ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައި ވަނިކޮށް އަނެއްކާވެސް މަރުގެ އިންޒާރުތަކެއް އެކްޓަރަށް ލިބިއްޖެއެވެ.
ސަލްމާންއަށް އަމާޒުކޮށްދިން މަރުގެ އިންޒާރުގެ މެސެޖުތައް ފޮނުވާފައި ވަނީ އިންޑިއާގެ މުމްބާއީގެ ޓްރެފިކް ޕޮލިހުންގެ ބެލުމުގެ ދަށުން ހިންގާ ވަޓްސްއަޕް ގްރޫޕަކަށެވެ. އިންޒާރުގެ މެސެޖު ފޮނުވި މީހުން ވަނީ ސަލްމާންގެ ރައްކާތެރިކަމުގެ ބަދަލުގައި ފަސް ކްރޯޑު ރުޕީސްއަށް ޑިމާންޑުކޮށްފައެވެ.
މުމްބާއީގެ ފުލުހުން ހޯދި ހޯދުމުން އެއީ ޕްރޭންކް މެސެޖެއް ކަން އެނގުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ފުލުހުން އަންނަނީ ސަލްމާންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުން ކަމަށާއި އެފަދަ ޕްރޭންކް މެސެޖުތައް ވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދާދިފަހުން އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ބާބާ ސިއްދީގީއަށް ހަމަލާދީ އަވަހާރަކޮށްލުމާ ގުޅިގެން ސަލްމާންގެ ސެކިއުރިޓީ ކަންކަމަށް މުމްބާއީގެ ފުލުހުން އަންނަނީ ހާއްސަ އިސްކަމެއްދީ ބަލަހައްޓަމުންނެވެ. ބާބާ ސިއްދީގީއަށް ދިން ހަމަލާގެ ޒިންމާ އިންޑިއާގެ ގޭންގް ސްޓާ ލޯރެންސް ބިޝްނޯއީގެ ގޭންގުން ނަގާފައިވާއިރު މި ގޭންގުން ވަނީ ތަކުރާރުކޮށް ސަލްމާނަށް މަރުގެ އިންޒާރުދީފައެވެ.
ބާބާ ސިއްދީގީ އަކީ ސަލްމާން ޚާންގެ އިތުރުން ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނާ ގާތް ގުޅުމެއް ބޭއްވި ސިޔާސީ ލީޑަރެކެވެ. މި ހާދިސާއަށް ފަހު ސަލްމާންގެ އާއިލާއިން ވެސް އަންނަނީ އެކްޓަރުގެ ރައްކާތެރިކަމާ ދޭތެރޭ ކަންބޮޑުވާ ކަމަށް ބުނެފައެވެ. ގޭންގް ސްޓާ ލޯރެންސް ބިޝްނޯއީ ވަނީ ސަލްމާންގެ އިތުރުން ސަލްމާންގެ ބައްޕަ ސަލީމް ޚާން އަދި އާއިލާގެ އެހެން މެމްބަރުންނަށް ވެސް އެ ގޭންގުގެ ނުރައްކާތެރިކަން އޮތް ކަމަށް ބުނެ އިންޒާރުދީފައެވެ.