ބޮލީވުޑްގެ ސަލްމާން ޚާންއަށް މަރުގެ އިންޒާރުތައް ލިބެމުން އަންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް އަނެއްކާ ވެސް މަރުގެ އިންޒާރުގެ އިތުރު މެސެޖުތަކެއް ލިބިއްޖެއެވެ.
މިފަހަރު ވެސް ސަލްމާނަށް އަމާޒުކޮށްދިން އިންޒާރުގެ މެސެޖުތައް ފޮނުވާފައި ވަނީ އިންޑިއާގެ މުމްބާއީ ފުލުހުންގެ ޓްރެފިކް ކޮންޓްރޯލް ރޫމަށެވެ. މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ޓްރެފިކް ކޮންޓްރޯލް ރޫމަށް ފޮނުވި އިންޒާރުގެ މެސެޖުގައި ޑިމާންޑްކޮށްފައި ވަނީ ދެ ކްރޯޑު އިންޑިއާ ރުޕީސް ދިނުމަށެވެ.
ފައިސާ ނުދީފިނަމަ ސަލްމާން ޚާން މަރާލާނެ ކަމަށް މި މެސެޖުގައި ވަނީ ބުނެފައެވެ. މި މައްސަލައިގައި އިންޑިއާގެ ވަރުލީ ޕޮލިސް ސްޓޭޝަނުން ނަން ހާމަނުކުރާ ފަރާތަކަށް ދައުވާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުމްބާއީގެ ޓްރެފިކް ފުލުހުންގެ ބެލުމުގެ ދަށުގައިވާ ވަޓްސްއެޕް ނަމްބަރަކަށް މި މަހުގެ ކުރީކޮޅު ވެސް މިފަދަ އިންޒާރުގެ މެސެޖުތަކެއް ވަނީ ލިބިފައެވެ.
އޭރު ފޮނުވި މަރުގެ އިންޒާރުގެ މެސެޖުގައި ޑިމާންޑުކުރީ ސަލްމާންގެ އަތުން ފަސް ކްރޯޑު ރުޕީސް އަތުލުމަށެވެ. ސަލްމާންއަށް މަރުގެ އިންޒާރުތައް ތަކުރާރުކޮށް ލިބެމުން އައުމާ ގުޅިގެން އެ އާއިލާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަލްމާން ޚާންއާ ގާތް ގުޅުމެއް އޮތް އިންޑިއާގެ މަހާރަޝްތުރާގެ ކުރީގެ މިނިސްޓަރު ބާބާ ސިއްދީގީއަށް މި މަހު ކުރީކޮޅު ބަޑީގެ ހަމަލާދީ މަރާލުމާ ގުޅިގެން ސަލްމާންގެ ސެކިއުރިޓީ ވަނީ އިހުނަށްވުރެ އެތައް ގުނައެއް ވަރުގަދަކޮށްފައެވެ.
ބާބާ ސިއްދީގީގެ ދަރިފުޅު ޒީޝާން ސިއްދީގަށް މި ހަފުތާ ކުރީކޮޅު މަރުގެ އިންޒާރުތަކެއް ލިބިފައިވާ ކަމަށް ވެސް މުމްބާއީގެ ފުލުހުން ވަނީ ބުނެފައެވެ.
އިންޑިއާގެ މަހާރަޝްތުރާ ލެޖިސްލޭޓިވް އެސެމްބްލީގެ މެމްބަރުކަން ކުރަމުން އަންނަ ޒީޝާން ސިއްދީގީގެ ހެލްޕްލައިން ނަމްބަރަށް ގުޅާ އިންޒާރު ދިނުމަށްފަހު ފަހުން ފޮނުވި ވޮއިސް މެސެޖުގައި ސަލްމާން އާއި ޒީޝާންއާ ދެ މީހުންނަށް ވަނީ މަރާލާނެ ކަމުގެ އިންޒާރުދީފައެވެ.
މުމްބާއީ ފުލުހުން ބުނެފައި ވަނީ ސަލްމާންއަށް ލިބެމުން އަންނަ މަރުގެ އިންޒާރުގެ މެސެޖުތަކުގެ ފަހަތުގައި ވަނީ އިންޑިއާގެ ގޭންގްސްޓާ ލޯރެންސް ބިޝްނޯއީ ކަމަށާއި އެ ގޭންގުން ވަނީ ސަލްމާން މަރާލަން ވަރަށް ވަރުގަދަ އެހާމެ ނުރައްކާތެރި ރޭވުންތަކެއް ރާވާފައި ކަމަށެވެ.
ސަލްމާންއަށް ނުރައްކާތެރިކަން އޮތް މިންވަރުގެ މައްޗަށް ބެލުމަށްފަހު ފުލުހުން ވަނީ ސަލްމާންގެ ހަށިރައްކަލަށް ބަޑި ގެންގުޅުމުގެ ހުއްދަ ވެސް ދީފައެވެ.