ޣައްޒާގެ އާންމުން މެރުމަށް އިސްރާއީލަށް މަޖުބޫރު ކަމަށް ވިދާޅުވުމުން ކްލިންޓަނަށް ފާޑުކިޔުން

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން. ފޮޓޯ/ޖެޓީ އިމޭޖަސް

ޣައްޒާގެ އާންމުން މެރުމަށް އިސްރާއީލަށް މަޖުބޫރު ކަމަށާއި ފަލަސްތީނު މީހުން ވަޒަންވެރިވުމުގެ ކުރިން އެ މާތް ބިމުގައި ތިބީ އިސްރާއީލުން ކަމަށް ވިދާޅުވުމުން އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންއަށް އެމެރިކާގެ މުސްލިމް އަދި އަރަބި އެމެރިކާ މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެއެވެ.

ކްލިންޓަން އެގޮތަށް ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ކަމަލަ ހެރިސްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމެރިކާގެ މުސްލިމު އަދި އަރަބި އެމެރިކާ މީހުން ގިނަ މިޝިގަން ސްޓޭޓްގައި ބޭއްވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކްލިންޓަން ވިދާޅުވީ ޣައްޒާގައި ހިނގާ ލޭ އޮހޮރުވުމާ ގުޅިގެން މީހުންގެ ކަންބޮޑުވުންތައް ވިސްނޭ ކަމަށާއި ނަމަވެސް އިސްރާއީލަށް އެނޫން ގޮތެއް ނެތް ކަމަށެވެ.

"ހަމާސް އިން ތިބެނީ ހިމާޔަތް ހޯދައިގެން. އަމިއްލަ މީހުން ދިފާއު ކުރަން ބޭނުން ނަމަ އާންމުން މަރާލަން މަޖުބޫރު ކުރާނެ." ކްލިންޓަން ވިދާޅުވިއެވެ.

އަދި ފަލަސްތީނުގެ މާތް ބިމުގައި ފުރަތަމަ ތިބީ އިސްރާއީލުން ކަމަށްވެސް ކްލިންޓަން ވިދާޅުވިއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އެމެރިކާގެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީއަށް ވޯޓު ދޭން ތިބި މީހުންނާ ދެކޮޅަށް ކްލިންޓަން ވާހަކަދައްކަވާ ކަމަށް ބުނެ އަރަބި އަދި މުސްލިމް އެމެރިކާގެ ލީޑަރުން ވަނީ ކްލިންޓަންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެކަމާ ގުޅިގެން ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްގެ ޑިރެކްޓަ އޮފް ގަވާމަންޓް އެފެއާޒް ރޮބަޓް އެސް މެކްކޯ ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ އާންމުންނަށް އިސްރާއީލު ސަރުކާރުން ދިން ހަމަލާތައް ޖަސްޓިފައި ކުރުމަށް ބިލް ކްލިންޓަން ކުރި ނަޒާހަތްތެރިކަން ކުޑަ މަސައްކަތަކީ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ނަފްރަތު އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އާންމުކޮށް ޑިމޮކްރެޓިކް ޕާޓީއަށް ވޯޓު ދިން ނަމަވެސް، ޣައްޒާ އާއި ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރޭގައި ރައީސް ޖޯ ބައިޑަން އިސްރާއީލަށް ތާއީދު ކުރައްވާތީ، މި އަހަރު އެމެރިކާގެ ގިނަ އަރަބި ބަޔަކު ވަނީ ޑިމޮކްރެޓިކް ޕާޓީއާ ދުރަށް ގޮސްފައެވެ.

ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އަރަބި އެމެރިކާ މީހުންގެ ތާއީދު ބޮޑަށް އޮތީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލް ޓްރަމްޕަށެވެ.

މިދިޔަ އަހަރު އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 43،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް