ވިލާއިން ފުލަމް ބަލިކޮށް ތާވަލްގެ ހަތަރުވަނައަށް

އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ފުލަމް ބައްދަލުކުރި މެޗު ވިލާއިން ކާމިޔާބުކޮށް ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު ވިލާއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 3-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ފުލަމް އިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ.

މި މެޗުގެ ފެށުން ރަނގަޅުވީ މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ފުލަމްއިންނެވެ. މިގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ފުލަމްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކީޕާ ބާންޑް ލެނޯ ކުރިއަށް ދިން ބޯޅައަކުން ފޯވަޑް ރައުލް ހިމެނޭޒްއެވެ.

ނަމަވެސް މިލީޑު ފުލަމްއަށް ހިފަހައްޓާލެވުނީ ހަަތަރު މިނެޓް ވަންދެނެވެ. ވިލާގެ މޯގަން ރޮޖާސް ފުލަމްގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށްވަނީ ކެލްވިން ބަސީ ގައިގާ ޖެހިފާ މިސްރާބު ބަދަލުވެގެންގޮސްއެވެ. މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ ފުލަމް އަށެވެ. ފުރަތަމަ ހާފުގައި އެޓީމަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް އެންޑްރިއާސް ޕެރެއިރާ ފޮނުވާލި ޕެނަލްޓީ ވަނީ ވިލާގެ ކީޕާ އެމިލިއާނޯ މާޓިނޭޒް ދިފާއު ކޮށްފައެވެ.

މި މެޗުގައި ވިލާއިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 59 ވަނަ މިނެޓުގައި އޮލީ ވޮޓްކިންސް ޖަހައިދިން ލަނޑުންނެވެ. މިއީ އޭނާ މި ސީޒަންގައި ކާމިޔާބުކުރި ފަސް ވަނަ ލަނޑެވެ. މި ހާފުގައި ފުލަމްއިން ލަނޑެއް ޖެހާ މެޗުން ނަތީޖާ އެއް ނެރުމަށް ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅިގެންދިޔައީ މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑާ ހޯކިމް އެންޑަސަންއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

އަދި އެއް ކުޅުންތެރިއެއް މަދުވިތާ ފަސް މިނެޓް ފަހުން ވިލާއިން އެ ޓީމުގެ ލީޑު ފުޅާކުރީ ފުލަމްގެ ޑިފެންޑާ އީސާ ޑިއޮޕް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މި މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ވިލާގެ ޖޭޑެން ފިލޮގީން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައިވުމާއެކު ދެ ޓީމުން ވެސް މި މެޗު ނިންމާލީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މި ކާމިޔާބީއާއެކު މިސީޒަން ވެފައިވަނީ 1998-1999 ވަނަ އަހަރުގެ ސީޒަނަށްފަހު މިހާތަނަށް އެންމެ ކާމިޔާބުކޮށް ވިލާއަށް ސީޒަނެއް ފެށުނު ފަހަރަށް ވެގެން ގޮސްފައެވެ. އަދި އެ ޓީމު އުޅެނީ އަށް މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ މިވަގުތު އޮތް ލިވަޕޫލާއި އެއް ޕޮއިންޓަށް ގާތް ކޮށްފައެވެ.

ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ވިލާ މިވަގުތު އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ފުލަމް އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު