ފެނަކަ އިސްކަން ދޭނީ ރަށްރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން: ނިމާލު

ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ދިނުމަށް އަލަށް އުފެއްދި ފެނަކަ ކޯޕަރޭޝަނުން އެންމެ އިސްކަމެއް ދޭނީ ރަށްރަށުގެ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު މިއަދު ވިދާޅުވީ ފެނަކައިގެ ދަށަށް އަތޮޅުތެރޭގެ ހުރިހާ ޔުޓިލިޓީސް ކުންފުނިތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ގެންނައުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އާ ކުންފުނީގެ އެންމެ ބޮޑު އަމާޒަކަށް ވަނީ ރަށްރަށުގެ ކަރަންޓުގެ މައްސަލަތައް ހައްލުކޮށް އެހިދުމަތް އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ އިތުރަށް ނަރުދަމާ އާއި ފެނާއި ގޭހުގެ ހިދުމަތް ވެސް ފޯރުކޮށްދިނުން ކަމަށެވެ.

ނިމާލު ވިދާޅުވީ ޔުޓިލިޓީސް ކުންފުނިތައް އުވާނުލައި ކުރިއަށް ގެންދަނީ އެ ކުންފުނިތައް އޯޑިޓްކޮށް ގާނޫނީ ގޮތުން މަސައްކަތްތައް ފެނަކައިގެ ދަށަށް ބަދަލުކުރުމަށް ކަމަށާއި ވަރަށް އަވަހަށް އެކަން ނިމެނޭ ކަމަށެވެ.

"މާލެ އާއި ހުޅުމާލެއާއި ވިލިމާލެއާއި ގުޅީ ފަޅު ފިޔަވާ ހުރިހާ ޔުޓިލިޓީސް އަދި ފެނާއި ނަރުދަމާ ގޭސް މެނޭޖުމެންޓް މިއީ ފެނަކައިގެ ދަށުގައި ކުރިއަށް އޮތްތާގައި ހުންނާނެ ތަންތަން އެހެންވީމަ ހުރިހާ ރަށަކަށް އެހިދުމްތައް ފޯރުކޮށްދެންޖެހޭ،" ނިމާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔުޓީލިޓިސް ކުންފުނިތައް ކުރިއަށް ގެންގޮސްފައިވަނީ އެދެވޭ ގޮތަށް ނޫންކަމަށާއި ނަމަވެސް ފެނަކައިގެ ދަށުން މަސައްކަތް ކުރިއަށް ގެންދާއިރު އަތޮޅުތައް ވީހާވެސް ބޮޑަކަށް ކޯޑިނޭޓްކޮށް ބެލެހެއްޓޭނެ އުސޫލުތަކެއް ގާއިމު ކުރާނެ ކަމަށެވެ.


ފެނަކަ އަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ރަށްރަށުގެ އިންޖީނުގެތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވަކި ސިޔާސީ ފިކުރެއްގެ ބަޔަކަކަށް ވުމުން ހިދުމަތް ދިނުމުގައި ކުރިމަތިވެދާނެ ދަތިތައް ކަމަށާއި އެކަންކަން ހައްލުކޮށް ހިދުމަތް ދޭން ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނިމާލު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލަ އަކީ ރަށްރަށުގައި އިންޖީނުގޭތަކަށް ރެކްރޫޓް ވެފައި ތިއްބެވި ބޭފުޅުން ވަކި ފިކުރެއްގައި މަސައްކަތްކުރާ ތަން ފެންނާތީ. އޭގެ ބަދަލުގައި އަޅުގަނޑުމެން ބަލަންވީ މިހިދުމަތަކީ ގައުމީ ހިދުމަތެއްގައި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ބައެއްކަން ހަދާން ކޮށް ޕްރޮފެޝަނަލަށް ކޮށް މަސައްކަތް ކުރުން،" ނިމާލު ވިދާޅުވިއެވެ.

ޔުޓިލީޓިސް ކުންފުނިތަކުގެ ދަށުގައި ހުރި ބައެއް ރަށްރަށުގެ އިންޖީނުތައް ހަލާކުވެ ރަށްރަށުން ކަރަންޓް ނުލިބުމުގެ މައްސަލަތައް ދޭތެރެ ދޭތެރރިން އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ތ. ވަންދޫއަށް ކަރަންޓްގެ ހިދުމަތް ނުލިބޭތީ ރައްޔިތުން ބަޔަކު ނުކުމެ އިއްޔެވެސް ވަނީ މުޒާހަރާ ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު