އައިސްފައި ހުރި ރުޅިގަނޑު މައިތިރިކުރަން އުނދަގޫވި އަފްނާންއަށް ދަތްކުނޑި ވިކާލެވުނެވެ.
ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އުފެދިިފައވާ ބޭޤަރާރުކަން ކުޑަ ވާގޮތެއް ނުވިއެވެ. މި ފާއިތުވި ދެ އަހަރު ތެރޭގައި އޭނާއަށް ނޭނގޭ ބައިވަރު ކަންތައްތަކެއް ހިނގައިފިކަން އަފްނާންއަށް އެނގެއެވެ. ހީވަނީ ޙަޔާތުން ބައެއް ސަފްޙާތައް އުނިވެފައިވާހެންނެވެ. ކޮންމެވެސް މީހެއްގެ ކައިރިން އޭނާއަށް ނޭނގޭ މައުލޫމާތުތައް ހޯދަން އެހާ ވަރަށް އޭނާގެ ހިތް ތެޅި ފޮޅޭ ސަބަބަކީވެސް އެއީއެވެ. ޒާޔާއާއި ޔޫޝައުގެ ފަރާތުން އިތުރު އެއްޗެއް ހޯދުމަކީ ނާދިރުކަމެއްކަން އަފްނާންއަށް އެނގޭތީ، އިތުރު ނުތަނަވަސްކަމެއް އޭނާއަށް ލިބިފައިވެއެވެ. އެ ދެމީހުން އޭނާ ދެކެ ރުޅި އައުން ހައްޤުކަމުގައި އަމިއްލަ ސިކުނޑިން ވިސްނައިދޭން މަސައްކަތްކުރި ނަމަވެސް، އެކަން ޤަބޫލުކުރަން އޭނާ އުޒުރުވެރިވަމުން ދިޔައެވެ.
އަފްނާން ތިރިއަށް ފޭބިއިރު، ރޭގަނޑު އަށެއް ޖަހާ ބޮޑު ވެއްޖެއެވެ. އޭނާ ކާކޮޓަރިއާ ދިމާލަށް މިސްރާބުޖެހީ އެއީ އާއްމުކޮށް އެ ގޭގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރާ ގަޑިކަމަށްވާތީއެވެ. އިޝާނަމާދަށްފަހު، ވީ އެންމެ އަވަހަކަށް ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު، ނިދުމަކީ އަބަދުވެސް ރިސާމާއާއި ނަޖީބުގެ އާދައެކެވެ.
"ދަރިފުޅާ!" ރިސާމާއަށް އަފްނާން ފެނުމާއެކު، ގޮވާލެވުނެވެ. އޭރު ގޭގައި ގެންގުޅޭ ނޯކަރުންގެ ތެރެއިން ދެ ކުއްޖަކު މޭޒު ކައިރީގައި ހަރަކާތްތެރިވާތަން ފެނެއެވެ.
"މާ އަވަހަށްތަ މި އާދެވުނީ؟" އަފްނާން ސުވާލުކޮށްލުމާއެކު، ރިސާމާ ދެފާރަތަށް ބޯ ހޫރާލިއެވެ.
"ނޫނޭ. ބައްޕަ އެބަ ދުރުވޭ." ރިސާމާ ބުނެލިއެވެ. ރިސާމާ އެހެން ބުނެލި ތަނާ ނަޖީބު އައިސް ކާކޮޓަރިއަށް ވަނެވެ.
"ދޮންބެ ނާދޭތަ! ބުނި މިރޭ ދަންވަރު ޑިއުޓީ އޭ." ނަޖީބާއި ރިސާމާއާއި ދެމީހުންނަށްފަހު، ގޮނޑީގައި އިށީން އަފްނާން ބުނެލިއެވެ.
"އެމަރޖެންސީއެއް ދިމާވެގެން ދިޔައީ. ބުނި މިރޭ ނާދެވާނެ ވާހަކަ." ރިސާމާ އަފްނާންއަށް ޖަވާބު ދިނުމުން އަފްނާން ބޯ ޖަހާލާފައި، ވަރަށް ފުންކޮށް ނަޖީބާއި ރިސާމާއަށް ބަލައިލިއެވެ. އޭނާ އެއްޗެއް ބުނަން އުޅެފައިވެސް، ވާހަކަ ފަށާނީ ކިހިނެއްކަން ނޭނގިގެން އުޅޭ ފަދައަކުން އިނުމަށްފަހު، އެންމެފަހުން ކާން އިން ތައްޓަށް ނަޒަރު ހުއްޓާލީއެވެ.
*****
ތިއޭޓަރއިން ނުކުތް އަޒްލަފް އޭނާ ދެންމެ އޮޕަރޭޝަން ކުރި ޒުވާނާގެ ޙާލަތު އާއިލާއަށް ކިޔައިދީފައި، ކަންތައްތައް ކުރަންވީ ގޮތުގެ އިރުޝާދު ނަރުސްކުދިންނަށް ދިނުމަށްފަހު، ގޮސް ވަނީ އޭނާގެ ކެބިންއަށެވެ. އަޒްލަފްއަކީ ރާއްޖޭގައި ތިބި މަދު ނާރުގެ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ޑޮކްޓަރެކެވެ. އޭނާ ޚާއްސަކޮށް ފާހަގަވެފައިވަނީ ޒުވާން އުމުރުގައި އެ ދާއިރާއިން ޚާއްސަވީ ދިވެހި ޑޮކްޓަރެއްގެ ގޮތުގައެވެ. ނިއުރޯސާރޖަންއެއްގެ ގޮތުގައި މަސައްކަތް ކުރާތާ ވީ ހަތަރު އަހަރު ނަމަވެސް، ބަލިމީހުންގެ އިތުބާރާއި ލޯބި އޭނާ ވަނީ ހޯދާފައެވެ.
ގޮނޑީގައި އިށީނދެލާފައި މޭޒުމަތީގައި ބޯ އަޅައިލި އަޒްލަފް، ފުން ނޭވާއެއް ދޫކޮށްލީ ހަށިގަނޑުގައިވި ވަރުބަލިކަން ފިލުވާލުމުގެ ގޮތުންނެވެ. އިރުކޮޅަކު އެހެން އިނދެފައި އޭނާ ގޮސް ވަނީ ޑޮކްޓާރސް ލައުންޖަށެވެ. އެތަނުގައި ހުރި ކޮފީ މެޝިނުން ކޮފީއެއް ހަދާލައިގެން ކެބިނެޓްގައި ލެނގިލިއެވެ.
އަޒްލަފް އަކީ ފިރިހެންވަންތަ ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ. އަންހެން ކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ އެތަކެއް ސިފަތަކެއް އޭނާއަށް ލިބިފައިވެއެވެ. ދިގު އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެކެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަ ކޮށްދީފައިވެއެވެ. އެހެންނަމަވެސް، އެމޫނުމަތިން ފެންނަނީ މާޔޫސީ އަސަރު ތަކެކެވެ. ކަމަކާ މެދު ފިކުރުބޮޑުވެފައިވާ ފަދަ އަސަރުތަކެކެވެ. ކޮންމެވެސް ކަހަލަ ވޭނެއް ވަންހަނާކުރަން މަސައްކަތް ކުރާ ފަދަ އަސަރުތެކެކެވެ.
ކޮފީތަށީގައި ހިފައްޓާލައިގެން ވިސްނުމަކަށް ގެއްލިފައި އަޒްލަފް ހުއްޓާ، ސިހުން ގެވުނީ އޭނާގެ ފޯނުގެ ރިންގުގެ އަޑާއެކުގައެވެ.
"ހަލޯ. ދަރިފުޅު…" ފޯނު ކަންފަތުގައި ޖައްސާލުމާއެކު، އަޒްލަފް ބުނެލިއެވެ.
"ޑެޑީ ބިޒީތަ؟" ފޯނުން އިވުނީ ތުއްތު ފިރިހެން ކުއްޖެއްގެ އަޑެވެ. އެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.
"ނޫން. ޑެޑީ ބިޒީ އެއް ނޫން. އެކަމަކު ދަރިފުޅު ކީއްވެ ނުނިދާ؟ މިހާރު ޓުވެލް ވަނީ. ކޮބާ މަންމި؟" ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލުމަށްފަހު، އަޒްލަފް ބުނެލިއެވެ.
"މަންމި ނެތޭ ގެއަކު. ވަރަށް ގިނައިން ގުޅައިފިން… ޑެޑީއަށް އާދެވޭނެތަ؟" ތުއްތު އަޑުން އެހެން ބުނެލިއިރު، އެ އަޑުގައިވާ އުންމީދުގެ އަސަރު އަޒްލަފްއަށް ފާހަގަ ކުރެވުމާއެކު، ދެކޮޅު ހަދާކަށް އޭނާއަކަށް ނުކެރުނެވެ.
ޑެޑީ މިދަނީ… ޑެޑީ ދަންދެން ގޭގެ ދޮރު ނުހުޅުވައްޗޭ." ދަރިފުޅަށް ނަސޭޙަތްދީފައި ފޯނު ބޭއްވި އަޒްލަފް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ފޯނުން ނަންބަރެއް ހޯދާލުމަށްފަހު، އޭނާ އެ ނަންބަރަށް ޑައިލްކޮށްލިއެވެ. ފޯނު ރިންގުވެފައި ކެނޑުނު އިރުވެސް ފޯނެއް ނުނަގައެވެ. ތިން ހަތަރު ފަހަރު ގުޅުމުންވެސް ލިބުނީ އެއް ޖަވާބެކެވެ. ކޮފީތަށި ސިންކަށް އަޅާލުމަށްފަހު، އަވަސް އަވަހަށް ޗޭންޖިން ރޫމަށް ގޮސް ސްކްރަބް ބަދަލުކޮށްލައިގެން އޭނާ ނުކުތެވެ. ލިފްޓަށް އަރަމުން ޑިއުޓީ ގަޑި ނިންމި އެކުވެރިއެއް ކަމަށްވާ ޖަވާދަށް، އަޒްލަފް ގުޅާލިއެވެ.
"ޖަވާ. އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދޭން ޖެހޭ އެބަ." އަޒްލަފް ބުނެލިއެވެ.
"ކިހިނެއްވީ؟" ޖަވާދު އަހާލިއެވެ.
"އިރުކޮޅަކު މަޑުކޮށްލަދެވޭނެތަ؟ ކުޑަ ކަމަކު ބޭރަށް ގޮސްލަން ޖެހިގެން." އަޒްލަފް ބުނެލިއެވެ.
"އޯކޭ…" އިތުރު ސުވާލެއް ކުރުމެއްނެތި ޖަވާދު އާބަސްދިނީ، އަޒްލަފްއަކީ ބޮޑުކަމެއް ޖެހިގެން ނޫނީ ޑިއުޓީ ގަޑީގައި އެގޮތަށް ބޭރަށް ދާ މީހަކަށް ނުވާތީއެވެ.
"ކަމެއް ޖެހުނިއްޔާ ގުޅައްޗޭ. ތޭންކްސް." އެހެން ބުނެލާފައި އަޒްލަފް ފޯނު ބޭއްވިއެވެ. ލިފްޓު އެންމެ ތިރިއަށް ހުއްޓުމާއެކު، އަވަސް އަވަހަށް ގޮސް ހޮސްޕިޓަލުން ނުކުމެ ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ކާރާ ދިމާލަށް އޭނާ ދިޔައެވެ. ކާރަށް އެރުމަށްފަހު، ޖީބުގައި އޮތް ފޯނު ނަގާ އޭނާއަށް ފެންނާނޭހެން ބާއްވައިލީ އަނެއްކާވެސް ދަރިފުޅުގެ ފޯނު ކޯލެއް ލިބިދާނެތީއެވެ.
މާފަންނުގައި ހުރި ދިހަ ބުރީގެ އިމާރާތެއްގެ ކުރިމަތީގައި، މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލާފައި ގޮސް އޭނާ ގޭގެ ކޯޑު ޖަހާލިއެވެ. ދޮރު ހުޅުވުމާއެކު، އެތެރެއަށް ވަދެގެން ގޮސް ލިފްޓަށް އަރާ ހަތަރު ވަނަ ފަންގިފިލާއަށް ދިޔައެވެ. އެއަށްފަހު، އެޕާރޓްމެންޓް ދޮރު ހުޅުވާލުމަށްޓަކައި، ފިންގަރ ޕްރިންޓް ޖަހާލިއެވެ. އިވިގެން ދިޔަ ބީޕް އަޑާއެކު ދޮރު ހުޅުވިގެން ދިޔައެވެ.
"ދަރިފުޅާ! އާއިން." އެތެރެއަށް ވަންނަމުން އަޒްލަފް އޭނާގެ ފަސް އަހަރުގެ ދަރިފުޅަށް ގޮވާލިއެވެ. އަދި ވަށައިގެން ބަލާލިއެވެ. އެއީ ދެކޮޓަރީގެ ތަނަވަސް ބޮޑު އެޕާރޓްމެންޓެކެވެ. ސިޓިން ރޫމުގައި މަޑު މުށިކުލައަކަށްދާ ސޯފާސެޓެއް ބަހައްޓާފައިވާއިރު، ފާރުގައި ބޮޑު، ފަތި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. ސިޓިން ރޫމުގައި ހުންނައިރު ކާ މޭޒު ފެންނަން ހުރި ނަމަވެސް، ކައްކާ ބައިވަނީ އެ ދިމާލުގައި ރާނާވާފައިވާ ފާރުގެ ސަބަބުން ކޮންމެވެސް ވަރަކަށް ނިވާވެފައެވެ.
"ދަރިފުޅާ!" އާއިންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން އަޒްލަފް އަނެއްކާވެސް ގޮވާލިއެވެ. އޭނާ ގޮސް ދޮރު ހުޅުވާލިއިރު، އާއިން އިނީ އެނދުގެ ފައިިލާ ކޮޅުގައި އިށީނދެލައިގެން ދަތް ދޮޅީގައި އަތް ޖައްސާލައިގެންނެވެ. އަޒްލަފް ފެނުމާއެކު، އާއިންގެ މޫނުމަތި އުޖާލާވެގެން ދިޔަތަން ފެނުނެވެ. ފެންކަޅިވެފައިވީ ނަމަވެސް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
އާއިންގެ މޫނަށް ބަލައިލި އަޒްލަފްއަށް އާއިން ރޮއިފައިހުރިކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެހެންނަމަވެސް އެވަގުތު ރުޅިގަނޑު ހިންދާލަމުން އޭނާ ހަމަޖެހިލިއެވެ.
އާއިން އަޒްލަފްގެ ކައިރިއަށް އައިސް ހުއްޓުމާއެކު އޭނާ، އާއިން އުރާލިއެވެ. އަދި ވަށައިގެން ކޮޓަރިއަށް ބަލާލިއެވެ. ކުރިން ދުވަހު އޭނާ އާއިންއަށް ގަނެދިން ކުޑަ މޭޒު އެއްފަރާތުގައި ބަހައްޓާފައި ހުރިއިރު އާއިންގެ ސްކޫލުގެ ބައެއް ސާމާނުތައް އޭގެ މަތީގައި ހުއްޓެވެ. އެނދާ، އަލަމާރިއަކާއި ކުޅޭ ސާމާނު އަޅަން ގެންގުޅޭ ކުޑަ ވަށިގަނޑެއް ވެސް އެ ކޮޓަރީގައި ހުއްޓެވެ. އެނދުގެ ކުރިމަތީގައި އަޅާފައިވާ މެޓުގެ މެދުގައި އޭރުވެސް ބައެއް ކުޅޭއެއްޗެހި ހުއްޓެެވެ. އެއްފަރާތު ފާރުގައި އާއިންއަށް އެރޭވަރުގެ ކުޅޭ ކާރެއް ބާއްވާފައި އޮތެވެ.
"ޑެޑީ އެބަ މަންމިއަށް ގުޅަން." އަޒްލަފް އާއިންގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. އެއަށްފަހު، އޭނާ ފޯނު ނަގާ ކުރިންވެސް ގުޅި ނަންބަރަށް ގުޅާލިއެވެ. މިފަހަރުވެސް ލިބުނީ ކުރިންވެސް ލިބުނު ޖަވާބެވެ. އެއާއެކު އޭނާގެ ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އެހެން ހުއްޓާ ޖަވާދު އޭނާއަށް ގުޅައިފިއެވެ. ހޮސްޕިޓަލަށް ދާން ޖެހުމާއެކު، އަޒްލަފް އެގެއިން ނުކުތީ އާއިން ގޮވައިގެންނެވެ.
ކާރަށް އަރާފައި އަޒްލަފް "ވުޑްލޭންޑާ" ދިމާލަށް ދުއްވާލަމުން، ރިސާމާގެ ނަންބަރަށް ގުޅާލިއެވެ. ނަސީބަކުން ރިސާމާ ފޯނު ނަގައިފިއެވެ.
"މަންމާ! ނިދަނީ ދޯ." އަޒްލަފް ސުވާލުކޮށްލިއެވެ. އެ ގަޑީގައި މަންމައަށް އުނދަގޫކުރުމަކީ، އޭނާ އެއްގޮތަކަށްވެސް ބޭނުންވާގޮތެއް ނޫނެވެ. އެހެންނަމަވެސް، މިވަގުތު އިތުރު ގޮތެއް ނެތުމުން ގުޅަން މަޖުބޫރުވީއެވެ.
"ކިހިނެއްވީ؟ ކަމެއް ދިމާވީތަ؟" ރިސާމާގެ އެ ސުވާލު އަޑު އިވި އަޒްލަފްއަށް ބަލާލެވުނީ އާއިންއަށެވެ.
"އާއިން ގެންގޮސްލަންވެގެން." އަޒްލަފް ބުނެލިއެވެ. އަޒްލަފްގެ އަޑުގައިވީ އަސަރުތަކުން އިތުރު ސުވާލެއް ކުރުމެއްނެތި ރިސާމާ އާބަސް ދިނެވެ.
"އަވަހަށް އާދޭ ގޮވައިގެން." އެހެން ބުނެލާފައި ރިސާމާ ފޯނު ބޭއްވިއެވެ.
"މިރޭ ކޮއްކޮ ނިދާނީ ދެން ޑެޑީމެން ގޭގަތަ؟" އާއިންގެ އަޑުން އުފާވެރިކަން ފާޅުވެއެވެ.
"ލައްބަ." އާއިންއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، އަޒްލަފް ބުނެލިއެވެ.
އޭނާ ގޮސް "ވުޑްލޭންޑު"ގެ ގޯތިތެރެއަށް ކާރު ވައްދާލިއިރު، ބޮޑު ދޮރުގެ ކުރިމަތީގައި މަޑުކޮށްލައިގެން ރިސާމާ ހުރީ އިންތިޒާރުގައެވެ. ކާރުން ފައިބައިގެން ގޮސް އަނެއް ފަރާތުގައި އިން އާއިން ކާރުން ބާލާ އުރާލުމަށްފަހު، އަޒްލަފް ގޮސް ރިސާމާގެ ކައިރީގައި ހުއްޓުނެވެ.
"ފަހުން ކިޔައިދޭނަން އިނގޭ މަންމާ. މި ގަޑީގައި ހޮސްޕިޓަލަށް ދާން ޖެހިގެން މިއުޅެނީ." އަތު ކުރީގައި އޮތް ގަޑިއަށް ނަޒަރު ހުއްޓާލަމުން، އަޒްލަފް ބުނެލިއެވެ. އެއަށްފަހު، އޭނާ ކާރަށް އަރައިގެން އަނެއްކާވެސް ހޮސްޕިޓަލާ ދިމާލަށް މިސްރާބުޖެހިއެވެ.
*****
ބޭރުގައި އުޅެފައި ޝައުފާ ގެއަށް އައިސް ވަނީ އެކެއް ޖަހާ ބޮޑުވީފަހުންނެވެ. އާއިންގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން އޭނާ ގޮސް ކޮޓަރި ދޮރު ރަނގަޅަށް ހުޅުވާލާފައި ބަލާލިއެވެ. އާއިން ނެތްކަން އެނގުމާއެކު، އޭނާ ފާޚާނާވެސް ބެލިއެވެ. އާއިންއަށް ގޮވަމުން ސިޓިން ރޫމާ ބަދިގެ ބައިވެސް ބެލިއެވެ. އާއިން ނެތުމުން ހާސްކަމާއެކު، ޝައުފާއަށް އަތް ދަބަސް ތެރޭގައި އޮތް ފޯނު ނެގުނެވެ. އައިސްފައި ހުރި މިސްކޯލުތައް ފެނުނީ ދެނެވެ. އާއިންގެ އަތުގައި އޮންނަ ފޯނުން އައިސްފައިހުރި މިސްކޯލު ތަކުގެ އިތުރުން، އަޒްލަފްގެ ވެސް އެތަކެއް ކޯލެއް އޭނާއަށް ލިބިފައިވެއެވެ. އާއިން ގޭގައި ނެތުމުން އަޒްލަފް އާއިން ގެންދިޔައި ކަމުގައި ޝައްކުކުރެވުނީ ދެނެވެ. އެކަން ޔަޤީންކުރުމުގެ ގޮތުން އޭނާ އަޒްލަފްއަށް ގުޅާލިއެވެ. އެހެންނަމަވެސް ޝައުފާގެ ދެ ބުމަ ގޮށް ޖެހުނީ އަޒްލަފް ފޯނު ކަނޑާލުމުންނެވެ.
ކޮރިޑޯގައި އިތުރު ޑޮކްޓަރަކާއި ވާހަކަ ދައްކަން ހުރި އަޒްލަފްގެ ފޯނު ވައިބްރޭޓްވުމުން އޭނާ ފޯނު ކަނޑާލީ ދައްކަމުން ދިޔަ ވާހަކައިގެ މުހިންމުކަމުންނެވެ. އެހެން ހުއްޓާ ދެވަނަ ފަހަރަށްވެސް ފޯނު ރިންގުވިއެވެ.
"އެކްސް ކިއުޒް މީ." އެހެން ބުނެލާފައި އަޒްލަފް ފޯނު ކަނޑާލާފައި ސައިލެންޓަށް ލިޔެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓް އެތަނުގައި އަޒްލަފް ހުއްޓެވެ. އޭނާ ޝައުފާއަށް ގުޅާލީ ކެބިންއަށް ވަދެ ހަމަޖެހިލައިގެންނެވެ.
"ހަލޯ…." އަޒްލަފްގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.
"އާއިންވީ އަޒްލަފް ކައިރީ ދޯ." ޝައުފާގެ ސުވާލު އަޒްލަފްއާ އަމާޒުވިއެވެ.
"އަހަރެން މިހުރީ ހޮސްޕިޓަލުގަ." އަޒްލަފް ޖަވާބު ދިންއިރު، ހަމަޖެހެން މަސައްކަތްކުރަމުން ފުންނޭވާއެއް ލިޔެވެ.
"ހޮސްޕިޓަލުގައި ހުއްޓަސް އާއިން ގެންދިޔައީ އަޒްލަފް ދޯ އޭ މި އަހަނީ." ޝައުފާ ތަކުރާރުކޮށް ސުވާލުކޮށްލިއެވެ.
"ކިހިނެއްވީ؟ މިހާރު ކީއްވެ ތިހާ ހާސްވަނީތި؟ އާއިން ދެކެ ތިހާ ލޯބިވާނަމަ، އެކަނިކޮށްލާފަ ނުދާނެ ދޯ. އެޓްލީސްޓް ކަމެއް އޮތިއްޔާ އަހަރެން ކައިރީ ބުނެލާނެ ނަމަ. މާދަމާ އާއިން ގެންދާނަން. ބިޒީކޮށް މިއުޅެނީ. ބޭއްވީ." އެހެން ބުނެލާފައި އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ޝައުފާއަށް ދިނުމެއްނެތި، އަޒްލަފް ފޯނު ބޭއްވިއެވެ. އެއަށްފަހު، ގޮނޑީގައި ލެނގިލާ ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ. އެތަކެއް އިރަކު އޭނާއަށް އެހެން އިނދެވުނެވެ.
*****
އާދުވަހަކަށް އުދަވެލި އިރުގެ ދޯދިތަކުން ދުނިޔެއަށް މަޜްހަބާ ކިޔަމުން ދަނީއެވެ. ހެނދުނު ހަތެއް ޖަހާއިރަށް ކޮށްފައިވާ އެލާމުގެ އަޑުން ކޮޓަރީގެ ހިމޭންކަން ފޫދުއްވަމުން ދިޔަ ވަގުތު އެނދުގައި އޮތް އަފްނާން މޯޅިއަކަށް ދެމިލީ އެ އަޑުން އުނދަގޫވެފައިވީ ފަދަ ގޮތަކަށެވެ. އެލާމު ނިއްވާލާފައި އަނެއްކާވެސް ދެލޯ މަރާލީ، ނިދީގެ ފޮނި މީރުކަން ހާސިލްކުރަން ބޭނުންވެފައިވީ ފަދައަކުންނެވެ. އެހެންނަމަވެސް، އެހެން އޮވެވުނީ އިރުކޮޅަކުއެވެ. ދެވަނަ އެލާމުގެ އަޑު އިވެން ފަށައިފިއެވެ. ޗޮކެއް ކަނޑާލަމުން ތެދުވެ ފޯނުގެ އެލާމު ކަނޑާލާފައި ގޮސް ފާޚާނާއަށްވަދެ ފެންވަރާ ތާޒާ ވެލައިގެން ޔުނިވާރސިޓީއަށް ދާން އޭނާ ތައްޔާރުވިއެވެ.
ދަބަސް އަޅުވާލައިގެން ތިރިއަށް ދިޔައިރު، ބޮޑު ކޮޓަރީގެ ސޯފާގައި މަންމައާއެކު އިން ތުއްތު ކުއްޖާ ފެނުމާއެކު، އަފްނާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ.
"މިހާ ހެނދުނަކާ ކީއްކުރަން އައިސް އިން ކުއްޖެއް މީ؟" އެ ދިމާލަށް ހިނގައިގަންނަމުން އަފްނާން ސުވާލުކޮށްލިއެވެ.
އަފްނާން ފެނުމާއެކު، އާއިން މޫނުމައްޗަށް ފޫހިވައްތަރެއް ޖައްސާލިއެވެ.
"ރޭގަ އާއިން ނިދީ ޑެޑީ ގޭގައޭ…" ދެބުމަ ގޮށްޖަހާލައިގެން ހުރެ އާއިން ބުނެލިއެވެ.
"ލައިން އިޒް ވެރީ ބޭޑް." އަފްނާން ހީނލިއެވެ.
"ހަމަ އަސްލުވެސް އޭ. އަހާބަލަ މާމަ ކައިރީ." އާއިން ބުނެލިއެވެ. އަފްނާން ރިސާމާއަށް ބަލާލުމުން ރިސާމާ ބޯ ޖަހާލުމުން ކޮންމެވެސް ކަމެއްވީކަން އެނގުނު ނަމަވެސް، އެ ވަގުތު އެކަމާ ގުޅޭ އެއްވެސް ސުވާލެއް އަފްނާން ނުކުރެއެވެ.
"މާމަ އެެއް ނޫނޭ ކިޔާނީ. ބޮޑުމަންމަ. ނޫނީ ތިއްތި މަންމަ ކިޔާނީ… މާމަ މާ މުސްކުޅިއެއްނު." އަފްނާން އާއިންއާ ދިމާކޮށްލިއެވެ. އާއިން ދެ އަތް އުރާލަމުން ބަލާލީ ރިސާމާއަށެވެ.
"ޔަންގް މާމަ އެކޭ މީ ދޯ ދަރިފުޅާ." ރިސާމާ ބުނެލިއެވެ. "ދަރިފުޅު ސައި ނުބޮއިތަ ތި ދަނީ؟"
"ދެން ކެންޓީނުން އެއްޗެއް ކާލާނީ؟ ބައްޕަ ކޮބާތޯ؟" އަފްނާން ސުވާލުކޮށްލިއެވެ.
"މިއަދު އަވަހަށް އޮފީހަށް ދާން ޖެހިގެން އެ ދުރުވީ." ރިސާމާ އެހެން ބުނެލުމުން އަފްނާން އެހެންހެއްޔޭ ކިޔާފައި ގޮސް ގެއިން ނުކުމެގެން ސައިކަލަށް އަރާ ޔުނިވާސިޓީއާ ދިމާލަށް ދާން ސައިކަލު ދުއްވާލިއެވެ.
ކްލާސް ފެށުނީ އަފްނާން ދިޔަތާ ފަނަރަ މިނެޓް ފަހުންނެވެ.
އެ ދުވަހުގެ ހުރިހާ ކްލާހެއް ނިމޭ ވަރުވީ މެންދުރު ދޭއް ޖަހަން އުޅެނިކޮށެވެ. ކްލާސް ނިމުމާއެކު، ލަސްތަކެއް ނުވެ ޒާޔާ ކޮލެޖުން ނުކުތީ މުހިންމުކަމެއް އޮތުމުންނެވެ. އެހެންނަމަވެސް ޔޫޝައު އިރުކޮޅަކު އެކުވެރިއަކާ އެކު ވަހަކަ ދައްކަން މަޑުކޮށްލިއެވެ. ޔޫޝައުއަށް ފާރަވެރިވެ ހުރި އަފްނާން، ޔޫޝައު ދާން ފެށުމުން ގޮސް އޭނާއާ އަރާ ހަމަކޮށްލާ ވާހަކަ ދެއްކިއެވެ.
ޔޫޝައު!" އަފްނާން ގޮވާލިއެވެ.
"ކިހިނެއްވީ؟" ޔޫޝައު އަފްނާންއަށް ބަލާލިއެވެ.
"ކޮފީއަކަށް ދާނަން؟" އަފްނާން ސުވާލުކޮށްލިއެވެ.
"ދެވިދާނެ." އަފްނާން އޭނާގެ ފަހަތުން ނުނައްޓާނެކަން އެނގޭތީ ޔޫޝައު އެހެން ބުނެލި ނަމަވެސް، އޭނާ އެކަމަށް އެއްބަސްވީ އަމިއްލަ އެދުމެއް ވެސް އޮތީތީއެވެ. އަފްނާން ދައްކާ ވާހަކައެއް އަޑު އަހާލުމުގެ ވެސް ބޭނުމުގައެވެ.
ކަންމަތީގަ ހުރި ކޮފީ ޝޮޕް އޯކޭ ވާނެއެއްނު." އަފްނާން ބުނެލިއެވެ.
"ޔާ ޝުއަރ." އެހެން ބުނެލާފައި ޔޫޝައު އަފްނާންއާއެކު ގޮސް ކޮފީ ޝޮޕަށް ވަނެވެ. މާގިނަ މީހުންނެއް ނެތެވެ. ދެވަނަ ފަންގިފިލާއަށް އަރާ، ބޭރު ފެންނަގޮތަށް ހުރި މޭޒެއްގެ ދޮށުގައި ދެމީހުން އިށީނދެލާ ކޮފީއަކަށް އޯޑަރު ދިނެވެ.
"ކިހިނެއްވީ؟ ކޮފީއަކަށް އަންނަން ބުނީ؟" ޔޫޝައު ސުވާލުކޮށްލިއިރު، އެ އަޑުގައި މާ ބޮޑު އަސަރެއް ނެތެވެ.
"އަހަރެން ދެކެ ހިތްހަމަ ނުޖެހިފަ ދޯ؟" އަފްނާން ސުވާލުކޮށްލި އެވެ.
"އަސްލު އެ އެއް ނޫނެއްނު އެނގެން ބޭނުންވެގެން ތިއުޅެނީ؟ އަފްނާން އަހަން ބޭނުންވާ އެއްޗެއް އަހާބަލަ." ޔޫޝައު އެހެން ބުނެލުމުން އަފްނާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އިސްޖަހާލައިގެން އިރުކޮޅަކު އިނުމަށްފަހު، އޭނާ އެއްޗެއް ބުނަން އުޅުނު ވަގުތު ވެއިޓަރ އައިސް ކޮފީ ތަށިތައް މޭޒުމަތީގައި ބެއްޓުމުން މަޑުޖެހިލެވުނެވެ.
"ޔެސް؟" ވެއިޓަރު ދިޔުމުން ޔޫޝައު އޭނާ އިނީ އިންތިޒާރުގައިކަން އަފްނާންއަށް އަންގައިލިއެވެ.
"މީ… މައު… މައުވާ ކޮބާ؟"
(ނުނިމޭ)