަތެވެ. ދެލޯ ހުޅުވައިލިއެވެ. އޭރު ރަޔާން ވަނީ ނުރައްކާތެރި ދަރަޖައަކަށް ޔަލްވީއާއި ކައިރިވެފައެވެ.
"ނޫން" ޔަލްވީ ތެޅިގަތެވެ.
ޔަލްވީ ރަޔާންގެ މޭގައި އަތް އަޅައި ކޮއްޕާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި ޔަލްވީއަށް ހިމޭންވާން މަޖުބޫރުވީ ރަޔާންގެ ބީހިލުން އިހުސާސް ކުރެވުމުންނެވެ. އެއީ ހުދު ޔަލްވީއަށްވެސް މުޅީން އައު ތަޖުރިބާއެކެވެ.
ރަޔާންގެ ފޯނު ރިންގްވާން ފެށި އަޑުން މާހައުލުގެ ހިމޭންކަން ގެއްލުނެވެ. ޔަލްވީ ސިހިފައި ލޯ ހުޅުވާލިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކާއި ދުރަށްޖެހިލެވުނެވެ.
"ތެދުވޭ! ތެދުވޭ ހަމަ މިހާރު!" ޔަލްވީ ހަޅޭއްލަވައިގަތެވެ.
ޔަލްވީގެ އަޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. ރަޔާންގެ މޭގައި އަތް އަޅައި ކޮއްޕާލަން ޔަލްވީ މަސައްކަތް ކުރިއެވެ. ރަޔާން ގުޑިވެސް ނުލިއެވެ. ޔަލްވީއާއި ދުރަށްދާން ރަޔާން ބޭނުން ނުވާ ކަހަލައެވެ. ޖީބުގައި އޮތް ފޯނުގެ ރިންގު ކަނޑާލުމަށްފަހު، ރަޔާން އަނެއްކާވެސް ޔަލްވީއާއި ގާތަށް ޖެހިލިއެވެ.
"ކީއްކުރާނަމޭ ހިތާ ތި އުޅެނީ؟ އޭނ؟" ޔަލްވީގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. "ކީއްކުރާނަމޭ ހިތާހޭ ތިއުޅެނީ؟ ދޫކުރޭ! މީހެކޭ...." ޔަލްވީ ހާސްވިއެވެ. އަތުގައި ހުރި ބާރެއްލާފައި ރަޔާންގެ މޭގައި ތަޅަމުންދިޔައެވެ.
ޔަލްވީ ރަޔާންގެ ގަމީހުގައި ހިފައިގަތް ގޮތަކުން ގަމީހުގެ މޭމަތިން ދެތިން ގޮށް ނައްޓައިގެން ދިޔައެވެ. ޔަލްވީ އެހާވަރު ކުރުމުންވެސް ރަޔާން ދުރަކަށް ނުދިޔައެވެ. ރަޔާންއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ޔަލްވީ ރަޔާންގެ މޭގައި ނިޔަފަތި އަޅުވައި ދަމައިގަތެވެ. އެ ވަކިތަކުން ރަޔާންގެ މޭ ޒަހަމުވިއެވެ. އަނިޔާކޮށްގެން ވިޔަސް ރަޔާން އާއި ދުރަށްދާން ޔަލްވީ ބޭނުންވިއެވެ.
ރަޔާންގެ އަނގައިން ވޭނީ އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ޔަލްވީގެ ނިޔަފަތިތައް ތޫނެވެ. ރަޔާންގެ މޭމަތީގައި އެޅުނު ޒަހަމުން ލޭހިލުނެވެ. ނަގައިގަތް ދިލައިން ރަޔާންގެ ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ރަޔާންގެ ދެބުމަ ގޮށްޖެހުނެވެ. ޔަލްވީގެ ދެލޮލަށް ބަލައިލީ ނުރައްކާތެރި ނަޒަރަކުންނެވެ. ދެން ކަންތައް ހިނގާނީ ރަޔާން ބޭނުންވާ ގޮތަށޭ ބުނާކަހަލައެވެ. ޔަލްވީ ޖެހިލުންވެގެން ހިމޭންވި ވަގުތު، ރަޔާން އޭނާގެ ބާރުގަދަ ދެއަތުން ޔަލްވީގެ ދެއަތް ހައްޔަރުކޮށްލީ ނުހަނު ފަސޭހައިންނެވެ.
(ނުނިމޭ)