ޓްރަމްޕްގެ ސަޕޯޓަރުންނަކީ "ކުނި" ތަކެއް ކަމަށް ބައިޑަން ސިފަކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން. ޓްރަމްޕްގެ ސަޕޯޓަރުންނަށް އަމާޒުކުރައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ބައިޑަންއަށް ވަނީ ފާޑުކިޔުން އަމާޒުވެފައި. ފޮޓޯ/އޭޕީ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެގައުމުގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުންނަކީ "ކުނި" ތަކެއް ގޮތުގައި ސިފަ ކުރައްވައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވާހަކަފުޅު ދައްކަވައިފިއެވެ.

ބައިޑެން އެގޮތަށް ވިދާޅުވީ ޕްރޮގްރެސިވް ގްރޫޕް، ވޯޓޯ ލެޓިނޯއިން ކުރި ވީޑިއޯ ކޯލެއްގައެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވާގޮތުގައި އެއީ، ޓްރަމްޕްގެ ކެމްޕޭނު ރެލީއެއްގައި ކެރީބިއަންގެ ޖަޒީރާ ރަށް، ޕުއެޓޯ ރީކޯ އަކީ ކުނީގެ ރަށެއް ކަމަށް ބުނެ ކޮމީޑިއަން ޓޯނީ ހިންޗްކްލިފް ދެއްކި ވާހަކައަކާ ގުޅިގެން ބައިޑެން ދެއްކެވި ވާހަކަތަކެކެވެ.

"އެތަނުން އަޅުގަނޑަށް ފެންނަ ހަމައެކަނި ކުންޏަކީ އޭނާގެ ސަޕޯޓަރުން". ވީޑިއޯ ކޯލްގެ ތެރެއިން ބައިޑަން ވިދާޅުވިއެވެ.

ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ވަނީ އެއީ އިންތިޚާބުގައި ވޯޓުލާ ރައްޔިތުންނަށް ކުރި މަލާމާތެއް ކަމަށް ވިދާޅުވެފައެވެ. އަދި 2016ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި އިރު ޓްރަމްޕްގެ ސަޕޯޓަރުންނާ ގުޅުވައި ޑިމޮކްރެޓިކްއިން ވާދަކުރެއްވި ހިލަރީ ކްލިންޓަން ވެސް އެފަދައިން ވާހަކަފުޅު ދައްކަވާފައި ވާކަމަށް ބައެއް މީހުން ސަފަކޮށްފައިވެއެވެ.

ނަމަވެސް އޭގެ ފަހުން ބައިޑަން އާއި އޭނާގެ ޓީމުން ވަނީ ބަޔާންތައް ނެރެ، އޭނާގެ އެ ވާހަކަތަކަކީ ޓްރަމްޕްގެ ސަޕޯޓަރު އަދި ކޮމެޑީ ތަރި ޓޯނީ ހިންޗްކްލިޕަށް ރައްދު ދިނުމަށް ބައިޑަން ދެއްކެވި ވާހަކަފުޅެއް ނޫން ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން، ވައިޓް ހައުސްގެ ތަރުޖަމާނު އެންޑްރޫ ބެޓްސް ވިދާޅުވީ ބައިޑަން "ކުނި" ކަމަށް އިޝާރާތް ކުރެއްވީ ޓްރަމްޕްގެ ސަޕޯޓަރަނުންނަށް ނޫން ކަމަށެވެ.

ވައިޓް ހައުސްއިން އާންމުކުރި ޓްރާންސްކްރިޕްޓެއްގައި ބުނީ "ސަޕޯޓަރުގެ" އާއި "ސަޕޯޓަރުން" އަކީ ތަފާތު ދެ މާނައެއްގެ ދެ ބަސް ކަމަށާއި، ބައިޑެން ވިދާޅުވީ "ސަޕޯޓަރުގެ" ކަމަށެވެ. އަދި އެއީ ހިންޗްކްލިފްއަށް އިޝާރާތް ކުރައްވާ ވިދާޅުވި ބަހެއް ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ބައިޑަން ވަނީ އެ މައްސަލައާ ގުޅިގެން އެކްސްގައި ވެސް ޕޯސްޓުކުރައްވާފައެވެ.

މިދިޔަ ޖޫން މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ބަހުސަށްފަހު އުމުރުން 81 އަހަރުގެ ބައިޑަން ވަނީ ރިޔާސީ އިންތިޚާބުން ވަކިވެވަޑަގަންނަވާކަން އިއުލާނުކުރައްވާފައެވެ. އޭގެކުރިން ވެރިކަން ކުރެއްވުމުގެ ގާބިލުކަން ބައިޑަންގެ ކިބައިގައި ނެތް ކަމަށް ބުނެ އަމިއްލަ ޕާޓީގެ މެމްބަރުން ވެސް ވަނީ ފާޑުކިޔާފައެވެ.

ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށްފަހު، އޭނާގެ ބަދަލުގައި އިންތިޚާބުގައި ވާދަކުރައްވާނީ ނާއިބު ރައީސް ކަމަލާ ހެރިސް ކަމަށް އިއުލާނުކުރައްވާފައިވެއެވެ.

ރިޕަބްލިކަން ޕާޓީން ވަނީ ކެމްޕޭންގެ މުހިންމު ފަހު ހަފުތާގައި ޑިމޮކްރެޓުންނާ ދެކޮޅަށް ދިން ހަމަލާއެއްގެ ގޮތުގައި ބައިޑަންގެ އެ ވާހަކަފުޅު ބޭނުންކޮށްފައެވެ.

ޓްރަމްޕްގެ ރަނިންމޭޓް ޖޭޑީ ވެންސް ވެސް ވަނީ ބައިޑަންގެ ވާހަކަފުޅަށް ފާޑުވިދާޅުވެފައެވެ.

"މިއީ ނަފްރަތު އުފެދޭ ކަމެއް." އޭނާ ވިދާޅުވިއެވެ.

"ކަމަލާ ހެރިސް އާއި އޭނާގެ ބޮސް ޖޯ ބައިޑަން ދަނީ ގައުމުގެ ދެބައިކުޅަ އެއްބައި މީހުންނަށް ފާޑުކިޔަމުން. މިކަމަށް އެއްވެސް ބަހަނާއެއް ނެތް. އެމެރިކާ މީހުން އެކަމާ ދެކޮޅު ހަދާނެ ކަމަށް އުންމީދު ކުރަން." ވެންސް ވިދާޅުވިއެވެ.

އަންނަ މަހު ފަސްވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މައިގަނޑު ދެ ޕާޓީ ކަމަށްވާ ވެރިކަން ކުރައްވާ ޑިމޮކްރެޓިކް ޕާޓީއާއި ރިޕަބްލިކަން ޕާޓީން އަންނަނީ ވަރަށް ވާދަވެރިކޮށް ކެމްޕޭނު ކުރަމުންނެވެ.

ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ނާއިބު ރައީސް ކަމަލަ ހެރިސް އާއި އިދިކޮޅު ރިބަޕްލިކަން ޕާޓީން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕްގެ މެދުގައި އިންތިޚާބު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއްތޯ ނަގާ ޕޯލްތައް ވެސް އިތުރުވެފައިވާއިރު، ގިނަ ޕޯލުތަކުގައި ދެ ބޭފުޅުން ވެސް އުޅުއްވަނީ ދާދި އެއް ވަރެއްގައެވެ.

comment ކޮމެންޓް