އިސްތަށިގަނޑުގައި ތެޔޮ ލުމަށްފަހު އޯވަނައިޓްކުރަންތަ؟

އޯވަނައިޓް ހެއާ އޮއިލިންގް އަކީ ވަރަށް ގިނަ ބަޔަކު އާދަވެގެން އަމަލުކުރަމުން އަންނަ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

ބޮލުގައި އޮންނަ އިސްތަށިގަނޑަކީ ވަރަށް ގިނަ ބަޔަކު ހާއްސަ ލޯތްބަކާއި އަޅާލުން ދީގެން ބަލަހައްޓާ އެއްޗެކެވެ.

އިސްތަށިގަނޑު ރީތި ވެފައި ދިގު ނަމަ ދޭ ސަމާލުކަން އަދި މާބޮޑަށް އިތުރުވެއެވެ. ނިދުމުގެ ކުރިން އިސްތަށިގަނޑުގައި ތެޔޮލުމަށް ފަހު ބޮލަށް ރަނގަޅު މަސާޖެއްދީ އަނެއް ދުވަހު ހެނދުނު ހޭލުމަށްފަހު ރީތިކޮށް ބޯ ދޮވެލުމަކީ ވަރަށް ގިނަ ބަޔަކު އާދަވެގެން ކުރާ ކަމެކެވެ. ޚާއްސަކޮށް އަވަށްޓެރި ޤައުމުތައް ކަމަށްވާ އިންޑިއާ ސްރީލަންކާގައި މިއީ ވަރަށް ގިނަ ބަޔަކު ޒަމާނުއްސުރެއް ކުރަމުން އަންނަ ކަމެކެވެ.

އޯވާނައިޓް ހެއާ އޮއިލިންގެ ގޮތުގައި ގިނަ ބަޔަކު ކުރަމުން އަންނަ މިކަމުގެ ފަހަތުގައި ވަރަށް ގިނަ ސިއްހީ ފައިދާތަކެއް ފޮރުވިފައި އެބަހުއްޓެވެ. އޭގެތެރޭގައި އިސްތަށިގަނޑު ވަރުގަދަވުން، ލޭ ހިނގުން އިތުރުވުން، ބޮލުގެ ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުވުން އަދި އިސްތަށިގަނޑު ހަލާކުވުމަށް މެދުވެރިވާ ވަރަށް ގިނަ ކަންކަމަށް ހައްލެއް ލިބުން ހިމެނެއެވެ.

ބޮލުގައި ތެޔޮ އުނގުޅަމުން ދެވޭ މަސާޖްގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް އިސްތަށިގަނޑުގެ އިތުރުން ބޮލުގެ ހަންގަނޑަށް ލިބޭ--ފޮޓޯ/ޕެރެޝޫޓްއެޑްވާންސްޑް
ރޭގަނޑު ނިދުމުގެ ކުރިން ބޮލުގައި ތެޔޮ ހާކާލުމަށްފަހު ރަނގަޅު މަސާޖެއް ބޮލަށް ދިނުމުން ބޮލުގެ ހަންގަނޑުގެ ތެތްކަން ރަނގަޅު މިނެއްގައި ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ހަމައެއާއެކު އިސްތަށިގަނޑަށް މަޑުކަމެއް ގެނެސްދީ އޭގެ ޓެކްސްޗަ އިތުރުކޮށްދެއެވެ.

ބޮލަށް ދެވޭ މަސާޖުގެ ސަބަބުން ލޭ ދައުރުކޮށްދިނުން އިތުރުވެ އިސްތަށީގެ ބުޑުތައް ވަރުގަދަކޮށްދީ އިސްތަށިތަކަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިބުމަށް އެހީތެރިވެދެއެވެ. ހަމައެއާއެކު ރަނގަޅު އަރާމު ނިންޖަކަށް މަގުފަހިކޮށްދީ މީހާ ސްޓްރެސްތަކުން ސަލާމަތްކޮށްދިނުމަށް ވެސް މިކަމުން އެހީތެރިވެދެއެވެ.

ތެޔޮ އުނގުޅުމަށްފަހު އޯވަނައިޓް ކުރުމުގައި ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންކަން ހުރޭ--ފޮޓޯ/ޕިންޓްރެސްޓް
ކޮންމެ މީހެއްގެ އިސްތަށިގަނޑަކީ ވެސް ތަފާތު އިސްތަށިގަނޑަކަށް ވުމުން އޯވަނައިޓް އޮއިލް މަސާޖިންގްއަށް ޚިޔާރުކުރަންވާނީ އެ އިސްތަށިގަނޑަކާ ގުޅޭ ތެލެކެވެ.

އެއްބައި މީހުން ކާށިތެޔޮ މިކަމަށް ބޭނުންކުރާއިރު ގުދުރަތީ މުހިއްމު މާއްދާތައް ހިމެނޭ ތެޔޮ ގޭގައި ތައްޔާރުކޮށްލައިގެން ވެސް ވަރަށް ގިނަ ބަޔަކު ބޭނުންކުރެއެވެ.

އިސްތަށިގަނޑުގައި ތެޔޮ ހޭކުމުގެ ކުރިން ތިރީގައި މިވާ ކަންކަމަށް ސަމާލުކަން ދިނުމަށް ހަނދާން ބެހެއްޓުން ރަނގަޅެވެ.

• ބޮލުގައި ލުމަށް ރަނގަޅު ތެލެއް ހިޔާރުކުރުން
• ތެޔޮ ލުމުގެ ކުރިން އިސްތަށިގަނޑުގައި ރަނގަޅަށް ފުނާ އެޅުމަށްފަހު ތަރުތީބުކޮށްލުން
• ތެޔޮ ބޭނުންކުރުމުގެ ކުރިން ކޮންމެވެސް ވަރަކަށް ތެޔޮ ހޫނުކޮށްލުން
• ތެޔޮ ހާކަމުން ދާއިރު އިސްތަށިގަނޑުގެ ކޮޅުގައި ތެޔޮ އުނގުޅަން ސަމާލުކަންދިނުން
• ތެޔޮ އުނގުޅާ ނިންމުމަށްފަހު ރަނގަޅަށް އިސްތަށިގަނޑު ތުވާއްޔަކުން ނުވަތަ އެކަމަށް ޚާއްސަ ކުރެވިފައި ހުންނަ އެއްޗަކުން ފޮރުވުން

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު