ބޮލީވުޑްގެ މަގުބޫލު ބަތަލާ ކެޓްރީނާ ކައިފް ހަކުރު ބައްޔަށް ފަރުވާ ހޯދަނީ ކަމަށް ބުނެ ކެޓްރީނާއަށް ތާއީދުކުރާ ގިނަ ބަޔަކު އިންޓަނެޓު މެދުވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދާދިފަހުން ކެޓްރީނާ އާއްމުންގެ ތެރެއަށް ނުކުމެ އުޅުނު އުޅުމުގައި އަތުގައި ކަޅުކުލައިގެ ޕެޗެއް ތަތްކޮށްފައި ހުރި މަންޒަރު ފެންނަ ފޮޓޯތައް އިންޓަނެޓުގައި ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސުވާލަތައް އުފައްދާފައެވެ.
އާއްމުގޮތެއްގައި އެކަހަލަ ޕެޗް އަތުގައި ހުންނާނީ ހަކުރު ބައްޔަށް ފަރުވަ ހޯދާ ބަލި މީހުންގެ ބްލަޑް ޝުގަ ލެވެލް މޮނީޓާ ކުރުމަށެވެ. އެހެންކަމުން ކެޓްރީނާ އަކީ ހަކުރު ބައްޔަށް ބޭސްކުރަމުން އަންނަ މީހެއްތޯ ނުވަތަ ނޫންތޯ އަހާ ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މަޝްވަރާކޮށްފައެވެ.
މިހާތަނަށް ކެޓްރީނާގެ ފަރާތުން މިފަދަ އެއްވެސް ކަމަށް ފާހަގަކުރެވިފައި ނުވާތީ އެ ޕެޗަކީ ބަތަލާގެ ފިޓްނަސް ޓްރެކް ކުރުމަށް ގެންގުޅޭ ޓްރެކާއަކަށް ވުމީ އެކަށީގެންވާ ކަމެއް ކަމަށް އެކްސްޕާޓުން ވަނީ ބުނެފައެވެ.
ކެޓްރީނާ އަކީ ގަވައިދުން ކަސްރަތު ކުރުމަށް ހާއްސަ ސަމާލުކަމެއްދީ ވަރަށް ބޮޑަށް ސިއްހަތަށް ބަލައިގެން އުޅޭ ބަތަލާއެއް ކަމުން މިފަދަ ޓްރެކާއެއް ގެންގުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ކެޓްރީނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "މެރީ ކްރިސްމަސް"އިންނެވެ. މި ފިލްމަށްފަހު ބަތަލާ ރަސްމީކޮށް އެހެން ފިލްމެއްގައި މަސައްކަތް ކުރާކަން އިއުލާނުކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް ޑައިރެކްޓަރު ފަރުހާން އަހްތަރު އުފައްދަން ނިންމާފައިވާ ފިލްމު "ޖީ ލޭ ޒަރާ"ގެ ރޯލެއް ކެޓްރީނާއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.