ފެންވަރަން ހުރިއިރު ޔަލްވީއަށް ވިސްނުނީ އޭނާ ވެއްޓެން ދިޔަ ވަގުތު ރަޔާން ހިފެހެއްޓިގޮތެވެ. ސިންކު ކައިރިއަށް ގެންގޮސް ދެއަތް ދޮވެދިންއިރު، އަމިއްލަ ހާލަށްވުރެ ބޮޑަށް ރަޔާން ވިސްނީ ޔަލްވީއާއި މެދުގައެވެ. ބޭއިހުރިޔާރުގައި ޔަލްވީއަށް އޭނާގެ ދެއަތުގައި ފިރުމާލެވުނެވެ.
********
ރަޔާންދެކެ ކިތަންމެ ރުޅި އައިސްގެން ކޮޓަރިއަށް ވަންނަމަވެސް ޔަލްވީގެ ރުޅި ފިނިވިއެވެ. ރަޔާންދެކެ އާދެވުނީ ބޭކާރު ރުޅިއެކޭ ހިތަށް އެރިއެވެ. ހަގީގަތުގައި ޔަލްވީ ރުޅިއައީ ލިމްޔާދެކެއެވެ. އެއްޗެހި ކިޔަން ބޭނުންވީ ލިމްޔާއަށެވެ. އެކަމަކު އަދަބު ދެވުނީ ރަޔާނަށެވެ.
ޔަލްވީ ތައްޔާރުވެލައިގެން ގޮސް އެނދުގައި އިށީނެވެ. ހަދާނެގޮތަކާއިމެދު ވިސްނިއެވެ. އެ ހުރިހާއިރު ވީއިރުވެސް ރަޔާން ކޮޓަރިއަށް ނައުމުން، ބޭރަށް ނުކުންނަން ޔަލްވީއަށް މަޖުބޫރުވިއެވެ. ޔަލްވީ ކޮޓަރީގެ ދޮރު ހުޅުވީ ކުޑަކޮންނެވެ. ސިޓިންގްރޫމުގައި މީހަކު ނެތެވެ. ފުންނާބުގެ ކޮޅު ޖައްސަމުން ޔަލްވީ ކޮޓަރިން ނުކުތެވެ. ކާގެ ދޮރުމައްޗަށް އެރުމާއިއެކު، ޔަލްވީއަށް ލިބުނީ ސިހުމެކެވެ. ރަޔާން އޮތީ ކާމޭޒުގައި ބޯ އަޅާލައިގެންނެވެ. ލިމްޔާ އެއް ނެތެވެ. ލިމްޔާ ގެނައި ތަށިތައް މޭޒުމަތީގައި ހުއްޓެވެ. ރަޔާން ކާއެއްޗެއްގައި އަތްލާފައިވާކަމުގެ އެއްވެސް އަސަރެއް ނެތެވެ. ޔަލްވީގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެހުރިހާއިރު ރަޔާން އޮތީ އެތަނުގައި ހެއްޔެވެ؟ ޔަލްވީއަށް ބަލައިލެވުނީ ބެންޑޭޖް އޮޅާފައިވާ ރަޔާންގެ ފަޔަށެވެ. އެހާލުގައި އެތަނުގައި އޮންނަން ރަޔާންއަށް ފަސޭހައެއް ނުވާނެއެވެ. އެކަމަކު ރަޔާނަށް ގޮވާކަށް ނުކެރުނެވެ. ދެމީހުން އެކަކު އަނެކަކަށް އުނދަގޫނުކޮށް އުޅުމަށް އެންގި މީހަކީވެސް ޔަލްވީއެވެ.
ތަށިތަކުގެ މަތިތައް ހިއްލާލުމާއިއެކު ދުވި މީރުވަހުން ޔަލްވީގެ ކުޅު ދިޔާވިއެވެ.
"އެއްފައި ކާލިޔަސް އޯކޭވާނެ" ދެފިކުރެއްގައި ހުރެފައި ޔަލްވީ ކުކުޅުފައެއް ނެގިއެވެ. މަޑުމަޑުން ތަށީގެ މަތި ޖަހާފައި އެނބުރުނެވެ.
"ޔަލްވީ....." ރަޔާންގެ އަޑު އިވުމުން ޔަލްވީ ދިޔައީ ސިއްސައިގެންނެވެ.
ޔަލްވީ ރަޔާނާއި ދިމާއަށް އެނބުރިފައި ދެއަތް ފުރަގަހަށް ލިއެވެ. ކުށްވެރިއަކު ފަދައިން އަނގަޔަށް ގޮތެއް ހަދާލަމުން ރަޔާނަށް ބަލައިލިއެވެ. ޔަލްވީ ހީކުރީ ރަޔާން އޮތީ ނިދާފައި ކަމަށެވެ. ނިދީގެ އަސަރުވެސް އެމޫނުން ފެންނަން ހުއްޓެވެ.
"މި..މި.. ފެން.." ޔަލްވީ އެއްޗެއް ބުނަން އުޅެފައި ހުއްޓައިލިއެވެ. ފެންފުޅިއެއް ހިފައިގެން އެތަނުން ނުކުތުމަށް އަވަސްވެގަތެވެ.
"ޔަލްވީ! އިހަށް މަޑުކޮށްބަލަ....." ރަޔާން ގޮވާލި އަޑު އިވުމުން ޔަލްވީ ހުއްޓުނެވެ.
"ޝިޓް!" ކުރި ކަންތައް ފަޅާއެރީކަން އެނގުމުން ޔަލްވީއަށް އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.
"އާދޭ ކާން. މިހުރީ ކުކުޅު ވެސް. އެންމެ އެއްޗެއް ކައިގެން ބަނޑެއް ނުފުރޭނެ" ރަޔާން ވާހަކަދެއްކީ ވަރަށް ލޯބިންނެވެ. ޔަލްވީ ކުރި ކަންތައް ރަޔާނަށް އެނގިއްޖެކަން އަންގައިލިއެވެ. "ޔަލްވީ ބޭނުން ވަރަކަށް ކާނެހާ އެއްޗެހި މީގަ އެބަހުރި. އެއްޗެއް ނުކައި ހުއްޓާ ކަމެއް ވެއްޖެއްޔާ އަހަރެން ކިހިނެއް ހަދާނީ؟"
ޔަލްވީ ހީކުރީ ލިމްޔާގެ ކުރިމަތީގައި އޭނާ ކަންތައްކުރިގޮތުން ރަޔާން އަނގައިންވެސް ނުބުނާނެ ކަމަށެވެ. އެކަމަކު، ރަޔާންގެ މޫނުގައި ހިތްހަމަނުޖެހުމުގެ އަސަރެއް ނެތެވެ.
ޔަލްވީ މަޑުމަޑުން ހިނގާލާފައި ގޮސް ރަޔާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ރަޔާން އިނީ މައުސޫމުކޮށެވެ. ނިދިއައިސްފައި އިންނައިރު ހިތްދަމައިގަންނަގޮތެއް ހުރެއެވެ. ޔަލްވީ ދެފަރާތަށް ބޯ ހޫރައިލިއެވެ. ރަޔާނާއިމެދު ތަފާތު ނަޒަރަކުން ދެކުމަކީ ޔަލްވީ ބޭނުންވާ ގޮތެއް ނޫނެވެ. ކުށްކުރީ ޔަލްވީ ނަމަވެސް ޔަލްވީގެ ހިތް އެދުނީ ރަޔާން ކުށްވެރިކުރާށެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރުފޯރުވޭނީ އޭރުންކަމުގައިވާތީއެވެ.
"ރަޔާން ޖެހޭނީ މާފަށް އެދެން" ޔަލްވީ ހިތާއިހިތުން ބުނެލިއެވެ.
ރަޔާން މާފަށް އެދިއްޖެނަމަ، ޔަލްވީގެ ހިތް އެކީ ސާފުވެގެން ދާނެއެވެ. ލިމްޔާއަށްވެސް ހިތްހެޔޮކުރަން ޔަލްވީ ތައްޔާރެވެ. ރަޔާން އިސްވެ އެ ވާހަކަ ދައްކަން ޔަލްވީ ބޭނުންވިއެވެ. ރަޔާން އިތުރު އެއްޗެއް ނުބުނެ، ޔަލްވީގެ ކައިރިއަށް ތަށިތައް ޖައްސައިދިނެވެ. ޔަލްވީގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. މައާފަށް އެދެން ރަޔާނަށް އެހާ އުނދަގުލީ ކީއްވެ ހެއްޔެވެ؟ އަތުގައި އޮތް ކުކުޅުފައި ތަށީގެ ތެރެއަށް ޖެހުމަށްފަހު ޔަލްވީ ތެދުވިއެވެ. ވާނުވާ ނޭނގިފައި ރަޔާން އިނީ ޔަލްވީގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ކުރެވުނީ ކޮން ކުށެއްކަން ނޭނގޭ ހާލުގައެވެ.
"ޔަލްވީ....." ރަޔާން ތަންކޮޅެއް ގޮވާލިއެވެ.
"ނޫޅެން ކާކަށް..." ޔަލްވީ ރަޔާން އާއި ދިމާއަށް ދެލޯ އަޅާލީ ކުޑަކުއްޖަކު ފަދައިންނެވެ.
އެހާ ފަސޭހައިން ގޮތްދޫކުރާކަށް ޔަލްވީ ބޭނުމެއް ނުވެއެވެ. އެކަމަކު، ރަޔާންގެ އެންމެ ނަޒަރަކުން ޔަލްވީގެ ހިތް މަޑު ކަފަކޮޅަކަށް ވާންއުޅެނީ ކީއްވެ ހެއްޔެވެ؟ ރަޔާންގެ ހާލާއިމެދު ހިތުގައި ހަމްދަރުދީ އުފެދެނީ ކީއްވެ ހެއްޔެވެ؟ އެފަދަ އިހުސާސަކަށް ހިތުން ޖާގައެއް ހުސްކުރާކަށް ޔަލްވީ ބޭނުމެއް ނުވެއެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް އެހެން މީހަކު ގަދަވެގަންނާކަށް ޔަލްވީއަކަށް ފުރުސަތެއް ނުދެވޭނެއެވެ.
"ޔަލްވީ...." ރަޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ.
ޔަލްވީއަށް ވިސްނައިދިނުމަކީ ރަޔާންއަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. ރީތިކޮށް ވާހަކަ ދައްކައިގެން ޔަލްވީ އަޑު ނާހާނެކަން ރަޔާނަށް އެނގެއެވެ. ރަޔާން ޖެހޭނީ ކޮންމެވެސް އެހެން ގޮތެއް ހޯދާށެވެ. އާދޭސްކޮށް ސަލާންޖަހައިގެން ޔަލްވީ ލައްވައި އެއްވެސް ކަމެއް ކުރުވުމަކީ ވާނެ ކަމެއް ނޫނެވެ.
"އޯކޭ ފައިން. ޔަލްވީ ބޭނުމިއްޔާ ނުކައި ހުއްޓަސް އެންމެ ރަނގަޅު. އަހަރެން ނެތިން މަޖުބޫރު ކުރާކަށް. ނުކައި ހުރީމަ އޭގެ ގެއްލުންވާނީ ހަމަ ޔަލްވީއަށް. ތިހެން ހުރެގެން ކޮންމެ ކަމެއް ވިޔަސް އެކަމުގެ ޒިންމާ އަހަންނެއް ނުނަގާނަން" ތަށިތަކުން ކާއެއްޗެހި ނަގައި، ތައްޓަށް އަޅަމުން ރަޔާން ވާހަކަ ދެއްކިއެވެ.
ޔަލްވީ އުޅުނީ ދާށެވެ. ކާގެ ދޮރާއި ހަމައަށް ދިޔަތަނާ ރަޔާން ބުނި އެއްޗަކުން ފިޔަވަޅުތައް މަޑުޖެހުނެވެ.
ޔަލްވީ ނުކަންޏާ، އަހަރެން މިކުކުޅުކޮޅުވެސް ކާލަފާނަން...."
"ވަޓް؟" ޔަލްވީ އެނބުރުނެވެ. "އަހަރެން ނުކައި ހުރެގެން މަރުވީމަ ފައިދާވާނެއޭތަ ތިބުނީ؟ ތިއުޅެނީ އަހަރެން އުޅޭތީ އުނދަގޫވެގެން. އަހަންނަށްވެސް އުނދަގޫ ކުރެވޭނެ"
ޔަލްވީ ކުކުޅުތަށި ދަމައިގަތެވެ. އުނގަށް ލައިގެން އިނދެ، ކައި ހުސްކޮށްލިއެވެ. ފަހަރަކު ތައްޓަކުން އެތިކޮޅެއް އަޅައިގެން ކަމުންދިޔައިރު ޔަލްވީ ހީވަނީ އެއިން ދުވަހަކު ކާއެއްޗެއް ނުލިބޭ މީހެއް ހެންނެވެ. ސަޓަނި ހަދާފައި ހުރީ ޔަލްވީއަށް ކެވޭ ވަރަށްވުރެ ކުޅިކޮށެވެ. ފުރަތަމަ އެތިކޮޅު ދިރުވާލުމާއިއެކު ޔަލްވީ ކޮށިއެރިއެވެ. ރަޔާން ފެންތައްޓެއް އަޅައިދީފައި ޔަލްވީގެ ކައިރިއަށް ޖައްސައިދިނެވެ.
ޔަލްވީ ކަންތައްކުރީ ރަޔާން ބޭނުންވިގޮތަށެވެ. ބަނޑުފުރެންދެން ކެއެވެ. އެތެރެއިން ހީލަހީލާ ރަޔާން އިނެވެ. ޔަލްވީ ކޭ މަންޒަރުން އެކަނިވެސް ރަޔާންގެ ބަނޑު ފުރުނެވެ. ޔަލްވީއަށް ކާންދޭން ބޭނުންވާ އެއްޗެއްގައި ރަޔާން ޖެހެނީ އަތްލާށެވެ. ޔަލްވީ ވަގުތުން އެ އެއްޗެއް އަތުލައިގެން ކާލައެވެ.
"ޝަރުތެއްގެ މަތިން މި ކަނީ" ބަނޑުފުރެންދެން ކެވުމުން ޔަލްވީގެ ރުޅި މަޑުވިއެވެ.
"ކޮން ޝަރުތެއް؟ އަވަހަށް ބުނޭ" ރަޔާން ހީކުރި ވަރަށްވުރެ ފަސޭހައިން ޔަލްވީ ގެންގުޅެވިދާނެކަން އެނގުމުން އޭނާ އިނީ ހަމަޖެހިފައެވެ.
"ދެން ނުވާނެ ޖެއްސުން ކޮށްގެން" ޔަލްވީ ރަޔާންގެ މޫނަށް ބަލައިލިއެވެ.
"އޯކޭ" ރަޔާން އެއްބަސްނުވާކަށް ނޫޅުނެވެ. ކުރި ޖެއްސުމެއްވިއްޔާ ކުރީ ޔަލްވީއެވެ. އެކަމަކު، ހުރިހާ ކަމެއް އެޅެނީ ރަޔާންގެ ބޮލުގައެވެ. ރަޔާނަށް އެކަންވީ މަޖާ ކަމަކަށެވެ.
"ލިމްޔާ ކައިރީ ނުބުނާތި އަހަރެން މި އެއްޗެހި ކޭ ވާހަކަ" ވަރަށް ނޫންކަމަށް ހަދާފައި ޔަލްވީ ބުނެލިއެވެ. "މީރުވެގެނެއް ނޫން މިކަނީ. ވަރަށް ނުބައި"
"ހާދަ މީރުވަސް ދުވައޭ" ކާގެ ދޮރުމަތީގައި ހުރި އަފްސަމް ބުނެލިއެވެ. "ދެކުދިން ކޯއްޗެއް މާ މީރުކޮށް ތި ކަނީ؟"
ރަޔާން އަވަސް އަވަހަށް އަފްސަމަށް އިޝާރާތްކޮށްފައި އެންގީ އިތުރު އެއްޗެއް ނުބުނުމަށެވެ. ޔަލްވީ ނުބައޭ ބުނެފައި އޮއްވައި އަފްސަމް ކާއެއްޗެހީގެ މީރު ވާހަކަ ދެއްކުމުން، އެކަން ބޮޑު މައްސަލައަކަށް ވެދާނެތީ ރަޔާން ބިރުގަތެވެ. ރަޔާން ބުނި އެއްޗެއް އަފްސަމަކަށް ނޭނގުނެވެ.
"މީރެއް ނޫނޭ މިއެއް" ޔަލްވީ ރައްދު ދިނެވެ.
"އުހުނ. މީރު ނޫންނަމަ، ތިހާ މީރުކޮށެއް ނުކާނެ" އަފްސަމް ބޭނުންވީ ޖެއްސުމެއް ކޮށްލާށެވެ.
ރަޔާން އޭނާގެ ބޮލުގައި ޖަހައިލިއެވެ. އަފްސަމަށް އިޝާރާތްކޮށްކޮށް ވަރުބަލިވީއިރުވެސް އޭނާ ކީ އެއްޗެއް އަފްސަމަށް ފަހުމުވާ ގޮތެއް ނުވިއެވެ. ޔަލްވީގެ މޫނު ރުޅި އައިސްގެން ފުފެމުންދިޔަވަރު ފެނުނީ ރަޔާނަށެވެ. ފުންމާލައިގެން މިއުޅެވެނީ ކިހާ ވަރެއްގެ ވަޅުގަނޑަކަށް ކަން އެނގޭނަމަ، އަފްސަމް ޔަލްވީއާއި ގާތްވެސް ނުވީހެވެ.
"މި ހާދަ މީރު އެއްޗެއް" އަލުވި ތަށި ނަގަމުން އަފްސަމް ބުންޏެވެ.
ޔަލްވީ އައި ރުޅިން އަފްސަމްގެ އަތުން ތަށި ދަމައިގަތެވެ. ހުރިހާ އެއްޗެއް އެއްފަހަރާ އަނގަޔަށް އަޅާފައި ހަފާލިއެވެ. އަނގަފުރެންދެން ކާއެއްޗެހި އަޅައިގެން ހުރެ ޔަލްވީ ކީ އެއްވެސް އެއްޗެއް އަފްސަމަކަށް ނޭނގުނެވެ. ޔަލްވީ ދަމުން ދިޔައީ ނޭނގޭކަމަށް ހަދާފައި އަފްސަމްގެ ފަޔަށް އަރާފައެވެ. އަފްސަމް ހުރީ ދެލޯ ބޮޑުވެފައެވެ. ޔަލްވީއަކީ ކުޑަކުއްޖެއް ހެއްޔެވެ؟ ޔަގީނުންވެސް ބޮޑުވެގެން މީހަކާ އިންނަވަރަށް ތަސައްރަފެއް ނުފުދެއެވެ. އަފްސަމް ރަޔާނަށް ބަލައިލިއިރު، ރަޔާން އިނީ ދެއަތުން މޫނު ފޮރުވައިގެންނެވެ. މިހާރު އަފްސަމަށް އެއްޗެއް ވިސްނޭނެއޭ ހީވެ، ރަޔާންގެ ހިނިގަނޑު ފަޅައިގެންދާން އުޅުނެވެ. އަފްސަމް ދެފަރާތަށް ބޯހޫރާލިއެވެ. ޔަލްވީ ކަހަލަ އަންހެން ކުއްޖަކާއި އޭނައަށް ދިމާވީ އަލަށެވެ.
"އަހަރެން ހަމަ ހައިރާނުން އަންތަރީސް ވެއްޖެ! ހައެއްކަ އަހަރުގެ ކުޑަކުއްޖެއްތަ އެއީ؟" ޔަލްވީ ގޮސް ކޮޓަރިއަށް ވަން މަންޒަރު ބަލަން ހުރި އަފްސަމް ބުނެލިއެވެ. "ހަސަންބެ ކުކުޅު ކޮށީގަވެސް ނޫޅޭނެ އެފާޑަށް އުޅޭ ކުކުޅެއް. ބޮލުގެ އިސްތަށިކޮޅު ސަލާމަތުން ހުރިކަންވާ ނަސީބު. ރީއްޗަށް ރޯފިލުވާލާފަ އެދިޔައީ"
"ކިހާ ވަރަކަށް ބުނިން އެއްޗެއް ނުބުނަން" ރަޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދުވަސްތަކެއް ފަހުން ރަޔާންއަށް ހެވުނު މަންޒަރު ފެނުމުން، އަފްސަމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
"ނޭނގޭނެދޯ މިހެން މިހެން ހަދަންޏަކާ" އަފްސަމް ވާހަކަ ދެއްކީ، ލޮލުން އިޝާރާތްކުރަމުންނެވެ.
"ތި ދެމީހުންގެ ނެތް މާބޮޑު ތަފާތެއް" އެކުވެރިޔާގެ ސަމާސާގައި ރަޔާން ބައިވެރިވިއެވެ.
އަފްސަމް އާއި ވާހަކަ ދައްކަން ރަޔާން ކުޑައިރުކޮޅަކު ބޭރުގައި މަޑުކުރިއެވެ. މާބޮޑަށް ވަރުބަލިވާން ފެށުމުން ކޮޓަރި އަށް ގެންގޮސްދިނުމަށް އަފްސަމްގެ ކައިރީގައި އެދުނެވެ.
އަފްސަމް ރަޔާންގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ދެތިން ފަހަރަކު ޓަކި ޖަހާލި ނަމަވެސް އެތެރެއިން އެއްވެސް އަޑެއް ނީވުނެވެ.
"ނުހުޅުވި ދޯ؟ ނިދާފަ ކަންނޭނގެ. ކިހިނެތް ހަދަން...." ފުރޮޅުލީ ގޮނޑީގެ އަތްގަނޑުގައި ހިފަމުން އަފްސަމް ބުނެލިއެވެ.
އަފްސަމްގެ ޖުމްލަ ފުރިހަމަ ނުވަނީސް، ޔަލްވީ ދޮރު ހުޅުވާލިއެވެ. ޔަލްވީ ހުރި ގޮތުން އަފްސަމްއަށް އިސްޖަހާލެވުނެވެ. ޔަލްވީ ލައިގެން ހުރީ ކުޑަ ޓޮޕްކޮޅަކާއި ކުރު ސޯޓުކޮޅެކެވެ. އެ ހެދުމުގައި ޔަލްވީގެ ހަށިގަނޑުން ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ. އަފްސަމް ދަންނަ އެއްވެސް ކުއްޖަކު އެފަދަ ހެދުމެއްގައި އޭނާގެ ކުރިމަތީގައި އުޅެފައެއް ނުވެއެވެ. ރަޔާންވެސް އިނީ ލަދުންނެވެ. ޔަލްވީގެ ހެދުން އެޅުމުގެ ވައްޓަފާޅި ރަޔާނަށް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ.
(ނުނިމޭ)