"އުފާވެރި މީހުންގެ ސިފަތަކުގެ ތެރޭގައި ދެއްކުން ތެރިކަން ނެތުން، ބަސް މަދުވުން، ގިނައިން ހިނިތުންވުން، އެހެން މީހުންނަށް އެހީތެރިވުން އަދި ލިބިފައިވާ އިލްމު އިތުރަށް އުނގެނުން ހިމެނެއެވެ."
***
އިރު މުޅިން އުދަރެސް ފަޅާލާފައި އޭގެ ރަން ދޯދިތަކުން ދުނިޔެ އަލިކޮށްލައިފިއެވެ. ވެހުނު ވާރޭގެ ސަބަބުން ޖައްވުގައި ފިނި ކަމެއް ހަރުލާފައި ހުއްޓެވެ. މާޒިމްއާއި އުރުޖުވާން ހޮޓަލުން ނުކުމެ ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ. އެ ދަތުރުމަތީގައި އުރުޖުވާން ވިސްނަމުން ދިޔައީ ދުވަހުގެ ބާކީ އޮތްބައި ވޭތުވާނެ ގޮތަކާއި މެދުގައެވެ. އޭނައަށް ހާސްކަން އިހުސާސްކުރެވުނެވެ. މާޒިމް ހަމަޖެހިލައިގެން އިނދެ މަޑުމައިތިރި ނަޒަރަކުން އުރުޖުވާނަށް ބަލައިލައި، ހިތްވަރުދޭ ކަހަލަ ގޮތަކަށް ހިނިތުންވަމުން ދިޔައެވެ. ނަމަވެސް އުރުޖުވާން ހާސްވެފައި ހުރިވަރު އޭނާއަށް އެގުނެވެ.
ހޮސްޕިޓަލުގެ ޕާކިންގ އޭރިއާއަށް ވަދެވުނު އިރު، އުރުޖުވާންގެ ނަޒަރު ހުއްޓުނީ ހޮސްޕިޓަލުގެ ދޮރާ ދިމާލަށެވެ. އެވަގުތު އޭނާގެ ހިތުގެ ތެޅުން ހުއްޓުނެވެ. އެތަނުން އޭނާއަށް ފެނުނީ އެންމެ ދެކެން ބޭނުން ނުވާ މޫނެވެ. ފަރަހްއެވެ. އޭނަ އަވަސް ފިޔަވަޅުތަކެއްގައި ހޮސްޕިޓަލަށް ވަދެގެން ދިޔަ މަންޒަރެވެ.
އުރުޖުވާންއަށް ލިބުނު ސިހުމުގައި މާޒިމްގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ.
"މާޒް....ދެޓްސް ފަރަހް.....އަނެއްކާ އަހަރުމެން އަންނަ ކަން އެނގުނީބާ...." އުރުޖުވާން ގެ ހިތް ތެޅުނެވެ.
މާޒިމް ނުތަނަވަސްވެ، އުރުޖުވާންގެ ނަޒަރު ހުއްޓުނު ދިމާލަށް ބެލިއެވެ.
"ނޯ...ޝީ ވޯންޓް ނޯ....އައި ތިންކް ޝީ އިޒް ހިއާ ފޯ ހާސެލްފް....ޔަގީން ކޮންމެވސް ނުބައެއް ހަދަން އެ އައީ...ޑޯނާގެ ކަނަތައްކަންނޭނގެ...." މާޒިމް ގެ ލޯ ވިދައިލިއެވެ.
އުރުޖުވާންގެ ލޮލުގައި ކަންބޮޑުވުމުގެ ނިޝާންތައް ފާޅުވެގެން ދިޔައެވެ.
" އައި ޑޯންޓް ވޯންޓް ޓު މީޓް ހާ...... އެހެން ވެއްޖެއްޔާ ކަންތައްތައް އިތުރަށް ގޯސްވެދާނެ....އެކަނި ގޮސްލުން މާ ރަނގަޅު ކަންނޭނގެ ދޯ..."
މާޒިމް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެފައި އެ ޚިޔާލު އެއްފަރާތްކޮށްލިއެވެ.
" ނޯ ވޭއި....ފަރަހް އަށް ފެނުނަސް އެނގުނަސް ވަރިހަމަ....އައި ކޭމް ހިއާ ފޯ ޔޫ...." މާޒިމް ހަރުކަށިކޮށް ބުނެލިއެވެ.
މާޒިމް އުރްޖުވާނުގެ މޫނަށް ބަލާލިއެވެ. އެ ލޮލުގައި ހުރި ކަންބޮޑުވުން ފެނުމުން އޭނަގެ މޫނުމަތި މަޑުވެގެން ދިޔައެވެ.
"އެކަމަކު އޭނައަށް އަހަރެމެން ފެނިއްޖެއްޔާ......." އުރްޖުވާން ހޮސްޕިޓަލްގެ ދޮރާށްޓާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ.
" އައި ވޯންޓް ލެޓް ދެޓް ހެޕެން...." މާޒިމް ގެ އަޑުގައިވީ ޔަގީންކަމެކެވެ.
އުރްޖުވާން ފަސްޖެހުނެވެ. ނަމަވެސް މާޒިމްގެ ލޮލުގައި ހުރި ޢަޒުމްވެރިކަން އޭނާއަށް ފެނި ނުތަނަވަސްކަން ފިލަން ފެށިއެވެ. ހާސްވާންވީ ކޮންކަމަކާއި ހެއްޔެވެ؟ ކޮންމެފަދަ ކަމަކާއި ކުރިމަތިލުމުގެ ފަހިވިސްނުން ހުންނަންވާނެއެވެ. ދިރިއުޅުމުގެ ހަގުރާމަތަކާއި ކުރިމަތިލެވޭނީ ހިތްވަރާއި އަޒުމް ހުރެގެންނެވެ.
ފަރަހް ހިނގަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އޭނާގެ ފައިވާނުގެ މަޑު އަޑު، ހޮސްޕިޓަލްގެ ތަޅުންގަނޑުގައި ޖެހޭ އަޑު ތަނުގައި ހިފާލާފައިވިއެވެ. އޭނަ ވަށައިގެން ބަލާލައި މުޅިތަން ހޯދަމުން ދިޔައީ މީހަކު އޭނާގެ ފަހަތުން ފާރަލަމުން މީހަކު ނާންނަކަން ޔަގީންކުރުމަށެވެ. އޭނާގެ ހިނގުން ހުރީ ވަރަށް މަޑުން ވިސްނުންތެރިކަމާއެކުގައެވެ. ކޮންމެ ހަރަކާތެއް ވެސް އެހާ ފަރުވާތެރިއެވެ. "ވަނުން މަނާ" ލިޔެފައިވާ ދެ ދޮރެއްގެ ކައިރިއަށް އައިސް، އޭނާ ކުޑަ ކީ ކާޑެއް ނަގައި، އަވަހަށް ސްވައިޕްކޮށްފައި އެތެރެއަށް ވަދެގެން ދިޔައެވެ. ދޮރު ބަންދުވެގެން ދިޔައީ މަޑު އަޑަކާއެކުގައެވެ. އޭނާ އެތަނުގައި ހުރިކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.
މާޒިމްއާއި އުރްޖުވާން ދުރުން އެ މަންޒަރު ބަލަމުން ދިޔައެވެ. އެ ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ދެމީހުންގެ މޫނުމަތިން ކަންބޮޑުވުމާއި ޝައްކު ފެންނަން ހުއްޓެވެ.
"އެއީ އަނެއްކާ ކޮންތަނެއް...ވަނުން މަނާ ތަނަކަށް...." އުރްޖުވާން ވައިއަޑަކުން ބުނެލިއެވެ.
"އޭރުވެސް ބުނީމެއްނު....އައި ވޯންޓު ކެޗް ހާ އިން އެކްޝަން....,"މާޒިމް ލޯ ހަނިކޮށްލިއެވެ.
އެ ދެމީހުން ވަނުން މަނާ ދޮރާ ދިމާލަށް ހިނގައިގަތެވެ. އަވަސްއަވަހަށް ނަމަވެސް އާދައިގެ ގޮތަކަށް ދައްކަން މަސައްކަތްކުރަމުންނެވެ. އުރްޖުވާންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ބިރުވެރިކަމާއި ކެތްމަދުވުން މަސްހުނިވެފައިވާ އިހުސާސަކުންނެވެ. މާޒިމް ހުރީ ވަރަށް ސަމާލުވެގެންނެވެ. އޭނާގެ ނަޒަރު ހުރީ ފަރަހް އެ ވަދެގެން ދިޔަ ދޮރާއި ދިމާއަށް ހަރުލާފައެވެ.
މާޒިމް ދޮރުގެ ތަޅުގައި ހިފައި ދަމާލިއެވެ. އެކަމަކު ދޮރު ނުހުޅުވުނެވެ. އޭނާ އަނެއްކާވެސް މަސައްކަތްކޮށްލިއެވެ. އޭނާގެ މޫނުމަތިން ކެތްމަދުވުން ފާޅުވަމުން ދިޔައެވެ. އޭނާ ދޮރުގައި ޓަކިޖަހާލަން އުޅެނިކޮށް، ސެކިއުރިޓީ ގާޑެއް ކަންމަތިން ނުކުމެގެން އައެވެ.
"އެކްކިއުޒް....ކޮން ބޭނުމަކު..." ގާޑު ގެ އަޑުގައި އިހުތިރާމްއާއި ހަރުކަށިކަމެއް އެކުލެވިގެންވިއެވެ.
މާޒިމް އެނބުރިލިއެވެ. އޭނާ ސިހޭގޮތްވިނަމަވެސް އަވަހަށް އެ އިހުސާސް ފޮރުވާލިއެވެ. " ކާޑު ހަނދާން ނެތުނީ....ކޭން ޔޫ އޯޕެން ދަ ޑޯ ފޯ މީ....އައިމް އަ ޑޮކްޓާ ހިއާ...."
ގާޑުގެ މޫނުމަތިން ހިތްހަމަނުޖެހުން ސާފުކޮށް ފެންނަމުންދިޔައެވެ. "ތިޔަބޭފުޅުންނަށް ހުއްދަ ލިބިފައި ނުވާނަމަ، އެތެރެއަށް ވަދެވޭކަށް ނެތް. މިއީ ސެކިއުރިޓީ ސަރަޙައްދެއް. މި ހިސާބުން ފެށިގެން ވަދެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ މުވައްޒަފުންނަށް....މިތަނުގެ ޑޮކްޓަރެއް ވިއްޔާ ޕާސްކޯޑު ޖަހައިގެން ވިޔަސް ވަދެވޭނެ...ޕާސްކޯޑް އެނގޭތަ؟...."
ގާޑު އޭނާގެ ދެ އަތް ދަތްދޮޅިމަތީގައި ޖައްސާލިއެވެ. އޭނާގެ މޫނުމަތީގެ ޝުއޫރަށް ބަދަލެއް ނައެވެ. "މަޢާފުކުރައްވާ، ސަރު. ގަވާއިދަކީ ގަވާއިދު. ތިޔަބޭފުޅުން މިތަނަށް ވަޑައިގެންފައި ތިއްބެވީ މެޑިކަލް ބޭނުމަކަށް ނަމަ، އިންތިޒާރުކުރާ ސަރަޙައްދުގައި އިށީނދެވަޑައިގަތުމަށް އަޅުގަނޑު ލަފާއަރުވަން."
އުރްޖުވާން މާޒިމްގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އޭނައާއި ވާހަކަދައްކައިގެން އެއްވެސް ކަމެއް ހާސިލުނުވާނެކަން އޭނާއަށް އިހުސާސްކުރެވުނެވެ.
" މާޒް ހާދަ މޮޅޭ ދޮގު ހަދަންވެސް....." އުރުޖުވާން އަށް ހެވުނެވެ. މާޒިމް ލޯ އަޅާލާފައި ފުން ނޭވާ އެއް ދޫކޮށްލިއެވެ. އޭނާ ހެދި ދޮގު ގާޑު ގަބޫލުނުކުރިތާގައި އުރުޖުވާން ކުރިމަތީގައި އެފަދަ ލަދެއްގައި ބެދެވުނީތީ ލަދުގަތެވެ.
***
ފަރަހް އެ ކޮޓަރީގެ ދޮރު ލެއްޕުމާއެކު، ކުއްލިއަކަށް ގަދަ ފިންޏެއްގެ އިހުސާސްވިއެވެ. ވައިރޯޅިއެއް އެ ތަނުގައި ފެތުރި ހަށިގަނޑުގެ ތެރެއަށްވެސް ވަންނަހެން ހީވިއެވެ. މަތީގައި ހުރި އެންމެ ބޮކިން އަންނަ މަޑު އަލިކަމަށް އޭނަ ލޯ ހޭނިއެވެ. އެ ކޮޓަރިތެރެ ވަނީ ހިމޭންވެފައެވެ. އަދި ދުރުން އިވޭ މެޝިނެއްގެ މަޑު އަޑު، އެ ނުތަނަވަސް މާހައުލަށް އިތުރު ބިރުވެރިކަމެއް ގެނެސްދިނެވެ.
އޭނާ އިތުރަށް އެތެރެއަށް ވަދެގެން ދިޔަ ވަރަކަށް، މަޑު ވަހެއް ނޭފަތުގައި ޖެހުނެވެ. ބަރު އަދި ހިކި ވަހެކެވެ. ބޭއިޚުތިޔާރުގައި އަތް ނޭފަތާއި ހަމަޔަށް ގެންދިޔައެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ ވަށައިގެން ބަލާލިއެވެ. ނޭވާ ހަމަޔަަށް ލާން މަސައްކަތް ކުރިއެވެ. އޭނައަށް ކުރެވޭ އިހުސާސްތަކުން ހިތާއި ސިކުނޑިވެސް ބުނަމުން ދިޔައީ މިއީ އޭނާ ހުންނަންވާ ތަނެއް ނޫން ކަމަށެވެ.
"މިއީ މޯޗަރީ ކަންނޭނގެ...ނޫން އެހެނެއް ނުވާނެ......." އޭނާ ވިސްނައިލިއެވެ. އޭނާގެ ބަނޑުގައި ނުތަނަވަސްކަމުގެ ގޮށެއްޖެހުނު ކަހަލައެވެ. ފާރުތައް އޭނާގެ ވަށައިގެން ބާރުވަމުންދާހެން ހީވިއެވެ.
އޭނަގެ ފައިވާނުގެ އަޑު ތަޅުންގަނޑުގައި މަޑުމަޑުން އިވެމުންދިޔައެވެ. އެކަމަކު އެ މަޑު މާހައުލުގައި އެ އަޑު ކަންފަތަށް އިވުނީ އާދަޔާ ޚިލާފަށް ބާރަށެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ފިޔަވަޅުތައް ކުރިއަށް އެޅިއެވެ. އެއްވެސް މީހެއްގެ ސަމާލުކަން ނުގެންނަން މަސައްކަތްކުރަމުންނެވެ. އެ ކޮޓަރި ހުސްކޮށް އޮތް ކަމުގައި ވިޔަސް މެއެވެ. ކުއްލިއަކަށް ކަންފަތުގައި ޖެހުނީ ތަންކޮޅެއް ދުރުން ދޮރެއް ހުޅުވާލި އަޑެވެ. ފިނި ކޮރިޑޯތަކުގައި އަޑު ގަދަވާންފެށިއެވެ.
"ޑޮކްޓަރު؟ މިތާ މީހަކު އެބަ ހުރިތަ؟" އޭނާ ގޮވާލިއެވެ. އެކަމަކު ކުއްލިއަކަށް ތަން އެއްކޮށް ހިމޭންވިއެވެ. ފަޅު ބިރުވެރި ތަނެކެވެ. ކަށްވަޅުފަދަ ހިމޭންކަމާއެކު ނުބައި އިހުސާސްތަކެއް ހިތުގައި އުފެދިގަތެވެ. އެއާއެކު ހިތް ބާރަށް ތެޅެން ފެށިއެވެ.
އޭނާ އެނބުރި ދާން އުޅެނިކޮށް، ކުއްލިއަކަށް އަޑެއް އިވުނެވެ. "ފަރާޙް..." އެ އަޑު އިވުނީ ވަރަށް މަޑުންނެވެ. އެކަމަކު އެއީ ކަނޑައެޅިގެން އޭނާގެ ނަމުގެ އަޑެވެ. އެ އަޑުން ހަށިގަނޑުގައި ފިނިކަމެއް އިހުސާސްކުރެވުނެވެ.
އޭނަ ފަސްޖެހުނެވެ. ބިރުން ދުވެފައި ދާން ހިތަށްއެރިއެވެ. އެކަމަކު އެއަށްވުރެ ވަރުގަދަ އެހެން އެއްޗެއް އޭނާ ކުރިއަށް ދިއުމަށް ބާރުއަޅަމުން ދިޔައެވެ. ވަރަށް މަޑުމަޑުން، އޭނާ އެ އަޑު އައި ކަންމައްޗާއި ދިމާލަށް ދާން ފެށިއެވެ. ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ވިންދު އަވަސްވަމުންނެވެ. ކަނެއްގައި ހުއްޓިލައިގެން ހުރީ ދިގު ހިޔަންޏެކެވެ.
އޭނާގެ ނޭވާ ހުއްޓުނެވެ. އޭނާގެ ހިޔާލުގައި ފެންނަ އެއްޗެއް ހެއްޔެވެ؟ ބައެއްފަހަރު މާބޮޑަށް ބިރުގަނެ ހާސްވުމުން އެފަދަ ގޮތަކަށް ލޯމައްޗަށް އެއްޗެއް ސިފަވެދާނެއެވެ. އެކަމަކު ދެން ފެނުނީ އެ ހިޔަނި ހަރަކާތްތެރި މަންޒަރެވެ. މަޑުމަޑު އަޑެއް އިވުނެވެ. އަދި ފަރާހް ބަލަން ހުއްޓާ، އެ ހިޔަނި އަލަމާރިއަކާއި ދިމާލަށް އަތް ދިއްކޮށްލިއެވެ.
ވަރަށް މަޑުމަޑުން، އެ އަލަމާރީގެ ދޮރު ހުޅުވާލިއެވެ. ދަގަނޑު ކޭއްތޭ އަޑު އިވުމުން ފަރަހްގެ ހިތުގެ ތެޅުން ހުއްޓުނެވެ. އެތަނުން ދާން ހިތް އެންގި ނަމަވެސް ފައި ބިންމަތީގައި ހަރުލާފައި ހުރިފަދައެވެ. ބިރުން އޭނާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އަލަމާރީގެ އެތެރެއަށް ބަލައިލަން އޭނާ ބޭނުމެއް ނުވިއެވެ. އެކަމަކު އޭނާގެ ލޯ އެ މަންޒަރާ ދިމާލަށް ދިޔައީ ބޭއިޚުތިޔާރުގައެވެ.
"ފަހަދް......."އޭނަގެ ދުލުން ބޭރުވިއެވެ. އެތެރެއިން ފެނުނު މޫނުގެ ހަންގަނޑު ހުރީ ހަނދުވަރުގެ އަލިކަމުގައި ފެންނަ ހިލައެއްހެން ހުދުކޮށެވެ. އެއްވެސް ލޭގެ ކުލައެއް ނެތް، ފިނި ހަމެކެވެ. ލޯވަޅުގެ ދަށުގައިވާ ކަޅު ބައިތައް ހުރީ އަނދިރި ވަޅުގަނޑެއްހެންނެވެ. އެ ކަޅު ބައިތަކުން އެ މޫނުމަތީގެ ހުސްކަން އިތުރަށް ފާހަގަކޮށްދިނެވެ. ދުލުން އެއްވެސް އަޑެއް ނުކުންނާނެ ކަމަކަށް ނުބެލެވުނެވެ.
ފަރަހްގެ ކަކުލުހުޅުން ވާގިދޫވާހެން ހީވެ ބިންމައްޗަށް ތިރިވެލެވުނެވެ. ދުއްވައިގަންނަން ދާނެ ދިމާލެއް ހޯދައިލިއެވެ. ނަމަވެސް ވަށައިގެން ވީ އަނދިރިކަމެކެވެ. އެވަގުތު މުޅި ކޮޓަރިތެރެ ދިއްލުނެވެ.
" ފަރަހް؟....މިތާ؟" އެއީ ދަންނަ ޑޮކްޓަރެއްގެ އަޑެވެ. އޭރު ފަރަހްގެ މޫނުން ދާތިކިތައް ވިދަ ވިދާ ހުއްޓެވެ. ޑޮކްޓަރު ފަރަހް އަށް އަތް ދިއްކޮށްލީ ތެދުވަން އެހީތެރިވުމަށެވެ.
" ކިހިނެއް ފަހަދް މިތާވީ؟....ޓެލްމީ...ހައު އިޒް ހިޒް ބޮޑީ ހިއާ..." ފަރަހް އަމުރުވެރި ރާގުގައި ސުވާލުކުރިއެވެ.
ނުނިމޭ