ޔުނައިޓެޑުން ބްރެންޓްފަޑްގެ މައްޗަށް ކުރި ހޯދައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމަށް ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ފެނިގެންދިޔައީ ހަމަލާއަށް އިސްކަންދީގެން ކުޅެމުންދިޔަ ތަނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދެ ޓީމުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް މިހާފުގައި އުފެއްދުމެވެ. ނަމަވެސް މިހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި ނިމެން ދަނިކޮށް މެޗުގެ ލީޑު ނަގާފައިވަނީ ބްރެންޓްފަޑްއިންނެވެ.

މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ބްރެންޓްފަޑްއަށް ލިބުނު ކޯނަރަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އީތަން ޕިނޮކްއެވެ. މި ކޯނަރު ލިބުނު ވަގުތު ޔުނައިޓެޑްގެ ޑިފެންޑާ މެތިއުސް ޑި ލިޓްގެ ބޮލަށް އޭގެ ކުރިން ލިބުނު އަނިޔާއެއްގެ ސަބަބުން ބޮލުން ލޭ އައްނާތީ ރެފްރީ ވަނީ އޭނާ ފަރުވާ ހޯދުމަށް ދަނޑުން ފޮނުވާލާފައެވެ. އަދި މި ކަމުގެ ސަބަބުން ޔުނައިޓެޑުންވަނީ ރެފްރީ ކައިރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އަދި މިކަމުގެ ތެރޭގައި ބައެއް ކުޅުންތެރިންނާއި ކޯޗިން ޓީމުގެ ބައެއް ފަރާތްތަކަށް ރީނދޫ ކާޑުވެސް ދައްކާފައިވެއެވެ. މީގެތެރޭގައި ކޯޗު އެރިކް ޓެން ހާގް ވެސް ހިމެނިގެންދިޔައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑް ފެނިގެންދިޔައީ މުޅިން ތަފާތު ޓީމެއްގެ ގޮތުގައެވެ. މިގޮތުން އެ ޓީމުގެ ފަރާތުން އާ ހިތްވަރަކާއެކު އިތުބާރާއެކު ކޫލެމުންދިޔަތަން ފެނިގެންދިޔައެވެ. ނަތީޖާއަަކަށް ވެގެންދިޔައީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.

މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލެހަންޑްރޯ ގެނާޗޯއެވެ. އަދި މި ލަނޑާއެކު ޔުނައިޓެޑުން ބްރެންޓްފަޑްގެ ގޯލަށް ކުރަމުންދިޔަ ނުރައްކާ އިތުރު ވެގެންދިޔަ ތަން ފެނިގެންދިޔައެވެ.

އަދި ގާތް ގާތުގައި ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ޔުނައިޓެޑަށް ލިބިގެންދިޔަ ތަން ފެނިގެންދިޔައެވެ. މި މެޗުން ޔުނައިޓެޑް މޮލުވި ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަޑް ރަސްމުސް ހޮއިލުންޑްއެވެ. މިހާފުގައި ބްރެންޓްފަޑްއަށް މާރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. އަދި ޔުނައިޓެޑުން ކުލެމުންދިޔަ ކުޅުމުގެ ސަބަބުން އެޓީމަށް ޑިފެންސަށް ދޭންޖެހުނު ސަމާލުކަން އިތުރު ވެގެންދިޔަތަން ފެނިގެންދިޔައެވެ. މިހާފުގައި ޔުނައިޓެޑަށްވަނީ އެޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތު ތަކެއްވެސް ލިބިގެން ގޮސްފައެވެ.

މިކާމިޔާބީއާއެކު ޔުނައިޓެދް މިހާރު އުޅެނީ 8 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. އަދި ބްރެންޓްފަދް އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު