އިއްތިފާޤަކުން އެ ވަގުތުވީ އެ އަންހެން ކުއްޖާވެސް އިންތަނުން ތެދުވެ އެ ދިމާލަށް ބަލައިލި ވަގުތަށެވެ. އަފްނާން ލޮލުގައި އަޅައިގަތުމާއެކު، އޭނާގެ މޫނުމަތިން ވެސް ހައިރާންކަމުގެ އަސަރުތައް ފެނިގެން ދިޔައެވެ.
އެހެންނަމަވެސް އެއީ ހިނދުކޮޅަކަށެވެ. އަފްނާން ފެނުމާއެކު، އެ އަންހެން ކުއްޖާ ހިތްހަމަ ނުޖެހުނުކަން ރަމްޒުކޮށްދިނީ ދެބުމަ ގާތްވެގެން ދިޔަ ގޮތުންނެވެ. އަފްނާންވެސް އެ އަންހެން ކުއްޖާއަށް ގޮވާލަން އުޅެފައި ފަސް ޖެހުނީ ފޯނު ކަންފަތުގައި ޖަައްސާލަމުން ދުރަށް ހިނގައިގަތުމުންނެވެ. އެނބުރި އަފްނާންއާ ދިމާލަށް ބަލާލާ ޚިޔާލެއްވެސް އެ އަންހެން ކުއްޖާ ނުކުރިއެވެ. ޔުނިވާރސިޓީގެ ފަރާތްފަރާތަށް ބަލަމުން ދިޔަ އަފްނާންއަށް މާޒީގެ ހަނދާންތައް އާވާން ފެށިއެވެ. އެ ކެންޕަސްގެ ކޮންމެ ދިމާލަކުންވެސް މާޒީގެ ތަސްވީރުތައް ލޯމަތީގައި ކުރެހެން ފެށިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ވެސް ފޯނު ހުޅުވާލާ ދާން ޖެހޭ ކްލާސް ބަލައިލުމަށްފަހު، އެ ދިމާލަށް ހިނގައިގަތެވެ.
ލަސް ފިޔަވަޅުތަކެއްގައި ގޮސް ކްލާހަށް ވަތްއިރު ކްލާސްތެރެ އަޑު ގަަދައެވެ. ދޮރު މައްޗަށް އެރުމާއެކު، ކްލާހުގައި ތިބި ގިނަ ކުދިންގެ ނަޒަރުތައް އޭނާއަށް ހުއްޓުނެވެ. ކޮންމެވެސް ވަރަކަށް މީގެ ކުރިން އޭނާއާ އެއް ކުލާހެއްގައި، ޑިގްރީއަށް ކިޔެވި ކުދިންވެސް ތިއްބެވެ. އަފްނާން ފެނުމާއެކު، އެއްބައި ކުދިން ހިނިތުންވުމަކާއެކު، އޭނާއަށް މަރްޙަބާ ކީއިރު، އަނެއްބައި ކުދިންގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ. ބާކީ ތިބި ކުދިންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އަފްނާންގެ ނަޒަރު މުޅި ކުލާހާށް ދަތުރުކުރިއެވެ. ވަކިވަކިން ކޮންމެ ކުއްޖެއްގެ މޫނަށް އޭނާ ބެލިއެވެ. ކުރިން ފެނުނު އަންހެން ކުއްޖާއަށް ބަލާލިއިރު އެ އަންހެން ކުއްޖާވެސް އިނީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ނަޒަރު ސީދާ ވުމާއެކު، ކުރިއެކޭ އެއްގޮތަށް އެ ކުއްޖާ، ފޯނަށް ނަޒަރު ހުއްޓާލަމުން މީހަކަށް މެސެޖު ކުރަން ފެށިއެވެ.
"ޔޫޝައު. ވެއަރ އާރ ޔޫ؟" ޒާޔާ ނިކަން އަވަސް އަވަހަށް މެސެޖެއް ލިޔެލާ އޭނާގެ އެކުވެރިޔާ ޔޫޝައުއަށް ފޮނުވާލިއެވެ.
"ކޮބާތަ؟" ރިޕްލައި އައުން ލަސް ވުމާއެކު، ދެވަނަ ފަހަރަށްވެސް އޭނާ މެސެޖެއްކޮށްލިއެވެ.
"ތަނެއްގައި ރޯވީތަ؟ އައެމް އޯލްމޯސްޓް ދެއަރ." ޔޫޝައުގެ މެސެޖެއް ލިބުމާއެކު، ޒާޔާ ފޯނު މޭޒުމަތީގައި ބާއްވަމުން ކްލާހަށް ވަދެގެން އައި އަފްނާންއަށް ބަލާލިއެވެ. އަފްނާން އިށީނީ އޭނާގެ އެއްފަރާތުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައެވެ.
އޭގެ އިރުކޮޅެއްފަހުން، ކްލާހަށް އައިސް ވަތް ޔޫޝައު ޒާޔާއަށް ބަލާލާފައި ހިނގައިގަތް ވަގުތު އަފްނާން އެ ލޮލުގައި އަޅައިގަތެވެ. އެއާއެކު، އޭނާގެ މޫނުމަތިން ވެސް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ފެނިގެން ދިޔައެވެ. އެހެންނަމަވެސް، ނިކަން އަވަސް އަވަހަށް އެ ހއިރާންކަން ފޮރުވާލަމުން އޭނާ ގޮސް ޒާޔާގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
"އެހެންވެ ދޯ މަ ނައިސްގެން އުޅުނީ؟" ޔޫޝައު މަޑުމަޑުން ސުވާލުކޮށްލުމާއެކު، ޒާޔާ ބޯ ޖަހާލިއެވެ. ކިތަންމެ ނޫންކަމަށް ހެދުނު ނަމަވެސް، އެ ދެމީހުން އެ ދައްކަނީ އޭނާގެ ވާހަކަކަން އަފްނާންއަށް އެނގުނެވެ.
އަފްނާންގެ ނަޒަރު އިރުއިރުކޮޅަކާ ކްލާހުގެ ދޮރު މައްޗަށް ހުއްޓެއެވެ. ހީވާ ކަހަލައެވެ. އޭނާގެ ލޯ އަދިވެސް އިތުރު މީހަކު ހޯދަނީއެވެ. އެހެންނަމަވެސް، ނޭނގި ނަމަވެސް ކުރެވެމުން ދިޔަ އުންމީދު ގެއްލުވާލާފައި، ދެން ކްލާހަށް ވަދެގެން އައީ ލެކްޗަރާއެވެ.
ކްލާސް ފެށިގެން ކުރިއަށް ދިޔަ ވަގުތު ވެސް ކިޔަވައިދެމުން ދިޔަ އެއްޗަކަށް ރަނގަޅަކަށް ސަމާލުކަން ދެވޭ ގޮތެއް އަފްނާންއަކަށް ނުވިއެވެ. އޭނާގެ ނަޒަރު އިރުއިރުކޮޅަކާ، ޔޫޝައުއާއި ޒާޔާއަށް ހުއްޓެމުން ދިޔައެވެ.
ދެ ގަޑިއިރުގެ ލެކްޗާރއަކަށްފަހު، ލިބުނު ހުސްވަގުތުކޮޅުގައި ކުލާހުގައި މަޑުކުރީ މަދު ކުއްޖެކެވެ. ޒާޔާއާއި ޔޫޝައުއާ ދެމީހުންވެސް ކެންޕަސް ތެރެއަށް ނުކުމެލާ އެތަނުގައި ހުރި ބެންޗުތަކުން ބެންޗެއްގައި އިށީނެވެ.
"ރިފާ ނާދޭތަ؟" ޔޫޝައު ސުވާލުކޮށްލިއެވެ.
"އާނ. ބަލިވެޔޭ ބުނެ މެސެޖްކޮށްފަ އޮތް." ޒާޔާ ބުނެލިއެވެ.
"އޭނަ އެއްޗެކޭ ބުނިތަ؟" ޔޫޝައު އެ ދައްކަނީ އަފްނާންގެ ވާހަކަކަން ޒާޔާއަށް އެނގުމާއެކު، އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއެކު ދެން ވެސް ޔޫޝައު ވާހަކަ ދެއްކިއެވެ.
"ބުނަން ވަކި އޮންނާނީވެސް ކީކޭ ދޯ؟ އެކަމަކު މަށަށް ހަމަ ޔަޤީން އޭނަ ހުންނާނީ އަހަރެމެންނާ ވާހަކަ ދައްކަން ބޭނުންވެފައިކަން. އާފްޓާރ އޯލް އޭނަ އޮޅުން ފިލުވަން ބޭނުންވާ ކަންތައްތަކެއް ހުންނާނެއެއްނު." ޔޫޝައު ބުނެލިއެވެ.
"އޭނަ އޮޅުން ފިލުވަންޖެހޭ ކަމެއް އޮވެދާނެކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. އަހަންނާ ވާހަކަ ދައްކަން ބޭނުންވިޔަސް، އެ ފުރުސަތުވެސް ދޭކަށް ބޭނުމެއް ނުވޭ. ހިތެއްގައި ރަހުމުގެ ޒައްރެއްގެ މިންވަރުވެސް ނުވާ މީހަކު މާޒީއާ މެދު ވިސްނާ ފިކުރުކޮށްފާނެތަ؟ ނޫނެއްނު." ޒާޔާ އޭނާގެ ޚިޔާލެއް ފާޅުކޮށްލިއެވެ.
"ތީވެސް ތެދެއް…" ޔޫޝައު ވެސް ޒާޔާގެ ވާހަކައާ އެއްބަސްވިއެވެ.
"އެކަމަކު އަހަރެންގެ ހިތްބުނޭ އަފްނާން އަދި ރިގްރެޓްކުރާނެޔޭ. އޭނައަށް ވިސްނޭނޭ. އަނެކާގެ ހިތުގެ އިޙްސާސްތަކަށް ޤަދަރުކުރުމަކީ ކިހާ މުހިންމުކަމެއްކަން އޭނާއަށް އެނގޭނެ އަދި. ފަހުން އެކަމާ ހިތާމަވެސް ކުރާނެ! " ޔޫޝައު ބުންޏެވެ.
"ކިހިނެއް އެނގެނީ މިހާރު މީހަކާ ނީންނަކަމެއްވެސް!" ޒާޔާ އެހެން ބުނެލި ވަގުތު، އެ ދިމާލަށް ހިނގަމުން އައި އަފްނާން އޭނާއަށް ފެނުނެވެ. ޒާޔާ ހީކުރީ އެމީހުންނާ ދިމާލަށް އަފްނާން އަންނާނެކަމަށެވެ. އެހެންނަމަވެސް ވީ އެހެނެއް ނޫނެވެ. އަފްނާން އިށީނީ ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައެވެ.
އަފްނާން ފޯނާ ކުޅޭ ކަމަށް ހެދިގެން އިންނަމަވެސް، ހަޤީގަތުގައި އޭނާގެ ވިސްނުން ހުރީ މުޅިން އެހެން ދިމާލެއްގައެވެ. ޒާޔާއާ ވާހަކަ ދައްކަން ކިތަންމެ ބޭނުންވި ނަމަވެސް، ޒާޔާގެ ފަރާތުން ފެނުނު ނުރުހުންތެރިކަމުގެ ސަބަބުން އެކަން ކުރަން އޭނާ ފަސްޖެހެނީއެވެ. އެންމެފަހުން އެތަނުގައި އިނދެފައި އަފްނާން ތެދުވީ ކްލާހަށް ދިޔުމުގެ ބޭނުމުގައެވެ.
އޭނާ ގޮސް ގޮނޑީގައި އިށީނދެ ހަމަޖެހިލިތާ ގިނަ އިރެއްނުވެ ޒާޔާމެން ވެސް އަތުވެއްޖެއެވެ. ލެކްޗަރގެ ބާކީބައި ކުރިއަށް ދިޔަ ވަގުތުގައިވެސް އަފްނާން އުޅުނީ އެފަދަ ގޮތަކަށެވެ. އެތެރެ ހަށީގައިވީ އެއްވެސް އުނދަގުލަކަށް ލުޔެެއް ނުލިބުނެވެ. މާޒީގެ ސަބަބުން އޭނާގެ ހިތް ނުތަނަވަސްވަނީއެވެ. ސިކުނޑީގައިވީ ޚިޔާލުތަކުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ވާންވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ބޮލަށް ބަރުވާހެންވެސް އޭނާއަށް ހީވިއެވެ. ކިޔަވައިދެމުން ދިޔަ އެއްޗަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އަފްނާން، އަތުގެ ބޮޑުވާއިނގިލިން ނިތްކުރީގައި ޖަހާވެސް ލައިފިއެވެ. ހަށިފުރާ ނޭވާއެއްލާފައި އަޅުވާފައިހުރި ޕްރެސެންޓޭޝަނަށް ސަމާލުކަން ދޭން އޭނާ މަސައްކަތްކުރިއެވެ.
އަފްނާންއަށް ކެތްކުރެވުނީ ކްލާސް ނިމެންދެނެވެ. ޒާޔާއާއި ޔޫޝައުއާ ދެމީހުން ނުކުތުމާއެކު، އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އަފްނާންވެސް ނުކުތެވެ. ކުޑަ ކަމަކު ޔޫޝައު ސްޓޫޑެންޓް ޑެސްކާ ދިމާލަށް ހިނގައިގަތުމުން ޒާޔާ ގޮޮސް މަޑުކޮށްލީ އެތަނުގައި ހުރި ގަހެއްގެ ހިޔާ ދަށުގައެވެ. ފޯނާ ކުޅެން އޭނާ ހުރިތަން ފެނި، ފުރުސަތުގެ ބޭނުން ހިފާ އަފްނާން އެ ދިމާލަށް ހިނގައިގަތެވެ. ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއް އިޙްސާސްވަމުން ދިޔަ ނަމަވެސް، އެ ނުތަނަވަސްކަން އެއްފަރާތްކުރަން މަސައްކަތް ކުރަމުން ގޮސް އޭނާ ޒާޔާއަށް ގޮވާލައިފިއެވެ.
"ޒާޔާ…" ޒާޔާ ސިހުނީ އޭނާގެ ފަހަތުން، އަފްނާން ވާހަކަ ދެއްކުމުންނެވެ. އޭނާ ފަސް އެނބުރިލިއިރު، އަފްނާން ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ޒާޔާ އެއްޗެއް ނުބުނުމުން އަނެއްކާވެސް އަފްނާން ވާހަކަ ދެއްކިއެވެ.
"ކިހިނެއް؟" އަފްނާން ސުވާލުކޮށްލަމުން ހިނިތުންވާން މަސައްކަތް ކުރިނަމަވެސް، ޒާޔާގެ ނުރުހުންތެރިކަން ވަޒަންކުރެވުމުން އޭނާގެ ޒަމީރު އެކަމަށް ތަނެއް ނުދިނެވެ. އެހެންނަމަވެސް، މޫނުމަތީގައިވާ އަސަރުތައް ވަންހަނާކުރަން އަފްނާން މަސައްކަތްކުރިއެވެ.
"އައެމް ފައިން." ޒާޔާ އެހެން ބުނެލީ އެއްވެސް އަސަރެއް ނެތް ފަދައަކުންނެވެ. ހަޤީގަތުގައި އަފްނާންއާ ވާހަކަ ދައްކަން އޭނާގެ އަމިއްލަ ނަފުސު އުޒުރުވެރިވާ ފަދައެވެ. ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު، އެހާ ދުވަސް ފަހުން އޭނާ ފެނުމުންވެސް އޭނާގެ ޙާލު ބަލާ ނުލީތީ އަފްނާންގެ ހިތުގައި ކޮންމެވެސް ވަރަކަށް ޝަކުވާ އުފެދުނެވެ.
"ސޯ ޔޫ އޯލްސޯ ޗޯޒް ކްރިމިނަލް ލޯ ދޯ. ދެން ބާކީ ތިބި ކުދިން ކޯންޗެއް ޗޫޒް ކުރީ؟ " ދުރުދުރުން ވާހަކަ ފެށި އަފްނާންއަށް ހަޤީގަތުގައި އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ޒާޔާއާ ކުރާކަށް ނުކެރުނެވެ.
އަފްނާން ނުވާކަމަކަށް ހެދެން އުޅުނު ނަމަވެސް، އޭނާގެ ބޭނުން ޒާޔާއަށް އެނގުނު ފަދައެވެ. އެހެންނަމަވެސް، އާއެކޭ ބުނުމަށްފަހު، އިތުރު ވާހަކައެއް އޭނާ ނުދައްކައެވެ. އަފްނާންގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި ހުރި ޒާޔާއަށް އެ ފުރުސަތު ލިބުނީ ޔޫޝައު އަައުމުންނެވެ.
"ހިނގާ ދާން." އަފްނާންއަށް ބަލައިލުމެއްވެސް ނެތި ޒާޔާ ހިނގައިގަތުުމުން، ޔޫޝައު އަފްނާންއަށް ބަލާލިއެވެ.
"އަފްނާން ކޯންޗެއް އެނގެން ބޭނުންވެގެން ތިއުޅެނީ؟" ޔޫޝައުގެ އަޑުގައިވެސް ވަނީ ހިތްހަމަނުޖެހުމެވެ. އެއް އިރެއްގައި އެހާ އެކުވެރިކޮށް އުޅުނު ބައެއްގެ ފަރާތުން ފެންނަމުން އެދާ ދުރުކަމުން އަފްނާން ހަޤީގަތުގައިވެސް ހައިރާންވިއެވެ. އެހެންނަމަވެސް، އެއީ ކީއްވެ އެމީހުންނަށް އައި ބަދަލުތަކެއްކަން އެނގޭތީ އިތުރު އެއްޗެއް ބުނަން ފަސްޖެހެނީއެވެ. އެހެން މީހެއްގެ އެކުވެރިއަކަށް ވުމުގެ ކުރިން ޒާޔާއަކީވެސް ހަޤީގަތުގައި އޭނާގެ އެކުވެރިއެކެވެ. ވީއިރު، އެ ބަދަލުތައް އައުން އޭނާގެ އަމިއްލަ ނަފްސަށް ޤަބޫލު ނުކުރެވެނީއެވެ.
"އަހަންނަށް އަދި ޔޫޝައު ތިހާ ރުޅި އަންނަން ޖެހޭ ވަރު އެއްޗެއް ބުނެވިއްޖެތަ؟ އައި ޖަސްޓް ވޯންޓު ޓޯކް ޓު ޔޫ ގާއިޒް. ނަތިންގ އެލްސް." އަފްނާން ބުނެލިއެވެ.
"އެދުމެއް ނެތި ވެދުމެއް ނުކުރާނެ އޭ ބުނާ އަޑު އަހަމެއްނު. އަހަންނަށް އަފްނާންގެ ފަރާތުން ފެންނަނީ އެފަދަ އަސަރުތަކެއް. އަދިވެސް ތިއުޅެނީ ކޮންމެވެސް އަމިއްލަ ބޭނުމެއް އޮތީމަ. އަމިއްލަ އެދުމެއް އޮތީމަ. ޖެނުއިންކޮށް އަހަރެމެންގެ ޙާލު ބެލިޔަސް އެކަން ޤަބޫލުކުރަން އަހަރެން ބޭނުން ނުވަނީ ކީއްވެގެން ކަންވެސް އަފްނާންއަށް އެނގޭނެ… އެކަމަކު ތިހާ އެނގެން ބޭނުމިއްޔާ ބުނެފާނަން. އަހަންނާ ޒާޔާއާ ވެސް ރަނގަޅު." ޔޫޝައު ބުނެލިއެވެ.
އެހާވެސް އަހަރެން ދެކެ ހިތްހަމަ ނުޖެހިފަތަ ތި ތިބީ؟" އަފްނާން ސުވާލުކޮށްލިއެވެ.
"އަހަރެމެން އަފްނާން ދެކެ ހިތްހަމަ ނުޖެހޭ ވަރުކަމެއް އަފްނާން ކުރިންތަ؟ އެ ސުވާލުގެ ޖަވާބު އަމިއްލަ ނަފްސަށް ދިނީމަ އެނގޭނެ ތީގެ ޖަވާބުވެސް. ކުޑަކޮށް ލަސްވޭ އެބަ. އިހަށް ދަނީ. " އެހެން ބުނެފައި ޔޫޝައު ވެސް ގޮސް ޒާޔާ ގާތުގައި ހުއްޓުނެވެ.
"ގެއަށް ނުދާންތަ ތިހުރީ؟" ޔޫޝައު ސުވާލުކޮށްލިއެވެ.
"ނޫން ޔޫޝައު އަންނަންދެން ހުރީ… އަހަރެން ދެން ދާނީ ހޮސްޕިޓަލަށް. ސައިކަލު ހަލާކުވެގެން ކާރުގަ އައީވެސް." ޒާޔާ ބުނެލިއެވެ. އަފްނާންއާ ޔޫޝައުއާ ދެމެދު ވާހަކަތަކެއް ދެކެވުނުކަން އެނގުނު ނަމަވެސް، އެ ވަގުތު އެ ވާހަކަ ދައްކަން ޒާޔާ ބޭނުން ނުވާފަދައެވެ.
"އަހަރެން ޑްރޮޕެއް ދީފާނަން. އަރާ…" ސައިކަލު، މަގާ ވީ ފަޅިއަށް ނެރެލާފައި، ޔޫޝައު އެހެން ބުނުމުން ޒާޔާ ސައިކަލަށް އަރާ އިށީނުމާއެކު، ޔޫޝައު ސައިކަލު ދުއްވާލިއެވެ. އޭރު އެމަންޒަރު ބަލަން އަފްނާން ހުއްޓެވެ.
އާދައިގެ ވަރެއްގައި ދުއްވާފައި ގޮސް ހޮސްޕިޓަލަށް ސައިކަލު މަޑުކޮށްލުމުން ޒާޔާ ޔޫޝައުއަށް ޝުކުރު އަދާކޮށްފައި ފޭބިއެވެ. އެއަށްފަހު، އޭނާ ހޮސްޕިޓަލަށް ވެނެވެ. ލިފްޓުން އަށްވަނަ ފަންގިފިލާއަށް ގޮސް ބެލް އަޅާލުމުން، ނަރުސްކުއްޖަކު އައިސް ދޮރު ހުޅުވާލުމުން އޭނާ ގޮސް ވަނީ ރާމިޒާވެސް ވަތް ކޮޓަރިއަށެވެ.
ދޮރު ހުޅުވާލި އަޑަށް ގޮނޑީގައި އިން ރާމިޒާ އެ ދިމާލަށް ބަލާލިއެވެ. ކަރުނަ ފުހެލާފައި އޭނާ ޒާޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލަން މަސައްކަތް ކުރިއެވެ.
"ޒާޔާ!" ރާމިޒާ ގޮވާލިއެވެ.
"ރާމިޒާއްތާ…" ޒާޔާވެސް ރާމިޒާއަށް ގޮވާލަމުން ގޮސް ރާމިޒާގެ ކައިރީގައި މަޑުކޮށްލިއެވެ. އޭނާއަށް ވަސީމް ނިޔާވިކަން އެނގުނީ ކޮލެޖަށް ދާން ތައްޔާރުވެސް ވީފަހުންނެވެ. މޫނު ބަލާ ކަށު ނަމާދަށް ނުދެވުނީ ކުރިން އެ ޚަބަރު ނޭނގުމުންނެވެ. އެކަން ރާމިޒާއަށް އޮޅުންފިލުވާލަދީފައި އެނދުގައި އޮތް އޭނާގެ އެކުވެރިޔާއަށް ޒާޔާ ނަޒަރު ހުއްޓާލިއެވެ.
"ދައްތަ އެންމެ އުފާވަނީ މައުވާގެ މަތިން އަބަދުވެސް ހަނދާންކުރާ މައުވާއަށް ހެޔޮ ދުޢާ ކުރާ ތި ކަހަލަ އެކުވެރިންތަކެއް ތިބީމަ." އޭނާގެ ދަރިފުޅު މައުވާގެ އަތުގައި ފިރުމާލި ޒާޔާއަށް ބަލަން އިދެފައި ރާމިޒާ ބުނެލިއެވެ. ހިނިތުންވެލުން ފިޔަވާ ބުނާނެ އެއްޗެއް ޒާޔާއަކަށް ނޭނގުނެވެ. އެނބުރި އޭނާއަށް އަނެއްކާވެސް ބަލާލެވުނީ މައުވާއަށެވެ.
"އިންޝާ ﷲ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ." ޒާޔާ ރާމިޒާއަށް ހިތްވަރު ދިންނަމަވެސް، ދުވަހެއް ދުވަހަކަށް ރާމިޒާގެ އުންމީދުގެ ހުޅުކޮޅު ދަނީ ކަނިވަމުންކަން އޭނާއަށް އެނގެއެވެ. ލޯބިވާ ދަރިފުޅު އެ ޙާލުގައިވާތަން ބަލަން ކެތްވާނީވެސް ކޮން މަޔަކަށް ހެއްޔެވެ؟ ޒާޔާ ރާމިޒާގެ ކޮނޑުގައި ފިރުމާލިއެވެ.
*****
ޔުނިވާރސިޓީއިން ނުކުމެގެން އަފްނާން ދިޔައީ ގެއަށެވެ. ކޮޓަރިއަށް ވަނުމަށްފަހު، އޭނާ ވަނީ ސޯފާތައް ހުރި ބަޔަށެވެ. ދަބަސް ވެސް ސޯފާމައްޗަށް އެއްލާލާފައި، އަފްނާން ދެކޮޅަށް ހިނގަން ފެށިއެވެ. ވިސްނުންތަކުން ފުނިޖެހެމުން ދިޔަ ސިކުނޑިއަށް ދޭނެ ލުޔެއް ނޭނގޭ ޙާލު، ރުޅިވެރިކަމެއްގެ އަސަރުވެސް ވެރިވަމުން ދިޔައެވެ. ޒާޔާއާ ޔޫޝައު ގެ ވާހަކަތަކުން އޭނާއަށް ޔަޤީންވީ އެ ދެމީހުން އޭނާ ދެކެ އިންތިހާއަށް ހިތްހަމަ ނުޖެހިފައި ތިބި ކަމެވެ. ސޯފާ ކުރިމަތީގައި ހުރި މޭޒުމަތީގައި ބާއްވާފައި އޮތް ވޭޕް ނަގާ ދަމާލުމާއެކު، އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ވޭޕަކީ ރާއްޖޭން ބޭރުގައި އުޅުނު ދުވަސްވަރު އޭނާއަށް އާދަވެވުނު ކަމެކެވެ. އޭގެން ސިއްޚަތަށް ލިބޭ ގެއްލުން އެނގި ހުރެމެ އެކަންތައް ހުއްޓާކަށްވެސް އޭނާ މަސައްކަތެއް ނުކުރެއެވެ. ބެލްކަންޏަށް ނުކުތުމަށްފަހު، ރެއިލިންގައި އަތް އަޅުވާލައިގެން އިރުކޮޅަކު އަފްނާން ހުއްޓެވެ. އެހެން ހުރެފައި އޭނާ ފޯނު ނަގާ އެކުވެރިއެއްގެ ނަންބަރު ހޯދާލިއެވެ. ގުޅީ ފޯނު ނަގާނެ ކަމުގެ އުންމީދުގައި ނަމަވެސް، މާޔޫސްވީ ފޯނު ނިއްވާލާފައި އޮތުމުންނެވެ. އައިސްފައި ހުރި ރުޅިގަނޑު މައިތިރިކުރަން އުނދަގޫވި އަފްނާންއަށް ދަތްކުނޑި ވިކާލެވުނެވެ.
(ނުނިމޭ)