ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަބީބު ބޭންކުން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފިއެވެ.
މި ކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. ގެރެންޓީ ދޭން ނިންމައިފައިވަނީ ތިލަފުށީގެ ގޮނޑުދޮށުގައި ޝޯ ޕްރޮޓެކްޝަން މަސައްކަތް ކުރުމަށެެވެ.
އެއާއެކު މި ކަމާ އިދިކޮޅުގެ މެމްބަރުންގެ ނުރުހުން ކޮމިޓީ ބައްދަލުވުމުގައި ވަރަށް ބޮޑަށް ވަނީ ފާޅުކޮށްފައެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ އެޗްޑީސީގެ ލޯނަށް ސަރުކާރުން ގެރެންޓީ ދިންއިރު މިއީ ރައްޔިތުންނާ މާ ބޮޑު ގުޅުމެއް ނެތް މަސައްކަތެއް ކަމަށެވެ.
"މިއީ ކިހިނެއް އައި ކަމެއްތޯ ކުއްލިއަކަަށް އެޗްޑީސީއަށް ތިލަފުށީގެ ޝޯ ޕްރޮޓެކްޝަނަށް ލޯނެއް ނަގަން ގެރެންޓީ މި ދެނީ. މިއަށްވުރެ ރައްޔިތުންނާ ގުޅުން ހުރި ވަރަށް ގިނަ ޕްރޮޖެކްޓުތަކަށް ސަރުކާރުން ގެރެންޓީ ނުދީ އޮވެފައި މި ޕްރޮޖެކްޓަށް ސަރުކާރުން ގެރެންޓީ ދިނީ މިއީ ފުށިދިއްގަރާ ގުޅުން އޮތް ޕްރޮޖެކްޓެއްތޯ ނޫންތޯ އަޅުގަނޑަކަށް ނޭނގޭ...،" ކޮމެޓީގައި ވާހަކަަދެއްކެވި މެމްބަރަކު ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ އޭސީސީން ބަލަން ޖެހޭ މައްސަލައެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ.
އެ ކަމަށް ރައްދު ދެއްވައި ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވާ މެމްބަރު އަހްމަދު އަޒާން ވިދާޅުވީ އެ ގެރެންޓީ އެޗްޑީސީއަށް ބޭނުންވީ އަމިއްލަ ޒާތުގައި ލޯނު ނެގުމުގެ ބާރު ކުންފުންޏަށް ގެއްލުމުން ކަމަށެވެ.
އެެހެންވީ މިދިޔަ ސަރުކާރުގައި އެޗްޑީސީގެ އަގުހުރި ގިނަ ބިންތަކެއް ހިލޭ ދޫކުރުމުން ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
ހަމައެއާއެކު އަޒާން ވިދާޅުވީ އެޗްޑީސީން ނެގި އެ ލޯނުން ކުރަނީ ހަމައެކަނި ޝޯ ޕްރޮޓެކްޝަން މަސައްކަތް ނޫން ކަމަށެވެ. 150 ހެކްޓަރުގެ ބިން ވެސް ހިއްކާނެ ކަމަށް ވިދާޅުވިއެވެ. އަދި ޝޯ ޕްރޮޓެކްޝަން ޖަހާނީ އެ ބިން ހިއްކައިފައިކަމަށް ވިދާޅުވިއެވެ.
އަދި އިގްތިޞާދީ ކަންކަމަށް ބިން ދޫކުރުމަކީ ދިގު މުއްދަތަށް ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށް އަޒާން ވިދާޅުވިއެވެ.