ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ދެއެއްގައި އިޓަލީވިލާތާއި އިސްރާއީލް ބައްދަލުކުރި މެޗު އިޓަލީވިލާތުން ކާމިޔަބު ކޮށްފިއެވެ.
އިޓަލީވިލާތުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީ ޓީމުންނެވެ. މިމެޗުގައި އިޓަލީވިލާތް ފެނިގެންދިޔައީ ހަމަލާއަށް އިސްކަންދީގެން ކުޅެމުންދިޔަ ތަނެވެ.
އެއާ ހިލާފަށް އިސްރާއީލް ފެނިގެންދިޔައީ ދިފާއަށް އިސްކަންދީ އަދި ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިޓަލީ ޓީމުން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް މިހާފުގައި އެޓީމަށް ކާމިޔަބު ކުރެވޭގޮތްވީ އެއް ލަނޑެވެ. މިލަނޑު މެޗުގެ 41ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ މަޓިއޯ ރެޓެގޫއެވެ.
މިމެޗުގެ ދެވަނަ ހާފު ވެސް އިޓަލީވިލާތުން ފެށީ ވަރަށް ފޯރީގައެވެ. އަދި މިގޮތުން މެޗުގެ 54ވަނަ މިނެޓުގައި އެޓީމުންވަނީ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިމެޗުގައި ކެޕްޓަން ކަން ކުރަމުން ދިޔަ ޖިއޮވާނީ ޑި ލޮރެންޒޯއެވެ.
މިމެޗުގައި އިސްރާއީލުން ކާމިޔަބު ކުރި ހަމައެކަނި ލަނޑު މެޗުގެ 66ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔަބު ކޮށްފައިވަނީ މުހަންމަދު އަބޫ ފާނީއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަ މިނެޓް ފަހުން އިޓަލީވިލާތުންވަނީ ޑޭވިޑް ފުރަޓޭސީ ކާމިޔާބު ކޮށްދިން ލަނޑުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.
މިމެޗުގެ 74ވަނަ މިނެޓް ވެގެންދިޔައީ އިޓަލީވިލާތުގެ ފުޓްބޯޅައިގާ ފާހަގަ ކޮށްލެވޭ މަލްޑީނީ އާއިލާއަށް ތާރީހީ ވަގުތު ކޮޅަކަށެވެ. ފުޓްބޯޅައިގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ޕައުލޯ މަލްޑީނީގެ ދަރިފުޅު ޑެނިއެލް މަލްޑީނީ ވަނީ ޤައުމީ ޓީމަށް ފުރަތަމަ ފަހަރަށް ކުޅެން އަރާފައެވެ. މިއާއެކު މަލްޑީނީ އާއިލާ ވެފައިވަނީ ކާފައާއި ބައްޕަ އަދި ދަރިފުޅު ޤައުމީ ޓީމަށް ކުޅުނު ފުރަތަަ އާއިލާއަށެވެ. މި ތާރީހީ ވަގުތު ކޮޅު ބަލަލުމަށް ޤައުމީ ޓީމަށް 126 މެޗު ކުޅެދީފައިވާ ޑެނިއެލްގެ ބައްޕަ ޕައުލޯ މަލްޑީނީ ދަނޑަށް ގޮސް އިނެވެ.
މަލްޑީނީގެ ބައްޕަ ސެޒާރޭ މަލްޑީނީ ވަނީ ޤައުމީ ޓީމަށް 14 މެޗު ކުޅެދީފައެވެ. ކާފަ އާއި ބައްޕަ ޑިފެންސަށް ކުޅުނު ނަމަވެސް ޑެނިއެލް ކުޅެނީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައެވެ. އަދި ކުޅެން އެރިތާ ފަސް މިނެޓްގެ ތެރޭގައި ޑެނިއެލް ވަނީ އިޓަލީވިލާތުގެ ހަތަރުވަނަ ލަނޑު ޖެހުމުގައި މުހިންމު ދައުރެއް އަދާވެސް ކޮށްފައެވެ. މިމެޗުގައި އިޓަލީވިލާތުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ޑި ލޮރެންޒޯއެވެ.
މިކާމިޔާބީއާއެކު އިޓަލީވިލާތް މިހާރު އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި އިސްރާއީލް އުޅެނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ. މިގްރޫޕްގައި ފަރަންސޭސީން ނުވަ ޕޮއިންޓާއެކު ދެވަނައިގާ އުޅޭއިރު ބެލްޖިއަމް އުޅެނީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ.