ނަޕޯލީން އެމްޕޯލީ ބަލިކޮށް އެއްވަނަ މަގާމު ދިފާއުކޮށްފި

ނަޕޯލީން އެމްޕޯލީ ބަލިކޮށް އެއްވަނަ މަގާމު ދިފާއުކޮށްފި --

އިޓާލިއަން ސެރީއާގައި ތާވަލްގެ އެއްވަނައިގާ އުޅޭ ނަޕޯލީ އާއި އެމްޕޯލީ ބައްދަލުކުރި މެޗު ނަޕޯލީއިން ކާމިޔާބުކޮށް މަގާމު ދިފާއުކޮށްފިއެވެ.

އެމްޕޯލީގެ ދަނޑުގައި ކުޅުނު މިމެޗު ނަޕޯލީން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެމްޕޯލީންނެވެ. ނަމަވެސް އެމްޕޯލީއަށް ނަޕޯލީގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ލިބުން ނަމަވެސް މިހާފުގައި ލަނޑެއް ފެންނަ ގޮތެއް ނުވިއެވެ.

މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 63ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖަހައި ނަޕޯލީއަށް ލީޑު ނަގައިދިނީ ހިވިޗާ ކުވަރަޓްޝޭލިއާއެވެ. މިމެޗުގައި އިތުރު ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ދެޓީމުން ވެސް ވަނީ ރަނގަޅު ނުރައްކާތެރި ހަމަލާތަކެއް މިހާފުގައި ވެސް އުފައްދާފައެވެ. މިކާމިޔާބީއާއެކު ނަޕޯލީ މިހާރު އުޅެނީ ކުޅުނު އަށް މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ތާވަލްގެ ދެވަނައިގައި އުޅޭ ޔުވެންޓަސް ވެސް ވަނީ މި ހަފުތާގައި ލާޒިއޯ އާއި ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައެވެ. އަދި ހަމައެއާއެކު ހަތަރު ވަނައިގާ އުޅޭ އޭސީ މިލާން ވެސް ވަނީ އުދިނޭސީ އާ ބައްދަލުކުރި މެޗު ހަމަ މިނަތީޖާއިން ކާމިޔާބު ކޮށްފައެވެ.

މިމުބާރާތުގައި މިއަދު ކުޅުނު އެހެން ބައެއް ނަތީޖާ ތަކަށް ބަލާލާއިރު ތާވަލްގެ ފަސް ވަނައިގާ އުޅޭ ފިއޮރެންޓީނާ އާއި ލެއްޗެ ބައްދަލުކުރި މެޗު ހަ ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީ ފިއޮރެންޓީނާއެވެ. މިމެޗުގައި ފިއޮރެންޓީނާގެ ޑެނީލޯ ކަޓަލްޑީ އާއި އެންޑްރިއާ ކޮލްޕާނީ އިން ކުރެ ކޮންމެ ކުޅުންތެރިޔަކުވަނީ ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލޫކަސް ބެލްޓްރާން އާއި ފަބިއާނޯ ޕަރީސީއެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ލެއްޗެގެ އެންޓޯނިއޯ ގާލޯއަށްވަނީ ރަތް ކާޑު ދައްކާފައެވެ. މިނަތީޖާ އާއި އެކު ފިއޮރެންޓީނާ މިހާރު އުޅެނީ 13 ޕޮއިންޓާއެކު ފަސްވަނައިގައެވެ. އަދި ލެއްޗެ އުޅެނީ ފަސް ޕޮއިންޓާއެކު 18 ވަނައިގައެވެ.

މީގެއިތުރުން ހަވަަނައިގާ އުޅޭ އެޓަލާންޓާ އާއި ވެނޭޒިއާ ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އެޓަލާންޓާއެވެ. މިމެޗުގައި އެޓަލާންޓާގެ ދެ ލަނޑު ކާމިޔާބު ކޮށްދިނީ މާރިއޯ ޕަސަލިޗް އާއި މެޓިއޯ ރެޓެގޫއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު