"ދެން ކިހިނެއް ހަދާނީ؟" ނަފީސާ ހާސްވިއެވެ.

********

"ފުލުހުން އެކަން ދޫކޮށެއް ނުލާނެ. އެމީހަކު ހޯދާނެ" ނިމާލު ޔަގީންކަން ދިނެވެ.

"އެމީހުން ޔަލްވީއަށް ދެރައެއް ދީފިއްޔާޔޯ؟" ނަފީސާގެ ހާސްކަން ފިލައިގެން ނުދިޔައެވެ. "އަހަންނަކަށް ނުކެރޭނެ ދެން ޔަލްވީ މިރަށުގަ ބަހައްޓާފަ ދާކަށް"

"ނަފީ މާ ބޮޑަށް ކަންކަމާ ހާސްވަނީއޭ. ދެން މިގަޑީ ތިވާހަކަ ބާއްވާ" ނިމާލު އެދުނެވެ. "ރަޔާން ބޭނުންވީ އެގޭގަ ހުންނަން. އަފްސަމްވެއްޖެ ސާފުކުރަން ގޮސް. އަހަރެމެންވެސް ވަދެލަންވާނެއެއްނު. ނަފީ ދޭ ތައްޔާރުވެލައިގެން އަންނަން"

ނަފީސާއަށް ދެވުނީ ތަންކޮޅަކަށެވެ. ކޮޓަރިން ނުކުތް ޔަލްވީ ހަލުވި ފިޔަވަޅުތަކެއްގައި ގެއިން ނުކުންނަން ހިނގައިގަތް މަންޒަރު ފެނިފައި ނަފީސާއަށް ހުއްޓެން މަޖުބޫރުވިއެވެ. ޔަލްވީގެ ދެއަތުން ދެ ފޮށި ދަމަމުން ދިޔައިރު، ކޮނޑުގައި އަތްދަބަސް އަޅުވާފައި އޮތެވެ.

"ދަރިފުޅު ކޮންތާކަށް ތިދަނީ؟" ނަފީސާ ކަންބޮޑުވިއެވެ. "ދަރިފުޅާ!"

ޔަލްވީ އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ނަފީސާގެ ސުވާލުތަކަށް ޖަވާބުދޭކަށް ޔަލްވީ ބޭނުމެއް ނޫނެވެ. ނަފީސާވެސް ޔަލްވީދެކެ ލޯތްބެއް ނުވެއެވެ. ލޯބިވާނަމަ، އަތް އިސްނުކުރީހެވެ.

"މަންމަ އެބަ ސުވާލެއް ކުރަމޭ...." ޔަލްވީގެ ފަހަތުން ގޮސް އަތުގައި ހިފަމުން، ނަފީސާ އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

"މަންމަމެންނަށް އަހަންނާ ހެދި އުނދަގޫވީ" ޔަލްވީ ނަފީސާގެ އަތް ފޮޅުވައިލިއެވެ. "މިހާރު އަހަރެން ދާން ބޭނުންވީމަ ކީއްކުރަން ހުއްޓުވަނީ؟ އަހަރެން މިދަނީ އަހަރެންގެ ފިރިމީހާގެ ގެއަށް. އެގޭގަ އަހަންނަށް ހުރެވޭނެ.. މަންމަ ހާސްވާނެކަމެއް ނެތް. މަންމަމެންނަށް އުނދަގޫކުރާކަށް އަހަރެން ދެން މިގެއަކު ނުހުންނާނަން"

ޔަލްވީ ހުއްޓުވަން ނަފީސާ ބޭނުންވިއެވެ. ނިމާލު އެކަން މަނާ ނުކުރިނަމަ، ނަފީސާ ޔަލްވީ ހުއްޓުވީހެވެ. އާދޭސް ކުރީހެވެ.

"ޔަލްވީ އެދަނީ ދުރު ތާކަށް ނޫނެއްނު. އެދަނީ އޭނަގެ ފިރިމީހާގެ ކައިރިއަށް. ހަޔާތުގަ ފުރަތަމަ ފަހަރަށް ރަނގަޅު ނިންމުމެއް އެ ނިއްމީ" ނިމާލު ހުރީ ހަމަޖެހިފައެވެ. ކުރިން ފެނުނު ނުތަނަވަސްކަން އެމޫނުން ފެންނާކަށް ނެތެވެ. "އަހަރެމެން ކުރަންޖެހޭނީ އުފާ. އަހަރެން ބޭނުމީ އެދެކުދިން ގުޅުން. ރަޔާން އަކީ އަހަރެން ހީކުރިވަރަށްވުރެ ވެސް މާ ރަނގަޅު ކުއްޖެއް. ޔަލްވީއަށް އެވަރުގެ ފިރިއަކު ނުލިބޭނެ"

********

ގެއަށް ވަދެވުމުން ރަޔާނަށް ކުރެވުނީ އާދަޔާ ހިލާފު އެކަނިވެރި އިހުސާސެކެވެ. ގޭތެރެ އޮތީ ފަޅުވެފައެވެ. ސާފުކޮށް، އަލިކޮށްފައި އޮތަސް، ދިރުމެއް ނެތެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ ރަޒީނާގެ ހަނދާންތަކެވެ. ރަޒީނާ ކާގެއިން ނުކުމެގެން އަންނަ މަންޒަރު ފެންނަހެން ރަޔާނަށް ހީވިއެވެ. ކަންފަތުގައި ހަރުލާފައި ހުރީ ރަޒީނާ ގޮވާލާ އަޑެވެ. ފުރޮޅުލީ ގޮނޑީގައި ރަޔާން ގޮސް މަޑުކޮށްލީ ރަޒީނާގެ ކޮޓަރި ދޮރުމަތީގައެވެ. އެތެރެއަށް ވަންނާނެ ހިތްވަރެއް ރަޔާނަކަށް ނުލިބުނެވެ.

ގެ ސާފުކޮށްފައި އެންމެން ދިޔުމުން ރަޔާންއަށް އެކަނިވެރިކަން އިހުސާސްކުރެވެން ފެށިއެވެ. ރަޒީނާގެ ހަނދާންތަކާއި ދުރަށްދާނެ ހިތްވަރެއް ރަޔާންގެ ގަޔަކު ނެތެވެ. އެކްސިޑެންޓްގައި ފުރާނަ ސަލާމަތް ނުވި ނަމައޭ ރަޔާންގެ ހިތަށް އެރިއެވެ.

"މަންމައާ ނުލާ އަހަރެން ކިހިނެއް އުޅޭނީ؟" ރަޔާންގެ ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.

ގޭގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ރަޔާން ހީކުރީ އަފްސަމް އައީ ކަމަށެވެ. ދޮރާއި ދިމާއަށް ބަލައިލީ ދޮރުމަތީގައި ޔަލްވީ ހުންނާނެ ކަމަކަށް ނޫނެވެ. އެތެރެއަށް ވަދެގެން އައި ޔަލްވީ ފެނުމުން ރަޔާންއަށް ލިބުނީ ހައިރާންކަމެވެ. ޔަލްވީ ދެން ފެނިދާނެކަމަށް ރަޔާން ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ހާއްސަކޮށް ރަޔާނަކީ ނުކުޅެދޭ މީހަކަށްވުމުން ޔަލްވީ އިތުރަށް ފޫހިވާނެއެވެ. އެކަމަކު ކަންތައްވީ ރަޔާން ހީކުރިގޮތަކަށް ނޫނެވެ. ޔަލްވީ އައީ ފޮށިތައްވެސް ހިފައިގެންނެވެ.

ރަޔާން ފެނުމުން ޔަލްވީ ކުޑަ ވަގުތުކޮޅަކަށް ހުއްޓުން އެރިއެވެ. ރަޔާންގެ ފައިން ފެށިގެން މޫނަށް ނަޒަރު ހިންގައިލިއެވެ. އެމޫނުން ހަމްދަރުދީގެ އަސަރު ފެނުނުހެން ރަޔާނަށް ހީވިއެވެ. ރަޔާން އިސްޖަހައިލިއެވެ.

"އަހަރެން މިއައީ މިގޭގަ ހުންނަން" ޔަލްވީ އެތެރެއަށް ވަނެވެ. ފޮށިތައް ގެންގޮސް ރަޔާންގެ ކޮޓަރި ދޮރުމަތީގައި ބެހެއްޓިއެވެ.

ރަޔާން ކުރިއަށްވުރެ ހައިރާންވިއެވެ. ފުރަތަމަ ފަހަރަށް ޔަލްވީ ރީތިކޮށް ވާހަކަ ދެއްކުމުންނެވެ. އަމިއްލައަށް ބޭނުންވެގެން ރަޔާންގެ ކައިރިއަށް އަންނަން ޔަލްވީ ނިންމީ ކީއްވެ ހެއްޔެވެ؟ ރަޔާންއަށް ދެންވެސް އެއްޗެއް ނުބުނެވުނެވެ. ދެލޮލަށް ކަރުނަ ޖަމާވާން އުޅުނެވެ. ކޮންމެ ނިޔަތެއްގައިވިޔަސް، އޭނާ އެކަނިވެރިވީ ވަގުތު ކައިރީގައި ހުންނަން ޔަލްވީ އައީތީ ހިތާއިހިތުން ޝުކުރުވެރިވެވުނެވެ.

