ސްޓޯންސްގެ ލަނޑާއެކު ސިޓީއިން ވުލްވްސް ބަލިކޮށްފި

ސްޓޯންސްގެ ލަނޑާއެކު ސިޓީއިން ވުލްވްސް ބަލިކޮށްފި --

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށްފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗު ސިޓީއިން ފަށާފައިވަނީ ވެސް ވަރަށް ފޯރީގައެވެ.

މިގޮތުން ފުރަތަމަ ކަށިގަނޑާއެކު ސިޓީއިން ވުލްވްސްގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. ނަމަވެސް މެޗުގެ ހަތްވަނަ މިނެޓުގައި ސިޓީކޮޅަށް ދިޔަ ފުރަތަމަ ބޯޅައިން ވުލްވްސް ވަނީ މިމެޗުގެ ލީޑު ނަގައިފައެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ ނެލްސަން ސެމޭޑޯ ނަގައިދިން ހުރަހަކުން ޔޯގެން ސްޓްރާންޑް ލާސެންއެވެ. މިލަނޑާއެކު ސިޓީއަށް ސިހުން ލިބިގެންދިޔަ ނަމަވެސް އެޓީމުންވަނީ އަނެއްކާ ވެސް ވުލްވްސްގެ ޑިފެންސް ފޫއަޅުވާލެވޭތޯ ކުރަމުންދިޔަ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މިސީޒަންގައި މިހާތަނަށް މެޗަކުން މޮޅުނުވާ ދެޓީމުގެ ތެރޭގައި ހިމެނޭ ވުލްވްސް އިން މިމެޗުގައިވަނީ ސިޓީއާ ދެކޮޅަށް ވަރަށް ރަނގަޅަށް ޑިފެންސް ކޮށްފައެވެ. އަދި ވުލްވްސްގެ ކީޕާ ހޯސޭ ސާ ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މިމެޗުގައި ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ 33ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޮސްކޯ ގުވަޑިއޯލްއެވެ. މިލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފުގައި ވެސް ފެނިގެންދިޔައީ ސިޓީއިން ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔަ މަންޒަރެވެ. ވުލްވްސްއިން ޑިފެންސަށް އިސްކަން ދިނުމާއެކު ލިބޭ ފުރުސަތު ތަކުގައި ސިޓީގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. މިގޮތުން ސިޓީއިން ނުރައްކާތެރި ދެތިން ހަމަލާ ވުލްވްސްގެ ގޯލަށް މިހާފުގައި ފޮނުވާލިއިރު ވުލްވްސް އިންވެސް ވަނީ ދޭތެރެ ދޭތެރެއިން ސިޓީގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ފަސް މިނެޓް ދެއްކުމާއެކު މިމެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ސިޓީއިން ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އެންމެ ފަހުން ކާމިޔާބުވީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީ މިމެޗުން ސިޓީ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ތަޖްރިބާކާރު ޑިފެންޑާ ޖޯން ސްޓޯންސްއެވެ. މިއީ މިސީޒަންގައި މެޗު ނިމިނިމި އޮތްވާ ސްޓޯންސް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑެވެ. މިސީޒަންގައި އާސެނަލް އާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ވެސް ސިޓީގެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ސްޓޯންސްއެވެ. މިލަނޑު އެންމެ ފުރަތަމަ ލަނޑެއް ނޫންކަމަށް ނިންމި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ ލަނޑު ބަލައިގެންފައެވެ.

މިކާމިޔާބީއާއެކު ސިޓީއިން މިވަނީ ކުޅުނު ކުޅުނު އަށް މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް މިވަގުތަށް އަރާފައެވެ. ނަމަވެސް މިރޭ ލިވަޕޫލާއި ޗެލްސީ ބައްދަލު ކުރާ މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފި ނަމަ އެޓީމު އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އަރާނެއެވެ. މިމެޗުން ބަލިވުމުން ވުލްވްސް އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު