ލެވަކޫސެން އިން ފްރޭންކްފާކް ބަލިކޮށްފި

ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި އެއިންޓްރެކްޓް ފްރޭންކްފާޓް ބައްދަލުކުރި މެޗު ލެވަކޫސެން ކާމިޔާބު ކޮށްފިއެވެ.

ލެވަކޫސެންގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެންއެވެ. އަދި މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހުމުގެ ފުރުސަތު ވެސް ލިބިގެންދިޔައީ ލެވަކޫސެން އަށެވެ.

ނަމަވެސް އެ ޓީމަށް މެޗުގެ ކުރީކޮޅު ލިބިގެންދިޔަ ޕެނަލްޓީ ވަނީ ވިކްޓާ ބޮނިފޭސް އަތުން ބޭކާރުވެފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 18 ވަނަ މިނެޓުގައި ފްރޭންކްފާޓް އަށް ލިބިގެންދިޔަ ޕެނަލްޓީ އަކުން އެޓީމުން ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގުމެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިސީޒަންގައި މިވަގުތު ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އޮމަރު މަރުމޫޝްއެވެ. ނަމަވެސް ފްރޭންކްފާޓްއަށް މިލީޑު ދެމެހެއްޓޭވަރުވީ ނުވަ މިނެޓު ވަންދެނެވެ. ލެވަކޫސެންއަށް މި މެޗުގެ ނަތީޖާ މެޗުގެ 25 ވަނަ މިނެޓުގައި ޖަހައިދިނީ ރޮބާޓް އެންޑްރިކްއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބޮޑަށް ފެނުނީ ލެވަކޫސެންއިން ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔައިރު ފްރޭންކްފާޓްއިން ޑިފެންސް ކުރަމުން ހަމަލާއެއް އުފެއްދޭތޯ ބަލަމުންދިޔަ ތަނެވެ. މިހާފުގައި ލެވަކޫސެންއަށް މެޗުގެ ލީޑު ނަގާނެ ގިނަ ފުރުސަތު ތަކެއް ލިބިގެންދިޔައެވެ. ހާއްސަކޮށް ބޮނިފޭސްއަށް ލިބިގެންދިޔަ ގިނަ ފުރުސަތުތަައް ފާހަގަ ވެގެންދިޔައެވެ. މިއާއެކު ވެސް މި މެޗުގެ ލީޑު އެންމެ ފަހުން ލެވަކޫސެންއަށް ނަގައިދިނީވެސް ބޮނިފޭސްއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައެވެ.

މިކާމިޔާބީއާއެކު ލެވަކޫސެން އުޅެނީ ކުޅުނު ހަތް މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ފްރޭންކްފާޓް އުޅެނީ 13 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު