ސްޕާސްއިން ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި ވެސްޓް ހޭމް ޔުނައިޓެދް ބައްދަލުކުރި މެޗު ސްޕާސް އިން ކާމިޔާބު ކޮށްފިއެވެ.

ލަންޑަން ޑާބީއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މިދެ ޓީމުގެ ކުރިމަތިލުން ސްޕާސް އިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 1-4 އިންނެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ ވެސްޓް ހޭމްގެ އެވެ. މިގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް މެޗުގެ ލީޑު ނަގައިދިނީ ކެޕްޓަން ޖެރޮޑް ބޮވެން ނަގައިދިން ހުރަހަކުން މުހަންމަދު ކުޑޫސްއެވެ.

މި ލަނޑު ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން ކުޑޫސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެސް ވެފައެވެ. މިލަނޑާއެކު ވެސްޓް ހޭމްއިން މެޗުގެ ލީޑު ނެގި ނަމަވެސް ސްޕާސްއިން ވަނީ މި ހާފުގައި ވެސް މޮޅު މޮޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މި މެޗުގެ ނަތީޖާ ސްޕާސްއިން އެއްވަރު ކުރީ މެޗުގެ 36 ވަނަ މިނެޓުގައި ޑެޔާން ކުލުސެވިޗްއެވެ. ކުލުސެވިޗް ފޮނުވާލި ހަމަލާ ވެސްޓް ހޭމްގެ ގޯލަށް ވަނީ ދެ ފަރާތު ދަނޑީގައިވެސް ޖެހިފައެވެ.

މި މެޗުގެ ދެވަނަ ހާފު ވެގެންދިޔައީ ސްޕާސްއިން އެޓީމުގެ ކުޅުން އެއްދަރަޖަ މައްޗަށް ޖައްސާލާފައިވި ހާފަކަށެވެ. މި މެޗުގެ ލީޑު ސްޕާސްއިން ޖަގާފައިވަނީ މެޗުގެ 52 ވަނަ މިނެޓުގައި ޔިވެސް ބިސޫމާއެވެ. އަދި މި ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ސްޕާސްއިން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.

ނަމަވެސް މިލަނޑަކީ ސްޕާސްގެ ކެޕްޓަން ސޮން ހެއުން މިން ވެސްޓް ހޭމްގެ ގޯލަށް ފޮނުވާލި ހަމަލާއެއް އެޓީމުގެ ކީޕާ އަލްފޮންސޭ އަރެއޮލާ މަތަކުރި ވަގުތު އެތާ ކައިރީ ހުރި ޖޮން ކްލެއާ ޓޮބީޑޯ ގައިގާ ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސޮން އެވެ.

ދެވަނަ ހާފުގައި ވެސްޓް ހޭމް އެއްވެސް ވަރަކަށް ކުޅެވުނު ތަނެއް ނުފެނުނެވެ. އަދި އެ ޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެލިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެޓީމުން މި މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހައިދިން ކުޑޫސްއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މިނަތީޖާ އާއެކު ސްޕާސް މިހާރު އުޅެނީ އަށް މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. އަދި ވެސްޓް ހޭމް އުޅެނީ އަށް ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު