މާފަށްވުރެ ދުރުގައި

30 ޖޫން 2012 އާ ގުޅޭ

އޭނަ ގަދަކަމުން ކަރުނަތައް ހިފަހައްޓައިގެން އިނަސް ކުދިކުދިވަމުން ދިޔަ ހިތުގެ އާދޭހާއިއެކު ހެއްދެވިފަރާތަށް ދުޢާކުރިއެވެ. އަދި ތުރުތުރުއަޅަމުން ދިޔަ އިނގިލިތަކުން ނަމްބަރުތަކަށް ފިތަނިކޮށް ނީލާގެ ކަޅި ހުއްޓުނެވެ. އެ ނާޒުކް އަތުގެ ބާރުހުސްވެ ބޯ އެއްފަރާތަކަށް އެލިއްޖެއެވެ. އައިޒާންގެ އަތުން ފޯނުދޫވި އެވެ.

އައިޒާންއަށް ކޮއްކޮ އަބަދުގެ އަބަދަށްޓަކައި ނިދާލީކަން އެނގުމާއެކު ހިތަށް ކެތްނުކުރެވޭނެހެން ހީވި ހިނދުކޮޅެއް ވެސް ދިޔައެވެ. ދުނިޔޭގެ ހިގުން ހުއްޓުނުހެން ހީވިއެވެ. ނޭވާވެސް ނުލެވުނެވެ. އައިޒާން އެސްފިޔަޖަހާލަން ނޭގި، ގަނޑުވެފައިވާ ބުދެއް ފަދައިން އިންއިރު ލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަންފެށިއެވެ. ނަމަވެސް އޭނަ ލޮލުގައިވާ ކަރުނަ ފޮހެލީ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުންނެވެ. އިންސާނަކީ ވަގުތުޖެހުމުން ދުނިޔެއާއި ވަކިވެގެންދާންޖެހޭނެ މީހެއްކަން ހިތަށް ވިސްނާދެމުންނެވެ. އެއާއިއެކު ކޮއްކޮގެ ގާތުން މައާފަށް އެދުނެވެ. ބޭބެއަކަށްވެފައި ކޮއްކޮ އަށް ހިމާޔަތް ނުދެވުނީތީއެވެ. އަނިޔާވެރި ޝައިތާނުންގެ ފަރާތުން އެކޮއްކޮ ރައްކާތެރިކޮށްނުދެވުނީތީއެވެ.އޭނަ ދުއާކުރިއެވެ.ކޮއްކޮއަށް ސުވަރުގޭގެ ދާއިމީ ނަސީބު ދެއްވުމަށެވެ. އެއަނިޔާވެރިޔާއަށް އެކަމުގެ ސަޒާ ދެއްވުން އެދިއެވެ.

މި ލިބުނީ އިބުރަތެއްކަމަށް އޭނަދެކުނެވެ. އަމިއްލަ އަންހެންދަރިއަކު ހުރިއްޔާ ފުރާނަ ގުރުބާންކޮށްގެންވެސް އޭނަ އެކުއްޖަކަށް ސަލާމަތްކަން ދޭނެއެވެ.

އައިޒާން ބޭނުމީ ވީހާވެސް ދުރަކަށް ދިއުމަށެވެ. އޭނަ ކުރިޔަށް ފިޔަވަޅުތައް އަޅަމުން ދިޔައިރު އެ ލޮލުގައިވީ ހުސްކަމެވެ. ސިކުނޑިހީވީ ފަޅައިގެންގޮސްދާނެހެނެވެ. ހަޔާތުގެ ހުރިހާ އުފަލެއް ފޭރިގެންފައިވާ އިންސާނަކާއި އައިޒާން ތަފާތެއްނެތެވެ. އާޓިފިޝަލް ބީޗްގައިވާ ސިމެންތި ގޮނޑިއެއްގައި ވަރުބަލިގޮތަކަށް އިށީދެ ދެއަތުގެތެރޭގައި މޫނު ފޮރުވާލީ ކުޑަކުއްޖެއްފަދައިންނެވެ.

" ޒާން.މިތާ!!!.. ކީއްތިކުރަނީ؟ "މައިރާގެ މާމުޔަށްވުރެ ފޮނިއަޑު އިވުމުން އައިޒާން އިންގޮތަށް އިދެ ބޯ އަނބުރާލައިފިއެވެ. މައިރާ ފެނުމުން އައިޒާން ގެ ހިތަށް ކުރިއަށްވުރެ ބޮޑަށް އަސަރުކޮށްފިއެވެ. ބޭ އިޚުތިޔާރުގައި މައިރާގެ ގައިގާ ހިފައިގަނެވުމާއިއެކު ރޮވިއްޖެއެވެ. އިރުކޮޅަކަށްފަހު އެ ކުރެވުނުކަންތައް ރޭކާލުމާއިއެކު އޭނަ މައިރާގެ ގައިން ދޫކޮށްލާފައި ދުރަށް ޖެހުނެވެ. މައިރާ ހުރީ ސިހި ހައިރާންވެފައެވެ. އޭނަ ހަމައެކަނި ހައި އެއް ޖަހާލާފައި ދާންއުޅުނުތަނުން އައިޒާން މިހެދީ ކީއްހެއްޔެވެ؟ އައިޒާންއަށް ވީ ކީއްހެއްޔެވެ؟ ބޮޑު ސިންގާ ފިރިހެނުން ރޮއި އުޅޭކަމެއް އޭނަ ނުދަނެއެވެ.

"މޭއިއަށް އަހަރެންގެ ކުޑަ ކޮއްކޮ ނީލް އެގެއެއްނު... އެދުވަހު ފޮޓޯ އިން ފެނިގެން މޭއި ބުނީމެއްނު ހީވަނީ ބޭރުކުއްޖެއްހެނޭ. ނީލް މަރުވެއްޖެ..." އައިޒާން އަސަރާއިއެކު އެހެން ބުނުމުން މައިރާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ނަމަވެސް މައިރާގެ ލޮލުގައި ކަރުނައިގެ އެއްވެސް އަސަރެއް ނެތެވެ. މައިރާ ކިތަންމެ ދެރަވިޔަސް މީހަކަށް ފެނިގެން އޭނަ މިވީހާތަނަށް ރޮއިފައެއްނުވެއެވެ. ކަރުނައަކީ ޅައިރު އޭނަގެ މަންމަ ވަކިވެގެން ދިޔަ ހިސާބުން ފެށިގެން އޭނައަށް ބީރައްޓެހި އެއްޗެކެވެ. ހިތް ކުދި ކުދިވެ ފައިބައިގެން ދިޔަކަމުގައި ވިޔަސް އެލޮލުން ކަރުނަތިއްކެއް އައުމަކީ ނާދިރުކަމެކެވެ.
"އައިމް ސޮރީ..."މައިރާއަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ. އިތުރަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އައިޒާންގެ ހިތާ ސިކުނޑިއަށް ކޮށްފައިވާ ފުން އަސަރުތަކެއްގެ ސަބަބުން، އޭނާގެ ގެއާ ދުރަށް، މާދުރަށް ދާން ބޭނުންވިކަމުގައި ވިޔަސް ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ކޮއްކޮ މަރުވެގެން އުޅޭކަން ހަނދާންވުމާއިއެކު މައިރާއަށް ކުޑަ ހިނިތުންވުމެއް ދިނުމަށްފަހު ދާން ހިގައިގަތެވެ. އޭރު މައިރާގެ ޑްރައިވަރުވެސް އޭނަ ބަލާ އަތުވެއްޖެއެވެ. މައިރާ ޑްރައިވަރ ގާތުގައި އެދުނީ ހ.ޑިއުގެ ކުރިމަތީގައި ހުންނަ ފޮތް ފިހާރައަށް އޭނަ ގެންދިއުމަށެވެ. ނީލާގެ މޫނު ދެކެފައި ނޫނީ ގެއަށް ނުދާން މައިރާވަނީ ނިންމާފައެވެ. މާމަމެންގެ ސުވާލުތައްކުރިމަތިވެއްޖެއްޔާ އެކުވެރިއެއްގެ ކޮއްކޮއަކު ނިޔާވެގެން އެގެއަށް ދިޔައީކަމަށް ބުނެވިދާނެއެވެ. ހަގީގަތަކީވެސް އެއީއެވެ.

ނީލާ މަރުވެފައި އޮތްތަން ފެނުމުން ސަބީން އައިޒާންގެ ގައިގާ ހިފައިގަނެގެން ރުޔެވެ. ކޮއްކޮ މަރުވިކަން ޤަބޫލުކުރަން އޭނަ ހުރީ ތައްޔާރުގައެއްނޫނެވެ. ބައްޔަކާއި ނުލައި ސިއްހަތު ރަގަޅު ކުޑަކުއްޖަކު ހަމަމަރުވާންވީ ހެއްޔެވެ؟ އެއީ އެކަށީގެންވާކަމެއްނޫނެވެ. އެ ލާނެތް ސަކަ ކުއްޖާ ވަދާޢުގެ ސަލާމްކުރާނެ ފުރުސަތެއް ނުދީ އަބަދަށްޓަކައި ލޯމަރާލައިގެން ނުވާނެއެވެ. މިއީ ސަމާސާއެކެވެ. ސަބީން ހަނދާންވީ އަބަދުހެން ފާޚާނާއަށް ނުވަދެވިގެން ދެމީހުން އަރައިރުންވި ވަރެވެ. ނީލާ ފާޚާނާގައި އުޅެންޏާ ސަބީން ލަސްވެގެން ދޮރުތަޅައިގަނެއެވެ. އެފަދަ ކޫސަނި ކަންތައްތަކާއި ދެކުދިން އަރައިރުންވެ ޒުވާބުކޮށްފައިވަނީ ކިތައް ފަހަރުހެއްޔެވެ؟ ތޮޅުނަސް ސަބީން ކިތަންމެ ވަރަކަށްވެސް ނީލާދެކެ ލޯބިވެއެވެ. ނީލާ ގާތު އެވާހަކަ ނުބުނެވިގެން އުޅެނިކޮށް މިދިނީ ކޮންފަދަ ވަރުގަދަ އަދަބެއް ހެއްޔެވެ؟ ސަބީން މޫނުގައި އަތްއަޅައިގެންހުރެ ގިސްލިއެވެ. ރުޔެވެ. އެކަރުނަތަކުން ހިލަހިތްތަކަށްވެސް އަސަރުކުރާނެހާ ވަރަށް އޭނަ ކަރުނަ އޮއްސިއެވެ.

ނީލާ ވަޅުލުމަށްޓަކާ ކަށުނަމާދުކުރަން ސަފުހަދާލިތަނާ ހަމީދު އައިގޮތަށް އައިސް ސަބީން ގެ އަތުގައި ހިފާ ހޫރާލައިފި އެވެ.

"ނަމާދަށް އަރަންވީ ރޮނާލްޑޯ ޖެހި ޓީޝާޓްގައިތަ؟ ބަލަ ފާޑުފާޑު ނަސާރާއިންގެ ނަންނަމާ، އެމީސްމީހުންގެ ފޮޓޯޖަހާފަ ހުންނަ އެއްޗެހިލައިގެން މިސްކިތަށް ނުވަދެވޭނެކަން ކަލެއަށް ނޭގޭދޯ... މިސްކިތަށް ދުވަހަކު ނާރާމީހަކު ކޮންމެހެން ކަށުނަމާދަށް އަރާނެކަމެއްނެތް... މިތަނުން ނުކުމެގެން ދަނޑަށް ދޭ..." ހަމީދު އުޅެގަތް ގޮތުން އެތައް ބަޔެއްގެ ލޯ އޭނައަށް އަމާޒުވިއެވެ. ސަބީން ފަބްރެގާސް ގެ ޖާޒީގައި ހުރިއިރުވެސް ހަމީދުއަށް އެއީ ކޮން ފުޓްބޯޅަކުޅުންތެރިއެއްގެ ނަންކަން ޔަގީން ނުވުމުން އަބަދު ކިޔެނީ އޭނަ ދަންނަ ރޮނާލްޑޯގެ ނަމެވެ.

އެ މަންޒަރު ފެނުމުން އައިޒާންގެ ލޭ ކެކުނު ނަމަވެސް އޭނަ ހުރީ ކެތްތެރިވެލައިގެންނެވެ. އެތައް ބަޔެއްގެ ކުރިމަތީގައި މަންމަގެ ފިރިމީހާ ބަދުނާމުކުރުމުގެ މާނައެއް އައިޒާންއަކަށް ނުފެނުނެވެ. ނަމަވެސް އައިޒާންގެ އަތް މުއްކެވި ދަތްކުނޑި ވިކައިގަނެވުނީ ދަތްތައް ބިންދައިގެންދާހާބާރަށެވެ. މީހަކުދެކެ މިވަރުގެ ރުޅިގަނޑެއް އައި ހަނދާނެއް އައިޒާން ނުވެއެވެ. އައިޒާން އަކީ އެންމެން ރުޅި މަޑުކަމަށް ކިޔާ ޒުވާނަކަށް ވިޔަސް އިންސާނުންގެ ގައިގާ ލައްވާފައިވާ ޝައިތާނީ ބައި މިފަހަރު ހިލުވާލުމުގައި ހަމީދު ކާމިޔާބުކޮށްފިއެވެ.

ހަމީދުގެ ގާތުގައި ތިބިމީހުން ކޮންމެވެސް ވާހަކަތަކެއް ދައްކައިގެން ހަމީދުމައިތިރިވިއެވެ. އައިޒާން ނީލާގެ ކަށުކަމާކެމީގެ ކަންތަކަށް ފަހު މަންމަ އަތުލަފިކޮށްގެން ގެއަށް ގެންދިޔައެވެ. އޭރުވެސް ސަމީނާގެ ލޮލުން ކަރުނަ ހުހެއްނުވެއެވެ. ރޮއިރޮއިފަ ދަރިފުޅު ގެނެސްދޭން އެދި އެންމެން ގާތުގައި ސަމީނާ އާދޭސްކުރަމުން ދިޔަގޮތުން މަންމަގެ ހެޔަށް ގޮތެއްވެފައިވާކަން އައިޒާން ދެނެގަތެވެ. އައިޒާން މަންމައަށް ބޭސްކާންދީފައި ސޯފާގައި ބޭއްވިތަން ބަލަހައްޓައިގެން ހަމީދުއިނެވެ.

"ރުއީމަ ނީލާ އެބުރި އަންނާނެތަ؟ ތިއުޅެނީ ނީލާއަށް ކަށްވަޅުގައި އޮވުނަ ނުދޭން... މަށަށް ކާން ހަދާބަލަ..." ހަމީދު ތަންކޮޅެއް ރުޅިގަދަވެފައި ހުރިގޮތަކަށް ބުނެލިއެވެ. އޭރު އައިޒާން އިނީ ފާރުގައި ބުރަކަށި ޖައްސާލައިގެން ދެލޯމަރާލައިގެންނެވެ. އޭނަގެ މޫނުވަނީ ރަތްވެފައެވެ.

"ތަސްބީހައެއްހެން މަގޭ ދަރިއޭ ކިޔާއިރު ނީލާ މަރާލީ ފާޑެއްގެ ބޭހެއް ކާންދީގެން..." ސަމީނާ ޖަވާބެއް ނުދިނުމުން ހަމީދުގެ ރުޅިގަދަވެ ހަޅޭއްލަވައިގަތެވެ. ހަމީދު ގެ އެ ޖުމްލައާއިއެކު އައިޒާންގެ ކެތްތެރިކަންކޮޅުންލައިގެން ދިޔައެވެ. އޭނަ އެއައި ބާރުމިނުގައި ހަމީދުގެ މޫނުމަތީގައި ޖެހުމުން ލިބުނު ސިހުމުގައި ހަމީދުގެ އަނގަ އެއްފަރާތަކަށް އެރިއެވެ. އައިޒާން ހިތްހަމަޖެހޭވަރު ނުކުރެވުނީ މަންމަ ބަލިކަމުންނާއި އެކީގައި ގޭތެރޭގައި ހަނގުރާމައެއް ނުފަށަންވެގެންނެވެ. ނީލާގެ ނޯޓް ފޮތް ފެނުމަށްފަހު އައިޒާންގެ ހިތުގައި ހަމީދުއާއިދޭތެރޭގައި ހަމްދަރުދީގެ ކުނޑިފަށެއްވިނަމަ އެކަން ކެޑިގެން ހިގައްޖެއެވެ. ހަމްދަރުދީވެވޭނީ އިންސާނުންގެ ގިންތީގައި ހިމެނޭމީހުންނަށެވެ. މިއީ އެ ގިންތީން ބޭރުވެފައިވާ އާދަމުގެ ދަރިއެކެވެ.
"މަންމައާއި ދިމާލަށް ހިތަށް އެރި އެއްޗެއް ކިޔަންޏާ މަށެއް ހިމޭނުން ނުހުންނާނަން..."އައިޒާން ހަމީދުގެ ލޮލުގެ ކުރިމަތީގައި އިނގިލި ހޫރާލަމުން ދިން އިންޒާރުން ހަމީދު ރަގަޅަށް ބިރުގަނެއްޖެއެވެ. އެ ލޮލުގައި ވި ރުޅިވެރިކަންވެސް ހަމީދުގެ ހިތް ގުޑުވާލައިފިއެވެ. އައިޒާން އޭނަގެ މަންމަ ގެ ދިފާއުގައި ހަމީދުއަށް ކޮންމެފަދަ އަނިޔާއެއްކޮށްފާނެ ކަމަށް ހަމީދުގެ ހިތް ބުނަން ފެށުމުން އަމިއްލަ ދިފާއުގައި ވަކާލާތުކުރަން އަނގަ ހުޅުވާލާކަށް ނުކެރުނެވެ. ހަމީދު ކާބަޔަށް ވަދެ ކާންފެށީ ހިމޭނުންއިދެއެވެ. އެހެން އިންއިރު ސިއްރުން އައިޒާންކުރާކަމެއް ބެލެމުންދިޔަ އެވެ. އޭނައިނީ ބިރުގެންފައެވެ. އައިޒާންއަށް ހަގީގަތް އެގުނުކަމުގެ ޝައްކުވެ ކަންބޮޑުވެފައެވެ. އައިޒާން ގޮދަޑިމަތީގައި އޮށޯވެލައިގެން ލޯ މަރާލައިގެން އޮތަސް އޭނަ އޮތީ ނިދާފައި ނޫންކަން ހަމީދު ދެނެގަތެވެ. ހަމީދު ވިސްނަމުން ދިޔައީ އައިޒާންގެ ފަރާތުން ބަދަލުހިފާނެ ގޮތަކާއިމެދުގަ އެވެ.

އާޓިފިޝަލް ބީޗަކީ އައިޒާންގެ އެންމެ ހިތްގައިމު އެއް މަންޒިލެވެ. އޭނަފަދަ އެކަނިވެރި ޒުވާނަކަށް މިތަން ވެފައިވަނީ ދުނިޔެމަތީގެ ސުވަރުގެކަމުގައެވެ. މިތަނުގެ ގޮނޑިއެއްގައި ރިހި ރާޅުތަކަށް ބަލަހައްޓައިގެން އިށީދެލައިގެން އިންއިރު ލޮނުގެ ތެތްކަން އެކުލެވޭ ވައިރޯޅިތަކެއް އޭނަގެ އިސްތަށިގަނޑު ވިހުރުވަމުން މޫނަށް ގޯނާކުރަމުން ދިޔައީ ހަމްދަރުދީއާއިއެކުގަ އެވެ. އޭނަލައިގެން ހުރީ ފުދޭވަރެއްގެ ތުނި ގަމީހެއް ކަމުން ވައި އަޅުވަން ފެށުމުން ފިނިވެ ހީކަރުވާގޮތްވި އެވެ. ނަމަވެސް އައިޒާން އެކަނިމާއެކަނި ދުރަށް، މާދުރަށް ބަލަހައްޓައިގެން ހިމޭނުން އިނީއެވެ. އިރުކޮޅަކުން ބަނޑުހައިކަން އިހުސާސްކުރެވެންފެށި އެވެ. އޭނަ މިހިރީ ހެނދުނު ނާސްތާކުރި ގޮތަށެވެ. މެންދުރު ކޯކްއެއް ބުއިނަމަވެސް މިހާރު އެފަހުން ކޮންއިރެއްހެއްޔެވެ؟ އައިޒާން އިންގޮތަށް އިދެ ޖިންސްގެ ޖީބުން ވޮލެޓް ނަގާފައި ލާރިހުރިވަރު ގުނާލިއެވެ.

"ޒާން..." މައިރާ ގޮވާލިއަޑު އައިޒާންއަށް އިވުނީ ދާދިކާރިންނެވެ. ހަމްދަރުދީ އާއި ލޯބި އެކުލެވޭފަދަ ރާގެކެވެ. އައިޒާންގެ ހަލަބޮލި ހިތަށް ލިބުނު ފިނިކަމަކަށް އެ ހިތްގައިމު އަޑުވެގެން ދިޔައެވެ. އެހިސާބުގައި ދިއްލާފައިވާ ހޮޅިބުރިއެއްގެ ފަނޑުއަލީގައިވެސް އައިޒާންގެ ބަރު އެސްފިޔަތައް ތެމިފައިވާތަން މައިރާއަށް ފެނުނެވެ.
"މޭއި... އަހަރެން ދުށިން މޭއި ނީލްގެ މޫނު ދެކެން އައިއިރު... މީހުން ގިނަވީމަ ވާހަކަ ދައްކަން ނުދިޔައީ... މޭއި ހާދަ ރަނގަޅޭ..."އައިޒާން ފިނިވެފައިވާ ދެއަތްތިލަ މަހާލަމުން ކުރެހިފައިވާ އަޑަކުން ބުންޏެވެ.
"އެއީ އެވަރުކަމެއް ނޫން ޒާން... އަހަރެން ވަރަށް ދެރަވި އެ އުމުރުގެ ކުއްޖަކު މަރުވީމަ... ނީލް ވަރަށް ލޯބި... ހީވީ ނިދާލާފައި އޮތްހެން... "މައިރާވެސް އިށީނީ އައިޒާން އިން ގޮނޑީގައެވެ. އެ ދޭތެރޭގައި އެހެންމީހަކަށް އިށީދެވޭނެ ޖާގަހުއްޓެވެ. އައިޒާން މައިރާއާއި ދިމާލަށް ބަލާލުމަށްފަހު ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އުމުރުގައި ލިބުނު އެންމެ ބޮޑު ހިތާމައިގައިވެސް މައިރާގެ ރީތިކަމާއި "ލެކޯސްޓޭ" ގެ ޚާއްސަ ،މީރުވަސް އައިޒާންގެ ހިތަށް ފިނިކޮށްލަދީފި އެވެ.
"އެނގޭތަ؟ ނީލް އަބަދު މީރުވަސްދުވާ ސެންޓްޖަހާ ހިތުން އުޅޭނެ... އެހެންވެ ކޮއްކޮގެ އުފަންދުވަހު ސެންޓް ގަންނަންވެގެން ފިހާރައަކަށްވަދެ ވަސް ބަލަމުންގޮސް އެންމެ ހިތްގައިމުވީ ލެކޯސްޓޭ... މޭއިއާ ދިމާވާ ކޮންމެ ފަހަރަކު އެ ސެންޓް ޖަހައިގެން ހުންނަކަން ފާހަގަވޭ..."އައިޒާން ނިތްކުރީގައި ފިރުމާލަމުން ބުންޏެވެ.
"ދެމީހުންގެ ފެވެރިޓް ސެންޓް މިވީ އެކައްޗަކަށް ދޯ..."މައިރާ ކުޑަކޮށް ނުތަނަވަސްވިއެވެ. އޭނަގެ ޑްރެސިންޓޭބަލް އަގުބޮޑު އެތައް ސެންޓުފުޅިތަކުން ފަޅުފިލާފައިވާ ވާހަކަ އައިޒާންގާތުގައި ބުނާކަށް ނުކެރުނެވެ. ލެކޯސްޓޭއަކީ ވެސް އޭގެ ބަޔެކެވެ. ގިނަވާނީ އޭނަގެ ލޯބިވެރިޔާ ރެޔާން އެކި މުނާސަބާތަކުގައި ހަދިޔާކުރި ފުޅިތަކެވެ.

އައިޒާން ހުރީ ކޮއްކޮމެނަށްޓަކައި ފެންފަދައިން ފައިސާ އޮއްސަން ތައްޔާރަށެވެ. އޭނަ ވަޒީފާ އަދާކޮށްގެން ލިބޭ ލާރިއަށް އަމިއްލަ އެއްވެސް ޚަރަދެއް ނުކޮށް ނޮކިއާ ބައްތިގަޑެއް ގެންގުޅެމުން ކޮއްކޮމެންނަށް އަގުބޮޑު އެއްޗެހި ހޯދަދިނެވެ. ނީލާ ގެންގުޅުނީ އައިޒާން ގަނެދިން އެކްސްޕީރިއާ ފޯނެކެވެ. ފޯނު ލިބުނު ދުވަހު ނީލާ އުފަލުން މުޅި ގޭތެރޭގައި ދުވެ ފުމެ އުޅުނެވެ. އޭނަ ހާދަވަރަކަށް ކޮއްކޮމެނަށް ރަގަޅު އުފާވެރި ދިރިއުޅުމެއް ހޯދަދޭން މަސައްކަތްކުރިއެވެ. ހުވަފެންތައް ދެކުނެވެ.
"ނީލް މަތިން ހަނދާންވާވަރުން ގެއަށް ވަންނަހިތެއްވެސްނުވޭ... ނަމަވެސް ހިތްވަރުކުރަންވާނެ ދޯ... ނަމާދު ގަޑިވެސް ޖެހެނީ... ކިރިޔާވެސް ހިތަށް ހަމަޖެހުމެއްލިބެނީ ނަމާދު ކޮށްލައިގެން..."އައިޒާން ހިތާމަވެރި ހިނިތުންވުމަކާއެކު އެހެން ބުނަމުން ދެލޯ ފޮހެލިތަން މައިރާއަށް ފެނުނެވެ. މައިރާގެ ލޮލުން ކަރުނަ ނަޔަސް ހިތް ރުޔެވެ.

އެވަގުތު މައިރާގެ ފޯނު ރިންގުވާންފެށި އެވެ. މައިރާ މޮބައިލްގެ ޑިސްޕްލޭއަށް ބަލާލުމާއިއެކު ހިތް ތެޅިގަތެވެ. އޭނަ އަވަހަށް ފޯނު ކަންފަތުގައި ޖަހާލަމުން ތަންކޮޅެއް ދުރަށް ދިޔައެވެ. އައިޒާންގެ ހަލާކުވެފައިވާ ހިތަށް އެ ސިކުންތުކޮޅު ތެރޭ ނޭގޭ ބިރުވެރިކަމެއްވަނެވެ. ތުނޑުތޫނު ކަށިތަކެއް ހެރުނުހެން ހީވިއެވެ. އައިޒާން ކިތަންމެވަރަކަށް ވޮލެޓާއި ކުޅެން އިންނަމަވެސް އޭނަގެ ކަންފަތް ސަމާލުވެފައިވަނީ މައިރާ ދައްކަމުން ދިޔަ ވާހަކަތަކަށެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު