ތަކުރާރުކޮށް މަރުގެ އިންޒާރުތައް ލިބެމުން އަންނަ ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އަމިއްލަ ހަށިރައްކަލަކަށް އިތުރު ބުލެޓްޕްރޫފް ކާރެއް ގަނެފިއެވެ.
ފިލްމީ ރިޕޯޓުތައް ބުނާގޮތުން ސަލްމާން ޚާން ގަނެފައިވާ ބުލެޓްޕްރޫފް ކާރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތް ވެސް އޭގައި ހުންނާނެ ކާރެކެވެ. ދުބާއީން ގަނެފައިވާ ނިސާން ޕެޓްރޯލް އެސްޔޫވީއެއް ކަމަށްވާ މި ކާރުގެ އަގު 2 ކްރޯޑު ރުޕީސް (237800 ޑޮލަރު)އަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ކާރުގެ އެޑްވާންސްޑް ސެކިއުރިޓީ ފީޗާތަކުގެ ތެރޭ އެކްސްޕްލޯސިވް އެލާޓް ސިސްޓަމްތަކާއި ޕޮއިންޓް ބްލޭންކް ބަޑީގެ ހަމަލާތައް ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ރިއިންފޯސް ބިއްލޫރި ހުރުމުގެ އިތުރުން ކާރުގެ އެތެރޭގައި ތިބޭ މީހުން ދެނެގަތުން ފޮރުވުމަށް އެޑްވާންސްޑް ކެމޮފްލާޖް ޓެކްނޮލޮޖީ ފީޗާސް ހިމެނެއެވެ.
ސަލްމާން ވަނީ މިދިޔަ އަހަރު އެކްޓަރަށާއި އޭނާގެ އާއިލާއަށް ލިބުނު މަރުގެ އިންޒާރުތަކާ ގުޅިގެން ވެސް ބުލެޓްޕްރޫފް ކާރެއް ގަނެފައެވެ. މީގެ އިތުރުން، އަމިއްލަ ހަށިރައްކަލަކަށް ބަޑިއެއް ގެންގުޅުމުގެ ހުއްދައަށް އެދުމުން ސަލްމާން ޚާންއަށް ބަޑިއެއް ގެންގުޅުމުގެ ހުއްދަ ވެސް ފުލުހުން ވަނީ ދީފައެވެ.
މަރުގެ އިންޒާރުތައް ލިބި ސަލްމާންގެ ހަށިރައްކަލަށް ނުރައްކާ އޮތްކަމުގެ ބިރު އޮތް ނަމަވެސް ސަލްމާން އަންނަނީ ކެރިއަރުގައި ކުރަންޖެހޭ މަސައްކަތްތަށް ބަރާބަރަށް ކުރަމުންނެވެ. އެގޮތުން، ދާދި ފަހުން ކަލަސް ޓީވީން ދައްކަން ފެށި ރިއަލިޓީ ޝޯ 'ބިގް ބޮސް'ގެ ޝޫޓިންތަކަށް ވެސް ސަލްމާން އަންނަނީ ގަވައިދުން ހާޒިރުވަމުންނެވެ.
އިންޑިއާގެ މަޝްހޫރު ގޭންގްސްޓާ ލޯރެންސް ބިޝްނޯއީގެ ފަރާތުން ސަލްމާން ޚާނާއި އެކްޓަރުގެ އާއިލާއަށް މަރުގެ އިންޒާރުތައް ލިބެމުން އަންނައިރު ދާދި ފަހުން އެ ގޭންގުން ވަނީ ސަލްމާނާ ގާތް ގުޅުމެއް އޮތް މަހާރަޝްތުރާ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ބާބާ ސިއްދީގީއަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލާފައެވެ.
މި ހަމަލާއާ ގުޅިގެން މުމްބާއީގެ ފުލުހުން ވަނީ ސަލްމާންގެ ސެކިއުރިޓީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.