އަޒްލަފް އެންމެ ފުރަތަމަ ގޮސް ހުއްޓުނީ އަށްސަތޭކަ އެއްވަނަ ކޮޓަރިީގެ ދޮރުމަތީގައެވެ. އެއީ ނަރުހުންގެ ޖަގަހައާ އެންމެ ކައިރިއަށް ހުންނަ ކޮޓަރިވެސް މެއެވެ. ވަންނަ ދޮރުން ބަލާލާއިރު އެންމެ ބިއްދޮށުގައި ހުންނަނީ އެ ކޮޓަރިއެވެ. ދޮރު ހުޅުވާލާފައި އަޒްލަފް އެތެރެއަށް ވަނުމުން އޭނާއާއެކު، އައި ޓީމްވެސް އެތެރެއަށް ވަދެލިއެވެ.
އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިން ރާމިޒާ ފަސް އެނބުރި ބަލާލުމަށްފަހު، ގޮނޑިން ތެދުވެލީ ޑޮކްޓަރުން އެތެރެއަށް ވަނުމުންނެވެ.
"އައްސަލާމް ޢަލައިކުމް." އަޒްލަފް ސަލާމް ގޮވާލުމުން، ރާމިޒާ ސަލާމަށް ޖަވާބު ދިނެވެ.
"މީ ނިއުރޯ ސާރޖަން ޑޮކްޓަރ އަޒްލަފް!. ފެނި ވާހަކަ ދެކެވިފަ ދޯ ހުރީ މީގެ ކުރިންވެސް." އަޒްލަފް ބުނެލިއެވެ.
"އާދެ." ރާމިޒާ އަދަބުވެރިކަމާއެކު، ޖަވާބު ދިނެވެ.
"މީގެ ކުރިން މައުވާގެ ފަރުވާގެ ކަންތައްތައް ބަލަހައްޓަމުން ދިޔައީ ޑޮކްޓަރ ރާޖޫ. އެއީ މައުވާ އެޑްމިޓް ކުރެވިފަ އޮތީ ރާޖޫގެ ބެލުމުގެ ދަށުގައި ކަމަށްވާތީ. ރާޖޫ އިންޑިއާއަށް ބަދަލުވާތީ ދެން މީގެ ފަހުން މައުވާގެ ފަރުވާގެ ޕްރައިމަރީ ކޮންސަލްޓޭންޓަކީ އަޅުގަނޑު. ރާޖޫ ވިދާޅުވި ޕޭޝަންޓް މަންމައަށް މި ހުރިހާ ކަމެއް ކިޔާލަދިން ވާހަކަވެސް. " އަޒްލަފް އޮޅުން ފިލުވައިލަދިނުމާއެކު، ރާމިޒާ ބޯ ޖަހާލީ އޭނާއަށް އެ ހުރިހާކަމެއް އެނގެޔޭ ބުނުމުގެ ގޮތުންނެވެ. އަޒްލަފް އަކީ މައުވާގެ ކަންތައްތަކުގައި ގޮތް ނިންމާ ޑޮކްޓަރަށް ނުވި ނަމަވެސް، މިވީ ދެ އަަހަރުގެ ތެރޭގައި އަޒްލަފް ފެނި، ވާހަކަ ދެކެވިފައިވާތީއާ، އަޒްލަފްގެ ޤާބިލްކަން ފެނިފައިވާތީ ރާމިޒާ ހުރީ ހިތްހަމަ ޖެހިފައެވެ. އިތުރު އެއްޗެއް ބުނުމެއްނެތި ރާމިޒާއަށް ބަލައިލެވުނީ މައުވާއަށެވެ.
"އެކަމާ ބެހޭގޮތުން އިތުރު ސުވާލެއް އެބައޮތްތޯ؟" އަޒްލަފް މައުވާއަށް ބަލާލުމަށްފަހު، ރާމިޒާއަށް ނަޒަރު ހުއްޓާލިއެވެ.
"ނޫން." އެ ހުރި ގޮތަށްހުރެ ރާމިޒާ ބުނެލިއެވެ.
"ކުރިއެކޭ އެއްގޮތަށް އަޅުގަނޑުވެސް މައުވާގެ ފަރުވާ ކުރިއަށް ގެންދާނީ މަޝްވަރާކުރަން ޖެހޭ އެހެން ހުރިހާ ސްޕެޝިއާލިޓީ ޑޮކްޓަރުންނާއެކު މަޝްވަރާ ކުރަމުން." އަޒްލަފް ރާމިޒާއަށް އޮޅުން ފިލުވައިދެމުން ދިޔައެވެ. ދައްކަމުންދިޔަ ހުރިހާ ވާހަކައަކަށް ބޯ ޖަހާލުން ފިޔަވާ އިތުރު އެއްޗެއް ރާމިޒާ ނުބުނެއެވެ. އަޒްލަފް، މައުވާ އެގްޒަމިން ކުރުމަށްފަހު މަޝްވަރާދިނީ ފަރުވާ މިހާރެކޭ އެގޮތަށް ކުރިއަށް ގެންދިޔުމަށާއި، މައުވާގެ ޙާލަތަށް އިތުރު އެއްވެސް ބަދަލެއް އަތުވެއްޖެނަމަ ލަސްނުކޮށް އޭނާއަށް ގުޅުމަށެވެ.
"މައުވާގެ ބައްޕަ ކޮބާތޯ؟" މިވީ ދެއަހަރު ދުވަހުގެ ތެރޭގައި ރާމިޒާއާއި ވަސީމަކީ ގިނަ ވަގުތު މައުވާގެ ކައިރީގައި ހޭދަކުރާ ދެމީހުންކަން އަޒްލަފްއަށް ވެސް ވަނީ އެނގިފައެވެ. ޚާއްސަކޮށް، މައުވާ ބަލަން އަންނަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ދެމީހުންނާ ދިމާވެއެވެ. އެހެންކަމުން އަޒްލަފް އެހެން އަހައިލީ މިއަދު ވަސީމް ނުފެނުމުންނެވެ. އަޒްލަފްގެ ސުވާލާއެކު، ރާމިޒާގެ މޫނުމަތިން އިހުނަށްވުރެ ބޮޑަށް ހިތާމައިގެ އަސަރު ފާޅުވާން ފެށިއެވެ. އެމޫނުމަތި އެއްކޮށް މިލައިގެން ގޮސް އިސްޖަހާލެވުނެވެ. މޫނުމަތިން މާޔޫސްކަމާއި ވޭނުގެ އަސަރުތައް ފޮރުވޭގޮތެއް ރާމިޒާއަަކަށް ނުވިއެވެ. އެއަށްވުރެ ބޮޑަށް ފިރިމީހާގެ ހަނދާންތައް އޭނާއަށް އާވެގެން ދިޔައެވެ. އެ ސުވާލު އެގޮތަށް އަޒްލަފް އެ ކުރީ ކީއްވެގެންކަމާއި އޭގައި އަޒްލަފްގެ ކުށެއް ނެތްކަން ރާމިޒާއަށް އެނގުނު ނަމަވެސް، ހިތުގެ ގިލަންވެެރިކަމުގެ ސަބަބުން، އެ އަސަރުތައް ފޮރުވޭ ގޮތްނުވީއެވެ. ބަލިކަށިވެފައިވާ ހިތުން އަނެއްކާވެސް ލޭ އޮހޮރިގެން ގޮސް މޫނުމަތިން ވޭނުގެ އަސަރު ފާޅުވީވެސް އެހެންވެގެންނެވެ.
ރާމިޒާއަށް އައި ކުއްލި ބަދަލުތަކުން މާނަ ނަގަންވީ ކިހިނެއްކަމެއް އަޒްލަފްއަކަށް ނޭނގުނެވެ. ބުނާނެ އިތުރު އެއްޗެއް ނޭނގުމާއެކު، އޭނާއަށް ކައިރީގައި ތިބި ނަރުސް ކުދިންނަށްވެސް ބަލައިލެވުނެވެ. ރާމިޒާގެ އެ މާޔޫސްކަން ގުޅިފައިވަނީ ކޮންކަމަކާ ތޯ އެނގެން ކިތަންމެ ބޭނުންވެފައި ހުރިނަމަވެސް، އެއީ ޑޮކްޓަރެއްގެ ހައިސިއްޔަތުން އެވަގުތަށް މުނާސަބު ކަމެއްކަމުގައި އަޒްލަފްއަކަށް ނުފެނުނެވެ. ކޮންމެވެސް ކަމެއްވެއްޖެކަން ޔަޤީން ކުރެވުނަސް ހިމޭންކަން އިޚްތިޔާރުކޮށްފައި އޭނާ އެތަނުން ދާކަން އަޒްލަފް، ރާމިޒާއަށް އަންގައިލީ އެހެންވެގެންނެވެ.
"މައުވާގެ ބައްޕަ ނިޔާވެއްޖެ." ނަރުސްކުދިންނަށް އިޝާރާތްކޮށްލާފައި ހިނގައިގަތް އަޒްލަފްގެ ފިޔަވަޅުތައް ހުއްޓުނީ ރާމިޒާގެ އަޑަށެވެ. އޭނާއަށް ފަސް އެނބުރި ބަލައިލެވިއްޖެއެވެ. ރާމިޒާގެ ދެލޮލުން އޮހޮރުނު ކަރުނަތައް ފެނުމާއެކު، އަޒްލަފްއަށް ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނެވެ. ލޯބިވާ ދަރިފުޅު އެ ޙާލުގައި އޮއްވާ ފިރިމީހާ ވަކިވުމުން ރާމިޒާއަށް ކުރާނެ އަސަރު އޭނާއަށް އަންދާޒާކޮށްލެވުނެވެ.
"އައި އެމް ސޮރީ…" ރާމިޒާއަށް އެ ހަނދާންތައް މާ ބޮޑަށް އެ އާވީ އޭނާ ސުވާލުކުރުމުންކަން އެނގުނު އަޒްލަފް މާފަށް އެދުނެވެ.
އަޒްލަފްއަށް ބަލާލުމަށްފަހު، ބޯ ޖަހާލާފައި ރާމިޒާ އޭނާގެ ކަރުނަތައް ފުހެލިއެވެ. އެއަށްފަހު، މައުވާއަށް ބަލައިލާފައި އޭނާ އަޒްލަފްއަށް ޝުކުރު އަދާކުރިއެވެ.
އަޒްލަފް އެ ކޮޓަރިން ނުކުތުމަށްފަހު، ފުންނޭވާއެއް ލިޔެވެ. ކުރިއަށް ހިނގައިގަންނަމުން އޭނާ އަދިވެސް އެއްފަހަރު މައުވާ އޮތް ކޮޓަރިއަށް ބަލައިލިއެވެ.
އަޒްލަފް، ރައުންޑްސް ނިންމާލާފައި ގޮސް ޑޮކްޓަރސް ރޫމަށް ވަދެ އެތަނުގައި ހުރި ސޯފާގައި ޖައްސާލިއެވެ. މޭ މަތީގައި ފޯނު ބާއްވާލައިގެން އޮއްވާ ފޯނު ރިންގުވުމާއެކު، އޭނާ އެ ކޯލަށް ޖަވާބު ދިނީ ޝައުފާއަށް ވީތީއެވެ.
"ހެލޯ." އަޒްލަފް ބުނެލިއެވެ.
"އާއިންގެ ސްކޫލަށް ބޭނުންވާ ބައެއް އެއްޗެހި ގަންނަން ޖެހިގެން މިއުޅެނީ. މިގަޑީގައި ދެހާސް ރުފިޔާ ފޮނުވާލެވޭނެތަ؟" އަޒްލަފް ފޯނު ނެގުމާއެކު، އެކޮޅުން ވާހަކަ ދެއްކި ޝައުފާ ބުނެލިއެވެ.
"ދެހާސް؟ މި ދިޔަ ހަފްތާގައި ފަސް ހާސް ރުފިޔާ ފޮނުވިން. އެ ހުސްވީ؟" އަޒްލަފްއަށް އެހެން ބުނެވުނީ ގަސްތަކު ނޫނެވެ. އޭނާ ހުރީ ޝަކުވާގެ އެންމެ ބަހެއްވެސް އެ ދުލުން ބޭރުކޮށްލާކަށް ނޫނެވެ. އެހެންނަމަވެސް، ކެތްނުކުރެވުމާއެކު، އެެހެން ބުނެވުނީއެވެ. ކޮންމެ ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް އަޒްލަފް، ޝައުފާއަށް ލާރި ދޭން ޖެހެއެވެ. ކޮންމެ ފަހަރަކުވެސް ޝައުފާ އެކަން ގުޅުވާލަނީ އާއިންއާއެވެ. އެހެންނަމަވެސް، މިހާރަކަށް އައިސް އެކަންތައް ތަންކޮޅެއް ބޮޑުވާހެން އަޒްލަފްއަށް ހީވަނީއެވެ. އާއިންއަށް ބޭނުންވާ އެއްޗެހި އޭނާ އާއިންއަށް ބަރާބަރަށް ހޯދައިދެއެވެ. ލާން ބޭނުންވާ އަންނައުނާއި، އާއިން ކާ ހިތްވާނެ ފަދަ ހުރިހާ އެއްޗެއްވެސް އޭނާ އެގެއަށް ކޮންމެ ދެ ހަފްތާއިން އެއް ހަފްތާގައި ފޮނުވައެވެ. އޭގެ އިތުރުން އެގޭގެ ކުލި ދެއްކުމާއި، އިތުރުކަމެއް ކުރަން ބޭނުންވަންޏާ އެ ބޭނުންވާ ވަރަކަށް ވެސް އޭނާ ފައިސާ ދެއެވެ.
"ކިހިނެއްވީ؟ އެވަރު ގިނަވީ؟ ޝަކުވާނުކޮށް ނުދެންޏާ ނުދޭނަމޭ ބުނީމަ ވީނުން. އަހަރެން ވަޒީފާއަކަށް ގޮސްގެން އާއިންއަށް ޚަރަދު ކޮށްފާނަމޭ." އެކޮޅުން ޝައުފާގެ ރުންކުރު އަޑު އިވުމާއެކު، އަޒްލަފްއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ތެދުވެ އިށީނުމާއެކު، އޭނާ ނިތުގައި އަތް ހާކާލިއެވެ.
"އާއިންއަށް ޚަރަދު ނުކުރާކަށް ނޫޅެމޭ. ޝައުފާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އާއިންއަށް ބޭނުންވާ އެއްޗެއް ހޯދާނުދީ ނުހުންނާނެކަން." އަޒްލަފް ބުނެލިއެވެ. "ސްކޫލުގައި ކަމެއް އޮތީތަ؟"
"ހޫމް. ސުކޫލުގެ އަހަރީ ދުވަސް ފާހަގަކުރާތީ. ކީއްވެތަ މާ ގިނަ ސުވާލު ތިކުރަނީ؟" ޝައުފާ ހަމަ ރަނގަޅަށްވެސް ހިތްހަމަ ނުޖެހިއްޖެއެވެ. ދެހާސް ރުފިޔާ އަކީ އަޒްލަފްއަށް ބޮޑު އެއްޗަކަށް ވެގެން ނުވާނެއެވެ. އަޒްލަފްއަކީ ޑޮކްޓަރެއްގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. އޭނާއަށް މަދުވަނީ ކޯންޗެއް ހެއްޔެވެ؟ ވީއިރު އެންމެ ދެ ހާސް ރުފިޔާ ދޭން ބޮޑުވެގެން އުޅެންޖެހޭ ހެއްޔެވެ؟
އާއިންގެ ސްކޫލުގައި ކަމެއްކުރަންޏާ އެކަމެއް އެނގުމުގެ ހައްޤު އަހަންނަށްވެސް އޮންނާނެއެއްނު. އެހެންވެ އަހާލީ. މި ފޮނުވަނީ." އެހާ ބައިވަރު ފައިސާއިން ޝައުފާ ކުރަން އެ އުޅެނީ ކީއްކަން އެނގެން ބޭނުންވިނަމަވެސް، އެވަގުތު ޝައުފާއާ ޖަދަލުކުރަން ބޭނުންނުވާތީ، އަޒްލަފް އެހެން ބުނެލާފައި ފޯނު ބޭއްވީއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ބޯ ކަހާލާފައި ފައިސާ ޓްރާންސްފަރ ކުރަން އެޕްލިކޭޝަން ހުޅުވާލިތަނާ، ލަސްވެގެން ޝައުފާ މެސެޖްކޮށްފިއެވެ.
"ވެއިޓް. ސެންޑިން. " އޭ ޖަހާލުމަށްފަހު، މެސެޖުކޮށްލާފައި ޝައުފާ އެބުނި ވަރަށް އަޒްލަފް ލާރި ފޮނުވާލިއެވެ. އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް މެސެޖެއް ލިބުނެވެ. ފައިސާ ލިބިއްޖެކަމުގައި ބުނެއެވެ. އިތުރު ވާހަކައެއް ނެތެވެ. ސޯފާގައި އޮށޯވެލާފައި އަޒްލަފް އަނެއްކާވެސް ފޯނު މޭމަތީގައި ބާއްވައިލިއެވެ.
*****
މައުވާ ކައިރީގައި އިނދެފައި ރާމިޒާ ގެއަށް ދިޔުމަށްޓަކައި ނުކުތީ މެންދުރުވީ ފަހުންނެވެ. އޭރު އޭނާއަށް ބަނޑުހައިކަން ވެސް އިޙްސާސްވަމުން ދިޔައެވެ. އޭގެ އިތުރުން އޭނާ ހުރީ ފެންވަރާ، ތާޒާވެލަން ވެސް ބޭނުންވެފައެވެ.
ހޮސްޕިޓަލުން ނުކުމެގެން ގޮސް މަގުމަތިން ޓެކްސީއަކަށް ރާމިޒާ އަތް ނެގިއެވެ. މެންދުރުގެ ހޫނު ގަދަ ވަގުތަށް ވުމާއެކު، އެ ގަޑީގައި ހިނގާފައި ދިޔުމަކީ ފަސޭހަކަަމަށް ނުވާތީ އިރުކޮޅަކު ޓެކްސީއެއް ލިބޭތޯ އޭނާ މަޑުކޮށްލީ ގެ ވެސް ދުރުކަމުންނެވެ. މީގެ ކުރިން ވަސީމާއެކު އޭނާ އުޅުނީ ހޮސްޕިޓަލާ ކައިރި އެޕާރޓްމެންޓެއްގައި ނަމަވެސް، ވަސީމް ނިޔާވިފަހުން ޖާވިދުގެ އެދުމަށް އޭނާ ޖާވިދުގެ އެޕާރޓްމެންޓަށް ބަދަލުވީ އެގޮތް ބޭނުންވެގެންނެއް ނޫނެވެ. އެހެންނަމަވެސް ޙާލަތުގެ ސަަބަބުން ކުލި ނުދެއްކޭނެތީ، އެކަން އެގޮތަށް ކުރަން މަޖުބޫރުވެގެންނެވެ.
އެންމެފަހުން ހިނގާފައި ދާން ރާމިޒާ ނިންމީ ލަސްވާން ފެށުމުންނެވެ. މެންުދުރު ނަމާދަށް ބަންގިގޮވީ އޭނާ މަގުމަތީގައި ހުއްޓައެވެ. ގެއާ ހިސާބަށް ދެވުނުއިރު، ހުރީ ލާހިތްލާ ފޯވެފައެވެ. އަމީނީ މަގުން އައިސް ލަނބާލާ ގޯޅިގަނޑެއްގެ ތެރޭގައި ހުރި ފަސް ފަންގިފިލާއަށް ނަގާފައިވާ ގެއެއްގެ ކުރިމަތީގައި ރާމިޒާ ހުއްޓުނެވެ. ގޭގެ ނަންބޯޑުގައި "ފަހި މަންޒިލް" ޖަހާފައިވެއެވެ. ދޮރުފަތް ހުޅުވާލުމަށްފަހު، އެތެރެއަށް ވަދެގެން، އޭނާ، ސިޑިން މައްޗަށް އަރަން ފެށިއެވެ. ތިން ވަނަ ފަންގިފިލާއާ ހިސާބަށް އެރުނުއިރު، ރާމިޒާއަށް ހަމަ ރަނގަޅަށްވެސް މާނޭވާ ލެވެއެވެ. ގެއަށް ވަންނަ ދޮރު ހުޅުވާލަން ދަބަސްތެރެއިން ތަޅުދަނޑި ނަގަން ވެގެން އުޅުނު ވަގުތު، އޭނާގެ ނަން ކިޔާލިހެން ހީވެ މަޑުޖެހެވުނެވެ. އަދި އެތެރެއިން ވާހަކަ ދައްކަނީ ޖާވިދުގެ އަންހެނުން ޒުލްފާކަން ވެސް އެނގުނެވެ. އެހެންނަމަވެސް ފަހުން އިތުރު އެއްޗެއް ބުނި އަޑު ނީވުމުން އޭނާ ތަޅުދަނޑި ލައްވާލާފައި ދޮރު ހުޅުވާލިއެވެ. އެއީ މެއިޑް ރޫމަކާއެކުގައި ތިން ކޮޓަރީގެ، މާ ބޮޑު ނޫނަސް އާދައިގެ ވަރެއްގެ އެޕާރޓްމެންޓެކެވެ. ރާމިޒާ އެތެރެއަށް ވަތްއިރު، ސިޓިން ރޫމު ސޯފާގައި ޒުލްފާއާއި ޖާވިދާ ދެމީހުން ތިއްބެވެ. ޒުލްފާ ތުން އަނބުރާލައިގެން އިންގޮތުން އޭނާ އެ އިނީ ހިތްހަމަ ނުޖެހިފައިކަން ރާމިޒާއަށް ދެނެގަނެވުނެވެ. އޭނާ މިގެއަށް އައި ފަހުން ޒުލްފާގެ ޙާލަކީ އެއީއެވެ. އެހެންނަމަވެސް، ކިތަންމެ ދެރަވިޔަސް، އިތުރު ގޮތެއް ނެތީތީ ހަނު ހުންނަން ރާމިޒާއަށް ވަނީ މަޖުބޫރުވެފައެވެ. ބޭބެ ޖާވިދަށް އޭނާ އިތުބާރުކުރާތީއާ ވެސް އެކުގައެވެ.
"ރާމިޒާ. އެއްޗެއް ކައިފިންތަ؟" ޖާވިދަށް ރާމިޒާ ފެނުމާއެކު، ސުވާލުކޮށްލިއެވެ. ރާމިޒާ ނޫނެކޭ ބުނެ ބޯ ހޫރާލުމާއެކު، ޖާވިދު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"މަސްހުންނާ ރޮއްޓާ ހުންނާނެ ދޯ ޒުލްފާ. މެންދުރުފަހުން ހޮސްޕިޓަލަށް ދަންޏާ ކައިގެން ދާތި." އާއެކޭ ބުނެލާފައި ރާމިޒާ ގޮސް އޭނާގެ ކޮޓަރިއަށް ވަނުމަށްފަހު، އިށީނީ އެތަނުގައި ބަހައްޓާފައި ހުރި ސިންގަލް އެނދުމަތީގައެވެ. ކުޑަ ކޮޓަރިއެއްކަމުން، ސިންގަލް އެނދަކާއި، ތިން ދޮރުފަތް ލީ އަލަމާރިއެއް ބަހައްޓާފައި، ދެން އޮންނަނީ ނަމާދުކޮށްލަން ހުންނާނެހާ ޖާގައެކެވެ. ފާޚާނާއަށްވަދެ ތާޒާވެލުމަށްފަހު، ނުކުމެ ރާމިޒާ މެންދުރު ނަމާދުކޮށްލިއެވެ. އެއަށްފަހު، ކޮޓަރިން ނުކުމެލީ، އެއްޗެއް ކާލުމުގެ ބޭނުމުގައެވެ. އޭނާގެ ކޮޓަރި ހުންނަނީ ސިޓިން ރޫމު ތެރެއިން ގޭތެރެއަށް ވަދެގެން ދެވެން އޮންނަ ހަނި ގޯޅިގަނޑުގައެވެ. ބާކީ ދެ ކޮޓަރި ހުންނަނީ އެ ގޯޅިގަނޑުން އެތެރެއަށް ވަންނައިރު ކުރިމަށްޗަށް، މޫނުޖެހޭ ދިމާލުގައެވެ. އެތަނުން އެއް ކޮޓަރީގައި އުޅެނީ ޖާވިދާއި ޒުލްފާއެވެ. އަނެއް ކޮޓަރީގައި އުޅެނީ އެ ދެމީހުންގެ ދެ އަންހެން ދަރީން ކަމުގައިވާ ވަފާއާއި ޔުމްނުއެވެ. ވަފާގެ އުމުރުން ފަންސަވީސް އަހަރުވެފައިވާއިރު، ޔުމްނުއަށް އަދި ވީ އެންމެ އަށާރަ އަހަރެވެ.
"މިހާރުވެސް ޚަރަދުތައް ދެކޮޅު ނުޖެހިގެން މިއުޅެނީ؟ ޖާވިދާއި ވަފާއަށް ލިބޭ އެއްޗަކުން ކިރިޔާ ބަނޑުފުރާނަ މުއްތިކޮށްލެވޭ ވަރު މި ވަނީ. ޔުމްނުވެސް އިތުރަށް ކިޔަން ބޭނުންވާއިރު، އެކަމަށް ވެސް ހާދަ ފައިސާއެކޭ ބޭނުންވާނީ." ރާމިޒާއަށް މަޑުޖެހެވުނީ ސިޓީން ރޫމުގައި އިން ޒުލްފާގެ އަޑު އިވުމުންނެވެ.
"ތިކަން އަހަންނަށްވެސް އެނގެޔޭ. އެކަމަކު އެއީ އަހަރެންގެ ވެސް އެއްބަނޑު އެއްބަފާގައި ހުރި ހަމައެކަނި މީހާއޭ. އަހަރެން ނޫނީ މިއަދު އޭނާގެ އިތުރު އެއްވެސް މީހަކު ނެތޭ." ޖާވިދު ބުނެލި އަޑު އިވުނެވެ. އެހެންނަމަވެސް، އެ އަޑު މަޑުކަމުން ހީވަނީ ރާމިޒާއަށް އަޑު އިވިދާނެތީ ބިރުން އުޅޭހެންނެވެ.
"ޖާވިދާ ވާހަކަ ދެއްކުމަށްވުރެ ހިތަށް ފަސޭހަ ވާނެ އެއްޗެއް ނުބުނެ ހުއްޓަސް." އެހެން ބުނެލާފައި، ޒުލްފާ އެތަނުން ތެދުވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތް ނަމަވެސް އޭނާއަށް ސިހުން ލިބުނީ ގޯޅިގަނޑުގައި މަޑުކޮށްލައިގެން ހުރި ރާމިޒާ ފެނުމުންނެވެ. އެ މޫނުމަތިން ފެނުނު އަސަރުތަކުން ރާމިޒާއަށް ދެންމެ ދެއްކި ވާހަކަތައް އަޑު އިވުނުކަން ޒުލްފާއަށް އެނގުނު ނަމަވެސް، އޭނާގެ ފަރުވާލެއް ނެތެވެ.
"ހުންނާނެ ބަތްވެސް ކައްކާފަ. ކާހިތްވާ އެއްޗެއް ކައިގެން ދާތި." އައިސްފައި ހުރި ރުޅިން ޒުލްފާއަށް އެހެން ބުނެވުނީ ވެސް ނުރުހުންތެރިކަމާ އެކުގައެވެ.
"ޒުލްފާ!. ޒުލްފާ!" ޒުލްފާއަށް ގޮވަމުން އެ ދިމާލަށް އައި ޖާވިދަށް ވެސް ސިހުން ލބުނެވެ. ހުއްޓުން އަރާފައި ރާމިޒާ ހުރިއިރު، ޒުލްފާ ކޮޓަރިއަށް ވަދެ ދޮރު ލައްޕަނީއެވެ.
"ރާމިޒާ… އަނެއްކާ… އަނެއްކާ ހޮސްޕިޓަލަށް ދަނީތަ؟" ރާމިޒާއަށް ހުރިހާ ވާހަކައެއް އަޑު އިވުނީކަމެއް، ނޫނީ ދަމުން ޒުލްފާ އެ ބުނި ބަސްތަކުގެ ސަބަބުން ރާމިޒާއަށް ވެފައި ހުރިގޮތެއްކަމެއް ބުނާކަށް ޖާވިދަކަށް ނޭނގުނެވެ. އެހެންކަމުން އޭނާ ހަމަޖެހެމުން ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ.
"ފެންވަރާލަންވެގެން މިއައީ. އަނެއްކާ މިދަނީ ދާންވެގެން." ރާމިޒާ ބޭނުންވެފައިހުރީ ކައިގެން އަރާމުކޮށްލަން ނަމަވެސް، ކަންފަތަށް އިވުނު ބަސްތަކެއްގެ ސަބަބުން އެކަމަށް އޭނާގެ ޒަމީރު ތަނެއް ނުދިނެވެ. އޭނާ ބޭނުންވީ ވީ އެންމެ އަވަހަކަށް އެގެއިން ނުކުތުމަށެވެ. ހިތަށްކޮށްފައިވި އަސަރުތަކުން އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުކުރާކަށް ރާމިޒާ ބޭނުމެއް ނުވިއެވެ. ދާނެ އިތުރު ތަނެއް ނެތުމާއެކު، ހަނދާނަށް އެންމެ ފުރަތަމަވެސް އައީ ހޮސްޕިޓަލުކަމަށްވީތީ އެތަނަށް ދާން އޭނާ ނިންމީއެވެ. ރާމިޒާ ހިނިތުންވެލަން އުޅުނު ނަމަވެސް، ނަފްސުގެ ހަރުކަށިކަން އެކަމަށް ތަނެއް ނުދިނެވެ. އޭނާއަށް އިސްޖަހާލެވުނީ އެހެންވެގެންނެވެ. އެ މާޔޫސީ މޫނު ޖާވިދަށް ފޮރުވާލުމުގެ ނިޔަތުގައެވެ.
"ކައިގެން ދައްޗޭ!" ޖާވިދު ރާމިޒާގެ ކޮނޑުގައި އަތް ޖައްސާލާފައި އެހެން ބުނެލުމަށްފަހު، ގޮސް ކޮޓަރިއަށް ވަނެވެ.
އެ މަންޒަރު ބަަލަން ހުރެފައި ރާމިޒާ ގޮސް ގެއިން ނުކުތެވެ. އިވުނު ވާހަކަތަކަށްފަހު، އެއްޗެއް ކެއުމުގެ ހިތްވަރެއްވެސް އޭނާގެ ނެތެވެ. ޓެކްސީއެއް ނަގައިގެން ހޮސްޕިޓަލަށް ދިޔުމަށްފަހު، އޭނާ ގޮސް މައުވާ އޮތް ކޮޓަރިއަށް ވަނުމާއެކު ރޮވޭ ގޮތްވިއެވެ. ޓިޝޫ ފޮށިން ޓިޝޫއެއް ނެގުމަށްފަހު، މޫނު ފުހެލާފައި އަނގައިން އަޑު ބޭރުނުކޮށްވޭތޯ ރާމިޒާ މަސައްކަތްކުރިއެވެ. މައުވާއަށް ބަލާލުމަށްފަހު، ދެލޯ މަރާލެވުނީ އޭނާގެ ހިތް ވިރިގެންދިޔަ ފަދަ އިޙްސާސްއެއް ކުރެވުނީތީއެވެ.
*****
ކްލާސް ތަންކޮޅެއް އަވަހަށް ނިމުމާއެކު، އަފްނާން ލައިބްރަރީއަށް ދާން ނިންމީ ހަދަންދީފައި އޮތް އެސައިންމެންޓަކަށް ބޭނުންވާ މައުލޫމާތުތަކެއް ނެގުމުގެ ބޭނުމުގައެވެ. ލައިބްރަރީއަށް ވަންނަން އުޅެނިކޮށް އޭނާއަށް ފޯނެއް އައުމާއެކު، އެތަނުގައި ހުރި ބެންޗުކައިރީގައި މަޑުކޮށްލީ ފޯނަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
"ޒާ… ޒާ…" އަފްނާންއަށް ސިހުން ގެނުވީ އިވުނު އަޑުންނެވެ. އޭނާ އަޑު އައި ދިމާލަށް ބަލާލިއެވެ. އޭނާ ހުރި ހިސާބާ އަރާ ހަމަވި ޒާޔާއާއި، އިތުރު ދެކުދިންގެ ފަހަތުން ދުވަމުން އައި އަންހެންކުއްޖާ ފެނުމާއެކު، އަފްނާންއަށް އެ ދިމާލަށް ބަލަން ހުރެވުނެވެ.
އެއްފަރާތުގައި ހުރި ބެންޗު ދޮށުގައި ފޯނު ކަންފަތުގައި ޖައިގެން ހުރި އަފްނާން، ޒާޔާއަށް ފެނުނީ ފަސްއެނބުރި ރިފާއަށް ބަލާލާފައި އެނބުރިލި ވަގުތެވެ. އޭރު ރިފާވެސް އޭނާއާ އަރާހަމަކޮށްފިއެވެ. ރިފާއަށް އަފްނާން ނުފެނުނީ ގަސްތަކުން އަފްނާން ހުރި ދިމާ ފޮރުވިފައި ވާތީއެވެ.
"ލައިބްރަރީއަށްތަ؟ އަޅެ ދެން ކީއްކުރަންތަ މިއަދު؟ އަހަރެން ހީކުރީ މިއަދު މް……" ރިފާއަށް ބުނެވުނީ އެ ހިސާބަށެވެ. އަވަސް އަރުވާލާފައި ވާހަކަ ދައްކަމުން ދިޔަ ރިފާއަށް އޭނާގެ ވާހަކަ މެދު ކަނޑާލެވުނީ ޒާޔާ އޭނާގެ އަތުގައި ހިފައްޓާލަމުން، އެ އަތަށް ބާރުކޮށްލުމުންނެވެ.
"އައުޗް." އެހެން ބުނެލާފައި އަތުގައި ފިރުމާލަމުން ޝަކުވާ ކުރުމުގެ ނިޔަތުގައި ޒާޔާއަށް ބަލައިލަން އުޅުނު ވަގުތު ރިފާގެ ލޮލުގައި އަފްނާން އަޅައިގަނެއްޖެއެވެ.
"ވަޓް އިޒް ހީ ޑުއިން ހިޔަރ؟" ރިފާއަށް އެހެން އަހާލެވުނީ ބޭއިޚްތިޔާރުގައެވެ.
"ފަހުން ދެން. ހިނގާ ދާން." އެހެން ބުނެލާފައި ޒާޔާ، ރިފާގެ އަތުގައި ހިފައްޓަމުން ލައިބްރަރީއާ ދިމާލަށް ހިނގައިގަތެވެ. ރިފާ ލައިބްރަރީއަށް ވަންނަމުންވެސް ފަސް އެނބުރި އަފްނާންއަށް ބަލައިލިއެވެ.
"ލައިކް ސީރިއަސްލީ؟ ވަޓް އިޒް ހީ ޑުއިން ހިޔަރ؟" ލައިބްރަރީއަށް ވަނުމަށްފަހު، ވައި އަޑުން ޒާޔާގެ ކަންފަތް ދޮށުގައި އަނެއްކާވެސް ރިފާއަށް ސުވާލުކޮށްލެވުނެވެ.
(ނުނިމޭ)