"އަދި އެބައޮތް އެއް ވާހަކަ..." ރަޔާން ބުނެލިއެވެ.

********

ޔަލްވީގެ ހިތް ތެޅިގަތެވެ. ރަޔާން ބުނަން އުޅެނީ ޔަގީނުންވެސް ޔަލްވީގެ ހިތް ނުތަނަވަސް ކުރުވާނެ ކަހަލަ ވާހަކައެކެވެ. ޔަލްވީ ތުން ފިއްތައިލިއެވެ. ހަމަޖެހިގެން ކާން އިންނަންވެސް ރަޔާން އޭނާއަށް ފުރުސަތު ނުދެއެވެ.

"މިގެއަކީ މާގިނަ ކޮޓަރިތަކެއް ހުރި ގެއެއް ނޫން. މަންމަގެ ކޮޓަރި އެހެރީ އަފްސަމްއަށް ތައްޔާރުކޮށްފަ. މިރެއިން ފެށިގެން އަފްސަމް ނިދާނީ އެކޮޓަރީގަ" ރަޔާން ޔަލްވީއަށް ބަލައިލިއެވެ. "ދެން ހުރީ އަހަރެންގެ ކޮޓަރި. ޔަލްވީއަށް އެކޮޓަރީގަ އުޅެވިދާނެ.... އަހަންނާއެކު.."

ރަޔާން ފަހު ޖުމުލަ ބުނީ ލަސްލަހުންނެވެ. އެޖުމުލަ ބުނަން އުނދަގޫވީ ކީއްވެކަމެއް ހުދު ރަޔާނަށްވެސް ނޭނގުނެވެ. ޔަލްވީއަކީ ރަޔާންގެ އަނބިމީހާއެވެ. ވީއިރު، ދެމީހުން އެއްކޮޓަރިއެއްގައި އުޅޭ ވާހަކަ ބުނަން އުނދަގޫވާންޖެހޭ ސަބަބެއް ނެތެވެ.

ޔަލްވީގެ މުޅި މޫޑު ހަރާބުވިއެވެ. އޭނާ އެގެއަށް ދިޔައީ ރަޔާނަށް އުނދަގުލެއް ކުރާކަށް ނޫނެވެ. އެކަމަކު، ރަޔާންގެ ވާހަކަ ހުރިގޮތުން ރަޔާން މަސައްކަތް ކުރަމުން އެދަނީ ޔަލްވީގެ މަޖުބޫރީ ހާލަތުގެ ފައިދާ ނަގަން ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. ރަޔާން އެގޮތް ބޭނުންވާނަމަ، ޔަލްވީއަށްވެސް ރަޔާނަށް ޖެއްސުން ނުކުރެވެންވީ ސަބަބެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް ދުވަސްކޮޅަކަށް ނަމަވެސް، ޔަލްވީ އެގޭގައި ހުންނަން ޖެހެއެވެ. ރަޔާންގެ ހުށަހެޅުމަށް ޔަލްވީ އެއްބަސްވީ، އިތުރު ކަމެއް ހިތުތެރޭގައި ރޭވުމަށްފަހުގައެވެ.

********

ޔަލްވީ ފެންވަރައިގެން ނުކުމެ، ތައްޔާރުވެލިއެވެ. ކޮޓަރި ހުރީ އޭނާ ފެންވަރަން ވަންއިރު ތަޅުލީ ގޮތަށެވެ. ރަޔާން ނާންނަނީ ހެއްޔެވެ؟ ނޫނީ ތަޅުލާފައި ހުރުމުން އެތެރެއަށް ނުވަދެވުނީ ހެއްޔެވެ؟ ގޭތެރޭގައި ލާންގެންގުޅޭ ކުރު ސޯޓުކޮޅަކާއި ޓީޝާޓެއް ލައިގެން ޔަލްވީ ބޭރަށް ނުކުތީ، ބަނޑުހައިވެގެންނެވެ. ސިޓިންގްރޫމުގައިވެސް ރަޔާނެއް ނެތެވެ. ޔަލްވީ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. ކާންޖެހޭނީ އަމިއްލައަށް ކައްކައިގެންކަން އެނގުމުން އިތުރަށް މާޔޫސްވިއެވެ. ރުޅިގަދަވިއެވެ.

"ޔަގީން މިހާރު ތިބޭނީ ހޮޓަލަށް ކާން ގޮސް" ރަޔާން ފެންނަން ނެތުމުން ޔަލްވީ ކުދިކިޔައިލިއެވެ. "އަހަރެން މިޖެހެނީ އަމިއްލައަށް ކައްކައިގެން ކާން. ހަމަ ރަގަޅަށް އެނގޭނެ އަހަންނަކީ ކައްކަން އެނގޭ މީހެއް ނޫންކަން ވެސް. އަނތްބެކޯ. އަންބެއްވީމަތަ އަހަރެން ނުކައި ހުއްޓާ އަމިއްލައަށް ގޮސް ކާނީ. އަހަންނަށްވެސް ލަނޑު ދެވޭނެ"

ރުޅިގަދަވެފައި ހުރިވަރުން ޔަލްވީ ބާރު ހިނގުމުގައި ގޮސް ބަދިގެއަށް ވަނެވެ. ބަނޑުހައިވެގެން ގޮސް ހަލާކުވިޔަސް ރަޔާން އަޅާނުލާނެއޭ ޔަލްވީގެ ހިތަށް އެރިއެވެ. ޔަލްވީގެ ފިޔަވަޅުތައް މަޑުޖެހުނީ ކާމޭޒުދަށުގައި ލިމްޔާ އާއި ރަޔާން ތިބިތަން ފެނުމުންނެވެ. ރަޔާން އިނީ ފެންބޯށެވެ. ލިމްޔާ އިނީ ރަޔާންގެ ކުރިމަތީގައެވެ. މޭޒުމަތީގައި ތަށިތައް އަތުރާފައި ހުރިއިރު، ލިމްޔާގެ އަތުގައި ކެރެޓަކާއި ވަޅިއެއް އޮތެވެ.

ޔަލްވީގެ ދެއަތް މުށްކެވުނެވެ. ރަޔާންއަށް ޔަލްވީ ފެނުމުން ކޮށިނޭރީ ކިރިޔާއެވެ. ޔަލްވީގެ ފައިން ފެށިގެން މޫނަށް ބަލައިލެވުނެވެ. އެފަދަ ނިވާކަން ކުޑަ ހެދުމެއްގައި ޔަލްވީ ހުއްޓާ، ލިމްޔާއަށްވެސް ފެންނަން ރަޔާން ބޭނުމެއް ނުވެއެވެ. ރަޔާންގެ ނަޒަރު ދޮރާއި ދިމާއަށް އަމާޒުވެފައިވާ ތަން ފެނި ލިމްޔާ ފަސްއެނބުރި ބަލައިލިއެވެ. ޔަލްވީ ފެނުމުން، ލިމްޔާއަށްވެސް ވީ ރަޔާންއަށް ވީވަރެވެ. ޔަލްވީގެ އޮމާން ފައިގެ ބޮޑު ބައެއް ފެންނަން އޮތްއިރު، ލައިގެން ހުރި ކުރު ޓީޝާޓުކޮޅުން ކަރާއި ކަނދުރާގެ ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. ރަޔާނަކީވެސް ހިއްސުތައް ހަމައަށް ހުރި ފިރިހެނެކެވެ. އެފަދަ ހެދުން ލައިގެން ރަޔާންގެ ކުރިމަތީގައި ޔަލްވީ އުޅޭނަމަ، ރަޔާންގެ ހިތް ގޯސްވެދާނެއެވެ.

ލިމްޔާގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ޔަލްވީ އެގެއިން ފެނިދާނެކަމަށް ލިމްޔާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އަފްސަމްގެ ވާހަކަތަކުން، ރަޔާން އާއި ޔަލްވީގެ މެދުގައި ދެމަފިރިއެއްގެ ދެމެދުގައި އޮންނަންޖެހޭ ލޯބި ނެތްކަން ލިމްޔާއަށް އޮތީ އެނގިފައެވެ. އޭނާގެ އުއްމީދު އާވެ، ރަޔާން ހާސިލުކުރަން ބޭނުންވީ އެހެންވެއެވެ. އެކަމަކު، އަނެއްކާވެސް ޔަލްވީ އެގެއިން ފެނުމުން، ލިމްޔާގެ ހިތް ނުތަނަވަސްކުރުވިއެވެ. ހިތުގެ ހަމަޖެހުން ގެއްލުނެވެ. ލިމްޔާގެ ކުރިމަގަށް އެޅޭ ހުރަހަކަށް މެނުވީ ޔަލްވީ ނުވާނެއެވެ. ރަޔާން ޔަލްވީއަށް ބަލާގޮތް ތަފާތެވެ. ލިމްޔާގެ ހިތަށް ޒަލްޒަލާ ގެނުވާ އެއް ސަބަބަކީ އެއެވެ.

"ޔަލްވީ! އާދޭ ކާން" ނުތަނަވަސްކަން ފޮރުވަމުން، ލިމްޔާ ވާހަކަ ދެއްކީ އެކުވެރި ރާގަކަށެވެ. "ލިމް ކައްކާފަ ހުރި އެއްޗެހި މީ. ޔަލްވީ އަންނަންދެން މިތިބީ"

ޔަލްވީ ބަލަން ހުރިގޮތުން ވަރަށް ރުޅި އައިސްފައި ހުރިކަން ރަޔާންއަށް އެނގުނެވެ. ހީވަނީ ރަޔާން ކުށްވެރިވެގެން އުޅޭ ހެންނެވެ. ލިމްޔާގެ ކުރިމަތީގައި ޔަލްވީ ކަމެއް ކޮށްފާނެތީ ރަޔާން އިނީ ހާސްވެފައެވެ. ރަޔާން އެހުރިހާއިރު ނުކައި މަޑުކުރީ ޔަލްވީވެސް ނުކައި ހުރުމުންނެވެ. އެކަން ޔަލްވީއަށް އެނގޭނެނަމައެވެ.

ފްރައިޑް ރައިސް އާއި ކުކުޅު ފެނުމުން ޔަލްވީގެ ކުޅު ދިޔާވިއެވެ. އެކަމަކު، ލިމްޔާ ހަދާފައި ހުރި އެއްޗެއްކަން އެނގުމުން، ކާކަށް ބޭނުމެއް ނުވިއެވެ. ބަނޑަށް ހުންނަން ޖެހުނަސް ވަރިހަމައޭ ޔަލްވީގެ ހިތަށް އެރިއެވެ.

ޔަލްވީ ގޮސް އުނދުން ކައިރީގައި ހުއްޓުނެވެ. މޭޒުމަތީގައި ހުރި އެއްޗެއްސަށް އަވަސް ނަޒަރެއް ދިނެވެ. އެންމެ ފަސޭހައިން ތައްޔާރުކުރެވޭ އެއްޗަކަށް ފެނުނީ ބިހެވެ. ބިސްގަނޑަކީ ޔަލްވީގެ ގޭގައިވެސް އެންމެ އަވަހަށް ލިބޭ އެކައްޗެވެ.

ޔަލްވީ ކުރަން އުޅޭކަމެއް ނޭނގޭތީ ސުވާލު އުފެދިފައި ރަޔާންއަށް އިނދެވުނީ ބަލާށެވެ. ލިމްޔާ ކާން އަންނަން އެދުމުން ވެސް ޔަލްވީ ނައީ ކީއްވެ ހެއްޔެވެ؟ ޔަލްވީއަށް ކައްކަން ނޭނގޭނެކަން ރަޔާންއަށް އެނގެއެވެ. އެހީވާންވެސް ބޭނުންވިއެވެ. އެކަމަކު، އެހާލުގައި ރަޔާންއަށް ކޮށްދެވޭނެ މާ ބޮޑުކަމެއް ނޯންނާނެތީ މަޑުން އިންނަން މަޖުބޫރުވިއެވެ.

ޔަލްވީ ފަހަރަކު ކަބަޑެއް ހުޅުވަމުން ދިޔައެވެ. މަތީ ކަބަޑުތަކަށް އަތް ހިއްލާލާ ކޮންމެ ފަހަރަކު އުނަގަނޑުން ބޮޑުބައެއް ހާމަވެގެން ދެއެވެ. ރަޔާންއަށް އެމަންޒަރު ބަލަން އިންނަން އުނދަގޫވީ ލިމްޔާއަށް އެމަންޒަރު ފެންނާތީއެވެ. ޔަލްވީއަށް މާ ބޮޑު ކަމަކަށް ނުވިޔަސް، އެ ހަށިގަނޑުން ކުޑަ ނަމަވެސް ތަންކޮޅެއް އެހެން މީހަކަށް ފެންނާކަށް ރަޔާންގެ ހިތެއް ނޭދުނެވެ. ކޮޓަރިއަށް ގޮސްފައި އެނބުރި އައިއިރު ރަޔާންގެ އަތުގައި ފޮތިގަނޑެއް އޮތެވެ. އެކަމަކު ޔަލްވީގެ އުނަގަނޑުގައި އެ އައްސައިދޭކަށް ރަޔާނަކަށް ނުކެރުނެވެ.

ޔަލްވީއަށް ކަމުދާ އެއްޗަކަށް ފެނުނީ ރޮށިފިހާ ތަވައެވެ. އެ ނެގުމަށްފަހު ގޭސް އުނދުނުގެ މައްޗަށް އުދިއެވެ. ތަވާގެ މައްޗަށް ބިސް ތަޅާލި ނަމަވެސް، ޔަލްވީ ބޭނުންވި ގޮތަކަށް އެކަމެއް ނުވިއެވެ. ބިހުގެ ތޮށިތައް ފުނޑުފުނޑުވެގެން ތަވާގެ ތެރެއަށް އެޅުނެވެ. ތޮށިކޮޅުތައް ނަގަންވެސް ޔަލްވީއަށް އެތައް ވަގުތެއް ހޭދަކުރަން ޖެހުނެވެ. ޔަލްވީ ދެން މަސައްކަތްކުރީ، އުނދުން ރޯކުރާށެވެ. އުނދުން ރޯކުރަން ހަދާނެ ގޮތެއްވެސް ޔަލްވީއަކަށް ނޭނގެއެވެ. އެ ހުރިހާއިރު ފާރަވެރިއެއްހެން ޔަލްވީގެ ފަހަތުގައި ރަޔާން އިނެވެ. އެކަމުން ހުރިހާ ވޭނެއް ލިބުނީ ލިމްޔާއަށެވެ. އެމަންޒަރު ބަލަން ލިމްޔާއަށް އުނދަގޫވިއެވެ. އެތަނުން ދާން ތަކުރާރުކޮށް ހިތް ގޮވިއެވެ. އެކަމަކު، ލިމްޔާއަކަށް ހިތްވަރެއް ނުލިބުނެވެ.

"އައި ހޭޓް ދިސް" ޔަލްވީއަށް ހިތާއިހިތުން ބުނެވުނެވެ.

ޔަލްވީ ހުރީ ރޮވޭވަރުވެފައެވެ. ކެއްކުމަކީ އެހާ އުނދަގޫ ކަމެއް ހެއްޔެވެ؟ ކުރީގައިނަމަ، ޔަލްވީ ކޮށްލަން ޖެހޭނީ އަމުރެކެވެ. ބިސްގަނޑަކަށް ބުނެފިނަމަ، ފަސްމިނެޓު ނުވަނީސް އެ ކާން ލިބެއެވެ. ލަސްވެއްޖެނަމަ، ޔަލްވީ އެތައް ޝަކުވާއެއް ކުރެއެވެ. ރެސްޓޯރެންޓަކަށް ގޮސް ކާއެއްޗަކަށް އޯޑަރުދީފައި، މިނެޓުކޮޅަކަށްވެސް މަޑުކުރުމަކީ ޔަލްވީއަށް އުނދަގޫ ކަމެކެވެ. އެހެން މީހުންނަށް އެ މަސައްކަތްކުރަން ވަގުތު ބޭނުންވާނެކަމާއި، އެއީ ކިހާ އުނދަގޫ ކަމަކަށް ވެދާނެކަމެއްކަމަށް އޭގެ ކުރިން ޔަލްވީއަށް ވިސްނާލެވިފައެއް ނުވެއެވެ. ޔަލްވީ އައި ރުޅީގައި އަތުގައި ހުރި ބާރެއްލައިފައި އުނދުނުގައި ޖެހިއެވެ. އެވަގުތު ޔަލްވީގެ އަތް ތަވާގެ އަތްގަނޑުގައި ޖެހުނު ގޮތަކުން، ތަވާ ވިއްސައިގެން ގޮސް، ޔަލްވީގެ ގައިގައި ޖެހުނެވެ. އޭގައި ހުރި ބިސްތައް ބަންޑުންވީ ޔަލްވީގެ ގަޔަށެވެ. ޔަލްވީ ލައިގެން ހުރި އެއްޗެހި ހަރާބުވިއެވެ. ޔަލްވީ ފަހަތަށް ޖެހިލިއެވެ. ތަޅުމުގައި ހުރި ބިސްތަކަށް އެރިފައި ފައި ކަހާލައިގެން ވެއްޓެން ދިޔައެވެ. ރަޔާން ފަހަތުގައި އިންކަން އެއީ ޔަލްވީގެ ނަސީބެވެ. ރަޔާން ހުށިޔާރުކަމާއިއެކު ޔަލްވީ ހިފެހެއްޓިއެވެ.

ގަތްލަދުން ޔަލްވީ އިނީ ލޯ ހުޅުވައިލަންވެސް ނުކެރިފައެވެ. ވެއްޓުނުގޮތުން، ޔަލްވީ އިނީ ރަޔާންގެ އުނގުގައި އިށީނދެގެން ކަހަލަ ގޮތަކަށެވެ. ރަޔާންގެ އެއް އަތް ވަނީ ޔަލްވީގެ އުނަގަނޑުގައި ވަށާލެވިފައެވެ. އަނެއް އަތުން މޭޒުގައި ހިފަހައްޓައި، ގޮނޑި ކައްސާލައިގެން ދިޔަނުދީ ސަލާމަތް ކުރިއެވެ. ލިބުނު ސިހުމުގައި ރަޔާނަށްވެސް އިނދެވުނީ، ޔަލްވީގެ ގައިން ދޫކޮށްލަން ނޭނގިފައެވެ.

"ތަދުވިތަ؟" ލިމްޔާ އަވަހަށް ގޮސް ޔަލްވީ ނެގިއެވެ.

ޔަލްވީގެ ބޮޑު ދެލޯ ފޫދުއްވާލުމަށްފަހު، ކަރުނަތައް ފައިބައިގަތެވެ. ތަނަކަށް ތަދުވެގެނެއް ނޫނެވެ. އުޅެންޖެހުނު ހާލު އިހުސާސްވުމުންނެވެ. އެގޮތުގައި ޔަލްވީ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އެގޭގައި ޔަލްވީއަށް އުޅެވިދާނެ ހެއްޔެވެ؟

"ތަނަކަށް ތަދުވީތަ؟" ޔަލްވީ ރޯތަން ފެނުމުން، ރަޔާން ކަންބޮޑުވިއެވެ.

ޔަލްވީ ރޯނީ ކޮންމެވެސް ތަނަކަށް ތަދުވެގެން ކަމަށް ރަޔާންއަށް ގަބޫލުކުރެވުނެވެ. ރަޔާން ޔަލްވީގެ އަތުގައި ހިފިއެވެ. ސިންކު ކައިރިއަށް ގެންދިޔައެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެން އެ ހުރިހާ ކަމެއް ކުރުން ރަޔާނަށް ވީ އުނދަގޫ ކަމަކަށެވެ. މޭޒުގައި ހިފަހައްޓަމުން ރަޔާން އުނދަގޫ ގޮތަކަށް ތެދުވިއެވެ. ޔަލްވީގެ ދެއަތް ދޮވެދީފައި، ޓީޝާޓު ރީތިކޮށްދޭން ފެށިއެވެ. ޔަލްވީއަކީ މިހާރު ރަޔާންގެ ޒިންމާގެ ދަށުގައިވާ ފަރާތެކެވެ. ޔަލްވީއަށް ކަމެއް ވެއްޖެއްޔާ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ރަޔާންއެވެ. ވީއިރު، ކޮންމެ ހާލެއްގައިވެސް ރަޔާން ޔަލްވީ ދޫކޮށެއް ނުލާނެއެވެ.

"ފިހުނީތަ؟" ޔަލްވީގެ ދެއަތަށް ނަޒަރު ހިންގައިލަމުން ރަޔާންއަށް އަހައިލެވުނެވެ.

ލިމްޔާގެ ހިތަށް ތަދުވިއެވެ. ރަޔާން އެހާ ލޯބިން ޔަލްވީ އާއި ވާހަކަ ދެއްކުމުން ދެރަވިއެވެ. ނަމަވެސް އެދެމީހުންގެ ދޭތެރޭގައި އެއްވެސް ގުޅުމެއް ނެތްކަމަށް އަފްސަމް ބުނި ހަނދާންވުމާއިއެކު އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

"ކީއްވެތަ އަހަންނަށް މަލާމާތްކުރަނީ؟" ޔަލްވީ ރަޔާންގެ އަތް ފޮޅުވައިލިއެވެ. "އަހަންނަށް އުނދުން ރޯކުރަން ނޭނގޭކަން އެހެން މީހުންނަށް އަންގަންވެގެންތަ ތިއުޅެނީ؟ އާނ! އަހަންނަކަށް ނޭނގެ ކައްކާކަށް. އަހަރެންގެ މަންމަމެން އަހަންނަށް ކައްކާކަށް ނުޖައްސާ. މިގޭގަ ނޯކަރެއްހެން އަހަރެން އުޅެންޖެހޭތީ އުފަލުންނެއްނު ތި ހުރީ"

މާބޮޑަށް ދެރަވުމުން، އެހެން މީހުން ކުށްވެރިކުރުމަކީ ޔަލްވީގެ ގައިގައި އަށަގަނެފައިވާ ނުބައި އާދައެކެވެ. ޔަލްވީ ރޮމުން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

ރަޔާން އުނދަގޫ ގޮތަކަށް ގޮނޑީގައި އިށީނެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނީ ޔަލްވީ ކީ އެއްޗެހިންނެއް ނޫނެވެ. އަމިއްލަ ނިކަމެތިކަން އިހުސާސްވުމުންނެވެ. ރަޔާން އިނީ އެހެން މީހަކަށް އެހީއެއް ފޯރުކޮށްދެވޭ ހާލުގައެއް ނޫނެވެ. ޔަލްވީގެ ފަހަތުން ގޮސް އެހީވާން ރަޔާން ބޭނުންވިއެވެ. އެކަމަކު، ރަޔާނަކީ މިހާރު ނުކުޅެދޭ މީހެކެވެ.

"ރެން... އޯކޭތަ؟." ރަޔާން އަށް ވީގޮތް ފެނި ލިމްޔާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. "ޔަލްވީއަށް ނުވިސްނޭތީ..."

"ލިމް އިހަށް ގޮސްލަންވީނު" ރަޔާން އެދުނެވެ.

ރަޔާން ބޭނުންވީ އެކަނިވެލާށެވެ. ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންކަން އެހެން މީހުންނަށް ފެންނާކަށް ރަޔާން ބޭނުމެއް ނުވެއެވެ. ލިމްޔާގެ ކުރިމަތީގައި ޔަލްވީ އެގޮތަށް ކަންތައް ކުރުމުން ރަޔާން އިނީ ވަރަށް ލަދުވެސް ގަނެފައެވެ.

"މިއޮތީ ފޯނު..... އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލާ އިނގޭ..... ދަނީ...." ހިތް ޒަހަމުވެފައިވާ ހާލުގައިވެސް ލިމްޔާ ކެތްކުރިއެވެ. ރަޔާންގެ ހާލު އޭނާއަށް ވިސްނުނެވެ.

ރަޔާންގެ އަތަށް ފޯނު ލައިދީފައި ލިމްޔާ ހިނގައިގަތެވެ. ރަޔާން އެއްޗެއް ބުނޭތޯ ކުޑައިރުކޮޅަކު ދޮރުމަތީގައި މަޑުކުރިއެވެ. އިސްޖަހާލިގޮތަށް ރަޔާން އިސްއުފުލައެއް ނުލިއެވެ. ފަހު ފަހަރަށް ރަޔާންއަށް ބަލައިލުމަށްފަހު، ލިމްޔާ ގޮސް ގެއިން ނުކުތެވެ.

********

ފެންވަރަން ހުރިއިރު ޔަލްވީއަށް ވިސްނުނީ އޭނާ ވެއްޓެން ދިޔަ ވަގުތު ރަޔާން ހިފެހެއްޓިގޮތެވެ. ސިންކު ކައިރިއަށް ގެންގޮސް ދެއަތް ދޮވެދިންއިރު، އަމިއްލަ ހާލަށްވުރެ ބޮޑަށް ރަޔާން ވިސްނީ ޔަލްވީއާއި މެދުގައެވެ. ބޭއިހުރިޔާރުގައި ޔަލްވީއަށް އޭނާގެ ދެއަތުގައި ފިރުމާލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު