"މީ… މައު… މައުވާ ކޮބާ؟"

ހިތުގައި އުފެދިފައިވާ ސުވާލު އަފްނާން ކޮށްލީ އޭނާގެ ހިތަށް ކެތް ނުކުރެވުމުންނެވެ. ބޭޤަރާރުވެފައިވާ ހިތަށް ކޮންމެވެސް ކަަހަލަ ހަމަޖެހުމެއް އޭނާ ބޭނުމެވެ. ނުކިޔަމަންތެރިކަމާއެކު އެ ސުވާލުގެ ޖަވާބު ހޯދަން މަސައްކަތްކުރާ ހިތަށް ކޮންމެވެސް ކަަހަލަ ތަސައްލީއެއް ބޭނުމެވެ. މައުވާގެ ޙާލު އެނގެން ބޭނުންވެގެން ތެޅި ފޮޅެމުން ދިޔަ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ކެތްތެރިކަމެއްނެތި ޔޫޝައުގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔަ އަފްނާން މަގުމައްޗަށް ބަލައިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލީ ޔޫޝައު އެއްޗެއް ނުބުނެ އިންނަން ފެށުމުންނެވެ.

"ލުކް… އަހަރެން ނޫޅެން އެއްވެސް ކަމެއް ކުރާކަށް. އަހަރެން ހަމަ އެކަނި އެނގެން ބޭނުންވަނީ މައުވާ ކިހިނެއްތޯ؟ ދެޓްސް އިޓް." އަތުން އިޝާރާތްކޮށްލާފައި އަފްނާން ޔޫޝައުއަށް ބަލާލިއެވެ.

"މައުވާ ވީތަން އެނގުނީމަ ދެން އަފްނާން ކީއްކުރާނީ؟" ޔޫޝައުގެ ވާހަކައިގައި ދެމާނައެއް އެކުލެވިގެންދިޔަކަން އަފްނާންއަށް ވެސް ފަހުމްވިއެވެ.

"ސޯ ތީގެ މާނައަކީ، ޔޫޝައު އަހަރެން ކައިރީ ނުބުނާނީއޭތަ؟" ޔުޝައުގެ ޖަވާބުން އަފްނާން ހިތްހަމަ ނުޖެހުނު ނަމަވެސް، ދެވަނަ ސިކުންތުގައި އެމޫނުމައްޗަށް މުޅިން އެހެން ކުލަވަރުތަކެއް ވެރިވެގެން ދިޔައެވެ. ހީވީ ކޮންމެވެސް ކަމެއް ހަނދާންކޮށްދޭން އޭނާގެ ޒަމީރު މަސައްކަތްކުރަމުންދާ ހެންނެވެ.

"އަހަރެން މައުވާ ވީތަނެއް އަފްނާން ކައިރީ ބުނަން ޖެހޭ އެންމެ ސަބަބެއް ދައްކަބަލަ! އޭރުން މައުވާ ވީތަނެއް ބުނަން ކީއްކުރަން، މައުވާ ކައިރިއަށް އަފްނާން ގޮވައިގެން ވެސް ގޮސްދާނަން." އަފްނާންއަށް އައި ބަދަލުތައް ދިރާސާ ކުރަން އިނުމަށްފަހު، އެހެން ބުނެލި ޔޫޝައު ކޮފީ ތަށިން އެތި ފޮދެއް ބޯލިއެވެ. ޔޫޝައު އެބުނި މާނަފުން ބަސްތަކާމެދު އަފްނާންއަށް މާ ބޮޑަށް ވިސްނޭ ގޮތެއް ނުވިއެވެ. އޭނާ ހީކުރީ ޔޫޝައު މައުވާ ވީތަނެއް ނުބުނަން އުޅެނީކަމަށެވެ. ޔޫޝައުގެ ކިބައިން މައުވާއާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭނެހެން ހީވުމާއެކު، އަފްނާން މާޔޫސްވާ ގޮތްވިއެވެ. އޭނާ އެތަނަށް އެ އައީ މައުވާގެ ޚަބަރެއް ބަލަންކަން އެނގޭ ޙާލު ޔޫޝައު އެކަން ސިއްރުކުރުމުން އަފްނާން ރުޅި އަންނަ ގޮތްވި ނަމަވެސް، އޭނާ އެ އަސަރުތައް ހިންދައިލީ ރުޅިއައިސްގެން ވަކި ކުރިއެރުމެއް ލިބެން ނެތްކަން އެނގޭތީއެވެ. އޭނާއަށް މައުވާއާ ބެހޭގޮތުން އެނގޭނީ ޔޫޝައު ބުނާ ވާހަކައެކެވެ. ވީއިރު ޒުވާބުކޮށް، ރުޅިގަދަވެގެން ލިބޭނެ ފައިދާއެއްވެސް ނޯންނާނެއެވެ.

"ބޭރަށް ކިޔަވަން ދިޔައީތަ؟ އައި ނޯ ފުރަތަމަ ދުވަހުން ފެށިގެންވެސް ސްކޮލަޝިޕް ހޯދަން މައުވާ ވަރަށް މަސައްކަތްކުރިކަން." އެކި ދިމަދިމާލަށް ވިސްނުން ގެންގޮސްގެން ސުވާލުކުރަމުން ދިޔަ އަފްނާންގެ ހިތުގައިވަނީ އެންމެ އެދުމެކެވެ. ހަމަ އެކަނި މައުވާ ހޯދުމެވެ.

"ޔޫ ވޯންޓް ސްޓޮޕް ދިސް ދޯ!." ޔޫޝައު ބުނެލިއެވެ.

"އެނގޭއިރު ކީއްވެގެން ތި އަހަނީ؟ އަހަރެން ހަމަ އެކަނި އެނގެން ބޭނުންވަނީ މައުވާ ވީތަނެކޭ. ނޫޅެމޭ އޭނައަށް ކަމެއް ކުރާކަށް. ގޮސް އުނދަގޫ ކުރާކަށްވެސް ނޫޅެން. އޯކޭ!" އަފްނާންގެ ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ. ޔޫޝައު އަދި ކިހާވަރަކަށް އޭނާގެ ކެތްތެރިކަން އިމްތިޙާނު ކުރާނެހެއްޔެވެ؟

"ކީއްވެތަ ނުބުނަން ތިއުޅެނީ؟ ޔޫ ގާއިސް އާ މައި ފްރެންޑްސް." އެންމެފަހުން އަފްނާންއަށް ބުނެވުނެވެ.

"ވީ ވާރ. މިހާރު އެ ގުޅުމެއް ނެތް. ސަބަބުވެސް އަފްނާންއަށް އެނގޭނެ. އިންފެކްޓް ދި ހޯލް ޔުނިވާރސިޓީ ނޯސް އިޓް. އެގޮތަށް ކަންތައްކޮށްފަ، ރާއްޖޭން ބޭރަށް ގޮސްފަ އުޅެލާފަ އައިމަ އަފްނާން ހީކުރީ އެންމެންގެ ހިތުން އެކަންތައް ފުހެލެވޭނެކަމަށްތަ؟ ޔޫ ނޯ ވަޓް؟ މިހާރު ދެން އެއްކަމެއްވެސް ބަދަލެއް ނުވާނެ!" އަފްނާންއަށް ކަމެއް ހަނދާންކޮށްދޭން ޔޫޝައު މަސައްކަތްކުރާ ފަދައެވެ. އޭނާ ވަރަށް ފުން ނަޒަރަކުން އަފްނާންއަށް ބަލައިލިއެވެ. ވީ ހުރިހާކަމަކަަށްފަހު ވެސް އެއީ ނުވާކަމެއްކަމަށް ހަދަން އަފްނާން މަސައްކަތްކުރަނީ ކީއްވެހެއްޔެވެ؟ އެހާ ހަމަޖެހިލާފައި އަފްނާންއަށް އިނދެވެނީ ކިހިނެއް ހެއްޔެވެ؟

"ޔޫޝައު…" އަފްނާން ވާހަކަ ދައްކަން އުޅުނު ނަމަވެސް، ޔޫޝައު އޭނާގެ ވާހަކަ ހުއްޓުވިއެވެ.

"ޕްލީޒް ސްޓޮޕް. ކުރެވުނު ކަންތަކުން އަދިވެސް އަފްނާން ދެރައެއް ނުވެއެއްނު…." ޔޫޝައު ފުންނޭވާއެއް ދޫކޮށްލިއެވެ. "ދިރިއުޅުމަކީ އެއް ހިސާބެއްގައި ހުއްޓި ހުންނާނެ އެއްޗެއް ނޫން. އަފްނާން ދިޔަ ފަހުން ބައިވަރު ކަންތައްތައް ބަދަލުވެއްޖެ. އެ ހުރިހާކަމަކާ އެކީ އަހަރެމެންގެ އެކުވެރިކަންވެސް. ޤަބޫލުކުރަން ބޭނުން ނުވިޔަސް މިއީ ހަޤީޤަތަކީ. ޒާޔާވެސް އަފްނާންއާ އެކުވެރިކަން ބާއްވާކަށް ބޭނުމެއް ނުވޭ. ދެން ހުރީ މައު. އޭނަ ހޯދަން ނޫޅޭ. އަހަރެން އަފްނާންއާ ބައްދަލުކުރި ސަބަބަކީވެސް މިއީ. އަހަރެމެންނާ ކުރިން އޮތް އެކުވެރިކަން ބާއްވަން ނޫޅޭށޭ ބުނަންވެގެން.. ދެޓްސް އިމްޕޮސިބަލް." ޔޫޝައު އެހެން ބުނެލާފައި ތެދުވިއެވެ. އަފްނާންއާ ދައްކާނެ އިތުރު ވާހަކައެއް އޭނާގެ ނެތެވެ.

ޔޫޝައު ދިޔަ މަންޒަރު ބަލަން އިން އަފްނާން އެ ބުނި ވާހަކަތަކާ މެދު ވަރަށް ފުންކޮށް ވިސްނިއެވެ. ޔޫޝައުގެ ކޮންމެ ޖުމްލައެއް ހީވަނީ އޭނާގެ ކަންފަތުގައި ގުގުމާހެންނެވެ. މައުވާ އަނެއްކާ މީހަކާ އިނީ ހެއްޔެވެ؟ މައުވާ ހޯދަން ނޫޅޭށޭ ތަކުރާރުކޮށް އެ ބުނާ ސަބަބަކީ އެއީ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު، އަފްނާންގެ ހިތަށް ގޮތެއްވެލިއެވެ. މައުވާއަކީ އެހެން މީހެއްގެ ހައްޤެކޭ ހީވުމާއެކު ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހިލިހެންވެސް ހީވިއެވެ. ނިތުގައި އަތް ހިންގާލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލި އަފްނާން ކޮފީތަށިން އެތި ފޮދެއް ބޯލިއެވެ. ކިތަންމެ ހަމަޖެހެން އުޅުނު ނަމަވެސް، ހިތުގެ ހަލަބޮލިކަމުގެ ތެރޭގައި، އަމިއްލަ ނަފްސުގެ ޖަޒުބާތުތައް ކޮންޓްރޯލްކުރުންވީ އުނދަގޫކަމަށެވެ. އެހިތުގެ މުރާދު ހާސިލްކުރުމަށް ހިތް ޖަދަލުކުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ނުތަނަވަސްވުން ނޫންކަމެއް ނުވިއެވެ. މައުވާ ގެ ޙާލު އެނގުމުގެ ހައްޤެއް އޭނާގެ ނުވާކަމަށް ޔޫޝައު އެވަނީ ރީތިގޮތުގައި އޭނާއަށް އަންގައިދީފައެވެ. އެހެންނަމަވެސް، ނުކިޔަމަންތެރި ހިތުން އޭނާގެ އަމުރަށް ތަބާނުވަންޏާ އެކަމުގައި އޭނާއަށް ވަކި ކުރެވޭނެކަމެއް އޮންނާނެހެއްޔެވެ؟

އެތަކެއް އިރަކު އެތަނުގައި އަފްނާން އަށް އިނދެވުނެވެ. ވިސްނުންތަކުން ފުނިޖެހިފައިވާ ސިކުނޑިއަށް ލުޔެއް ނުލިބުމާއެކު، ކުރިންވެސް އޭނާ ގުޅާލި ނަންބަރަށް އަފްނާން ޑައިލްކޮށްލިއެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ލިބުނީ އެއް ޖަވާބެކެވެ. އެ ނަންބަރު އޮތީ ނިއްވާލާފައެވެ.

އަފްނާން ގެއަށް ދިޔައީ އެކަނިމާއެކަނި އެތަނުގައި އެތަކެއް އިރަކު އިނުމަށްފަހު، ގޮތް ހުސްވެފައިވާ ޙާލުގައެވެ. ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން އޭނާ އެރީ ޓެރެސްއަށެވެ. ޓެރެސްގެ ހިތްގައިމުކަމާއި، އެތަނުގެ ރީތިކަން ގުޅިފައިވަނީ މާހައުލުގައިވި ފެހިކަމާއެވެ. ތަފާތު ވައްތަރުގެ ގަސްތަކާއި އެ ގަސްތަކުގައި ފޮޅިފައިވާ މާ ތަކާއެވެ. ކޮފީ ބޯ މޭޒާއި، އުނދޯއްޔެއްގެ އިތުރުން، ޖޯއްޔެއްވެސް އެތަނުގައި ހުއްޓެވެ. އެއްފަރާތުގައި ކުޑަ ކޮޓަރިއެއް ހުރިއިރު، ހާމައަށް އޮތް ޓްރެސްއާ ދިމާލުގައިވަނީ ބިއްލޫރި ޖަހާފައެވެ. އެތެރޭގައި ތިބޭއިރު ބޭރު ފެންނާނޭ ފަދަ ގޮތަކަށެވެ. ބިއްލޫރިގަނޑާ ދިމާލުގައި ދަމާލާފައިވާ ދޮރުފޮތިތަކުގެ ސަބަބުން އެތެރެ ނުފެނުނެއްކަމަކު، އެއީވެސް އެމީހުންނަށް މަޑުކޮށްލެވޭ ގޮތަށް ހަދާފައިވާ ތަނެއްކަން އެނގެއެވެ.

ރެއިލިންގެ ކައިރިއަށް ޖެހިލުމަށްފަހު، ދަގަނޑުގައި އަތް އަޅުވާލަމުން އަފްނާން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ކިތަންމެ ވަރަކަށް ހަށިގަނޑުގެ އުދާސްތަކަށް ހައްލު ހޯދަން އުޅުނު ނަމަވެސް، އެ ނުތަނަވަސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އަފްނާން އެތަނުގައި ހުއްޓާ އަޒްލަފް ޓެރެސްއަށް އެރިއެވެ. އޭރު އޭނާގެ އަތުގައި ކޮފީތައްޓެއް ހުއްޓެވެ.

"ކޮބާ އާއިން؟ ގެންދިޔައީ؟" އަޒްލަފް ފެނުމާއެކު، އަފްނާން ސުވާލުކޮށްލިއެވެ.

"އާނ. ހެނދުނު ޑިއުޓީން އައިސް ގެންގޮސްފިން." އަޒްލަފް ބުނެލިއެވެ.

"ދެން މިއަދު މިކޮޅުގަ ބެހެއްޓިނަމައެއްނު. " އަފްނާން ރެއިލިންގައި ބުރަކަށި ޖައްސާލަމުން ގޮނޑީގައި އިށީނދެލި އަޒްލަފްއަށް ބަލައިލިއެވެ.

"ސްކޫލު ދުވަހެއް ވީމަ ގެންދިޔައީ.." ކޮފީ ޖޯޑުން އެތި ފޮދެއް ބޯލުމަށްފަހު، މޭޒުމަތީގައި ބަހައްޓަމުން އަޒްލަފް ބުނެލިއެވެ.

"ރޭގަ ގައިމު އަހަރެން ނިދަން ވަތްއިރު އާއިންއެއް ނެތް. ދަންވަރު ދޯ ގެނައީ. ދޮންބެ ދައްތަ… އައި މީން… ޝައު… ޝައުފާއަށް ކަމެއްވީތަ؟" ދޮންބެ ދައްތަ ކިޔަން އާދަވެފައިވާ އަފްނާން އަޅައަޅައިގަންނަ ގޮތްވިއެވެ. އަފްނާންއަށް ވީ ގޮތުން އަޒްލަފް ހިނިތުންވެލި ނަމަވެސް، އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ހިތާމައާއި ހިތްދަތިކަމެވެ. ނިމުންނެތް ކެކުޅުންތަކަކާއި ވޭނެކެވެ.

"ނޫން. ކަމެއް ނުވޭ. ރޭގަ ދޮންބެ ހޮސްޕިޓަލުގަ ހުއްޓާ އާއިން ގުޅީ. ބުނީ ޝައުފާ ބޭރުގައޭ. ފޯނެއް ނުނަގައޭ. އަހަރެން ދިޔައިރު ވަރަށް ރޮއިފަ ހުރީވެސް. ޑިއުޓީ ގަޑިވީމަ ހޮސްޕިޓަލަށް ދާންޖެހިގެން މަންމަ ކައިރިއަށް ގެނައީ." ކުރު ގޮތަކަށް ވީގޮތް އަޒްލަފް ކިޔައިދިނެވެ.

"މަންމައަށް އެނގޭތަ ތިކަން؟" އަފްނާން ހުރިހާކަމެއް އެނގެން ބޭނުންވެފައިވާ ފަދައެވެ.

"އާއިން ގެންދިޔުމުގެ ކުރިން މަންމައަށް ކިޔައިދިނިން. ވަރަށް ހިތްނަމަ ނުޖެހިފަ ހުރީ. ޔަޤީން ބައްޕައަށްވެސް މިހާރު ކިޔައިދީފަކަން އޮންނާނީ." ރިސާމާ އެވާހަކަ ނަޖީބަށް ކިޔައިދީފިނަމަ ވަގުތެއްވުމުން އެވާހަކަ އޭނާއާ ދައްކާނެކަން އެނގޭ ޙާލު އަޒްލަފްއަށް ބުނެވުނެވެ.

"ދޮންބެ ދެން އާއިންގެ ކަސްޓަޑީ ނަގަންވީނު. އޭނަ ނުދިނަސް ކޯޓަށް ގޮސްގެންވެސް ތިކަން ކުރެވޭނެއެއްނު." އަފްނާން ބުނެލިއެވެ.

"ތި ހީކުރާހާ ފަސޭހަކަމެއް ވެސް ނޫނޭ އެއީ. އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމަކުން އާއިންއަށް އަސަރުކުރާކަށް." އަޒްލަފްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ދައްކަން ބޭނުން ވާހަކަތައް ބައިވަރު ހުރިނަމަވެސް، ދުލާ ހިސާބަށް އެ ބަސްތައް ގެނައުން އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ. ދަރިފުޅު، ޝައުފާ ކައިރީގައި އޭނާ ބަހައްޓަނީ ކޮންމެހެން އެގޮތާ ހިތް ރުހޭތީއެއް ނޫނެވެ. އަދި އެ ގޮތް ބޭނުންވާތީއެއް ވެސް ނޫނެވެ. އެހެންނަމަވެސް، ދަރިފުޅަށް މަންމައެއްގެ ލޯބި ބޭނުންވާނެތީއެވެ. އާއިންއަށް 7 އަހަރު ވާން އަދި އިތުރު ދެ އަހަރު އެބައޮތެވެ. އޭގެ ކުރިން ކޯޓަށް ދިޔަޔަސް، ދަރިފުޅުގެ މަންމަ ދަރިފުޅު ބޭނުންވާ ނަމަ ކޯޓުން ދަރިފުޅު ހަވާލުކުރާނީ މަންމައާއެވެ. އޭގެ އިތުރުން ކޯޓަށް މައްސަލަ ލައިގެން އޭނާގެ ކޮޅަށް މައްސަލަ ނިމިއްޖެނަމަ އޭނާ ދެކެ އަންނަ ރުޅީގައި، ޝައުފާ، ދަރިފުޅު މަންމައެއްގެ ލޯބިން މަހުރޫމްކޮށްލަފާނެތީ އޭނާ ބިރުގަންނަނީއެވެ. ދަރިއަކަށް ހަމަ އެކަނި ބޭނުންވަނީ ބައްޕައެއްގެ ލޯތްބާއި އަޅާލުމެއް ނޫނެވެ. އަދި މަންމައެއްގެ ލޯތްބާއި އަޅާލުމެއްވެސް ނޫނެވެ. އެހެނެއްކަމަކު، ދަރިއަކަށް މަންމައާއި ބައްޕައާ ދެމީހުންގެ ލޯބި ބޭނުންވެއެވެ. އެ ހުރިހާ އެއްޗެއް އޭނާ ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ؟ އެންމެންނަކީ އެ ހުރިހާ ކަމެއް ވިސްނޭނެ މީހުންނެއްވެސް ނޫނެވެ.

"ޔޫ ނޯ ވަޓް ދޮންބޭ… އޭނަ އެ އުޅެނީ އާއިން ދޮންބެއާ ދުރުކޮށްގެން ދޮންބެ ބަލިކަށިކޮށްލާށޭ. ދޮންބެ އިތުރަށް ދެރަކުރުވަން ވެގެން.... އަސްލު ސަބަބު އަހަރެން ބުނަންތަ؟ ޝީ ނީޑްސް މަނީ… އާއިން އޭނަ ކައިރީގައި ބެހެއްޓިއްޔާ ދޮންބެ ޖެހޭނެއެއްނު ޚަރަދު ކުރަން. އާއިން މާލޭގަ، ދޮންބެ ކައިރީގައި ބަހައްޓަން ބޭނުމިއްޔާ ތަނެއް ހިފާފަ ވެސް ބަހައްޓާނެކަން އޭނާއަށް އެނގޭތީ، ޝީ އިޒް ޓޭކިން އެޑްވާންޓޭޖް އޮފް އިޓް. " އަފްނާން ވާހަކަ އެ ދައްކަނީ ހަޤީޤަަތަށްކަން އަޒްލަފްއަށް ވެސް އެނގެއެެވެ. އެހެންނަމަވެސް، އެކަމާ ގުޅުވައިގެން އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ ޝައުފާ އަކީ އާއިންގެ މަންމައެވެ. އާއިން އަކީ ފުރާނައަށް ވުރެ އޭނާ ލޯބިވާ ދަރިފުޅެވެ. ވީއިރު، އެ ދަރިފުޅު އޭނާއާ ދުރަން ދާން އެއްބަސްވެވޭނީ ކިހިނަކުން ހެއްޔެވެ؟

"އެނީވޭސް. ޑިއުޓީ ނެތީ؟" އަފްނާން ސުވާލުކޮށްލިއެވެ.

"މާދަން." ކުރު ޖަވާބެއް ދެމުން އަޒްލަފް އަނެއްކާވެސް ކޮފީ ތަށިން އެތި ފޮދެއް ބޯލިއެވެ.

ޓެރެސްގައި އެކިއެކި ވާހަކަތައް ދައްކަން އެތަކެއް އިރަކު ދެމީހުން ތިއްބެވެ. އަޒްލަފް ތިރިއަށް ދިޔުމުންވެސް އަފްނާން އެތަނުގައި މަޑުކޮށްގެން އިރުކޮޅަކު ހުއްޓެވެ.

ނަޖީބުގެ ކަންފަތަށް އިވުނު ވާހަކަތަކާ މެދު އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ. އެކަމަށް ތައްޔާރުވެގެން އަޒްލަފް އިނެއްކަމަކު، ބައްޕަގެ ނުރުހުންތެރިކަން އެކުލެވިގެންވީ އަޑު ޖެހުމުން އޭނާ އިސްޖަހާލިއެވެ.

"ޝައުފާއަށް ނޭނގެނީތަ އެވަރު ކުޑަ ކުއްޖެއް ބާއްވާފަ ދަންވަރު ބޭރަށް ގޮސްގެން ނުވާނެކަން. ނުބެލެންޏާ ބުނެބަލަ އަހަރެމެންނަށް އާއިން ދޭށޭ. " ނަޖީބު ވާހަކަ ދެއްކީ ހަރުކަށިކޮށެވެ.

އެ ތެދެއް ދަރިފުޅާ! ޝައުފާ އަކީ ނުވިސްނޭ ކުޑަކުއްޖެއް ނޫނެއްނު." ނަޖީބުގެ ވާހަކައަށް ރިސާމާވެސް އެއްބަސްވިއެވެ. ހަޤީގަތުގައި، އޭނާ ވެސް ހުރީ ޝައުފާ ދެކެ ހިތްހަމަނުޖެހިފައެވެ.

"އަޒްލަފް ތީ އާއިންގެ ބައްޕަ. އާއިންއާ މެދު ޝައުފާ ފަރުވާ ކުޑަ ކުރަންޏާ އެވާހަކަ ވަރަށް ސާފުކޮށް ބުނެވެންވާނެ. އެ ގަޑީގައި އަޒްލަފްއަށް ފޯނު ނުނެގުނުނަމަ ދެން ކިހިނެއްވާނީ؟ އެ ފަކީރު ބިރުން ހަލާކެއްނު ވާނީ. ކޯޓަށް ގޮސްގެންވެސް މައްސަލަ ކުރިއަށް ގެންދެވިދާނެ." ނަޖީބު ބުނެލިއެވެ.

"އަޒްލަފް!" އަޒްލަފް އެއްޗެއް ނުބުނެ އިންނަން ފެށުމުން ނަޖީބު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އޭނާ ޖަވާބެއް ބޭނުންވާ ފަދައެވެ.

"އަޅުގަނޑު… އަޅުގަނޑު އަދި ކޯޓަށް ދާކަށް ބޭނުމެއް ނޫން." އަޒްލަފް ބުނެލިއެވެ. އެއާއެކު ނަޖީބަށް ބަލައިލެވުނީ ރިސާމާއަށެވެ. އޭނާ އެއްޗެއް ބުނަން އުޅެފައި ވެސް މަޑުޖެހިލީ ހަމަޖެހިލުމަށް، ރިސާމާ ލޮލުން އިޝާރާތް ކޮށްލުމުންނެވެ.

"ދަރިފުޅާ! މަންމަމެން އެކަކުވެސް ދަރިފުޅުގެ ނިންމުންތަކަށް ގޮތެއް ނުކިޔަމެއްނު. އާއިން ބަހައްޓަން އެޕާރޓްމެންޓެއް ހިފައިދިނީމަވެސް އެގޮތާ އެއްބަސްވީ ދަރިފުޅުގެ ވިސްނުންތައް މަންމައަށް އެނގޭތީ. އެކަމަކު… މިގޮތަށް ތަކުރާރުވަންޏާ މަންމަމެންނަށް ވެސް އެއްޗެއް ނުބުނެ ނުތިބެވޭނެއެއްނު." ރިސާމާ ވާހަކަ ދެއްކީ ވިސްނައިދިނުމުގެ ގޮތުންނެވެ. އަފްނާން އެއްޗެއް ނުބުނި ނަމަވެސް އެ ދައްކާ ވާހަކައަށް އޭނާވެސް ބޯ ޖަހާލައެވެ.

"މި ދިޔަ ހަފްތާގަވެސް ސްކޫލަށް ބަލާ ނުގޮސްގެން އެކަނި މާއެކަނި ބަރާބަރު ގަޑިއިރެއް އެ ދަރިފުޅު ހުންނަން ޖެހުނު. އަޒްލަފް ހުރީ ސާޖަރީއެއްގަ. ސްކޫލަށް ދީފަ އޮންނަނީ މަންމައާއި ބައްޕަގެ ނަންބަރު. އެ ދުވަހުވެސް، އެންމެ ފަހުން ސާރޖަރީ ނިންމާފަ އަޒްލަފް އާއިން ބަލާ ދާންޖެހުނީ." ރިސާމާ ބުނެލިއެވެ. ނަޖީބު ދެފަރާތަށް ބޯ ހޫރާލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.

އެރޭ ނިދަން އޮވެގެން ވެސް އަޒްލަފްއަށް ވިސްނެނީ ނަޖީބުގެ އިތުރުން ރިސާމާގެ ވާހަކަތަކާ މެދުގައެވެ. އެ ވިސްނުންތަކުގައި އޮވެ އޮވެ ނިދުނީވެސް ވަރަށް ދަންވިފަހުންނެވެ.

ހެނދުނު ޑިއުޓީއަށް ދިޔުމަށްފަހު، ހޭންޑް އޯވަރ މީޓިން ނިންމާލާފައި އަޒްލަފް އޭނާގެ ދަށުން އެޑްމިޓް ކުރެވިފައިތިބި ބަލިމީހުން ބަަލަންވެގެން އަވަސްވެގަތެވެ .މެޑިކަލް އަދި ސާރޖިކަލް ވާރޑުގައި ތިބި ބަލިމީހުން ބަލާ ނިންމާލާފައި އޭނާ ދިޔައީ ހޮސްޕިޓަލުގެ އައު އިމާރާތަށެވެ. ލިފްޓުން އަށްވަނަ ފަންގިފިލާއަށް އެރުމަށްފަހު، އެއްފަރާތުގައި ހުރި ބިއްލޫރި ދޮރު ހުޅުވާލުމަށްފަހު، އޭނާ ގޮސް ނަރުހުންގެ ޖަގަހަ ކުރިމަތީގައި ހުއްޓުނެވެ. އެއަށްފަހު، ނަރުސްކުދިންނާ ވާހަކަ ދެއްކުމަށްފަހު، އެތަނުގައި ތިބި ބަލި މީހުން ބަލަން އަވަސްވެގަތެވެ. އޭނާގެ ފަހަތުގައި އިތުރު ދެ ޑޮކްޓަރަކާއި ނަރުހަކުވެސް ހުއްޓެވެ. އަޒްލަފް އެންމެ ފުރަތަމަ ގޮސް ހުއްޓުނީ އަށްސަތޭކަ އެއްވަނަ ކޮޓަރިީގެ ދޮރުމަތީގައެވެ. އެއީ ނަރުހުންގެ ޖަގަހައާ އެންމެ ކައިރިއަށް ހުންނަ ކޮޓަރިވެސް މެއެވެ. ވަންނަ ދޮރުން ބަލާލާއިރު އެންމެ ބިއްދޮށުގައި ހުންނަނީ އެ ކޮޓަރިއެވެ. ދޮރު ހުޅުވާލާފައި އަޒްލަފް އެތެރެއަށް ވަނުމުން އޭނާއާއެކު، އައި ޓީމްވެސް އެތެރެއަށް ވަދެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު