"ލައިކް ސީރިއަސްލީ؟ ވަޓް އިޒް ހީ ޑުއިން ހިޔަރ؟" ލައިބްރަރީއަށް ވަނުމަށްފަހު، ވައި އަޑުން ޒާޔާގެ ކަންފަތް ދޮށުގައި އަނެއްކާވެސް ރިފާއަށް ސުވާލުކޮށްލެވުނެވެ.

"އޯހް. މީ ދޯ އަހަރެންގެ ކައިރީގައި ބުނަން އުޅުނު ވާހަކައަކީ…" ދެވަނަ ސިކުންތުގައި ކަމެއް ހަނދާންވާ ފަދައަކުން އޭނާއަށް ބުނެވުނެވެ.

"ކްލާހަށް ނާންނަ މީހުންނަކަށް ނޭނގޭނެއެއްނު." ޒާޔާ ލެޕްޓޮޕް ނެގުމަށްފަހު، ދަބަސް ލޮކަރަށް ލާ ތަޅުލަމުން ވާހަކަ ދެއްކިއެވެ.

"އަޅެ ބަލިވެޔޭ އުޅުނީ... ދެން ބުނަބަ... އޭނަ އަސްލުވެސް ހަމަ އަހަރެމެން ކްލާހުގަތަ؟ ކީއްވެގެންނޯ އެއައީ." ޒާޔާ އެކޭ އެއްގޮތަށް އޭނާގެ ދަބަސްވެސް، ލޮކަރަށް ލަމުން ރިފާ ސުވާލުކޮށްލިއެވެ. އަފްނާން ރާއްޖޭން ބޭރަށް ދިޔަކަން އޭނާއަށް އެނގެއެވެ. ވީއިރު އެކޮޅުން ކިޔެވުން އެކީ ނުނިންމާ ރާއްޖެ އައިސް ޔުނިވާރސިޓީއާ ގުޅެން ޖެހުނު ސަބަބެއް އޭނާއަކަަށް ނުވިސްނުނެވެ.

"ގޮސް އަހާބަ. ނޫޅެން." ޒާޔާ އެހެން ބުނެލާފައި ހިނގައިގަތުމުން، ރިފާވެސް ލޮލުގެ ކަޅި މައްޗަށް އަރުވާލާފައި، ވައްތަރެއް ޖައްސާލާފައި ޒާޔާއާއެކީ ހިނގައިގަތެވެ.

"ދެން މައުވާ ކައިރިއަށް ނުދަނީ؟ އަހަރެން ނުދާތާ ދުވަސްކޮޅެއްވެއްޖެ." ރިފާ ސުވާލުކޮށްލިއެވެ.

"ނޫން. ނިންމާލާފަ ދާނަން." އެ ސުވާލަށް ޖަވާބުދެމުން، ޒާޔާ ހިނިތުންވެލިއެވެ.

އެމީހުން ގޮސް އިށީނީ ލައިބްރަރީ ތެރޭގައި މަޝްވަރާކުރެވޭ ގޮތަށް، ބިއްލޫރި ޖަހާފައި ވަކިކޮށްފައި ހުރި ރޫމުތަކުން ރޫމެއްގައެވެ. ފޮތްތަކާއި ލެޕްޓޮޕް ހުޅުވާލާފައި ފިލާވަޅާ ބެހޭގޮތުން މަޝްވަރާކުރަން ތިއްބާ އަފްނާން އައިސް ލައިބްރަރީއަށް ވަނެވެ. އޭނާ އައިސް އިށީނދެލީ ލައިބްރަރީގެ މައި އޭރިޔާއެވެ. އެތަނުގައި ވަކިން ހުރި މޭޒެއްގެ މަތީގައި ލެޕްޓޮޕް ބަހައްޓާފައި އޭނާ ބޭނުންވާ ފޮތްތައް ހޯދުމަށް ލައިބްރަރީގައި މަސައްކަތްކުރާ ކުއްޖެއްގެ އެހީތެރިކަން އަފްނާން ހޯދިއެވެ. ބޭނުންވާ ހުރިހާ ފޮތެއް ހަމަކޮށްލައިގެން އައިސް އޭނާ އަނެއްކާވެސް މޭޒު ދޮށުގައި އިށީނދެލިއެވެ. ލެޕްޓޮޕް ހުޅުވާލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ.

އަފްނާން އިން ދިމާލުން ރީއްޗަށް ޒާޔާމެން ތިބިތަން ފެނެއެވެ. އިރުއިރުކޮޅަކާ، އޭނާއަށް އެ ދިމާލަށް ބަލައިލެވުނު ނަމަވެސް، މަސައްކަތުގައި މަސްއޫލުވެގެން ތިިބި ޒާޔާމެން އެންމެ ފަހަރަކުވެސް އޭނާއަކަށް ބަލައެއް ނުލައެވެ. އަފްނާން ރިފާއަށްވެސް ބަަލައިލިއެވެ. އޭނާ ރިފާއާ ވާހަކަ ދައްކަން ބޭނުމެވެ. ކުރީގައި ރިފާއަކީ އެމީހުންގެ ކްލާސް ކުއްޖެކެވެ. ފަހަރުގައި ރިފާގެ ފަރާތުން އޭނާ އެ ބޭނުންވާ މަޢުލޫމާތު ލިބިދާނެއެވެ. އެހެންނަމަވެސް، ކުރިއާ ޚިލާފަށް މިހާރު ރިފާ ފެންނަނީ ޒާޔާއާ ވަރަށް ގާތްކޮށް އުޅޭތަނެވެ. ވީއިރު އޭނާ ބޭނުންވާ މަޢުލޫމާތު ރިފާގެ ފަރާތުން ލިބޭނެކަމާމެދު އަފްނާންއަށް ޝައްކުވިއެވެ. ހިތުގެ މުހުތާދުތަކުގެ ކުރިމަތީގައި އަފްނާންއަށް ވަނީ އިސްޖަހާލަން މަޖުބޫރުވެފައެވެ. އެހިތުގެ އެދުން ހާސިލްކުރުމަށް ޖަދަލުކުރަމުންދިޔަ ހިތުގެ ކުރިމަތީގައި ނިކަމެތިކަން އަފްނާންއަށް އިޙްސާސްކުރެވުނެވެ. އެހިތަށް ހަމައެކަނި ހަމަޖެހުމެއް ލިބެން އޮތީ މައުވާ ވީ ތަނެއް އެނގިގެންނެވެ. މައުވާގެ ދިރިއުޅުމުގެ ޙާލަތު އެނގުމުންނެވެ. މީހަކާ އިނދެގެން އުޅޭނަމަ އެކަން ޔަޤީން ކުރެވުމުންނެވެ. ދެރައީ މައުވާގެ ޚަބަރެއް ލިބޭނެ އެއްގޮތެއްވެސް ނެތުމުންނެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ މައުވާމެން އުޅޭ ގެއަށް ދާން ވީހެއްޔެވެ؟ ނޫނެކެވެ. އެއީ އަދި ރަނގަޅު ގޮތަކަށް ނުވާނެއެވެ. އަފްނާންއަށް ނިތުގައި އަތް ހިންގާލެވުނެވެ. ކިޔެވުމަށް ސަމާލުކަން ނުދެވޭތާ ސިކުނޑި އަބަދާ އަބަދު ގޮވަނީ މައުވާއަށެވެ. ހިތް އެދެނީ މައުވާ ދެކެލުމަށެވެ. އެ ސޫރަ އެންމެ ފަހަރަކު ނަމަވެސް ފެނިލުމަށެވެ. ރޭގަނޑުގެ ނިދިން އޭނާ މަޙުރޫމްކުރަމުން ދަނީ މައުވާގެ ހަނދާންތަކެވެ. ހިތުގައިވާ ބޭޤަރާރުކަންވެސް ބުނާ ފަދައެވެ. އޭ އަފްނާންއެވެ. މި ހިތުގެ ބޭޤަރާރުކަމުގެ ފަރުވާ އަކީ މައުވާ ފެނިލުމެވެ. އެންމެ ފަހަރަކު ނަމަވެސް އެ ސޫރަ ދުށުމެވެ.

ވިސްނުންތަކުން ބަރުވަމުންދިޔަ ސިކުނޑިއަށް ވެރިވި ނުތަނަވަސްކަމާއެކު، އަފްނާން އެންމެފަހުން މަސައްކަތް މަޑުޖައްސާލިއެވެ. ފެންނަ ފަށުގައި ޒާޔާމެން ތިބުން ވީވެސް އޭނާގެ ސިކުނޑި އިތުރަށް ހާސްކުރުވިކަމަށެވެ. އެންމެފަހުން، ލެޕްޓޮޕް ލައްޕާލާފައި އަފްނާން އެތަނުން ތެދުވެގެން ގޮސް ލައިބްރޭރިއަންއާ ފޮތްތައް ހަވާލުކޮށްފައި، ގޮސް ލޮކަރއިން ދަބަސް ނަގާ ލެޕްޓޮފް އޭގެތެރެއަށް ލަމުން ލައިބްރަރީއިން ނުކުތެވެ. އިތުރަށް މަޑުކުރުމެއްނެތި އޭނާ އެ ދިޔަގޮތަށް ޔުނިވާރސިޓީއިން ނުކުމެގެން ގޮސް ސައިކަލަށް އަރާ ސްޓާރޓްކޮށްލިއެވެ. އެވަގުތު ސިހުނީ މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ.

"އަފްނާން. އޭތް."

އަފްނާން ފަހަތް ބަލާލިއިރު، ހުރީ އެކުވެރިޔެއްކަމަށްވާ ޝަހުމްއެވެ. އޭނާ ހުރީ ކޯޓު ފަޓުލޫނުގައި ވަރަށް ރަސްމީކޮށެވެ. ހައިރާންކަމާއެކު، ބަލަން އިންދާ ޝަހުމް އައިސް އޭނާއާ ދާދި ގާތުގައި ހުއްޓުނެވެ.

"ކިހިނެއްވެފަ ތިހުރީ؟ ކިޔެވުން ނިންމާލީ؟" ޝަހުމް ހުރި ގޮތުން އަފްނާންއަށް އަހާލެވުނެވެ. އެހާ ރަސްމީކޮށް ހުރުމުން އޭނާ ހީކުރީ ޝަހުމް ވަޒީފާއަކަށް ދަނީކަމުގައެވެ.

"އޭތް ނޫން. މިއުޅެނީ ބަހުސް މުބާރާތެއްގަ ބައިވެރިވެގެން. ނިންމާލާފަ މިއައީ. މިތާ ކީއްތިކުރަނީ؟" ޝަހުމް ސުވާލުކޮށްލީ ހައިރާންކަމާއެކުގައެވެ.

"މިކޮޅަށް ބަދަލުވިއްޔޭ. ތީވެސް ވާ ރަނގަޅު މީހެއް. ގުޅީމަ ފޯނެއް ނުނަގާ." އަފްނާން ބުނެލިއެވެ.

"ކޮން އިރަކު؟ މަށަކަށް ނުގުޅާ…" ޝަހުމްއަށް ބުނެވުނެވެ. "އޯހް. އައި ސީ… ކުރީގެ ނަންބަރަށް ދޯ ގުޅީ! މިހާރު އެހެން ނަންބަރެކޭ މި ގެންގުޅެނީ."

"ބިޒީކޮށް ދޯ ތިއުޅެނީ؟" އަފްނާން ހުރީ ޝަހުމްއާ ވާހަކަ ދައްކަން ބޭނުންވެފައިކަމުން އޭނާއަށް ސުވާލުކޮށްލެވުނެވެ. ޝަހުމް ނޫނީ އޭނާއާ ހެޔޮ ހިތުން ވާހަކަ ދައްކާނެ މީހެއް ނެތްކަން ޤަބޫލުކުރެވުނީތީ ކަމަށްވެސް ވެދާނެއެވެ. އަދި އެނގެން ބޭނުން ކަންތައްތަކެއް ހުރީތީކަމަށްވެސް ވެދާނެއެވެ.

"ނޫނޭ. އަނެއްހެން ބިޒީއެއް ނޫން. ހިނގާ ކޮފީއަކަށް." ޝަހުމް އެހެން ބުނެލުމުން، އަފްނާން ސައިކަލު ނިއްވާލާފައި ސައިކަލުން ފޭބިއެވެ. އެދެމީހުން ގޮސް ވަނީ ކުރިން ދުވަހު އަފްނާން ޔޫޝައުއާއެކު ގޮސް ވަތް ކޮފީ ޝޮޕަށެވެ. މައްޗަށް އެރުމަށްފަހު، ހުސް މޭޒެއްގެ ދޮށުގައި އިށީނުމާއެކު، އެންމެ ފުރަތަމަ ވާހަކަ ދެެއްކީ ޝަހުމްއެވެ. އަފްނާން ރާއްޖޭން ބޭރުގައި ހުރެފައި މާސްޓާރސް ނުނިންމާ ރާއްޖެ އަންނަން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ.

"ކީއްވެޔޯ މާސްޓާރސް ކިޔަވަން މިކޮޅަށް އައީ؟" ޝަހުމް ސުވާލުކޮށްލިއެވެ.

"ދެން ހަމަ އައީ. ރާއްޖެވެސް ވަކި ގޯހެއް ނޫނޭ." އަފްނާން ހީނލިއެވެ. ވައިޓަރު އޯޑަރު ނަގަން އައުމުން ދެމީހުން ވެސް އޯޑަރު ދިނީ ލަވާޒާ ބްލެކް ކޮފީއަކަށެވެ. އަފްނާންއަށް ޝަހުމްއަށް ބަލާލުމަށްފަހު، ހިނދުކޮޅަކު ވިސްނާލަން އިނދެވުނެވެ. މައުވާގެ ވާހަކަ އަހަން އޭނާ ބޭނުމެވެ. އެހެންނަމަވެސް، ޖެހިލުންވަނީ ކީއްވެކަމެއް ނޭނގެއެވެ. ހިތް އެދޭ ޖަވާބެއް ނުލިބިދާނެތީކަމަށްވެސް ވެދާނެއެވެ. ނޫނީ މާޔޫސްވާ ފަދަ ޖަވާބެއް ލިބި އެހިތަށް އުނދަގޫވެދާނެތީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް، އެ ނޫން ގޮތެއް ނެތީތީ އެ ހުރިހާ ވިސްނުމެއް ދޫކޮށްލާފައި، އެ ސުވާލު ޔޫޝައުއާ ކުރަން އަފްނާން ނިންމިއެވެ.

"މީ… އަނެއް… މައުވާ ކޮބާ؟ ކޯހުން ކެނޑުނީތަ؟" އަފްނާން އެހެން އަހައިލީ އަހަން ނާހަން ކަހަލަ ގޮތަކަށް އިނދެފައެވެ.

"މައުވާ…" ޝަހުމްއަށްވެސް އެ ނަން ކިޔާލެވުނެވެ. ކޮންމެހެން ހަނދާންނެތީކީ ނޫނެވެ. އެހެންނަމަވެސް އެހާ ދުވަސްފަހުން މީހަކު މައުވާގެ ވާހަކަ އަހާލީމައެވެ. އެއީ ދުވަހަކު އޭނާ ވެސް ހަނދާން ނެތޭނެ އަންހެން ކުއްޖެއް ނޫނެވެ.

"ޔާ… ހަނދާންނެތީ؟" އަފްނާންއަށް ސުވާލުކޮށްލެވުނެވެ.

"ނޫން. ކިހިނެއް ހަނދާންނެތޭނީ…" މާޒީގެ ހަނދާންތައް ސިކުނޑިއަށް ވެރިވަމުންދިޔަ ޝަހުމްއަށް ބުނެވުނެވެ. އަފްނާންއަށް ބަލައިލިއިރު އަފްނާން އިނީ އޭނާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. މައުވާ ވީތަނެއް އެނގެން އޭނާ ބޭނުންވެފައިވާ މިންވަރު ޚުދު ޝަހުމްއަށްވެސް ފަހުމްވިއެވެ. މައުވާގެ ޚަބަރެއް ނުވެ އަފްނާން ބޭޤަރާރުވެފައިވާ މިންވަރުވެސް އޭނާއަށް ފާހަގަވިއެވެ. އެހެންނަމަވެސް، ދެރައީ އޭނާގެ އަތުގައި އަފްނާންއަށް ދޭނެ ޖަވާބެއް ނެތީތީއެވެ. އެ ހާދިސާގެ ފަހުން އެންމެ ފަހަރަކުވެސް އޭނާއަށް މައުވާ ފެނިފައެއް ނުވެއެވެ. އަދި މީހެއްގެ ފަރާތުން މައުވާގެ ޚަބަރެއްވެސް ލިބިފައެއް ނުވެއެވެ. އެ ހިނގިކަމެއް ހިނގިތާ ހަފްތާއެއް ފަހުން އޭނާވެސް ޔުނިވާރސިޓީގެ އައްޑޫ ކެންޕަސްއަށް ބަދަލުވީ އެ ދުވަސްކޮޅުގެ ޙާލަތު ހުރި ގޮތުން މާލޭގައި މަޑުކުރެވެން ނެތީތީއެވެ. އޭގެ ފަހުން އޭނާ މާލެ އެއައީ މާސްޓާރސްއަށް ކިޔަވަން ފަށާފައެެވެ.

"ދެން؟ ޓެލްމީ… މައުވާގެ އެއްވެސް ޚަބަރެއް އެނގޭތަ؟" އަފްނާންއަށް ބުނެވުނެވެ. އޭނާ ވަނީ ކެތްތެރިކަން ކުޑަވެފައެވެ.

"ނޫން." އެހެން ބުނެލާފައި އޭނާ އައްޑޫއަށް ބަދަލުވީ ވާހަކަ ޝަހުމް ކިޔައިދިނެވެ.

މާޔޫސްކަމާއެކު ފުންނޭވާއެއް އަފްނާންއަށް ދޫކޮށްލެވުނެވެ. އޭނާގެ އެންމެފަހުގެ އުންމީދު ފުނޑުފުނޑުވި ފަދަ އިޙްސާސްއާއެކު މޭތެރޭގައި އޮތް ހިތުގެ ތެޅުމަށް ވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. ދެން ކުރާނީ ކީއްކަން ނޭނގުނު އަފްނާންއަށް ބޮލުގައި ދެއަތް އަޅުވާލެވުނެވެ.

"އޭގެފަހުން އަހަންނަށް މައުވާގެ ޚަބަރެއް ނޭނގޭ. ފުރަން ވަންދެން އަހަރެން މާލޭގައި ހުރި ހަފްތާގައި އޭނަ ކޮލެޖަކަށް ވެސް ނާދެ. އަހަރެން ދިޔަ ފަހުން ކްލާހަށް ދިޔަކަމެއް ނުދާކަމެއް ނޭނގެ." އޭނާއަށް އެނގޭ މިންވަރަކަށް ޝަހުމް އޮޅުން ފިލުވައިދިނެވެ.

"އޯހް…" އަފްނާންއަށް ހަމަ އެކަނި ބުނެވުނީ އެހެންނެވެ. ބުނާނެ އިތުރު އެއްޗެއްވެސް އޭނާއަކަށް ނޭނގުނެވެ. އަނެއްކާ މައުވާ ކޯސް ފުރިހަމަނުކޮށް ކޯސް ދޫކޮށްލީހެއްޔެވެ؟ ނޫނީ އޭނާއަށް އެ ހީވާ ގޮތަށް މީހަކާ އިނދެގެން އެހެން ތަނަކަށް ދިޔައީ ހެއްޔެވެ؟

"ޒާޔާ ނޫނީ ޔޫޝައު ކައިރީގައި އަހާލަބަ އަޅެ." ޝަހުމް އެހެން ބުނެލުމުން އަފްނާން އޭނާ އެ ދެމީހުންނާ ވާހަކަ ދައްކަން މަސައްކަތްކުރިކަމަށާއި، އެކަމަކު އެ ދެމީހުން ތިބީ އޭނާ ދެކެ ވަރަށް ހިތްހަމަ ނުޖެހިފައިކަމުގައި ބުނެލިއެވެ. އަދި އޭނާއާ ކަމެއް ހިއްސާކުރަން ބޭނުންނުވާކަމުގައި ވެސް ބުނެލިއެވެ.

"އެމީހުން އަހަންނަކާވެސް ވާހަކައެއް ނުދައްކާ. ރަށަށް ބަދަލުވުމަށްފަހު، އެ ގުޅުން ވެސް ކެނޑިއްޖެ. މިކޮޅަށް އައިފަހުން ޔުނިވާރސިޓީ ތެރެއިން ފެނުނަސް އެމީހުން އަޅައެއްވެސް ނުލާ. ޕްލަސް އަހަރެން މި ކިޔަވަނީވެސް އެހެން އެއްޗެއް." ޝަހުމް ބުނެލިއެވެ.

އަފްނާން، އިތުރަށް އޭނާ އެ ދެމީހުންނާ ވާހަކަދެއްކި ދުވަހު ކަންތައް ހިނގި ގޮތްވެސް ޝަހުމްއަށް ކިޔައިދިނެވެ.

އެ ވާހަކަތައް އަޑު އަހަން އިނުމަށްފަހު، ޝަހުމް އަފްނާންއަށް ބަލައިލީ އޭނާވެސް އަފްނާންއާ ސުވާލެއްކޮށްލަން ބޭނުންވެފައި އިންފަދަ ގޮތަކަށެވެ. އިރުކޮޅަކު އޭނާއަށް ވިސްނަން މަޑުކޮށްލެވުނީ އެއީ އެ ސުވާލުކުރަން އެންމެ ރަނގަޅު ވަގުތުބާއޭ ހިތަށް އެރުމުންނެވެ. މައުޟޫ އަނބުރާލަން އޭނާ އުޅުނީ އެހެންވެގެންނެވެ. އެހެންނަމަވެސް، ޝަހުމްގެ މޫނުމަތީގައިވީ އަސަރުތައް ދެގަނެވުނު އަފްނާން ސުވާލުކޮށްލުމާއެކު، ޝަހުމްވެސް ނިންމީ އޭނާގެ ހިތުގައިވި ސުވާލު އަފްނާންއާ ކޮށްލުމަށެވެ.

"ކިހިނެއްވީ؟" އަފްނާންއަށް އަހައިލެވުނެވެ.

"ވީކަންތަކަށް އަފްނާން ގިލްޓީ ވޭތަ؟" ޝަހުމް ސުވާލުކޮށްލުމާއެކު، އަފްނާންއަށް ހައިރާންކަމެއް ލިބުނެވެ. އެވަގުތު ވެއިޓަރު އައިސް ކޮފީތަށި ބަހައްޓާލިއެވެ. އިތުރު އެއްޗެއް ނުބުނެ އިން އަފްނާން ކޮފީ ތަށި ނަގާ ތުމުގައި ޖަހާ އެތި ފޮދެއް ބޯލިއެވެ. ހަޤީގަތުގައި އެ ސުވާލުގެ ޖަވާބަށް ބުނާނީ ކީކޭކަމެއް އޭނާއަކަށް ނޭނގުނެވެ. އަދިވެސް އެ ހިތުގެ އެދުންތައް އަފްނާންއަކަށް ފަހުމެއް ނުވެއެވެ. ބޭނުންވާ ކަންތައް އެނގުނު ނަމަވެސް ހިތުގައި ދައުރުވާ ޝައްކުގެ އޮއިވަރުތަކުގެ ސަބަބުން ބައެއް ކަންތައް ޤަބޫލުކުރަން އޭނާގެ ޒަމީރު ދެކޮޅު ހަދަނީއެވެ. ކޮންމެވެސް ވަރަކަށް ޖެހިލުންވެ ފަސްޖެހެވެނީއެވެ. އެހެންނަމަވެސް އަފްނާންއަށް ނޭނގުނުކަމަކީ ހިތެއްގެ ބޭޤަރާރުކަމުގެ ސަބަބުން ކެތްތެރިކަން ކޮޅުންލާ ދަނީ ހަޤީގަތުގައި އެ ހިތުގައިވެސް އިޙްސާސްތަކެއް ވާތީކަމުގައެވެ. އެމީހަކަށްޓަކައި ނުވަތަ އެކަމަކަށްޓަކައި ހިތުގައި ދެވިފައިވި ޤަދަރެއްގެ ބޮޑުކަމުން ކަމުގައެވެ. ޝަހުމްގެ އެ ސުވާލަށް އަފްނާން ޖަވާބު ދޭން ބޭނުންނުވީކަން ޝަހުމްއަށް ފާހަގަވުމާއެކު، އިތުރަށް އަފްނާންއާ އެ ސުވާލު ތަކުރާރުކޮށް ކުރާކަށް، ޝަހުމް ނޫޅުނެވެ. އޭނާ ދެން އަފްނާންއާ ސުވާލުކުރީ ކިޔެވުމާ ބެހޭ ގޮތުންނެވެ. އަފްނާންވެސް އެ ހިސާބުން މައުވާގެ ވާހަކަ ކުރުކޮށްލާފައި ޝަހުމްއާ އެހެނިހެން ވާހަކަތައް ދައްކަން ފެށިއެވެ.

އަފްނާން ގެއަށް ދިޔައީ އަޞުރު ނަމާދު ބަންގި ގޮވިފަހުންނެވެ. އޭނާ ގޮސް ސައިކަލު ޕާކުކޮށްލާފައި ގޮސް ގޭތެރެއަށް ވަތްއިރު، މަންމަ ރިސާމާ ބޮޑުކޮޓަރީގައި މެގަޒިންއެއް ހިފައްޓާލައިގެން އިނެވެ. އަފްނާން ފެނުމާއެކު، ފޮތްކިޔަން އަޅަން ގެންގުޅޭ އައިނު ތިރިކޮށްލާފައި އޭނާ އަފްނާންއަށް ބަލައިލުމަށްފަހު، ވާހަކަ ދެއްކިއެވެ.

"ދަރިފުޅު ކައިފިންތަ؟" ރިސާމާ ސުވާލުކޮށްލިއެވެ.

"ކޮފީއެއް ބޯލައިގެން މިއައީ. މިގަޑީގައި ދެން ނުކާނަން." އެހެން ބުނެލާފައި އަފްނާން އެރީ މައްޗަށެވެ. ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ހަމައެކަނި ސޯޓެއްލަމުން އޭނާ ގޮސް އިށީނީ ސޯފާގައެވެ. ވޭފް ދަމާލުމަށްފަހު، އެ ދެކެވެސް ފޫހިވެފައި އިންފަދައަކުން ސޯފާމައްޗައް އެއްލާލާފައި، އިރުކޮޅަކު އެއިން ގޮތަށް އޭނާ އިނެވެ. އެއަށްފަހު ދަބަހުން ލެޕްޓޮޕް ނެގުމަށްފަހު، ގޫގުލް ކްރޯމް ހުޅުވާލިއެވެ. އަދި ކުރީގައި އޭނާ ބޭނުންކުރި އީމެއިލްއަށް ވަދެވޭތޯ މަސައްކަތްކުރިއެވެ. ބޭނުންނުކުރާތާ ގިނަ ދުވަސްވުމުން ޕާސްވޯރޑް ހަނދާންނެތި އީމެއިލްއަށް ވަދެވޭގޮތެއް ނުވިއެވެ. އުނދަގުލުން ޕާސްވޯޑް ރިކަވަރކޮށްގެން އޭނާ މެއިލްއަށްވަދެ ޑްރައިވް ހުޅުވައިލިއެވެ. ފޮޓޯތައް އަޅާފައި ހުރި ފޯލްޑަރތައް ހޯދައިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލާފައި އޭނާ އެތަނުން އެއް ފޯލްޑަރ ހުޅުވާލިއެވެ. އެއަށްފަހު، ފަހަރަކު ފޮޓޯއެއް ބަލަން ފެށިއެވެ. މައުވާއާއި ޒާޔާގެ އިތުރުން ޔޫޝައުއާ އެކީގައި އެކި ދުވަސްތައް މަތިން ނަގާފައިވާ ފޮޓޯތައް އޭގައި ހުއްޓެވެ. އަދި ބައެއް ފޮޓޯތަކުގައި ޝަހުމްވެސް ހުއްޓެވެ.

"ވެއަރ އާރ ޔޫ މައުވާ؟" އަފްނާންއަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ.

"އެހެން މީހަކާ އިނީތަ؟ މާލެ ދޫކޮށްލާފައި ދިޔައީތަ؟ ކީއްވެތަ އެއްވެސް މީހަކަށް މައުވާ ވީތަނެއް ނޭނގެނީ؟ އަހަރެން ނޫޅެމޭ އުނދަގޫ ކުރާކަށް. ހަމަ އެކަނި ބޭނުމީ އެންމެ ފަހަރަކު މައުވާ ފެނިލަން. އައި ޖަސް ވޯންޓު ނޯ މައުވާ ކިހިނެއްތޯ؟ " ހިތުގެ ޙާލު ބަސްތަކެއްގެ ސިފައިގައި ދުލުން ބޭރުނުކުރެވުނެއްކަމަކު، އަފްނާން ހިތުން ވާހަކަ ދައްކަމުން ދިޔައެވެ.

މައުވާގެ އެ ސޫރަ ފޮޓޯއަކުންވެސް އެހާ ދުވަސްފަހުން ފެނުމާއެކު އަފްނާންގެ ހިތަށް އެނގުންވެގެން ހިނގައްޖެއެވެ. މައުވާގެ ހިނިތުންވެފައިވާ މޫނާއި، އެ ކަޅުކަން ގަދަ އިސްތަށިގަނޑާއި ކަޅުކުލައިގެ ކަޅި ހިމެނޭ އެ ބޮޑު ދެލޮލުން ހީވަނީ އޭނާއަށް ބަލާހެންނެވެ. މައުވާ އެކަނި އިން ފޮޓޯއަކަށް ބަލަން އަފްނާންއަށް އެތަކެއް އިރަކު އިނދެވުނެވެ. ހީނލައިގެން އިންއިރު އެ ހިނިތުންވުން އިތުރަށް ފުރިހަމަކޮށްދެނީ ވައަތު ފަރާތު ކޮލަށް އެޅިފައިވާ އަޑިކޮޅުންނެވެ. އަފްނާންއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. ލެޕްޓޮޕުން އަޅުވާފައި ހުރި މައުވާގެ ފޮޓޯގަނޑުގައި އަތް ޖައްސާލެވުނީ ވެސް ގަސްތަކު ނޫނެވެ. އެހެންނަމަވެސް ހަމައަކަށް ނޭޅުނުވު ޖަޒުބާތުތަކުން އެކަން ކުރުމަށް އޭނާއަށް އަމުރުކުރުމުންނެވެ. އެ އަމުރަށް ކިޔަމަންވުން ނޫން ގޮތެއް އޭނާއަށް ނެތްފަދައެވެ. އެހާވެސް ބޮޑަށް އެހިތުގެ ލަގަންވަނީ އޭނާގެ އަތުން ވީއްލިގެން ގޮސްފައެވެ.

ކުއްލިއަކަށް އަފްނާން ބާރަކަށް ލެޕްޓޮޕް ލައްޕާލިއެވެ. ހީވީ ލޯ ކުރިމަތިން އެހެން މަންޒަރެއް ފެނިލިހެންނެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ލެޕްޓޮޕް ބަހައްޓާލުމާއެކު، ސޯފާގައި ލެނގިލާފައި، އުދާސްކަމުގެ ނޭވާތަކެއް އޭނާއަށް ލެވެން ފެށުނެވެ. ލޯ މަރާލެވުމާއެކު، ހަމަޖެހެން މަސައްކަތްކުރި ނަމަވެސް އެކަމެއް ވެސް ނުވިއެވެ. އަފްނާންއަށް ހަމަ ވިސްނެނީއެވެ. ރާއްޖެ އާދެވުމަކީ ހެދުނު ގޯހެއްހެއްޔެވެ؟ ރާއްޖޭން ބޭރުގައި ހުރިއިރުވެސް އެ ހަނދާންތަކުން އޭނާއަށް މިންޖެއް ނުވެވުނެވެ. އެހެންނަމަވެސް ރާއްޖެ އައުމުން އޭނާގެ ޙާލު ވަކިން ބޮޑުވެއްޖެއެވެ. އެއީ ކީއްވެހެއްޔެވެ؟ އެ ހުރިހާކަމެއް ހިނގީ މިފަސްގަނޑުގައި ކަމަށްވީތީ ހެއްޔެވެ؟ ރާއްޖެ އައުމަށްފަހުވެސް، މައުވާގެ ޚަބަރެއް ނުވުމުން ހެއްޔެވެ؟ ނޫނީ އެނގޭ މީހުންގެ ފަރާތުންވެސް މައުވާއާ ބެހޭ މައުލޫމާތެއް ނުލިބުމުން ހެއްޔެވެެ؟

ސުވާލުތަކުން ސިކުނޑި ފުނިޖެހުނު އަފްނާންއަށް، އެފަދަ ވިސްނުންތަކެއްގައި އެތަކެއް އިރަކު އޮވެވުނެވެ.

*****

ޑިއުޓީ ގަޑި ނިމެން ކައިރިވެފައި ހުއްޓާ އަޒްލަފްއަށް އާއިންގެ ފޯނެއް އައެވެ. އޭރު ހަވީރު ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ. އާއިން އެދުނީ އޭނާ ގޮވައިގެން ދުއްވާލަން ދިޔުމަށެވެ. އާއިން ގުޅާފައި އެގޮތަށް އެދުމުން އެކަމަށް އަޒްލަފް ދެކޮޅެއް ނުހަދައެވެ. ކިތަންމެ ވަރުބަލިވެފައި ހުރިނަމަވެސް، އާއިންގެ ކޮންމެ އެދުމެއް ފުއްދައިދިނުމަކީ އޭނާގެ އުފަލެއްކަމުގައި އަޒްލަފް ދެކެއެވެ. އެހެންކަމުން އޭނާ ހުރީ ޑިއުޓީ ނިމިގެން ގެއަށް ގޮސް ފެންވަޒާ ތާޒާ ވެލައިގެން އާއިން ގޮވައިގެން ކާރުގައި ހުޅުމާލެ ދާން ނިންމައިގެންނެވެ. އެހެންނަމަވެސް ޙާލަތު ނިޔާކުރީ އެހެންނެއް ނޫނެވެ. ޑިއުޓީ ގަޑި ނިމެން ކައިރިވެފައި ހުއްޓާ އޭނާގެ ޕޭޝެންޓެއް ޙާލު ދެރަވެގެން އިތުރު އޮޕްރޭޝަނެއް ކުރަން ޖެހުމުން އެ ގަޑީގައި ޝައުފާއަށް ގުޅާފައި ނުދެވޭނެ ވާހަކަ ބުނާނެ ވަގުތެއް ވެސް އަޒްލަފްއަކަށް ނުލިބުނެވެ. ތިއޭޓަރއިން ނިމޭވަރުވީ ހައެއްޖަހާ ބޮޑުވެފައި ހުއްޓައެވެ. ފޯނު ބަލާލިއިރު އާއިންގެ ފޯނުން ދެތިން މިސްކޯލު އޭނާއަށް ލިބިފައި އޮތެވެ. އޭގެ އިތުރުން ޝައުފާގެ މިސްކޯލެއްވެސް އޮތެވެ. ނިކަން އަވަސްއަވަހަށް އަޒްލަފް ޝައުފާއަށް ގުޅާލިނަމަވެސް، ޝައުފާ ފޯނެއް ނުނަގައެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާއަށް އައީ މެސެޖެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު