ސްޕެނިޝް ލަލީގާގައި ތާވަލުގެ އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5-1 އިންނެވެ.
މެޗުގައި ބާސާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ރޮބަޓް ލެވަންޑޯސްކީއެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ޕެޑްރީ ވަނީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑާ އެކު ބާސާއިން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާ އެކުއެވެ.
މިއީ ބާސާއިން ފުރަތަމަ ހާފުގައި ތިން ލަނޑު ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ މެޗެވެ. މި ހާފުގައި ލެވަންޑޯސްކީ ކާމިޔާބުކުރި ދެ ލަނޑާ އެކު އޭނާ މިހާރު ވަނީ މި ސީޒަންގައި ބާސާއަށް ކުޅުނު 12 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.
ލެވަންޑޯސްކީ މިހާރު ވަނީ ޔޫރަޕްގެ ބޮޑު ފަސް ލީގަށް ބަލާއިރު ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އެއީ، 366 ލަނޑާ އެކުއެވެ. މި އަދަދަށް ލަނޑު ޖަހައިގެން ތިންވަނައިގާ ދެން އުޅެނީ ޖިމީ ގްރީވެސްއެވެ. ދެވަނަައިގައި 495 ލަނޑާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ އުޅޭއިރު 496 ލަނޑާ އެކު އެއްވަނައިގައި އުޅެނީ ލިއޮނެލް މެސީއެވެ.
ދެވަނަ ހާފުގައި ސެވިއްޔާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ބާސާގެ ހަމަލާތައް ހިފެހެއްޓުމުގައި ފުރަތަމަ ހާފަށް ވުރެ ރަނގަޅުކުރިތަން ފެނިގެންދިޔައެވެ. މެޗުގައި ބާސާގެ ފަހު ދެ ލަނޑު މެޗުގެ 82 ވަނަ މިނެޓާއި 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕަބްލޯ ޓޯރޭއެވެ. މެޗުގައި ސެވިއްޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޓަނިސް އިޑުމްބޯއެވެ.
މި ކާމިޔާބީއާ އެކު ބާސާއިން މިހާރު ވަނީ ކުޅުނު 10 މެޗުން 27 ޕޮއިންޓު ހޯދައިފައެވެ. އެއީ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ސެވިއްޔާ އޮތީ 12 ޕޮއިންޓާ އެކު ތާވަލުގެ 13 ވަނައިގައެވެ.
މި ހަފުތާގައި ރެއާލުން ވަނީ ރަށުން ބޭރުގައި ސެލްޓަ ވިގޯއާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައެވެ.
މެޗުގައި ރެއާލްގެ ދެ ލަނޑު ކިލިއަން އެމްބާޕޭއާއި ވިނީޝިއަސް ޖޫނިއާ ކާމިޔާބުކޮށްދިންއިރު ސެލްޓަ ވީގޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ވިލޮޓް ސުވެޑްބާގެވެ.
ތާވަލްގެ ތިންވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑާއި ލެގާނެސް ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްފައިވަނީ އެޓްލެޓިކޯއިންނެވެ. އެޓްލެޓިކޯ ތިންވަނައިގައި އޮތީ 20 ޕޮއިންޓާ އެކުއެވެ.