ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ސަބަލެންކާ އަރައިފި

ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ސަބަލެންކާ އަރައިފި

ޑަބްލިޔުޓީއޭ އިން އެންމެ ފަހުން އާންމު ކުރި އަންހެން ޓެނިސް ކުޅުންތެރިންގެ ދުނިޔޭ ރޭންކިންގެ އެއްވަނައަށް ބެލަރޫސްގެ އަރީނާ ސަބަލެންކާ އަރައިފިއެވެ.

މިސީޒަންގައި ގްރޭން ސްލޭމް ދެ މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ޔޫއެސް އޯޕަން ކާމިޔާބު ކޮށްފައިވާ ސަބަލެންކާވަނީ މީގެކުރިން ވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމު ފުރާފައެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި ނޮވެމްބަރު މަހާއި ދެމެދު އަށް ހަފްތާ އަށެވެ.

ވޭތުވެދިޔަ ހަފުތާގައި ސަބަލެންކާ އާއި ރޭންކިންގެ އެއްވަނައިގާ ކުރިން އުޅުނު ޕޯލަންޑްގެ އީގާ ޝްވާޓެކް އެއްވެސް މުބާރާތެއްގައި ވާދަކޮށްފައެއް ނުވެއެވެ. މިމަގާމްގައި ވޭތުވެދިޔަ 11 މަސް ދުވަސް ވަންދެން ފުރަމުން ގެންދިޔަ ޝްވާޓެކްއަށް މިމަގާމު ގެއްލިގެންދިޔައީ މިސީޒަންގައި ކުޅެން ލާޒިމްކުރާ ޑަބްލިޔުޓީއޭ ފައިވް ހަންޑްރެޑްގެ ހަ މުބާރާތް ހަމަކޮށްފައިނުވުމުން ޕޮއިންޓް ކަނޑާފައިވުމުންނެވެ.

މިސީޒަންގައި ޝްވާޓެކްއަށް ވާދަކުރެވިފައިވާ ޑަބްލިޔުޓީއޭ ފައިވް ހަންޑްރެޑްގެ ދެ މުބާރާތުގައެވެ. އުމުރުން 23 އަހަރުގެ ޝްވާޓެކް މިމަހުގެ ކުރީ ކޮޅު އާ ކޯޗެއް އައްޔަން ކޮށްފައިވާއިރު ސެޕްޓެމްބަރު މަހު ބޭއްވި ޔޫއެސް އޯޕަން އަށް ފަހު މިހާތަނަށް އެއްވެސް މުބާރާތެއްގައި ވާދަކޮށްފައެއް ނުވެއެވެ. އަދި ޝްވާޓެކްވަނީ މިސީޒަންގެ ޓުއާގެ އޭޝިއާ ގައި ވަރުބަލިކަން އިހްސާސް ކުރެވެމުންދާތީ ބައިވެރިނުވާން ނިންމާފައެވެ.

މިސީޒަންގެ ފުރަތަމަ ހަ މަސްދުވަހު ގާތް ގާތުގައި ފަސް މުބާރާތް ކާމިޔާބު ކޮށް ޝްވާޓެކް ވަނީ ރޭންކިންގައި 4000 ޕޮއިންޓްގެ ލީޑެއް ވެސް ނަގާފައެވެ. ނަމަވެސް އުމުރުން 26 އަހަރުގެ ސަބަލެންކާވަނީ ސީޒަންގެ ފަހު ބައިގާ ހޯދި ކާމިޔާބީތަކާއެކު މިތަފާތު ކުޑަކޮށްފައެވެ.

މިސީޒަންް ނިމޭއިރު އަލުން ރޭންކިންގެ އެއްވަނައަށް އެރުމުގެ ފުރުސަތު ޝްވާޓެކްއަށް އަދި ނުގެއްލެއެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި މިއަންނަ މަހު ސައުދީ އަރަބިއާގެ ރިޔާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީޒަން އެންޑިން ޑަބްލިޔުޓީއޭ ފައިނަލްސް ގައި ސަބަލެންކާއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދަން ޖެހޭނެއެވެ. އެމުބާރާތް މިއިން ކޮންމެ ކުޅުންތެރިއެއް ކާމިޔާބު ކުރި ނަމަވެސް އެއްވަނައަށް އެރުމުގެ ފުރުސަތު ބޮޑެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު