"މުސީބާތްތައް ގިނަވީވަރަކަށް ތިބާއަށް ލިބޭ އަޖުރު ގިނަވާނެއެވެ. މުސީބާތްތަކުގެ ވަގުތުގައި ކެތްތެރިވެ ޝުކުރުކުރާށެވެ. ދުނިޔޭގައިވާހާ އެއްޗެއް މިލްކުވެ ވޮޑިގެންވާ ފަރާތަށް އެންމެންވެސް އެނބުރިދާން ޖެހޭނެކަން ގަބޫލުކޮށް އެފަރާތާއި އޮތް ގުޅުން ވަރުގަދަ ކުރާން މަސައްކަތްކުރަންވާނެއެވެ. އޭރުން އާޚިރަތް ދުވަހުގައި ނަސީބުވެރިންގެ ތެރޭގައި ހިމެނޭނެއެވެ. ދުނިޔެއަކީ ވަގުތީ ދަޅައެކެވެ. ހުވަފެނެކެވެ. ހަގީގީ ދިރިއުޅުން ފެށެނީ މަރުވުމުންނެވެ."
***
ދުނިޔެ ނިމުމަކަށް އަންނަ ކަމުގައި ވިޔަސް ހޯދަންޖެހޭ އެއްޗެއް ލިބިގަންނަ މީހެއްގެ ގޮތުގައި ހުރި ނައީމުގެ ލޯ ހުޅުވިފައި ވަނީ ދަހިވެތިކަމާއި ޝައުޤުވެރިކަމާއެކުގައެވެ. އޭނާ ބިންމަތި ބަލަމުން ދިޔައީ ބިމުގައި ވަޅުލުލާފައިވާ މުދަލެއް ހޯދާމީހެއްހެންނެވެ. އަތް ފުނާ އަޅަމުންދިޔައީ ޗެކުގެ ބައިތަށް އެއްކުރުމުގައެވެ.
"އޯހޯ...ނައީމޫ.....ކޯޗެއް؟ރަންތަ؟ ވަޅުލާފައި އޮތް ޖަވާހިރު ޔާގޫތެއްތަ؟"ފަހަތުން ސަކީނާ ގެ އަޑުއިވުނެވެ. ނައީމު ސިއްސައިގެން ދިޔަ ވަރުން މޭ މަތީގައި އަތް އަޅާލެވުނެވެ. ނޭވާ ހަމަޔަކަށް އެޅުވުމަށެވެ.
"ހުރިހާ ތަނަކަށް ބޯ ކޮށްޕާނެ..." ނައީމު ތުން ތަޅުވާލަމުން ހިނިތުންވެލިއެވެ. އޭނާ ފޫހީވަރުގެ ބޮޑުކަން ސަކީނާ އަށް ސިއްރުކުރުމަށެވެ.
" ކުނި ކޮޅު ހޮވާލަނީ އެއްނު...." ނައީމު އަވަސްއަރުވާލާފައި ކަރުދާސްކޮޅުތައް ޖީބަށް ލިއެވެ.
" ކުނިވެސް ލަނީ ޖީބަށްތަ؟" ސަކިނާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. ނައީމު އަވަހަށް ވާހަކަ އޮޅުވާލުމަށްޓަކައި ތަންކޮޅެއް ދުރުގައި ހުރި ބާބިލްއަށް އިޝާރާތްކޮށްލިއެވެ.
"ބަލާލަ އެހެރަ ބާބުލާވެސް.....ހީވޭތަ އެއީ މަސައްކަތު މީހެއްހެން...ވަރަށް ހެދިލާފަ..." ސަކިނާގެ ސަމާލުކަން ދަމައިގަންނަން އެންމެ މޮޅުވާނީ ބާބިލްގެ ވާހަކައަކުން ކަން ނައީމު އަށް ވަނީ އެނގިފައެވެ. ސަކިނާ ބޯ ޖަހައިލާފައި ބާބިލް އަށް ފުރިހަމައަށް ބަލާލެވުނެވެ. ދުލުން ނުބުނެވުނު ނަމަވެސް ބާބިލް އަކީ ރީތި ކުއްޖެއްކަމަށް ސަކީނާ ގަބޫލުކުރެއެވެ.
"ހޫން ވަރަށް ހެދިލާފަ ދޯ އޭނަގަނޑުވެސް....އޭނަ އިނދެގެން އުޅޭ ސޮރު ނާދޭތަ؟" ސަކިނާ ވަށައިގެން ހޯދައިލިއެވެ.
"މީހަކާއި އިނދެގެންތަ އަދި އުޅެނީވެސް؟މަ ބުނަން....މިއުޅޭ އަލްބާން އަށް މި ބާބިލް ވަރަށް ވިހަ ލާހެން މަށަށް ހީވޭ...." ނައީމު ވައި އަޑުން ބުނެލިއެވެ. ސަކިޏާގެ ލޯ ތަރަ ތަރަޖަހާލާފައި ދިޔައެވެ. އޭނާ ނައީމުގެ އަތުގައި ވިކާލީ ހުވަފެނެއް ނުބާއޭ ހިތަށް އަރާފައެވެ.
"އައްދިޔޯއި....." ނައިމު އަށް ހަޅޭއްލަވައިގަނެވުނެވެ.
" އެ ހުވަފެނެއްތޯ ބަލައިލީ އެ....އާނ ބުނެބަލަ...އަލްބާން އަށް ވިހަ ލީ އޭ....ތި ސާފު ކޮށް ކިޔާދީބަލަ..." ސަކީނާގެ ލޮލުން ފެނުނީ ޝައުގުވެރިކަމެވެ.
***
ގަސްތަކުގައި އެލުވާލާފައިވާ ލޯބިލިތަކުން ފެތުރޭ މަޑުމައިތިރި އަލިކަމުގެ ތެރޭގައި މުޅި ސަރަޙައްދު ފެހިކަމާއި ޖަމާލުކަމުން ފުރިގެންވިއެވެ. ގަސްތަކުގެ ފަތްތަކުގެ ތެރެއިން ފެންނަ ކުދިކުދި ބޮކިތަކާއި، މާމެލާމެލީގެ މީރުވަސް ވައިގައި ފެތުރިފައިވާ ގޮތުން މުޅި މާޙައުލުވެސް ހުވަފެނެއް ފަދައެވެ. ހުޅުވިފައިވާ އުޑުދަށުގައި މޭޒުތައް ތަރުތީބުކޮށްފައި ހުއްޓެވެ.
މުރުތަސިމްގެ ހިތުގައި އުފެދެމުންދިޔަ ރުޅިއާއި ދޭތެރޭ އަހަދު ހުރީ އެއްވެސް ވަރަކަށް ހޭލުންތެރިވެފައި ނޫންކަން ފާޅުވިއެވެ. މެހުމާނުން ބުނާ އެއްޗިއްސަށް އޭނާ ކުޑަކޮށް ހިނިއައިސްފާ މުރުތަސިމްގެ ގައިގައި ކުޑަކޮށް ލެނގިލާ ފަހަރުވެސް މަދެއްނޫނެވެ. އަހަދުގެ ކޮންމެ ޙަރަކާތަކީވެސް އޭނާއަށް މަލާމާތެއްގެ ގޮތުގައި އިޙްސާސްކުރެވުނެވެ.
"ޔޫ އަ ޕްލޭއިން ޓޫ ވެލް...." މުރުތަސިމް އަހެދް ގެ ކަނފަތް ކައިރީ މަޑުން ބުނެލިއެވެ. އެވަގުތު ކެމެރާގެ ފްލޭޝްވެސް އެ މީހުންގެ މޫނަށް އެޅުނެވެ. މަންޒަރު ބަލަން ތިބި އެންމެންގެ ދުލުން ތައުރީފުގެ ބަސްތައް ލިބެމުންދިޔައެވެ. އެއިން އެއްވެސް މީހަކަށް ފަރުދާގެ ފަހަތުގައި ވާ ހަގީގަތް ނޭނގިއެވެ. އަހެދް ގެ ހިނިތުންވުމަކަށްވެސް ބަދަލެއް ނާދެއެވެ. އިތުރު މެހުމާނަކަށް މަރުޙަބާ ކިީއިރު އޭނާގެ އަތްތިލަ އަދިވެސް މަޑުމައިތިރިކޮށް މުރުތަސިމްގެ އަތުތެރޭގައި އޮތެވެ. އަދި މުރުތަސިމް ގެ ކޮނޑުގައި ބޯ އަޅާލަމުން މުރުތަސިމް ގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
" އައިމް ޖަސްޓް ޕްލޭއިން ޔޯ ގޭމް.....ތިން މަސް ދުވަހުގެ ޑީލް ހަނދާން ނެތުނީތަ؟" އަހެދް ގެ ތުންފަތައް ވެރިވީ ފޮނި ހިނިތުންވުމެކެވެ. އޭނާގެ ލަފުޒުތައް ބުނެލީ މަޑުމައިތިރިކަމާއެކު، ވިސްނުންތެރިކަމާއެކުގައެވެ. އޭނާގެ ބަސްތަކުގެ ބުރަދަން އެ ދެމީހުންގެ ދޭތެރޭގައި ވައިގައި ހިފެހެއްޓިފައި ހުއްޓެވެ. ކުޑަ ވަގުތުކޮޅަކަށް، މުރުތަސިމަށް ޖަވާބުދޭނެ ގޮތެއް ނޭނގުނެވެ. އޭނާގެ އަމިއްލަ ޢަމަލު އޭނާއާއި ދެކޮޅު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިފައިވާކަން މުރުތަސިމަށް ވިސްނުނެވެ. މެހެމާނުން އެ ދެމީހުންގެ ވަށައިގެންތިބެ ހީހީފައި ވާހަކަދައްކަމުން ދިޔައެވެ. އެ އުފާވެރިކަމުގެ ނިވާފަތްގަނޑުގެ ފަހަތުގައި އެ ދެމީހުންގެ ދޭތެރޭގައި އުފެދެމުންދާ ގަދަ ތޫފާންގެ އަސަރު އެއްވެސް މީހަކަށް އިހުސާސެއް ނުކުރެވެއެވެ.
" ކީޕް ޕްރިޓެންޑިންގް..." އެހެން ބުނުމަށްފަހު އޭނާ އަހެދްގެ އަތުން ދޫކޮށްލައި، ފަހަތަށް ޖެހިލިއެވެ. އޭނާގެ މޫނުމަތީގައި ރުޅިވެރިކަމުގެ ކުލަ ޖެހެމުން ފެށުމުން ހޯލުގެ އަނެއް ކޮޅަށް ހިނގައިގަތެވެ. އަހެދް އެތާ ހުއްޓި ހުރެ، އޭނާ ދާތަން ބަލަން ހުރީ ހިމޭންކަމާއެކުގައެވެ.
ރަންކުލައިން އަލިކުރެވިފައިވާ ގޯތިތެރެ އިތުރަށް ޙުސްނުވެރިވެ، ހުވަފެނެއް ފަދަ މަންޒަރަކަށް ބަދަލުވެފައިވިއެވެ. މައިރާ އާއި ޒަވިޔާ ރޭގަނޑުގެ ހަފްލާއަށް ހެދުން ބަދަލުކޮށްގެން އައިރު މޫނުމަތިން ފެނުނީ އުޖާލާކަމެވެ. ލިބިފައިވާ އުފާވެރިކަން ބަޔާން ކޮށްދެނީ ތުންފަތުގައިވާ ދާއިމީ ހިނިތުންވުމެވެ. މައިރާ ލައިގެން ހުރީ ހުދު އަބަޔާއެކެވެ. މައިރާ ހިނގަމުން އައިއިރު، އޭނާގެ ޢަބާޔާ ހީވަނީ އޭނާގެ ވަށައިގެން ދެމިގެންދާ ކޯރެއް ހެންނެވެ. މެހެމާނުން އަގުބޮޑު ގަހަނާތަކުން ޒީނަތްތެރިވެ އަގުބޮޑު ހެދުންތައް ދައްކާލަމުން ދިޔައިރު، މައިރާގެ ޢަބާޔާއަކީ ސާދާކަމުގެ ތެރޭގައި ފޮރުވިފައިވާ ރީތިކަން ދައްކުވައިދޭ މަޑުމައިތިރި ބައިވެރިޔެކެވެ. މައިރާ އިސް ޖަހާލައިގެންހުރެ މަޑުމައިތިރި ފިޔަވަޅުތަކުގައި ކުރިއަށް ދިޔައެވެ. މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓިފައިވާކަން އިހުސާސްކުރެވުނެވެ. އެހެންނަމަވެސް އެލޯތަކުން ދުރުހެލިވާން އޭނަ މަސައްކަތް ކުރިއެވެ. އޭނާގެ ކޮންމެ ހަރަކާތަކުންވެސް ފެންނަނީ މަޑުމޮޅިކަމާއި ލަދުވެތިކަމެވެ. މީހުންގެ ނަޒަރުތަކުން ސަލާމަތްވުމަށް އޭނާ ކުރާ މަސައްކަތް ފާޅުވާން ހުއްޓެވެ.
"ވަރަށް ސިމްޕަލް ދޯ....ބަލާބަ އަހެދް....ޝީ ލުކްސް ލައިކް އަ ބްރައިޑް....އީވެން ވީ އާ މަޗް ބެޓާ ޑްރެސްޑް ދޭން މައިރާ...."
" އާނ ދޯ...އަޅެ ހާދަ ތަފާތޭ މި ދެކުދިން...ލިޓްރަލީ ޑެއި އެންޑް ނައިޓް...." މައިރާ އަށް އެ ބަސްތައް އަޑުތައް އިވުނަސް އެނގުނު ކަމަށް ނެހެދިއެވެ. މީހަކު ދައްކަފާނެ ވާހަކަ ތަކުން އޭނަގެ ހިތަށް އަސަރު ނުކުރިޔަސް ސަމާލުކަމެއް ނުދިނަސް އޭނަގެ މަންމަ ސަހަރް އަށް އިވިއްޖެއްޔާ ދެރަވެދާނެ ތީ ބިރުގަތެވެ.
" ޕިސް އަޅާލާ އެއްޗެއް ނޫން...ޔޫ ކާންޓް ބީ ކޮމްޕެއާޑް...." ޒަވިޔާ ފަހުރުވެރިކަމާއެކު ބުނެލިއެވެ.
"އައި ކާންޓް ވެއިޓް ފޯ އަވާ ޔޫރަޕް ޓުއާ.....އެންޑް ޓު ބިލްޑް އަ ހޯމް އިން އޮސްޓްރޭލިއާ...ރާއްޖެ މީހުން އަދިވެސް ހާދަ ނާތަހުޒީބޭ ދޯ...." ޒަވިޔާގެ ރާގުން މައިރާ ސިއްސުވާލިއެވެ.
އަލިތަކުގެ ދަށުން އަހެދުގެ ރީތި ހެދުން ދަޅަ އަޅަމުން ދިޔައެވެ. އަހެދަށް ލިބެމުންދިޔަ ތަޢުރީފުގެ ބެލުންތައް ފާހަގަކުރެވުމާއެކު، މުރުތަސިމްގެ ހިތަށް އުނދަގޫ އިހުސާސްތަކެއް ކުރުވިއެވެ.
" ރާއްޖެއިންވެސް ނުފެންނަ ކަހަލަ ރީތިކަމެއްދޯ....މަ ނަމަ މިހާ ރީތި ކުއްޖެއްގެ މޫނު ބުރުގާ ނުވެސް ނަގުވާނަން..." މުރުތަސިމްގެ ޒަމާންވީ އެކުވެރިއަކު މަޖަލަކަށް ހަދާފައި ދިމާކޮށްލިއެވެ. މުރުތަސިމްގެ މޫނުމަތި ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. އަތުގައި އިން ޖޫސްތަށީގައި ހިފަހައްޓައިލެއް ބާރުކަމުން ރެނދުނުލައިހުރީ ކިރިޔާއެވެ. މުރުތަސިމްގެ ހިތުގައި އުފެދުނު ހަސަދައިގެ އިހުސާސް އިތުރަށް ގަދަވެގެން ދިޔައެވެ. ކުއްލިއަކަށް އަވަސް ހަރަކާތަކާއެކު އޭނާ އަހެދް އާއި ދިމާއަށް ހިނގައިގަތެވެ.
"އަހެދް..........." މުރުތަސިމް ގެ އަޑު ހަރުކަށިވިޔަސް ގޮވައިލީ މަޑުންނެވެ. މުރުތަސިމް ކުއްލިއަކަށް އަހެދްގެ އަތުގައި ހިފާލި ގޮތުން އޭނަ ސިހުނެވެ. އަހެދް އޭނާއާ ދިމާލަށް ބަލާލިއެވެ. މުރުތަސިމް އަހެދް ގޮވައިގެން މެހުމާނުންގެ ތެރެއިން ނެރެގެން ގޮސް ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. މާލަމުގައި ހުރި ޒީނަތްތެރި ތަކެތި ފަހަނައަޅައި، ގޭތެރެއަށް ވަދެވުނެވެ. ގިނަ ބައެއްގެ ލޯތައް ކުރިމަތީން ހިނގާދިޔަ މަންޒަރެއްކަމުން ޒަހްރާއަށްވެސް އެކަން ފާހނގަ ކުރެވުނެވެ.ސަބަބު އޮޅުން ފިލުވަން ދާން ބޭނުންވި ނަމަވެސް މެހެމާނުންގެ ކުރިމަތީން ގޮއްސިއްޔާެ ބޮޑު މައްސަލައަކަށް ހަދާފާނެކަމަށްޓަކާ ޒަހްރާ މަޑުކޮށްލިއެވެ.
ގެއަށް ވަދެވުމާއެކު މުރުތަސިމް އަހެދުގެ އަތުން ދޫކޮށްލިއެވެ. ނަމަވެސް އޭނާގެ ޙަރަކާތްތަކުން ސިކުނޑިއަށް ބާރުކޮށްފައިވާވަރު އެނގުނެވެ. އޭނާ ކުޑަ ހިނދުކޮޅަކަށް ދެކޮޅަށް ހިނގަމުން ދިޔައެވެ. ނިއްކުރިމަތި އިނގިލި ހިންގަމުން އޭނަ އެކަން ހައްލުކުރަން މަސައްކަތް ކުރިއެވެ. އަހެދު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
"މިހާރު ކޮބާ މައްސަލައަކީ؟" އަހެދް ފޫހިވިއެވެ.
***
އަލްބާން މާލަމުގައި ތިބި މީހުންގެ ތެރެއިން ބާބިލް ހޯދަން މަސައްކަތް ކުރިއެވެ. އެރޭ އޭނާ ވަނީ އެތައް ފަހަރަކު ބާބިލްއާ ވާހަކަދައްކަން މަސައްކަތްކޮށްފައެވެ. ނަމަވެސް ބާބިލް އަބަދުވެސް ބަހަނާއެއް ދައްކާލާފައި ފިލަނީއެވެ. ޕާޓީ ހިމޭންވަމުން ދިޔައީ މެހެމާނުން އަލްވަދާއު ކިޔަން ފެށުމުންނެވެ. ގޭޓުން ނިކުމެގެން ދާ މެހެމާނުންގެ ތެރޭގައި ބާބިލް ހުއްޓުން އަރާފައި ހުރިތަން އަލްބާންގެ ލޮލޮލުގަިއ އަޅައިގަތެވެ.
"ބާބް..." އަލްބާން ބާބިލްއާއި ހަމަޔަށް ދިޔައެވެ. ފަހަތައް އެނބުރިނުލުމުން ބާބިލްް ގެ ކައިރިޔަށް ޖެހިލިއެވެ.
"ކޮންތާކަށް ގެއްިފަ ބާބް....ހެލޯ...."
ބާބިލްއަށް ހީވީ ހަށިގަނޑު ގަނޑުވެގެން ދިޔަހެނެވެ. ލޯކަން އޭނާއާ ކައިރިވަމުން އައިއިރު އޭނަގެ ނަޒަރު ހުއްޓިފައިވީ އެދިމާލަށެވެ. ބާބިލްއަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ދުވެ ފިލަން ހިތުގެ އަޑިން ތަކުރާރުކޮށް ގޮވާލި ނަމަވެސް، ބިރުވެރިކަމުގެ ސަބަބުން އެތަނުން ހަރަކާތްނުކުރެވިފައި ބުދެއްހެން ހުރެވުނީއެވެ. ލޯކަންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން ވީއިރު އެލޮލުން ފައުޅުވީ ނުރައްކާތެރިކަމާއި ބާރެވެ.
"ބާބިލް........." ލޯކަން ގޮވާލިއެވެ. އޭނާގެ އަޑު މަޑުމައިތިރި ނަމަވެސް، އޭގެ އަޑީގައި ނުރައްކާތެރި މާނައެއް ފޮރުވިފައިވާކަން އިހުސާސްކުރެވުނެވެ.
އެމީހުންނާއި އަރާހަމަވި ލޯކަން ފެނުމުން އަލްބާންގެ ލޯވެސް ބޮޑުވިއެވެ. ފައިދަށުން ބިންގަނޑު ދެމިގަތީހެން ހީވިއެވެ.
ނުނިމޭ