ވޭތުވެދިޔަ އަހަރުތަކުގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ ގާނޫނާ ޚިލާފަށް، ފިޔަވަޅު އަޅާނަން: އޭޖީ

ބަންޑާރަނައިބު އަހުމަދު އުޝާމް: ވޭތުވެދިޔަ އަހަރުތަކުގައި ސަޕްލިމަންޓްރީ ބަޖެޓު ފާސްކުރީ ގާނޫނާ ޚިލާފަށްކަމަށާއި، ފިޔަވަޅު އަޅާނެކަމަށް އޭޖީ ވިދާޅުވެއްޖެ -- ފޮޓޯ/ ސަރުކާރު

ވޭތުވެދިޔަ އަހަރުތަކުގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަމުން އައީ މާލިއްޔަތު ގާނޫނާ ޚިލާފަށްކަމަށާއި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު މާލީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓު ޚަރަދުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްގެން ކަމަށް މާލީ ގާނޫނުގައި ބަޔާންކޮށްފައި ވާކަމަށެވެ.

"ސަޕްލިމެންޓަރީ ބަޖެޓާ ގުޅިގެން ވެސް ގާނޫނުގައި ބަޔާންކޮށްފައި ވަނީ އެ ފައިސާއެއް ނުވަތަ އެ ބަޖެޓެއް ބޭނުންވުމުގެ އެއްމަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭނެއޭ،"

އޭނާ ވިދާޅުވީ، ފައިސާ ޚަރަދުކުރުމަށްފަހު ކުރިއަށްއޮތް އަހަރުގެ ބަޖެޓުގައި ސަޕްލިމަންޓެއްގޮތުގައި ހުށަހަޅައިގެން ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަކީ އެއްގޮތަކަށް ވެސް ގާނޫނު ދަންނަކަމެއް ނޫންކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ތިން ހަތަރު އަހަރުގައި އެކަން ކޮށްފައި ވަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އޭރު މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ފާހަގަކުރި ކަމަށެވެ. އަދި މަޖިލިސް މެމްބަރުން ވެސް އެކަމާ ދެކޮޅަށް ބަހުސްކުރިކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނު އަސާސީ އަދި މާލިއްޔަތު ގާނޫނުގައި އެ ބުނާގޮތަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިގެން ފާސްކޮށްގެން ޚަރަދުކޮށްފައެއް ނޫން ހުރީކީ. ގާނޫނު އަސާސީއާ ޚިލާފަށް އަދި މާލިއްޔަތު ގާނޫނާ ވެސް ޚިލާފަށް އެކަން ކޮށްފައި އޮތީ،" އުޝާމް ވިދާޅުވިއެވެ.

އެހެންކަމުން، މިކަން ބަލައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެކަމަށް އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު މާލީ ގޮތުން ބޮޑު މައްސަލަތަކެއް ކުރިމަތިވެގެން އުޅޭ ސަބަބަކީ މިފަދަ ކަންކަން ގާނޫނާ ޚިލާފަށް ކޮށްފައި ހުރުން ކަމަށެވެ.

ފާއިތުވި އަހަރުތަކަށް ބަލާނަމަ، ކޮންމެ އަހަރަކު ވެސް ބަޖެޓަށް ވުރެ ޚަރަދުތައް ބޮޑުވެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހުން ފާސްކުރެއެވެ. އެގޮތުން، މިދިޔަ އަހަރު ސަރުކާރުން ވަނީ މަޖިލީހަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ.

މިދިޔަ އަހަރު ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ އާސަންދައިގެ ޚަދަރު ބޮޑުވުމާއި މަޝްރޫއުތައް އަވަސްވުމުންނާއި ފިއުލް ސަބްސިޑީ ބޮޑުވުމުން ކަމަށް ފިނޭންސް މިނިސްޓްރީން އޭރު ބުންޏެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ، މިއަހަރަށް ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށާއި އެ ބަޖެޓުގެ ކަންކަން ކުރިއަށްދާކަމަށެވެ.

comment ކޮމެންޓް