ޖާމަން ކަޕް ނުވަތަ ޑީއެފްބީ ޕޮކާލްގެ ތިންވަނަ ބުރުން ބަޔޭން މިޔުނިކް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ތިންވަނަ ބުރުން ބަޔޭން ޖާގަހޯދީ ދެވަނަ ބުރުގައި މެއިންޒް އާއި ބައްދަލުކުރި މެޗު ރަށުން ބޭރުގައި 4-0 ކާމިޔާބު ކޮށްގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ.
މި މެޗުގައި ބަޔޭންގެ ތަރިއަކަށް ވެގެންދިޔައީ އެޓިމުގެ ކުރިއަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއެލާއެވެ. އޭނާވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ބަޔޭންއަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ދެވަނަ މިނެޓުގައި މުސިއެލާއެވެ. އަދި 37 ވަނަ މިނެޓުގައި މުސިއެލާވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ބަޔޭންގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިރޯއި ސާނޭއެވެ. އަދި މުސިއެލާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.
މި މުބާރާތުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު މި ހާފުގައި ވެސް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ.