'ކަރަން އަރުޖުން' 30 އަހަރު ފަހުން އެނބުރި ސިނަމާއަށް

ފިލްމު "ކަރަން އަރުޖުން"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ 30 އަހަރު ކުރިން ރިލީޒްކުރި ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ފިލްމު "ކަރަން އަރުޖުން" އަލުން ސިނަމާތަކުގައި ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

މި ފިލްމަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ ޚާނުން ކަމަށް ޝާހްރުކް ޚާނާއި ސަލްމާން ޚާން އެކީގައި ބެލުންތެރިންނަށް ފެނުނު ފުރަތަމަ ފިލްމެވެ. އެއްބަނޑު އެއްބަފާ ދެބެއިންގެ ވާހަކަ ގެނެސްދިން މި ފެންޓަސީ އެކްޝަން ފިލްމަކީ 1995 ވަނަ އަހަރު ރިލީޒްވި ފިލްމުތަކުގެ ތެރެއިން އެ އަހަރު އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެވެ.

ސަލްމާނާއި ޝާހްރުކް ޚާންގެ އިތުރުން ކުރީގެ އެކްޓަރު އަމްރިޝްޕޫރީ ވިލެންގެ ރޯލް ކުޅުނު ފިލްމުގެ ބަތަލާއިންގެ ތެރޭ ރާކީ ގުލްޒާރު، ކާޖަލް އަދި މަމްތާ ކުލްކަރުނީ ހިމެނެއެވެ.

ފިލްމު "ކަރަން އަރުޖުން"ގެ ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާން އަދި ކާޖަލް ޑައިރެކްޓަރު ރާކޭޝް ރޯޝަންއާ އެކު--ފޮޓޯ/ޕޭސްބުކް

ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތަކުގެ ތެރޭ ހިމެނޭ މި ފިލްމު ސިނަމާތަކުގައި ދައްކަން ތާވަލު ކުރެވިފައިވަނީ މި އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.

އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ވެސް ފިލްމު އެ ދުވަހު އަލުން ރިލީޒްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިއީ އިންޑިއާގެ ފިލްމެއް ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ރީ-ރިލީޒްކުރާ އެންމެ ފުރަތަމަ ހިންދީ ފިލްމަށް ވަނީ ވެފައެވެ.

މި ފިލްމުގެ ވާހަކައިގެ އިތުރުން ސަލްމާނާއި ޝާހްރުކްގެ ކެމިސްޓްރީއަކީ ފިލްމު ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް ޑައިރެކްޓަރު ރާކޭޝް ރޯޝަން ވަނީ ބުނެފައެވެ. ރާކޭޝްގެ ބޭބެ ރާޖޭޝް ރޯޝަން މިއުޒިކް ތައްޔާރުކޮށްފައިވާ ފިލްމުގެ ލަވަތަކަކީ ވެސް މިހާރު ވެސް ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވަތަކެކެވެ.

comment ކޮމެންޓް