ޝެއިޚް ހަސީނާ ހައްޔަރުކުރަން ބަންގްލަދޭޝްގެ ކޯޓުން އަމުރުކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ. ހަސީނާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ވަނީ ނެރެފައި -- ފޮޓޯ/އެންޑީޓީވީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކުރުމުގެ އަމުރެއް އެ ގައުމުގެ ކޯޓުން ނެރެފިއެވެ.

ބަންގްލަދޭޝްގެ ކިޔަވާ ކުދިން އިސްވެ ތިބެ ގެނައި އިންގިލާބަކަށް ފަހު ހަސީނާ ވަނީ އޮގަސްޓް މަހު ފިލައިގެން އިންޑިއާއަށް ވަޑައިގެންފައެވެ.

"ކޯޓުން ވަނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކޮށް އަންނަ މަހު 18 ގައި ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައި،" ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރު މުހައްމަދު ތާޖުލް އިސްލާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ޚިލާފު ބޮޑެތި އަމަލުތައް ހިންގިއިރު، އެ ކަމަނާއާ ސިޔާސީ ގޮތުން އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު ބަންދުކޮށް މަރާލާފައިވާ ކަމަށް ވެސް އިންޑިއާގެ އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.

"ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ގަތުލުއާންމުތަކާއި މީހުން މެރުމާއި އިންސާނިއްޔަތާ ދެކޮޅަށް ޖަރީމާތައް ހިންގި މީހުންގެ ފަހަތުގައި ޝެއިޚް ހަސީނާ ހުންނެވި،" އިސްލާމް ވިދާޅުވިއެވެ.

އުމުރުން 77 އަހަރުގެ ހަސީނާ ބަންގްލަދޭޝްއިން ފިލައިގެން ދިޔަ ފަހުން އާންމު ތަންތަނުން ފެނިފައިނުވާއިރު، އޭނާ އެންމެ ފަހުން ރަސްމީކޮށް ފެނުނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ކައިރީގައި ހުންނަ އަސްކަރީ އެއާބޭސްއަކުންނެވެ.

ފިއްލަވައިގެން ގޮސް އިންޑިއާގައި ހުންނެވުމުން ބަންގްލަދޭޝަންއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ބަންގްލަދޭޝްއިން ޑިޕްލޮމެޓިކް ޕާސްޕޯޓް ބާތިލްކޮށްފައި އޮތް ނަމަވެސް، ގައުމުތަކުގެ މެދުގައިއޮތް ބައިލެޓަރަލް އެކްސްޓްރެޑިޝަން ޓްރީޓީގެ ދަށުން ޖިނާއީ ޝަރީއަތަށް ގައުމަށް އެނބުރި އައުމުގެ ފުރުސަތު ހަސީނާއަށް ލިބިވަޑައިގަންނަވާނެއެވެ.

ހަސީނާއަށް ދެކޮޅަށް މުޒާހަރާކުރި ބައިވެރިން މަރާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތައް ކޯޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް