ދަނޑުވެރިކަން ކުރިއެރުވުމަށް 16 މިލިއަން ރުފިޔާގެ ލޯނު މިހާތަނަށް ދޫކޮށްފި، 30 ޕަސަންޓު އަންހެނުންނަށް

ތޮއްޑޫ ދަނޑުވެރި ބިންތައް: ދަނޑުވެރިކަން ކުރިއެރުވުމަށް 16 މިލިއަން ރުފިޔާގެ ލޯނު މިހާތަނަށް ދޫކޮށްފި، 30 ޕަސަންޓު އަންހެނުންނަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަނޑުވެރިކަން ކުރިއެރުވުމަށް މިހާތަނަށް 16 މިލިއަން ރުފިޔާގެ ލޯނު ދަނޑުވެރިންނަށް ދޫކޮށްފައިވާކަމަށާއި އޭގެތެރެއިން 30 ޕަސަންޓު ޚާއްސަ ކޮށްފައި ވަނީ އަންހެނުންނަށް ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބެއްގައި މިނިސްޓަރު ވިދާޅުވީ، ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކުރުމަށް ޓަކައި "ދަނޑުވެރި ނަފާ"ގެ ނަމުގައި ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ލޯނު ޕްރޮގްރާމެއް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން މިނިސްޓްރީން ހިންގަމުން ދާކަމަށެވެ.

މި ލޯނުގެ 30 ޕަސަންޓު ހިއްސާކޮށްފައި ވާނީ ދަނޑުވެރިކަމުގެ މާހައުލުގައި މަސައްކަތްކުރާ އަންހެން ކަނބަލުންނަށްކަމަށާއި މި ލޯނު ޕްރޮގްރާމުގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ގިނަ ބާވަތްތަކުގެ ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަނޑަށް މީހަކު ފެން ޖަހަނީ: - ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"މި ލޯނު ޕްރޮގްރާމުގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން، އާބަން އެގްރިކަލްޗާ، ޕްރޮޓެކްޓެޑް އެގަރިކަލްޗާ، ވާޓިކަލް އެގްރިކަލްޗާ ކުރުމަށާއި ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން ވެލިއު އެޑިޝަން އަދި ގަހުގެ ނާސަރީ ފަދަ ދަނޑުވެރިވެރިކަމުގެ ސިނާއަތުގެ ކަންކަމަށް މިހާތަނަށް ވަނީ ޖުމްލަ 16،009,082 ރުފިޔާގެ ލޯނު ދޫކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ލޯނަށް އެދުމުގައި ދަނޑުވެރިންނަށް މިހާރު ކުރިމަތިވާ ދަތިތައް ދެނެގަނެ މިކަންކަމަށް ހައްލު ލިބޭނެހެން ލޯނު ސްކީމަށް ހެޔޮ ބަދަލުތަކެއް ގެންނަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިގޮތުން ރަހުނު ނުބަހައްޓާ މިވަގުތު ނެގޭ އެއްލައްކަ ރުފިޔާ ފަސްލައްކައަށް އިތުރު ކުރުމަށް އެސްޑީއެފްސީއާ ގުޅިގެން މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުން،" ރަމީލާ ވިދާޅުވިއެވެ.

ދަނޑަށް މީހަކު ފެން ޖަހަނީ: - ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހަމަ މިއާއެކު ދަނޑުވެރިކަމަށް ދޫކުރާ ލޯނުތަކަކީ އިސްލާމިކް ފައިނެންސިން އުސޫލުން ދޫކުރާ ލޯނުތަކަކަށް ހެދުމަށް ވެސް މިނިސްޓްރީން މަސައްކަތް ކުރާކަމަށާއި ލަސްތަކެއް ނުވަނީސް މިކަންކަމަށް އަމަލީ ސިފައެއް ގެނެވި ދަނޑުވެރިންނަށް މިކަމުގެ ލާބައާއި މަންފާ ލިބެންފަށާނެ ކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދަނޑުވެރިކަމުގެ ތަހުލީލުތައް ކުރުމަށް ގައުމީ ލެބޯޓްރީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިންމޭނެކަމަށެވެ.

މި ފެސިލިޓީގައި ފަސްގަނޑުގެ ތަހުލީލުތަކާއި، ގަސްތަކަށް ބަލިޖައްސާ ސޫފާސޫފި އަދި ޖަރާސީމުގެ ތަހުލީލުތައް ހެދޭނެ ލެބޯޓަރީ ގާއިމްކޮށް ޕްލާންޓް ޓިޝޫ ކަލްޗާ ކުރުމަށް ޚާއްސަ ލެބޯޓަރީއެއް ގާއިމްކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު، މިފަދަ ތަހުލީލުތަކަށް ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވުމަށް ކުރާ ހޭދަ އާއި ވަގުތު ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް