"އެގޭގެ ކަންކަން ހަމަޖެހިލަންދެން އިހަށް މިގެއަށް މިގެނައީ" އަފްސަމް ބުނެލިއެވެ.
********
"ތިހެދީ އެންމެ ރަނގަޅަށް" ދެލޮލަށް ޖަމާވި ކަރުނަތައް ހިންދައިލަމުން އަމީރާ ހިނިތުންވެލިއެވެ. "ދެންމެތަ ތިއައީ؟"
އަމީރާ ހޯދީ ރަޔާންގެ ފޮށިތަކެވެ. ފޮށިތައް ފެންނާކަށް ނެތެވެ.
"އާނ ދެންމެ ލޯންޗުން އައީ. ފޮށިތައް އެގެއަށް ލާފަ މިއައީ. މީހަކު ނޫޅެ މާ ދުވަސްވީމަ، ވަރަށް ހިރަފުސްވެފަ އޮތީ. އެހެންވެ ސާފުކޮށްލަންދާން މިއުޅެނީ" އަމީރާގެ ހިތުގައިވާ ސުވާލު އެނގުނު ފަދައިން އަފްސަމް ޖަވާބުދިނެވެ.
އަމީރާއަށް ބެލުނީ ރަޔާނަށެވެ. މޫނުން ފެށިގެން ފަޔާއި ހަމައަށް ތަކުރާރުކޮށް ބެލުނެވެ. ރަޔާން އަލުން ފެނިދާނެ ކަމަކަށް އަމީރާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އޭނާއަށް ރަޔާން ފެނުނީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ހެޔޮ ހާލުގައި ފެނުނަސް، މިއަދު ރަޔާނަކީ ނުކުޅެދޭ މީހެކެވެ. އިނީ ފުރޮޅުލީ ގޮނޑީގައެވެ. ރަޔާން އިންގޮތުން އަމީރާގެ ހިތް ޒަހަމުވިއެވެ. އެކްސިޑެންޓަށްފަހު، ރަޔާން ހިނގުމުން މަހުރޫމުވީއެވެ. އަމީރާއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފުސެވެ. އެދުވަހު ލިމްޔާ ސަލާމަތްކުރުމަށް ރަޔާން ގެނައި މީހަކީ އަމީރާއެވެ. ރަޔާންއަށް އެވަރުގެ ދެރައެއް ލިބުނީ، އެދުވަހު ލިމްޔާ ގޮވައިގެން ދިޔައީމައެވެ. ރަޒީނާ ވަކިވެދިޔައީ ރަޔާންއަށް ލިބުނު ގެއްލުމުން ހިތަށް ކެތްނުވެގެންނެވެ. އެހުރިހާ ކަމަކާއި އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު ވަރުން ރަޔާންގެ ކުރިމަތީގައި ހުންނާނެ ހިތްވަރެއް އަމީރާއަކަށް ނުލިބުނެވެ.
"ހިނގާ! އަމީރައްތަމެންވެސް ދާނަން" އަފްސަމްގެ ފަހަތުން އަމީރާވެސް މުސްތަފާ ގޮވައިގެން ހިނގައިގަތެވެ. މުސްތަފާ ރަޔާން އާއި އަރާ ހަމަވެފައި، ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.
"ކޮންމެ ކަހަލަ އިމްތިހާނަކަށްވެސް ކެތް ކުރަންވާނެ! ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް. ބޭބެމެން އެންމެން މިތިބީ ރަޔާންއާ އެކީ" ރަޔާންއަށް ހިތްވަރުދިނުމުގެ ގޮތުން މުސްތަފާ ބުނެލިއެވެ.
"ދަރިފުޅާ ލިމްޔާ ކިހިނެއްވެފަތަ ތިހުރީ؟ ފަންކާ ޖަހާލަބަލަ. ރަޔާންއަށް ހޫނުވާނެއެއްނު" ގެއިން ނުކުންނަމުން އަމީރާ ބުނެލިއެވެ. "ދޭ ދެން ރަޔާންއަށް އެއްޗެއް ކާންދޭން. މަންމަ ހުންނާނެ ކައްކާފަ"
"މިހާރު އަހަންނާ ވާހަކަ ދައްކާހިތްވެސް ނުވަނީތަ؟" އެންމެން ދިޔުމުން، ރަޔާން ވާހަކަ ދެއްކިއެވެ. މަޖަލަށް ހަދާފައި ބުނި ނަމަވެސް ރަޔާންގެ އަޑުގައިވީ ރިހުމެވެ.
ލިމްޔާ ބަލަހައްޓައިގެން ހުރިގޮތުން ރަޔާންގެ ހިތަށް އުނދަގޫވިއެވެ. ބާކީވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. އެހެން މީހުންގެ ކުރިމައްޗަށް އަންނަން ރަޔާން ބޭނުންނުވި ސަބަބަކީ އެއީއެވެ. އެހެންމީހުންގެ ހަމްދަރުދީއަކީ ރަޔާންގެ ބަލިފަޔެވެ. ރަޔާންގެ ސަބަބުން އެހެން މީހުން ދެރަވާކަށް އަދި އުނދަގުލެއް ލިބޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އެކަމުން ރަޔާނަށް ހަމައެކަނި އިހުސާސްކުރެވޭ ކަމަކީ ރަޔާނަކީ އެހެން މީހުންނަށް ހުރި އުނދަގުލެއް ކަމެވެ. ރަޔާން ބޭނުންވީ އާދައިގެ ދިރިއުޅުމެކެވެ. އެކަމަކު އެފަދަ ދިރިއުޅުމެއް އުޅޭކަށް އެނާގެ ހާލަތު ތަނެއް ނުދެއެވެ.
"ނޫން ރެން..... ތިހެން ނުބުނޭ" ލިމްޔާ އަވަސް އަވަހަށް ބުނެލިއެވެ. "ރެން ސަލާމަތުން ހުއްޓާ ފެނުނީމަ އަހަރެން މިހުރީ ވަރަށް އުފަލުން...."
ރަޔާން އިނީ އިސްޖަހާލައިގެންނެވެ. އެއްއަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ލިމްޔާ ރަޔާންގެ ކައިރިއަށް ގޮސް، ކުޑަކަކޫ މައްޗަށްވާހެން އިށީނެވެ.
"އަހަރެންގެ ފުރާނަ ސަލާމަތްވިޔަސް، އަހަންނަކީ މިހާރު ބޭކާރު މީހެއް. އަހަރެން ކިހާ ބަދުނަސީބު. އަހަރެން އެންމެ ބޭނުންވި ދުވަހު މަންމަވެސް އަހަރެން ދޫކޮށްލާފަ ދިޔައީ. ފަހު ފަހަރަށް މޫނުވެސް ނުފެނުނު" ރަޔާންގެ ދެލޯ ކަރުނުން ފުރުނެވެ. "އެންމެންނަށްވެސް އަހަންނާ ހެދި ވާނީ އުނދަގޫ...."
ރަށަށް އާދެވުމުން، ރަޔާން މާ ބޮޑަށް ރަޒީނާގެ މަތިން ހަނދާންވާން ފެށިއެވެ. މިއަދު އެމަންމަ ދުނިޔޭގައި ހުރިނަމަ ރަޔާންގެ ކަންތައްތައް އެއްވެސް ޝަކުވާއެއް ނެތި ކޮށްދޭނެއެވެ.
"ތިހެން ނުބުނެބަލަ" ލިމްޔާ ދެރަވިއެވެ. "ދުވަހަކުވެސް ރެންގެ ސަބަބުން އަހަންނަކަށް އުނދަގުލެއް ނުވާނެ. ކޮންމެ ހާލެއްގަވެސް އަހަރެން ރެން ބަލާނަން. ރެން އެކަންޏެއް ނުވާނެ. ދެން ދުވަހަކުވެސް ތިހެން ނުބުނައްޗޭ!"
********
"ބައްޕަ ކޮންމެ ގޮތެއް ހެދިޔަސް މަންމަ ހުންނާނީ ހެވިފަ ބަލަންތަ؟ މަންމައަކަށް ނުފެނޭތަ އަހަރެން މިއުޅޭ ގޮތެއް؟ މަންމަ ތިއުޅުނީ ވަކި ފަސޭހަ ދިރިއުޅުމެއްތަ؟ ދެންވެސް ބައްޕަ އައިސް އެއްޗެއް ބުނެލާއިރަށް މަންމަ ހުންނާނީ ގަބޫލުކޮށްގެން. އެއީ މިހާރު އަހަރެންގެ ބައްޕަ ކަމާމެދުވެސް ޝައްކުވޭ...." ރުޅިގަދަވެގެން ގޮސް ޔަލްވީއަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ. އޭނާ އެހާ ރުޅިއައީ، ނިމާލު ރަޔާނާއި ދޭތެރޭގައި ކަންތައްކުރި ގޮތުން ހެއްޔެވެ؟ ނޫނެކެވެ. ރަޔާނާއި މެދުގައި ވިސްނާކަށް ޔަލްވީއަކަށް ނުޖެހޭނެއެވެ. ރަޔާނަކީ ޔަލްވީއަށް އެއްވެސް މުހިއްމު މީހެއް ނޫނެވެ.
"ޔަލްވީ!...." ނަފީސާގެ އަތުގެ ހޫނު ހަމަލާއެއް ޔަލްވީގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައެވެ.
ޔަލްވީ ހިމޭންވިއެވެ. ގަބޫލުނުކުރެވިފައި ކަހަލަ ގޮތަކަށް އޭނާއަށް ނަފީސާ އާއި ދިމާއަށް ބަލާލެވުނެވެ. އޭގެ ކުރިން ނަފީސާ ދުވަހަކުވެސް ޔަލްވީގެ ގަޔަށް އަތް އިސްކޮށްފައެއް ނުވެއެވެ. އަދި ބާރަށް އެއްޗެއްވެސް ބުނެފައެއް ނުވެއެވެ. ޔަލްވީ ވަގުތުން ފެންކަޅިވިއެވެ. މަންމަ ޖެހިތަނުގައި ހިފަހައްޓައިގެން އޭނާއަށް ހުރެވުނެވެ. ހުދު ނަފީސާއަށްވެސް ހުރެވުނީ އަމިއްލަ ނަފުސު ކުށްވެރި ކުރެވިފައެވެ. ޔަލްވީގެ ގައިގައި ޖެހުމަށް އޭނާގެ އަތް ހަރަކާތްކުރީތީވެސް ނަފީސާއަށް އަމިއްލަ ނަފުސަށް އަޑުލެވުނެވެ. އެކަމަކު، ޔަލްވީ ހައްދުން ނައްޓައިފިއެވެ. އެކަން އިސްލާހުކުރަން ނަފީސާއަށް އިތުރު ގޮތެއް ނެތެވެ.
"އެއީ ޔަލްވީގެ ބައްޕައޭ. ޔަލްވީއަށް ތިކިޔޭ ނުކިޔޭ އެއްޗެއްވެސް އެބަ އެނގޭތަ؟ މީގެފަހުން ބައްޕަ އާ ދިމާއަށް ދުވަހަކުވެސް ތިފަދަ ގޮތަކަށް ވާހަކަ ދައްކައިގެން ނުވާނެ. ޔަލްވީއަށް އެނގޭތަ އެބައްޕަގެ ސަބަބުންކަން ރަޔާންގެ ފުރާނަ ސަލާމަތްވީ؟" ނަފީސާއަށް ރޮވުނެވެ.
"ދަރިފުޅާ! ބައްޕައަށް މާފުކުރޭ!" ނަފީސާއާއި ޔަލްވީގެ ދެމެދަށް ވަންނަމުން ނިމާލު ބުނެލިއެވެ. "ބައްޕަ ހުރިހާކަމެއް ކުރީ ދަރިފުޅުމެންނަށްޓަކާ. ރަޔާނަކީ މިހާރު އަހަރެންގެވެސް އާއިލާ. ރަޔާން ސަލާމަތްކުރަން ކުރެވެން ހުރި ކޮންމެ ކަމެއް ދެންވެސް ބައްޕަ ކުރާނަން. އެއްވެސް ގޯސް ނިޔަތެއް އޮވެގެން ބައްޕަ ކުރިކަމެއް ނޫން އެއީ. އެއީ އެވަގުތަށް ބައްޕައަށް އެކަން ކުރަން ފެނުނު އެންމެ ރަނގަޅުގޮތް"
ނިމާލު ކުރިޔަށް ޖެހިލިއެވެ. ޔަލްވީ ޖެހިލީ ދުރަށެވެ. އޭނާ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.
"ދަރިފުޅާ! މަންމަ..." ނަފީސާގެ ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. ނަފީސާ ކުރިއަށް ޖެހުމުން، ޔަލްވީ ޖެހިލީ ފަހަތަށެވެ. މަންމަގެ އޯގާތެރިކަމެއް ވެސް ބޭނުމެއް ނޫނޭ ބުނާ ފަދައިންނެވެ.
"ބޭނުމެއް ނޫން އެކަކު ދައްކާ ވާހަކައެއްވެސް އަޑުއަހާކަށް. މަންމަމެން ތިއުޅެނީ އަހަންނާ ހެދި އުނދަގޫ ވެގެން. ތިއުޅެނީ އަހަރެން މަންމަމެންނާއެކީ މާލެ ގޮސްދާނެތީ. އަހަންނާ ހެދި އުނދަގޫވާ ބައެއްގެ ކައިރިއަށް ދާކަށް ބޭނުމެއް ނޫން. މިގޭގަ ވެސް ހުންނާކަށް ބޭނުމެއް ނޫން...." ޔަލްވީ ދުއްވައިގަތެވެ. ކޮޓަރިއަށް ވަދެ ބާރަށް ދޮރުޖެހިއެވެ.
ޔަލްވީ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ކަންތައް ވީގޮތުން ބައްޕަގެ ހިޔާވަހިކަމުގެ ދަށުގައި އެންމެ ހިނދުކޮޅަކަށްވެސް ހުންނާކަށް ޔަލްވީގެ ހިތެއް ނޭދުނެވެ. މައިންބަފައިންނާއި ނުލައި އުޅެވިދާނެކަން އަންގަން ޔަލްވީ ބޭނުންވިއެވެ. ދެން ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނަން ޔަލްވީ އެތައް އިރަކު އޮތެވެ. ޔަލްވީ ގޮސް ވަންނާނެ ތަނަކަށް ހުރީ ހަމައެކަނި ރަޔާންގެ ގެއެވެ. އެކަމަކު، ރަޔާން ކޮބައި ހެއްޔެވެ؟ ރަޔާން ނެތީސް ޔަލްވީއަށް އެގެއަށް ދެވިދާނެ ހެއްޔެވެ؟ އެކަނި އުޅެން ޔަލްވީއަށް ކެރޭނެ ހެއްޔެވެ؟ ޔަލްވީ ނިންމީ ރަނގަޅު ގޮތެއް ފެންނަންދެން ރަޔާންގެ ގެއަށް ދާށެވެ. ގޮތެއް ފެނުނުހާ އަވަހަކަށް އެރަށުން ދާނީއެވެ.
"ނަފީ!" ނިމާލުގެ ކަރު އެލުނެވެ.
ދަރިފުޅަށްޓަކައި އެހާ ބޮޑު ގުރުބާނީއެއްވުމުން އެކަމުގެ އަގުވަޒަން ނުކުރުމުން ނިމާލު ދެރަވިއެވެ.
"ޔަލްވީއަށް އަދި ނުވިސްނެނީ. ވީގޮތް އެނގުނީމަ ޔަލްވީގެ ހިތް ސާފުވެދާނެ" ނަފީސާވެސް ހުރީ ދެރަވެފައެވެ.
ދަރިފުޅަށް ދެވުނު ތަރުބިއްޔަތާއި ދޭތެރޭ ވިސްނާލަން ނަފީސާއަށް މަޖުބޫރުވިއެވެ. ހުރިހާ ކަމެއްވެސް ވީ ދަރިއަކުދެކެ ލޯބިވާންވީ ވަރަށްވުރެ މާ ބޮޑަށް ލޯބިވެވުމުން ކަމުގައި ނަފީސާއަށް ގަބޫލުކުރެވުނެވެ.
"އަހަރެން އެހުރިހާ ކަމެއް ކުރީ ރަޔާންގެ ފުރާނަ ސަލާމަތްކުރަން. ރަޔާންގެ އެކްސިޑެންޓަކީ ބަޔަކު ރާވައިގެން ކުރި ކަމެކޭ" ނިމާލު ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެކަކު ގަބޫލުނުކުރިޔަސް، ނަފީސާ އޭނާގެ ވާހަކަ ގަބޫލުކުރާނެކަން ނިމާލަށް އެނގެއެވެ.
"ދެން ކީއްވެ ތިވާހަކަ ކުރިން ނުބުނީ؟" ޝަކުވާގެ ރާގަކަށް ނަފީސާ ސުވާލުކުރިއެވެ.
"އެކަމުގެ ފަހަތުގަ ހުރި މީހާ އަދިވެސް ހައްޔަރެއް ނުކުރެވޭއޭ. މިވާހަކަ ދައްކާނީ ކިހިނެއް؟" ނިމާލު ތަފްސީލް ދިނެވެ. "އަހަރެން ޖެހިލުންވޭ ދެވަނަ ފަހަރަށްވެސް އެކަހަލަ ކަމެއް ދިމާވެދާނެތީ. ހަގީގަތުގަ އަހަރެން މިހާރު ބޭނުންވަނީ އެދެމީހުންގެ ދިރިއުޅުން މާލެ ބަދަލުކުރަން. އެކަމަކު އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން. ރަޔާން ބޭނުމެއް ނުވޭ މާލެ ބަދަލުވާކަށް. އަހަރެން ވަރަށް މަސައްކަތް ކުރިން ރަޔާންގެ ވިސްނުން ބަދަލުކުރެވޭތޯ. ރަޒީނާގެ މަރުގެ ހަބަރުވެސް ދިނީ ރަޔާންގެ ވިސްނުން ބަދަލުކުރާނެ ކަމަށް ހީކޮށް. އެކަމަކު ރަޔާން ބޭނުމެއްނުވި މާލެ ބަދަލުވާކަށް. ބޭނުންވީ އަވަހަށް ރަށަށް އަންނަން. އަހަރެން މިއައީ މާލޭގަ އެމީހުންނަށް އުޅެވޭނެ ގޮތްވެސް ހަދާދީފަ. ޔަލްވީއަކީ ވެސް ގޮތުގަ ހިފަހައްޓާ ކުއްޖެއް. މިވީ ގޮތުން ދެން އޭނަ އަހަރެމެންނާއެކީ ދާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ....."
"ކީއްވެ އަހަރެމެން ކައިރީގަ އެވާހަކަ ކުރިން ނުބުނީ؟ ކީއްވެ ދޮގުހެދީ؟" ނަފީސާއަށް ޝަކުވާކުރެވުނެވެ. "އެދުވަހު ނިމާލު ކަންތައް ކުރިގޮތުން އަހަރެން ހާދަ ބިރުގަތޭ. ކީއްވެ ބުނީ ރަޔާންގެ ހާލު މާ ސީރިއަސްވެގެން ކުއްލިއަކަށް ފުރަން ޖެހުނީއޭ؟ ނިމާލު އެގޮތަށް ފުރައިގެން ދިޔާމަ އަހަރެން ހާދަ ހާސްވިއޭ. މީހުން ހާދަ އެއްޗެއްސެއް ކިޔޭ"
"އެދުވަހު އަހަންނަށް މައުލޫމާތު ލިބުނީ ފުލުހުންގެ ފަރާތުން. އެމީހުން ބެލިބެލުމުން ޝައްކުކުރެވޭ ކަންތައްތަކެއް ފެނުނީ" ރަޔާންގެ އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ދެމުން ނިމާލު ވާހަކަ ދެއްކިއެވެ. "މަންޒަރު ދުށް ބައެއް މީހުން ބުނިކަމަށްވަނީ އެމީހުން ދިޔައީ ސީދާ ރަޔާންމެން ތިބި ސައިކަލާ ދިމާއަށޭ. ސައިކަލު ދުއްވަން އިނީ އެމީހަކު ފޮނުވި މީހެއް. ވަރަށް ދުވަސްވެއްޖެ އެބަޔަކު ރަޔާންއަށް ފާރަލާތާ. އެކްސިޑެންޓްގަ އަނިޔާވި ދެމީހުންގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާ ހުރިހާ ވާހަކައެއް ކިޔާދިން. އޭނަގެ ފަރާތުން އެކަމަށް ފައިސާ ދިން މީހާ އެނގުނީ. ނަފީސާ! އަހަރެން ނަފީސާއަކަށް އޮޅުވައެއް ނުލަން. އަހަރެން އެކަން ކުރީ، ތި އެންމެނާ ދޭތެރޭ ވިސްނާފަ"
"މިކަހަލަ ކުޑަކުޑަ ރަށަކު ކާކު އެވަރުގެ ކަމެއް ކުރާނީ؟ ކީއްވެ ރަޔާންއަށް؟" ނަފީސާ ހުރީ ނިމާލު ދެއްކި ވާހަކަ ގަބޫލުކުރަން އުނދަގޫވެފައެވެ.
"ޒަމާން މިއޮތީ ބަދަލުވެފަ. މިހާރު އެކަހަލަ ކަމެއް މީހަކު ނުކުރާނެއެކޭ ބުނެވޭކަށް ނެތް. އަހަރެން ބިރުގަތީ ސިއްހީމަރުކަޒުގެ ތެރޭގަވެސް އެމީހަކަށް ވާގިދޭ މީހުން ތިބީމަ" ނިމާލު ދޫކޮށްލީ ފުން ނޭވާއެކެވެ. "އެކަމަށް ފައިސާ ހަރަދުކުރި މީހަކީ ސިއްހީމަރުކަޒުގަ މަސައްކަތްކުރާ މީހެއް. އޭނަ ބުނި ގޮތުން އެކަން ކުރަން އޭނައަށް މީހަކު މަޖުބޫރު ކުރީ ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ އިންޒާރުދީގެން. އެކަމުގެ އަޑީގަ ތިބި ބަޔަކު ހޯދަން އަހަރެން އޭނައަށް ފައިސާ ދިނިން. ކޮންމެ ގޮތަކުންވެސް އެބަޔަކު ހޯދަން އަހަރެން ބޭނުންވީ. ދެން ބުނެބަލަ، އެވަރުގެ ތާކު ރަޔާން ބާއްވައިގެން ފަރުވާކުރަން އަހަރެން ބޭނުންވާނެތަ؟ ފިލައިގެން ދާން މަޖުބޫރުވީ އެހެންވެ. ނަފީސާމެން ގޮވައިގެން ނުދިޔައީ، އެކަން ކުރި ބަޔަކަށް ކުޑަވެސް ޝައްކެއްވާން ބޭނުން ނުވާތީ. އަހަރެން ބޭނުންވީ އެބަޔަކު ހޯދަން. އެކަމަކު، އަދިވެސް ނޭނގޭ ކާކު ކަމެއް އަޑީގަ ހުރީ"
"ދެން ކިހިނެއް ހަދާނީ؟" ނަފީސާ ހާސްވިއެވެ.
(ނުނިމޭ)