ގޫގުލް ޕްލޭސްޓޯރު ވާދަވެރިންނަށް ހުޅުވާލުމަށް ނެރުނު ކޯޓު އަމުރަށް އަމަލުކުރުން ފަސްކޮށްފި

ގޫގުލް ޕްލޭސްޓޯރު: ގޫގުލް ޕްލޭސްޓޯރު ވާދަވެރިންނަށް ހުޅުވާލުމަށް ނެރުނު ކޯޓު އަމުރަށް އަމަލުކުރުން ވަނީ އިސްތިއުނާފީ މަރުހަލާ ނިމެންދެން ފަސްކޮށްދީފައި -- ފޮޓޯ/ ބްލޫމްބާގް

ގޫގުލްގެ އެޕްސްޓޯރު ނުވަތަ ޕްލޭސްޓޯރު ވާދަވެރިންނަށް ހުޅުވާލުމަށް ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކޮށްފިއެވެ.

ފެޑެރަލް ފަނޑިޔާރަކު ނެރުއްވި އެ އަމުރު ފަސްކުރީ އިސްތިއުނާފު ކޯޓަކުން މައްސަލަ ބަލައި ނިމެންދެނެވެ.

އެމެރިކާގެ ސަން ފްރެންސިސްކޯގައި ބޭއްވި ޝަރީޢަތުގެ މަޖިލީހެއްގައި މި ނިންމުން ނިންމާފައިވަނީ، ކުރިން ނެރެފައިވާ އަމުރު ތަންފީޒުކުރަން ހަމަޖެހިފައިވާ ތާރީޚު ކަމުގައިވާ ނޮވެމްބަރު އެކަކަށް ދެ ހަފުތާއަށްވުރެ ކުޑަ މުއްދަތެއް އޮއްވައެވެ.

ފަނޑިޔާރު ޖޭމްސް ޑޮނާޓޯ ނެރުނު އަމުރުގައި، ގޫގުލްގެ އެޕް ސްޓޯރުގައި ހުރި ދެ މިލިއަނަށްވުރެ ގިނަ އެޕް އެހެން ވާދަވެރިންނަށް ލިބޭގޮތް ހެދުމަށާއި، އެ އެޕްތައް ގޫގުލްގެ އަމިއްލަ ޕްލޭ ސްޓޯރު މެދުވެރިކޮށް ޑިސްޓްރިބިއުޓްކުރުމަށް އަންގާފައިވެއެވެ.

މި މައްސަލައިގައި ޑިސެމްބަރު 2023 ގައި ނިންމި ނިންމުމުގައި ވަނީ، ގޫގުލްގެ ޕްލޭ ސްޓޯރަކީ އީޖާދީ މަސައްކަތްތައް ހުއްޓުވާ، ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތަކުގެ އަގުބޮޑުކުރާ ގާނޫނާ ޚިލާފު މޮނޮޕޮލީއެއް ކަމަށް ކަނޑައަޅާފައެވެ.

ފަނޑިޔާރު ޑޮނާޓޯ ވިދާޅުވީ، އިސްތިއުފާނުގައި މި ނިންމުން ބަދަލުކުރެވޭނެ ކަމަކަށް ނުފެންނަ ކަމަށެވެ.

"މި މައްސަލައިގައި ޖޫރީގެ ނިންމުން ނިންމައިފައިވަނީ ގޫގުލްގެ ވާދަވެރިކަން ހުއްޓުވުމުގެ ޢަމަލުތަކާ ގުޅޭ ގިނަގުނަ ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމާފައި،" ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް އޭނާ ނިންމެވީ، މައްސަލައިގެ އިސްތިއުނާފަށް ނުވަ ވަނަ ސާކިޓް ކޯޓް އޮފް އެޕީލްސްއަށް ފުރުސަތުދިނުމަށެވެ. އެއީ ގޫގުލްގެ އިސްތިއުނާފީ މައްސަލައިގައި ފަނޑިޔާރުންގެ ޕެނަލަކުން ނިންމުމެއް ނިންމަންދެނެވެ.

ގޫގުލްއިން ބުނީ، އެ ކުންފުނިން މުއްދަތު އިތުރުކުރަން މަސައްކަތްކުރާ ވަގުތެއްގައި ފަނޑިޔާރު ޑޮނާޓޯ އަމުރު ފަސްކުރެއްވުމުން އުފާކުރާ ކަމަށެވެ.

އެ މައްސަލައިގެ އިސްތިއުނާފު ނިންމަން ނަގާނެ މުއްދަތެއް އަދި ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް މިފަދަ އިސްތިއުނާފު މައްސަލަތައް ބެލުމަށް އާންމު ގޮތެއްގައި އަހަރަކަށްވުރެ ގިނަ ދުވަސް ނަގާކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް