އެއްޗެތީގެ މުއްދަތުހަމަވާ ތާރީޚު ކަނޑައަޅާގޮތް އިނގޭތަ؟

އެއްޗެއް ގަތުމުގެ ކުރިން އޭގެ މުއްދަތު ހަމަވާ ތާރީޚު ބެލުން ވަރަށް މުހިއްމު -- ފޮޓޯ / އައި ސްޓޮކް

ފިހާރައަކުން އެއްޗެއް ގަންނައިރު އެ އެއްޗެއްގެ މުއްދަތު ހަމަވާ ތާރީޚު ބަލަންދޯއެވެ؟ އަދި ބައެއް އެއްޗެތީގެ އެ ތާރީޚު ނުފެނިގެން އުޅެންޖެހޭތަން ވެސް އާދޭދޯއެވެ؟ ގަންނަ އެއްޗެތީގެ މުއްދަތު ހަމަވާ ތާރީޚަށް އެހައި ބޮޑު އިސްކަމެއްދޭއިރު، އެ ތާރީޚު އެއީ ކިހިނެއް ކަނޑައަޅާ އެއްޗެއްތޯ ބަލައިލިންހެއްޔެވެ؟ އަދި ބަލައިލާފައި ނެތިއްޔާ މި ލިޔުން ކިޔައިލަނިކޮށް އެކަމާބެހޭ މައުލޫމާތުކޮޅެއް ލިބިދާނެއެވެ. އުފެއްދުންތަކުގެ މުއްދަތު ހަމަވާ ތާރީޚު ކަނޑައެޅުމުގައި ބަލާ މައިގަނޑު ކަންތައް ތިރީގައި އެވަނީއެވެ.

ކެމިކަލް ސްޓެބިލިޓީ ޓެސްޓިން: މިއީ ފާއިތުވަމުންދާ ވަގުތާއެކު މާހައުލަށް އަންނަ ބަދަލުތަކުގެ ސަބަބުން، އުފެއްދުމެއްގައި އެކުލެވޭ ކެމިކަލުގެ ފެންވަރަށް (ކޮލިޓީއަށް) އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ހަދާ ޓެސްޓެވެ. އުފެއްދުމެއްގެ މުއްދަތު ހަމަވާ ތާރީޚު ކަނޑައެޅުމަށްޓަކައި، ތަފާތު މާހައުލުތަކަށް އެ އުފެއްދުމެއް ހުށައަޅައިލެވެއެވެ. އޭގެތެރޭގައި؛ ފިނި، ހޫނު، ތެތް އަދި އަލި މާހައުލުތައް ހިމެނެއެވެ. ކަނޑައަޅާ ގޮތެއްގެމަތިން މި މާހައުލުތަކަށް އެ އުފެއްދުމެއް ހާމަކޮށްގެން އެ އެއްޗެއްގެ ރައްކާތެރިކަމާއި، ފެންވަރާއި އަދި އޭގެ ފަޢާލިއްޔަތު (އެފިކަސީ) ބަލައެވެ.

މައިކްރޯ ބައޮލޮޖިކަލް ޓެސްޓިން: މިއީ އުފެއްދުމެއްގައި ވައިރަހާއި ބެކްޓީރިއާ އަދި ފަންގަހާއި ޕެރަސައިޓްސް ފަދަ މައިކްރޯއޯގަނިޒަމްތައް އުފެދި އޭގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ދެނެގަތުމަށްޓަކައި ކުރެވޭ ތަހުލީލެވެ. ފާއިތުވަމުންދާ ވަގުތާއެކު، އަވަހަށް ހަލާކުވާ (ޕެރިޝަބަލް) އުފެއްދުންތަކުގައި މިފަދަ މައިކްރޯއޯގަނިޒަމްތައް އުފެދޭ މިންވަރު މި ތަހުލީލުން ދެނެގަންނާނެއެވެ. މިއީ އުފެއްދުމެއްގެ ފެންވަރު ދަށްވާ ހިސާބަކީ ކޮބައިކަން ނުވަތަ އެ އެއްޗެއް ބޭނުންކުރަން އެންމެ ރަނގަޅު މުއްދަތަކީ ކޮބައިކަން ދެނެގަންނަ ތަހުލީލެވެ.

އާއްމުގޮތެއްގައި، ކާބޯތަކެތީގެ މުއްދަތު ހަމަވާ ތާރީޚުގެ ގޮތުގައި "ޔޫސް-ބައި" އަދި "ބެސްޓް-ބިފޯރ" ލިޔެފައި ހުންނަނީ މި މައިކްރޯބިއަލް ސޭފްޓީއާއި އުފެއްދުމުގެ ފެންވަރަށް (ކޮލިޓީއަށް) ރިއާޔަތްކޮށެވެ. އެއީ އެ އުފެއްދުމެއް އެންމެ ރަނގަޅު ފެންވަރުގައި ނުވަތަ ރައްކާތެރި ވަގުތުކަމުގައި ބޭނުންކުރަން ކަނޑައަޅާ މުއްދަތެވެ.

ސެންސަރީ ޓެސްޓިން: މިއީ ޚާއްސަގޮތެއްގައި ކާނާއާއި ރީތިވާ ސާމާނު (ކޮސްމެޓިކްސް) ފަދަ އުފެއްދުންތަކުގައި، ފާއިތުވަމުންދާ ވަގުތާއެކު، އެ އެއްޗެއްގެ ވަހާއި ކުލައާއި ރަހައާއި ބޭރުފުށުގެ ސިފަތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ހަދާ ތަހުލީލެވެ. މިކަމަށްޓަކައި ޚާއްސަ ތަމުރީނު ލިބިފައިވާ މާހިރުންގެ ޓީމަކުން، ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި މި ތަހުލީލުކޮށް ބޭނުންވާ ނަތީޖާ ދެނެގަންނާނެއެވެ.

ރެގިއުލޭޓަރީ ގައިޑްލައިންތައް: މިއީ ތަފާތު އުފެއްދުންތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުފައްދާފައި ހުންނަ ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކުން ކަނޑައަޅާފައި ހުންނަ މިންގަނޑުތަކެވެ. އުފެއްދުންތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ ތަހުލީލުތައް ކުރުމާބެހޭ އިރުޝާދުތައް އޭގައި ހުންނާނެއެވެ. އަދި އެ އުފެއްދުމެއް ރައްކާކޮށް ގެންގުޅެންޖެހޭނެ ގޮތާއި ތަހުލީލުތައް ކުރަންޖެހޭ މުއްދަތުފަދަ މުހިއްމު އިރުޝާދުތައް އޭގައި އެކުލެވޭނެއެވެ.

އުފެއްދުންތަކުގެ މުއްދަތު ހަމަވާ ތާރީޚު ކަނޑައަޅަނީ ބުނެވިދިޔަ ކަންތައްތަކަށް ރިޢާޔަތްކޮށްގެންނެވެ. އެކަމަށްޓަކައި ކުރެވޭ ޚާއްސަ ތަހުލީލުތަކާއި އަދި އުފެއްދުންތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުންނަ ރަސްމީ އިދާރާތަކުން ދޭ ލަފަޔާއި އިރުޝާދުތަކަށް ބަލައިގެންނެވެ.

ސީދާ ގޮތެއްގައި ހަށިގަނޑަށް ވާސިލުވާ ނުވަތަ ހަށިގަނޑާ ގުޅުންހުރި ކާނާއާއި ބޭހާއި އަދި ރީތިވާ ސާމާނު ފަދަ އެއްޗެތީގެ މުއްދަތު ހަމަވާ ތާރީޚަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އެއީ މުއްދަތު ހަމެފައިވާ އެފަދަ އެއްޗެއް ބޭނުންކުރެވިއްޖެނަމަ ހަށިގަނޑަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައެވެ. ވީމާ ކޮންމެ އެއްޗެއް ގަންނަމަވެސް އެ އެއްޗެއްގެ މުއްދަތު ހަމަވާ ތާރީޚަކީ ކޮބައިތޯ ބަލައިލަންވާނެއެވެ. ލިޔުމުގެ ސައިޒު މާ ކުޑަކަމުން ކިޔަން އުނދަގޫނަމަ، ފޯނުން ފޮޓޯއެއް ނެގުމަށްފަހު އެ ފޮޓޯ ޒޫމްކޮށްލައިގެން ބަލައިލުމުން ކިޔައިލާކަށް އުނދަގުލެއް ނުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު