އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އަނބިކަނބަލުން ކެމީލާއާ އެކު އިންޑިއާގެ ބެންގަލޫރަށް ސިއްރު ދަތުރުފުޅެއް ކުރެއްވިކަން ހާމަވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރަސްގެފާނު ޗާލްސްއާ އަނބިކަނބަލުން ކެމީލާ ހަތަރު ދުވަހުގެ 'ސުޕަ ޕްރައިވެޓް' ދަތުރުފުޅެއްގައި އިންޑިއާގެ ބެންގަލޫރަށް ވަޑައިގެންނެވީ މި މަހުގެ 27ވަނަ ދުވަހުއެވެ.
މިދަތުރުފުޅުގައި މީޑިއާގެ އެއްވެސް ބަޔަކާ މުއާމަލާތު ކުރައްވާފައި ނުވާ ކަމަށާއި މިއީ ވަރަށް ސިއްރުން ކުރެއްވި ދަތުރުފުޅެއް ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
ޢުމުރުފުޅުން 75 އަހަރުގެ ޗާލްސް އިންޑިއާއަށް ވަޑައިގެންނެވީ މި މަހުގެ 21އިން 26އަށް ބޭއްވި މި އަހަރުގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް ބައްދަލުވުން ނިންމަވާ ލެއްވުމަށްފަހު ސަމޯއާއިން އެނބުރިވަޑައިގަތުމަށް ފަހުއެވެ. ރިޕޯޓުތައް ބުނާގޮތުން ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކެމީލާ ބެންގަލޫރަށް ކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ 'ރިނިއުވޭޝަން' ބްރޭކެއް ނެންގެވުމެވެ.
އެގޮތުން ޝާހީ ދެމަފިރިކަނބަލުން ވަނީ ބެންގަލޫރުގެ ވައިޓްފީލްޑްގައި ހުންނަ ސޯކްޔާ ހެލްތު އެންޑް ވެލްނެސް ސެންޓަރުގައި ވަގުތު ހޭދަކުރައްވާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމައެއާއެކު ބެންގަލޫރުގައި ހޭދަކުރެއްވި ދުވަސްތަކުގައި ވެލްނެސް ތެރަޕީ ސެޝަންތަކުގެ އިތުރުން ހާއްސަ ޔޯގާ ސެޝަންތަކުގައި އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ދެމަފިރިކަނބަލުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
މި ދަތުރުފުޅުގައި އެއާޕޯޓުން ބެންގަލޫރުގެ ވެލްނެސް ސެންޓަރަށް ދަތުރުކުރެއްވި އިރުވެސް ރަސްމީކޮށް ޓްރެފިކް ބެލެހެއްޓުމަށް އެއްވެސް ހުރަހެއް ދިމާވެފައި ނުވާ ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތުގެ ރަސްކަމާ ރަސްމީކޮށް ހަވާލުވެޑައިގެންފައިވާ ޗާލްސް އަންނަނީ ތިން ވަނަ ސްޓޭޖްގެ ކެންސަރު ބަލި ޖެހި އެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.