ކެންސަރަށް ފަރުވާ ކުރަމުން އަންނަ ޓީވީ ބަތަލާ ހީނާ ޚާން ވެސް ސިޔާމް ވޯލްޑަށް

ބަތަލާ ހީނާ ޚާން ސަން ސިޔާމް ވޯލްޑް ރިސޯޓުގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

އިންޑިއާގެ އެންމެ އަގުބޮޑު ޓެލެވިޒަން ބަތަލާ އަދި ފިލްމު އެކްޓްރެސް ހީނާ ޚާން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ.

ހީނާ އިއްޔެގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާއިރު ރާއްޖެ އައުމަށްފަހު އެއާޕޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

ޓީވީ ސީރީސްތަކުން ބޮޑު މަގުބޫލުކަމެއް ހޯދުމަށްފަހު އިންޑިއާގެ ފިލްމު އިންޑަސްޓްރީއާ ގުޅިފައިވާ ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. އަތޮޅުގައި އޮންނަ ސިޔާމް ވޯލްޑް ރިސޯޓުގައެވެ.

ބަތަލަ ހީނާ ޚާން--ފޮޓޯ/އިންސްޓަގްރާމް

މާލެ އެއާޕޯޓުގައި ނަގާފައިވާ ފޮޓޯތަކަށްފަހު ހީނާ ވަނީ ސިޔާމް ވޯލްޑަށް ދިއުމުން އޭނާއަށް މެހެމާންދާރީ އަދާކޮށް އެ ރިސޯޓުގެ މުވައްޒަފުން ކިޔައިފައިވާ ހޫނު މަރުހަބާގެ ވާހަކަތަކާ އެކު ރިސޯޓުގެ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ.

ހީނާގެ ފޮޓޯތަކުގައި ވަނީ އޭނާ މިފަހަރު ޗުއްޓީ ހޭދަކުރަން ޚިޔާރުކުރީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓުގައި ކަމަށް ބުނެ، ރިސޯޓުގެ ފުރިހަމަކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ހީނާ ޚާން މިދިޔަ އަހަރު ރާއްޖެއަށް ކުރި ދަތުރުގެތެރެއިން--ފޮޓޯ/ފޭސްބުކް

މަޝްހޫރު ކަލަސް ޓީވީގެ ޝޯ "ބިގް ބޮސް" އަދި 'ފިއަ ފެކްޓަ' ޝޯއިން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ ވަނީ މިދިޔަ ޖުލައި މަހު އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަކަން އިއުލާނުކޮށްފައެވެ. އެ ބައްޔަށް ފަރުވާ ހޯދަމުން ވެސް ފިލްމީ އެކި މަސައްކަތުގައި މަޝްއޫލުވަމުން އަންނަ ހީނާއަކީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ހީނާ ވަނީ މީގެކުރިން ވެސް އެކި ފަހަރުމަތިން ރާއްޖެ އައިސްފައެވެ. ހީނާ ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އޭނާ ޗުއްޓީއަށް ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ އެންމެ މަގުބޫލު އެއް މަންޒިލެވެ.

comment ކޮމެންޓް