ބޯޑަރު މައްސަލައިގައި އިންޑިއާއާއި ޗައިނާ އެއްބަސްވުމަކަށް

ޗައިނާއާއި އިންޑިއާ ބޯޑަރުގައި ދެ ގައުމުގެ ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ/އަނަދޮލު އޭޖެންސީ

އިންޑިއާއާއި ޗައިނާއާ ދެމެދު ހަމަނުޖެހުން އެންމެ ބޮޑުވެފައިވާ އެއް މައްސަލަ، ބޯޑަރު ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން އިންތިޒާމްކުރުމާމެދު އެއްބަސްވުމަށް އާދެވިފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.

"ފަހަކަށް އައިސް ޗައިނާއާއި އިންޑިއާއިން ވަނީ ދެ ގައުމު ގުޅޭ ބޯޑަރާއި ގުޅޭ މައްސަލަތަކުގައި ޑިޕްލޮމެޓިކް އަދި އަސްކަރީ ޗެނަލްތަކުގެ ތެރެއިން ގާތް މުއާމަލާތްތަކެއް ކުރިއަށްގެންގޮސްފައި. މިވަގުތު އެ މައްސަލައާ ގުޅޭ ގޮތުން ވަނީ އެއްބަސްވުމަކަށް އާދެވިފައި." ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވިއެވެ.

ލިން އަންގާރަ ދުވަހު ވިދާޅުވީ ޗައިނާއިން އެ އެއްބަސްވުމަށް ރުހުން ދޭނެ ކަމަށެވެ.

ކުރިއަށް އޮތް މަރުހަލާގައި އެ ގަރާރު ރަނގަޅަށް ތަންފީޒު ކުރުމަށް އިންޑިއާއާ އެކު މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ އެއްބަސްވުމާ ގުޅިގެން ޗައިނާގެ ލީޑަރު ޝީ ޖިންޕިން އާއި އިންޑިއާގެ ރައީސް ނަރެންދުރަ މޯދީއާ ދެމެދު މި ހަފްތާގައި ރަޝިޔާގައި ބާއްވާ ބްރިކްސް ސަމިޓުގައި ރަސްމީ ބައްދަލުވުމަކަށް މަގުފަހިވި ކަމެއް ލިން ވިދާޅެއް ނުވެއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމު ކަމަށްވާ ޗައިނާ އާއި އިންޑިއާ އަކީ ވަރުގަދަ ވާދަވެރިކަމެއް އޮންނަ ދެ ގައުމެވެ. ދެ ގައުމުގެ ދެމެދުގައި އިމުގެ މައްސަލަ އެންމެ ބޮޑަށް ޖެހެނީ ރަސްމީކޮށް އިން ކަނޑައެޅިފައި ނެތް ބައެއް ހިސާބުތަކުގެ ކޮންޓްރޯލް ހޯދަން އެއް ގައުމުން މަސައްކަތްކުރާ ކަމަށް އަނެއް ގައުމަކުން ތުހުމަތުކުރާތީއެވެ.

ދެހާސް ވިހި ވަނަ އަހަރު ބޯޑަރުގައި ހިނގި ހަމަނުޖެހުމަކަށް ފަހު އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވި ފަހުން ދެ ފަރާތުން ވެސް ވަނީ އެތައް ސިފައިންނެއް ބޯޑަރުން ސަރައްހަދުން ދުރުކޮށްފައެވެ. އިމުގެ މައްސަލަ ހަމަޖެއްސުމަށް ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ނަމުގައި އިމެއް ކަނޑައަޅާފައި ވާއިރު، އެ ސަރަހައްދުތަކުގައި ޕެޓްރޯލްކުރުމުގެ އިންތިޒާމުތައް އާ އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް