އިންގްލަންޑްގެ އާ ކޯޗަކަށް ވުމަށް ޓުކެލް އެއްބަސްވެއްޖެ

އިންގްލަންޑްގެ އާ ކޯޗަކަށް ވުމަށް ޖަރުމަނުވިލާތުގެ ތޯމަސް ޓުކެލް ވަނީ އެއްބަސްވެފައި --

އިންގްލަންޑްގެ އާ ކޯޗަކަށް ވުމަށް ޖަރުމަނުވިލާތުގެ ތޯމަސް ޓުކެލް އެއްބަސްވެއްޖެއެވެ.

އިންގްލަންޑްގެ ފިރިހެން ސީނިއާ ފުޓްބޯޅަ ޓީމަށް ދާއިމީ ކޯޗެއް ހޯދުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ޓުކެލްއާއެކު މަޝްވަރާތައް ފަށައިފާވަނީ ވަރަށް ފަހުންނެވެ. މިއާއެކު ޓުކެލް ވާނީ އެޓީމުގެ ކޯޗުކަން ހަވާލުކުރާ އިނގިރޭސިވިލާތަށް ނިސްބަތްނުވާ ތިންވަނަ ކޯޗަށެވެ.

މީގެކުރިން އިންގްލަންޑަށް ކޯޗުކަން ކޮށްދިން އިނގިރޭސިވިލާތަށް ނިސްބަތްނުވާ އަނެއް ދެ ކޯޗުންނަކީ ސްވިޑްންގެ ސްވެން ގޯރާން އެރިކްސަން އާއި އިޓަލީވިލާތުގެ ފަބިއޯ ކަޕެއްލޯއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ޓުކެލް މީގެކުރިން އެއްވެސް ޓީމަކަށް ކޯޗުކޮށްދީފައިނުވި ނަމަވެސް އޭނާވަނީ ކްލަބް ލެވެލްގައި ފާހަގަ ކޮށްލެވޭ ބައެއް ކްލަބްތަކަށް ކޯޗުކޮށްދީ ކާމިޔާބީތަކެއްވެސް ހާސިލްކޮށްފައެވެ. ޓުކެލް އެންމެ ފަހުން އަދާކޮށްފައިވަނީ ޖަރުމަނު ބުންޑެސްލީގާގެ ބަޔޭން މިޔުނިކްގެ ކޯޗު ކަމެވެ. އަދި މިދިޔަ ސީޒަންގައި ބުންޑެސްލީގާގެ ތަށި އެޓީމަށް ހޯދައި ނުދެވުމާއެކު މިއަހަރުގެ މެއި މަހު ވަނީ މަގާމުން ވަކިވެފައެވެ.

ބަޔޭންގެ އިތުރުން ޓުކެލްވަނީ މެއިންޒް އާއި ބޮރުޝިއާ ޑޯޓްމުންޑް، ޕެރިސް ސެއިންޓް ޖާމެއިން އަދި ޗެލްސީގެ ކޯޗުކަން ކޮށްފައެވެ. އުމުރުން 51 އަހަރުގެ ޓުކެލް ޗެލްސީގެ ކޯޗުކަމާ ހަވާލުވެފައިވަނީ 2021 ވަނަ އަހަރެވެ. އަދި އެޓީމާއެކު ޔުއޭފާ ޗެމްޕިއަންސް ލީގު، ފީފާ ކްލަބް ވާލްޑް ކަޕް އަދި ޔުއޭފާ ސުޕާ ކަޕް ކާމިޔާބު ކުރިއެވެ.

އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ މިސިޒަނާއި ދިމާކޮށް އެކްލަބަށް ގެންދެވޭތޯ މަޝްވަރާކޮށްފައެވެ. އޭނާ އިންގްލިޝް ޕްރިމިއާ ލީގުގައި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާއަށް އިންގްލަންޑް ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނާއެކު މަސައްކަތް ކުރެވިފައިވުމުގެ އިތުރުން ހުރިހާ ކުޅުންތެރިންގެހެން ކަހަލަ ގޮތަކަށް ކުޅުން ވާނީ ފެނިފައެވެ. އަދި އޭނާ ބަޔޭންގައި ހޭދަކުރި ދުވަސްވަރު އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން އާއެކުވެސް ވަނީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައެވެ.

ޖަރުމަނުވިލާތުގައި މިއަހަރު ބޭއްވި ޔޫރޯ މުބާރާތުގެ ފައިނަލްއިން އިންގްލަންޑް ބަލިވުމާއެކު އޭރުގެ ކޯޗު ގެރެތު ސައުތުގޭޓް މަގާމުން އިސްތިއުފާ ދިން ފަހުން އިންގްލަންޑް ޓީމުގައި ދާއިމީ ކޯޗެއް މިހާތަނަކަށް ނުހުރެއެވެ. އަދި ދާއިމީ ކޯޗެއް ހޯދެންދެން އެމަގާމް ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އިންގްލަންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލީ ކާސްލީ އާއެވެ. ރިޕޯޓުތަކުގައިވާ ގޮތުން ނޭޝަންސް ލީގުގައި މިއަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާއިރު އެޓީމުގެ ކޯޗެއްގެ ގޮތުގައި އަދި ހުންނާނީ ކާސްލީއެވެ. އަދި ޓުކެލް އިންގްލަންޑްގެ ކޯޗު ކަމާ ހަވާލުވާނީ އޭގެ ފަހުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، އިނގިރޭސި އޭފް އޭ އިން އިންގްލަންޑްގެ ކޯޗު ކަމަށް ގެނައުމަށް އެންމެ ބޮޑަށް ބޭނުންވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާއެވެ. އަދި އޭނާ މިމަގާމަށް ޝައުގުވެރިކަން ހުރިތޯ ބަލާފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

އިންގްލަންޑް ޓީމުގެ ކޯޗުކަމުން މިސީޒަންގައި ވަކިވި ސައުތުގޭޓަށް އިންގްްލަންޑުން ބޭނުންވި އެންމެ ފުރިހަމަ ކާމިޔާބީ ހޯދިފައިނުވި ނަމަވެސް އޭނާ ވެފައިވަނީ 1966 ވަނަ އަހަރު އިންގްލަންޑަށް ފިފާ ވާލްޑް ކަޕް ކާމިޔާބު ކޮށްދިން ކޯޗު ސާ އެލްފް ރެމްސީއަށް ފަހު އެޓީމާ ހަވާލުވި އެންމެ ކާމިޔާބު ކޯޗަށެވެ. އެގޮތުން ސައުތުގޭޓް އިންގްލަންޑާއެކު ހޭދަކުރި އަށް އަހަރުގެ ތެރޭގައި އޭނާވަނީ އެޓީމު ޔޫރޯ ދެ މުބާރާތެއްގެ ފައިނަލަށް ގެންގޮސްދީފައެވެ. އަދި 2018 ވަނަ އަހަރުގެ ފީފާ ވާލްޑް ކަޕްގެ ސެމީ ފައިނަލަށްވެސް އޭނާ ވަނީ އިންގަލްންޑް ގެންގޮސްދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު