ކޮސްމެޓިކް ސާޖަރީގެ ތުހުމަތުތަކަށް އާލިޔާގެ ހޫނު ރައްދެއް

ބަތަލާ އާލިއާ ބަޓް--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ކޮސްމެޓިކް ސާޖަރީގެ ވައްތަރެއް ކަމަށްވާ 'ބޮޓޮކްސް' ހެދި ކަމަށް ތުހުމަތުކޮށް ވާހަކަ ދެއްކުމާ ގުޅިގެން ބަތަލާގެ ބަހުގެ ހަމަލާތަކެއް އާއްމުންނަށް ރައްދުކޮށްފިއެވެ.

އާލިއާގެ އަމިއްލަ އިންސްޓަގްރާމްގައި އިއްޔެގެ ވަގުތެއްގައި ޝާއިއުކުރި ދިގު ޕޯސްޓެއްގައި ބުނެފައި ވަނީ ކޮސްމެޓިކް ސާޖަރީ އާއި ކަރެކްޝަން ސާޖަރީ ޚިޔާރުކުރާ އެއްވެސް މީހަކާ ދެކޮޅަށް ވަކާލާތު ނުކުރާ ކަމަށާއި ނަމަވެސް އާލިއާ ބޮޓޮކްސް ސާޖަރީއެއް ހެދުމަށްފަހު ހެދި ސާޖަރީ ގޯހުން ގޯހަށްދިޔަ ކަމުގެ ވާހަކަ ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އާލިއާ ހިނިތުންވާއިރު އާޓިފިޝަލް ގޮތެއް ހުންނަ ކަމަށް ބުނުމުގެ އިތުރުން ބަތަލާ އިންޓަވިއުތަކުގައި ވާހަކަ ދައްކާއިރު މޫނުގެ އެއް ފަޅީގައި ވާގި ނުހުންނަ ކަމަށް ބުނެ ވާހަކަ ފެތުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި އާލިއާ ވަނީ ސިފަކޮށްފައެވެ.

އާލިއާގެ ފަރާތުން އިންސްޓަގްރާމްގައި ނެރުނު ބަޔާން--ފޮޓޯ/ޕިންކްވިލާ

އެފަދަ ވާހަކަތައް އެއްވެސް ހެއްކަކާ ނުލާ އެއްވެސް މީހަކަށް އަމާޒުކޮށް ދެއްކުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް އާލިއާ ވަނީ ބުނެފައެވެ.

މީގެއިތުރުން މިއަދުގެ ޒުވާނުންނަށް މިއީ ދެވޭ ވަރަށް ގޯސް މެސެޖެއް ކަމަށާއި މިފަދަ ވާހަކަތައް ފިލްމީ ތަރިންނަށް އަމާޒުކޮށް ދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ޒުވާނުން އެފަދަ ވާހަކަތައް ގަބޫލުކޮށް ހަދަން ނުޖެހޭ އެފަދަ ކޮސްމެޓިކް ސާޖަރީ ހަދަން ވިސްނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އާލިއާ ބުނެފައިވެއެވެ.

މިފަދަ ރައްދެއް އާލިޔާ ދީފައި ވަނީ، އާލިއާ ބޮޓޮކްސް ސާޖަރީއެއް ހަދާފައިވާ ކަމަށް ބުނެ އިންޑިއާގެ ފޭޝަލް އެސްތެޓިކްސް އެކްސްޕާޓެއް ކަމަށްވާ ޑރ. ސައި ގަނަޕަތީ އިންޓަނެޓުގައި ދައުރުކުރަން ފެށި ވީޑިއޯއާކާ ގުޅިގެންނެވެ.

މި ވީޑިއޯ މިހާރު ފޮހެލާފައިވާއިރު ޑރ. ސައި ގަނަޕަތީ ބުނެފައި ވަނީ އެ ވީޑިއޯގައި ދައްކާފައި ވަނީ އޭނާއަށް ސައިންޓިފިކަލީ ޑޮކްޓަރެއްގެ ހައިސިއްޔަތުން ހޯދިފައިވާ ހޯދުންތަކުގެ ވާހަކަ ކަމަށާއި އެއްވެސް މީހަކަށް ނިސްބަތްކޮށް ވާހަކަ ދެއްކުމުގެ ނިޔަތެއް ނެތް ކަމަށެވެ.

comment ކޮމެންޓް