ޔަލްވީ ތުން ފިއްތައިލިއެވެ. ރަޔާން އެއްޗެއް ނުބުނީ ޔަލްވީ އެގޭގައި ބަހައްޓަން ބޭނުންނުވާތީ ހެއްޔެވެ؟

"އަހަރެން މީ ރަޔާންގެ ވައިފް. ރަޔާންއަކަށް އަހަރެން މިގެއަކުން ނުނެރެވޭނެ" ފޮށިތައް ކޮޓަރިއަށް ވައްދަމުން ޔަލްވީ ވާހަކަ ދެއްކީ، ރަޔާނަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. "އަހަރެން މިއައީ އުމުރު ދުވަހު މިގޭގަ ހުންނާކަށް ނޫން. ގޮތެއް ފެންނަންދެން މިއައީ. ބައްޕަމެން ކައިރިއަށް ދާކަށް ބޭނުމެއް ނޫން"

ޔަލްވީ ހީވީ ހިތުން ދަސްކޮށްގެން އައި ޖުމުލަތަކެއް އެއްފަހަރާ ކިޔާލި ހެންނެވެ. ރަޔާން އިނީ ވިސްނަންވީ ކޮން ކަމަކާ ކަމެއްވެސް ނޭނގިފައެވެ. ރަޔާން އެއްޗެއް ނުބުނާތީ ޔަލްވީގެ ހިތަށް އުނދަގޫވިއެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ދޮރުކައިރީގައިވެސް ޔަލްވީ އިރުކޮޅަކު މަޑުކޮށްގެން ހުއްޓެވެ. ކުރީ ދުވަހު ގޮތަށް ރަޔާން ކޮޓަރިއަށް ވަންނާކަށް ނޫޅުނެވެ. ޔަލްވީ ދޮރު ހުޅުވިއިރު ހުރީ މޫނު ކުނިކޮށްލައިގެންނެވެ.

"އަހަރެން އުޅޭނީ މިކޮޓަރީގަ. ރަޔާން އުޅޭ ކޮންމެސް އެހެން ކޮޓަރިއަކު" ރަޔާން ވާހަކަ ނުދެއްކުމުން، ޔަލްވީ ބޭނުންވީ ރަޔާން ރުޅިއަރުވާލާށެވެ.

*********

ހަވީރު ސައިގެ ވަގުތު ޖެހުނުއިރު އަފްސަމް ހުރީ ރަޔާންގެ ގޭގައެވެ. ރަޒީނާ ހައްދާފައިވާ ގަސްތަކަށް ފެންދޭން ނަފީސާ ހުރިއިރު، ނިމާލާއި ރަޔާން ތިބީ ޖޯލީގައެވެ. ނިމާލު ފެނުމުން އަފްސަމަށް އިސްޖަހާލެވުނެވެ. ހަގީގަތް އެނގުމަށްފަހު، ނިމާލުގެ ކުރިމަތީގައި ހުންނަން އަފްސަމް ޖެހިލުންވިއެވެ. ލަދުގަތެވެ.

"އާދޭ އާދޭ! އިށީނދޭ!" ނިމާލު ވާހަކަ ދެއްކީ އެކުވެރި ރާގަކަށެވެ.

އަފްސަމް ބޯ ކަހަމުން ގޮސް ޖޯލީގައި އިށީނެވެ.

"ސަޔަށް އެއްޗެއް ގެންނަން ބުނެގެން މިތިބީ. ދެން ހިއެއްނުވޭ މާގިނައިރު ވާނެހެނެއް" ދެންވެސް ވާހަކަ ދެއްކީ ނިމާލެވެ.

"ގަޑިއަށް ދެއްތޯ މި އާދެވުނީ" ގަދަކަމުން ހިނިގަނޑެއް ޖަހައިލަމުން އަފްސަމް ބުނެލިއެވެ.

ނިމާލުގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް ބަލައިލުމަށްފަހު އޭނާ ތެދުވިއެވެ. ކުޑަކޮށް ދުރަށްޖެހިލިއެވެ. ނިމާލު ހުރި ހިސާބުން ދައްކާ ވާހަކައިގެ އަޑު އަފްސަމްމެންނަށް އިވެއެވެ.

"އާނ. ހައްޔަރުގަ އެބަހުރި މީހަކު" ނިމާލު ވާހަކަ ދެއްކީ އޭނާއަށް ގުޅި މީހާއަށެވެ. "އެކަމަކު އަހަންނަށް ހީވަނީ މިހުރިހާ ކަމެއްގެ ފަހަތުގައިހުރި މީހާއަދިވެސް ހުރީ ފިލާހެން..... ހަމަ ހިތް ބުނަނީ...."

"ފުލުހުން ކީކޭ ބުނަނީ؟" ނިމާލުގެ ވާހަކަ އަޑުއަހަން އިނދެފައި އަފްސަމް ސުވާލުކުރީ ރަޔާނަށެވެ.

"އެމީހުން ބުނީ އެކަމުގެ އަޑީގަ ހުރި މީހަކީ މިހާރު ހައްޔަރުގަ ހުރި މީހާ ކަމަށް" ރަޔާން ޖަވާބުދިނެވެ.

"ވިރާދުތަ؟ އެކަމަކު، ކީއްވެޔޯ އޭނަ ރަޔައްޓެއަށް ޓާގެޓް ކުރީ؟" އަފްސަމް އިނީ ފުންވިސްނުމެއްގެ ތެރޭގައެވެ. "އަހަންނަށް އަދިވެސް ނުވިސްނޭ ކަމަކީ އެއީ. ކުއްލިއަކަށް މީހަކު ރަޔައްޓެއަށް ގެއްލުންދޭންވީ ކީއްވެހޭ؟"

"ވަކި ރީޒަންއެއް ނުބުނޭ" ރަޔާން އިސްޖަހައިލިއެވެ.

"ތިމީހެއް މަގޭ އަތުޖެހިއްޖެއްޔާ ދުވަސް ދުއްލާނަން..." އަފްސަމަށް ބުނެވުނެވެ.

********

ޔަލްވީ ކޮޓަރިން ނުކުތީ އެންމެން ދިޔުމުންނެވެ. ނަފީސާ އެހާ ވަރަށް ގޮވުމުންވެސް ޔަލްވީ ނުކުންނަން ބޭނުންނުވީއެވެ.

"ސައިބޯންވީނު" ރަޔާން ހީވީ ޔަލްވީގެ އިންތިޒާރުގައި އިންހެންނެވެ.

ކާމޭޒުމަތީގައި ނަފީސާ އެތުރި ތަށިތަކުގައި ހުރީ މަތިޖަހާފައެވެ. ޔަލްވީގެ ފަހަތުން ރަޔާންވެސް ދިޔައެވެ. އުނދަގޫ ގޮތަކަށް ފުރޮޅުލީ ގޮނޑިން ތެދުވެ، މޭޒުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ޔަލްވީ އިށީންގޮތަށް ކާންފެށިއެވެ. ނަފީސާމެން ސައި ބުއި ވަގުތު ޔަލްވީ ނުކާތީ، ރަޔާންވެސް އިނީ ނުކައެވެ. އެކަމަކު، ރަޔާނަށް ސައިތައްޓެއް ގިރާލަންވެސް ޔަލްވީ ނޫޅެއެވެ. ފެންތައްޓެއް އެޅީވެސް ރަޔާން އަމިއްލަ އަށެވެ.

"ބައްޕަމެން އުޅެނީ މާލެ ދާން" ޔަލްވީގެ ހަރަކާތްތަކަށް ބަލަން އިނދެ ރަޔާން ބުނެލިއެވެ.

ޔަލްވީ ހުއްޓުނެވެ. ރަޔާންގެ މޫނަށް ބަލައިލިއެވެ. ހީވީ ބުނަން ނުވާ ވަރުގެ އެއްޗެއް ރަޔާނަށް ބުނެވުނު ހެންނެވެ. ހިތްހަމަނުޖެހުމުގެ އަސަރު އެ މޫނުން ފެނުނެވެ.

"ރަޔާންވެސް ތިއުޅެނީ އަހަންނާ ހެދި އުނދަގޫވެގެންތަ؟" ޔަލްވީގެ ކެއުން ހަރާބުވިއެވެ. ކާން އިން ބަޖިޔާ ތަށި ތެރެއަށް ލިއެވެ. "ބައްޕަމެންނާ އެކީ ދާކަށް އަހަރެން ބޭނުމެއް ނޫން. ރަޔާންއަށް އުނދަގޫ ނުކޮށް އަހަރެން މިގޭގަ އުޅެފާނަމޭ"

"އަހަރެން..." ރަޔާން އެއްޗެއް ބުނަން އުޅުނެވެ.

"ރަޔާންވެސް ނުވާނެ އަހަންނަށް އުނދަގޫކޮށްގެން. މާގިނަ ދުވަހަކު އުޅޭ ވާހަކައެއް ނޫނޭ އަހަރެން މިބުނަނީ" ޔަލްވީ އިނީ ތުންފިއްތާލައިގެންނެވެ.

ބޭއިހުތިޔާރުގައި ރަޔާނަށް ހިނިތުންވެލެވުނެވެ.

"ޔަލްވީއަށް މިގޭގަ ހުރުން މަނާކުރާނެ މީހަކު ނުހުންނާނެ" ރަޔާންގެ އަޑު އިވުމުން ޔަލްވީގެ މުޅި ގައިން ހީބިހި ނެގީ ކީއްވެކަމެއް ނޭނގުނެވެ. "އަހަރެންގެ އަނބިމީހާގެ މަގާމުގަ ހުރިހާ ދުވަހަކު ޔަލްވީއަށް މިގޭގަ ހުރެވޭނެ"

"އަނ...ބި..މީ....ހާ...އޭ" ޔަލްވީ ކޮށިއަރާގޮތްވިއެވެ.

"ކާން އިށީންނައިރު، ފެންތައްޓެއް އަޅައިގެން އިންނަން އާދަކުރަންވާނެ" ޔަލްވީއަށް ފެންތައްޓެއް އަޅައިދީފައި، ކައިރިއަށް ޖައްސާލަމުން ރަޔާން ބުނެލިއެވެ.

ޔަލްވީއަށް އަވަސްއަވަހަށް އެސްފިޔަ ޖަހާލެވުނެވެ. ހިތުގެ ތެޅުން އިތުރުވިހެން ހީވިއެވެ. ރަޔާންގެ ދުލުން އަނބިމީހާއޭ ބުނެގެން ހެއްޔެވެ؟ ނޫނީ، ފެންތައްޓެއް އަޅައިދިނުމުން ހެއްޔެވެ؟

"ޔަލްވީއަށް އެނގޭނެ ކައްކާނެ މީހަކު މިހާރު މިގޭގަ ނުހުންނާނެކަން. އެހެންވީމަ ކާއެއްޗެހި ހަދަންޖެހޭނީ އަމިއްލައަށް. ކައްކަން ބޭނުންވާ ހުރިހާ އެއްޗެއް ހަމަކޮށްދޭނަން" ރަޔާން ބުނެލިއެވެ.

"ކައްކާށޭ؟" ޔަލްވީގެ ދެލޯ ބޮޑުވިއެވެ.

ކެއްކުން އެއީ ޔަލްވީ ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. ކުޑަމިނުން ބިސްގަނޑެއް އަޅާލަންވެސް ޔަލްވީއަކަށް ނޭނގެއެވެ. އެކަމަކު، ޔަލްވީއަށް އިތުރު ގޮތެއް ނެތެވެ. އަތުގައި ފައިސާއެއް ނެތެވެ. އައި ރުޅީގައި ނިމާލު ގަނެދިން ފޯނު ގެންނަންވެސް ޔަލްވީ ބޭނުން ނުވީއެވެ. ދެފޮށި ފުރާ އަންނައުނުތައް ގެނައިއިރު، ފޯނު ނުގެނެވުމުން ޔަލްވީއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ކަންތައް ކުރާނެ ގޮތަކާއި ދޭތެރޭ ވިސްނާލަން ޔަލްވީއަށް މަޖުބޫރުވީ ރަޔާން ކެއްކުމުގެ ވާހަކަ ދެއްކުމުންނެވެ. އެއީ އެގެއަށް އައުމުގެ ކުރިން ޔަލްވީއަށް ވިސްނާނުލެވުނު ކަމެކެވެ. ގޮތްދޫނުކުރުމުގެ އާދަ ހަރުލާފައި ހުރިވަރުން ބައްޕަމެންގެ ކައިރިއަށް ދާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ. އެގޭގައި އުޅެން ބޭނުންނަމަ، އެނޫން ގޮތެއް ޔަލްވީއަކަށް ނެތެވެ.

"އަދި އެބައޮތް އެއް ވާހަކަ..." ރަޔާން ބުނެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު