ކޮންޖީ: ދިވެހީންނަށް ވެސް މިހާރު އާ ނަމެއް ނޫން

ކޮންޖީ ނުވަތަ ޖޫކްގެ ނަމުން މަޝްހޫރު މި ހަނޑޫ ސޫޕަކީ ޒަމާނުއްސުރެ ޗައިނާގައި ބޭސްފަރުވާއަށް ބޭނުންކުރާ ކެއުމުގެ ބާވަތެކެވެ.

ދިވެހި ބައެއް ރެސްޓޯރެންޓްތަކުގެ މެނޫގައި މި ނަން ހިމަނާލާފައި ވުމުން މިއީ ދިވެހީންނަށް ބީރަށްޓެހި ނަމެއް ނޫންކަން ސާފުކޮށް އެނގެން އެބަހުއްޓެވެ. މިއީ ގިނަ އަދަދެއްގެ ފެން ނުވަތަ ސްޓޮކްއެއްގެ ތެރެއަށް ހަނޑޫ އެޅުމަށްފަހު ވަގުތުން ކައްކައިގެން ތައްޔާރު ކޮށްލެވޭ ފަސޭހައިން ހަޖަމު ކޮށްލެވޭ ސޫޕެކެވެ.

ކޮންޖީ އަކީ ހާއްސަކޮށް ގޮހޮރަށް ފައިދާ ހުރި ބުއިމަކަށް ވުމުން ކުޑަކުދިންނަށާއި، ހަޖަމު ކުރުމުގެ މައްސަލަ ހުންނަ މީހުންނަށާއި ދިގު މުއްދަތަކަށް ބައްޔަކަށް ބޭސްކުރަމުން އަންނަ މީހުންނަށް ވެސް އެންމެ އެކަށީގެންވާނެ ލުއި ބާވަތެކެވެ.

ޗައިނާގެ މަޝްހޫރު ސިއްހީ މާހިރެއް ކަމަށްވާ ސަން ސީ-މިއާއޯ ބުނެފައިވާ ގޮތުގައި ކޮންޖީ އަކީ ދުވަސް ފެށުމަށް ރަނގަޅު، ފައިދާ ގިނަ ހަށިގަނޑަށް ލުއިކަމެއް އިހުސާސް ކޮށްލަދޭނެ ސޫޕްއެކެވެ. ހަމައެއާއެކު އެ މީހެއްގެ ސިއްހީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް ސިއްހީ މާހިރެއްގެ ލަފާގެ މަތިން ކޮންޖީއަށް އެމީހަކާ ގުޅޭ ތަރުކާރީ ނުވަތަ ޕްރޮޓީންގެ ބާވަތްތައް ވެސް އިތުރު ކޮށްލެވިދާނެ ކަމަށް ސަން ސީ-މިއާއޯ ވަނީ ބުނެފައެވެ.

ކޮންޖީއަކީ ވަރަށް އާދައިގެ ގޮތަކަށް ތައްޔާރުކޮށްލެވޭ ފަސޭހަ ސޫޕްއެއް ނަމަވެސް އެމީހަކުން ބޭނުންގޮތަކަށް މި ތައްޔާރުކޮށްލެވިދާނެ--ފޮޓޯ/ވިނީސްބެލެންސް

އާއްމުކޮށް އަރިދަފުސް ރޯގާ ނުވަތަ ފްލޫ ޖެހިފައިވާ މީހުންނަށް މިއީ ވަރަށް ރަގަޅު ބުއިމެކެވެ. ހަމައެއާއެކު ބޭރަށް ހިންގުމުގެ ބަލި ތަހައްމަލުކުރާ ނަމަވެސް މިއީ ގައިގައި ވަރުޖެހި ބޭރަށް ހިންގުން ހުއްޓުވާލަ ދިނުމަށް އެހީތެރިވެދޭ ބާވަތެކެވެ. ބައެއްފަހަރު ބަނޑު ހަރުވުމުން ވެސް ވަރަށް ގިނަ ބާވަތް ބާވަތުގެ ކެއުންތަކުގެ އަޖުމަ އަޅުގަޑުމެން ބަލަމުއެވެ. ކޮންޖީ ނުވަ 'ރައިސް ޕޮރިޖް'ގެ ނަމުން ގިނަ ބަޔަކު ދަންނަ މި ސޫޕްއިން އެކަމަށް ވެސް ހައްލެއް ލިބޭ ބުއިމެއްކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ހަމައެއާއެކު ބަރުދަން ލުއިކުރަން އުނދަގޫވާނަމަ ކޮންމެ ދުވަހަކު ވެސް ކޮންޖީ ބުއިމަށް އާދަކުރާށެވެ. ތިމާގެ ޑައިޓް ޕްލޭންއާ އެއްގޮތަށް މި ތައްޔާރު ކޮށްލަން ބޭނުންވާނަމަ ހުދު ހަނޑުލުގެ ބަދަލުގައި ބްރައުން ރައިސް ނުވަތަ ބާލީ ބޭނުންކޮށްގެން ވެސް ކޮންޖީ ތައްޔާރު ކޮށްލެވިދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު