"ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟" ޔަލްވީގެ ބާރު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ.
********
"އަހަރެންގެ ބައްޕައަކީ ތިހީކުރާ ކަހަލަ ނުބައި މީހެއް ނޫން. ބައްޕަ އެކަހަލަ ކަމެއް ނުކުރާނެ" ޔަލްވީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ލިމްޔާގެ ކުރިމަތީގައި ހުއްޓުނެވެ. "މިއަދު ތިމީހުން ޖެހޭނީ އަހަރެންގެ ބައްޕައަށް ޝުކުރު އަދާކުރަން. ބައްޕަ ލޭ ނުދިންނަމަ ކިހިނެއްކަން ވާނީ އެނގޭތަ؟"
ޔަލްވީ ބޮޑަށް ރުޅި އައީ އަފްސަމްދެކެއެވެ. ދަތްތަކަށް ބާރުކޮށްލައިގެން ހުރިގޮތުން ހީވަނީ ދަތްތައްވެސް ބިންދާލަފާނެ ހެންނެވެ.
"ޔަލްވީ! ހިނގާބަލަ ދައްތައާއެކު" އަމީރާ އުޅުނީ ޔަލްވީ ގޮވައިގެން މަރުކަޒުން ނުކުންނާށެވެ. އަމީރާ ބޭނުންވީ ނަފީސާގެ ކިބައިން ވެގެންއުޅޭގޮތް ސާފުކުރާށެވެ. އަފްސަމް ބުނި ކަހަލަ ކަމެއް ހިނގިނަމަ، ނަފީސާއަށް އެކަމެއް އެނގޭނެއެވެ.
"ސްޕީކިންގް އޮފް ދަ ޑެވިލް" ރުޅިގަދަވެގެން އަފްސަމަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ. ޔަލްވީއަށް އިއްވަންވެގެން އޭނާ އެހެން ބުނީ ޔަލްވީ އިތުރަށް ރުޅި އަރުވައިލުމުގެ މަގުސަދުގައެވެ. ޔަލްވީ ބަލައިނުލުމުން އަފްސަމް މާޔޫސްވިއެވެ. ކޮންމެ ގޮތަކުންވެސް ޔަލްވީ ހުއްޓުވަން އަފްސަމް ބޭނުންވިއެވެ. "ލޭ ދޭ އެންމެންނަކީ ކުށެއްނުކުރާނެ ބައެއް ނޫން"
ޔަލްވީގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ އަޅައިލަމުން އަފްސަމަށް ބަލައިލިއެވެ. އޭރު އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ.
"ޔޫ" ޔަލްވީ އަފްސަމާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. "ސްޓޮޕް އިޓް"
"ނިމާލަކީ ރަނގަޅު މީހެއް ނޫން. އޭގެ މިސާލެއް ތީ" ޔަލްވީއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އަފްސަމް ބުނެލިއެވެ. "ކަލޭމެން އެންމެންވެގެން ރަޔާންއަށް ކިހާ ބޮޑު ލަނޑެއް ދީގެން ތި ތިބީ. ކައިވެންޏަކީ ކަލޭމެންނަށް ކުޅޭ ކުޅިވަރަކަށް ވިޔަސް، ރަޔާންއަށް އެއީ ދިރިއުޅުމުގެ އެންމެ މުހިއްމު ކަންތައް. ދެވުނު ލަނޑު ކުޑަވެގެންތަ މާ މޮޅެތި ޕްލޭންތައް ހަދައިގެން އަދިވެސް ރަޔާންއަށް ގެއްލުން ދޭން ތި މަސައްކަތް ކުރަނީ؟ އޭނ؟"
ފަހު ޖުމުލަ ބުނިއިރު އަފްސަމް ހުރީ ޔަލްވީގެ ކުރިމަތީގައެވެ. ޔަލްވީ އިތުރު އެއްޗެއް ބުނުމުގެ ކުރިން އޭނާ ޔަލްވީގެ އިނގިލީގައި ހިފައި ތިރިކޮށްލިއެވެ.
"ކީއްކުރަން ގައިގަ އަތްލީ؟ މައްސަލަ ޖައްސާނަން. ޕޮލިހަށްވެސް ދާނަން...." ޔަލްވީ ހަޅޭއްލަވައިގަތެވެ.
"ދޭބަލަ" އަފްސަމްވެސް ހުރީ ދޫކުރާގޮތަކަށް ނޫނެވެ. "ގޮއްސަ ބުނާތި ނިމާލުވެސް ހައްޔަރުކޮށްދޭށޭ"
"ޔަލްވީ ހަމަޖެހިބަލަ. ކުޑަކުދިންނެއް ނޫނެއްނު ތީކީ" ޔަލްވީ އަފްސަމާއި ދިމާއަށް ދާން އުޅުމުން އަމީރާ އެކަން ހުއްޓުވިއެވެ. ޔަލްވީ ހަމައަކަށް އެޅުވުމަށްފަހު އަމީރާ ދެން ބަލައިލީ އަފްސަމަށެވެ. "ކިތަންމެ ރުޅި އަޔަސް ގަޔަށް ބޮލަށް އަރާ އެއްޗެއް ނޫން. ރީތިކޮށްވެސް ވާހަކަ ދެއްކޭނެ. އަފްސަމްވެސް ދޭބަލަ އިހަށް ބޭރަށް. ރުޅި މަޑުކޮށްލައިގެން އާދޭ. ދައްތަ ޔަލްވީ އާ ވާހަކަ ދައްކާލާނަން"
"އިޑިއަޓް...." ޔަލްވީ އިތުރަށް ރުޅި އަރުވާލުމުގެ މަގުސަދުގައި އަފްސަމް ބުނެލިއެވެ.
"އިޑިއަޓް އަކީ ތީ" ޔަލްވީ ހަޅޭއްލަވައިގަތެވެ.
ލިމްޔާމެން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔަލްވީއެކޭ ކުޑަކުއްޖެކޭ ތަފާތެއް ނެތޭ ލިމްޔާގެ ހިތަށް އެރިއެވެ. ހުރިހާ ކަމެއްވެސް ފެށުނީ ޔަލްވީގެ ސަބަބުންނެވެ. ވީއިރު ނިންމަންވެސް ޖެހޭނީ ޔަލްވީއެވެ. ލިމްޔާ މަޑުމަޑުން ހިނގާލާފައި ގޮސް ޔަލްވީގެ ކުރިމަތީގައި ހުއްޓުނެވެ. އޭރުވެސް ޔަލްވީގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.
"ޔަލްވީ ކީއްވެ ރެންގެ ބޮލުގަ ދޮގު އިލްޒާމެއް އެޅުވީ؟" ކުރެހިފައިވާ އަޑަކުން ލިމްޔާ ސުވާލުކުރިއެވެ. "ބަލާބަލަ ކަންތައް ވީގޮތް. މީހަމަ ޔަލްވީގެ ސަބަބުން ވާހާ ކަންކަން. ޔަލްވީ ބައްޕަ ކައިރީ ތެދަށް ހުރިހާ ވާހަކައެއް ކިޔާދީ. ކޮންމެ ގޮތެއް ހަދައިގެންވެސް ރެން ސަލާމަތްކޮށްދީ. އާދޭސްކޮށްފަ މި ބުނަނީ"
ލިމްޔާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ޔަލްވީ ދެކެ ކިތަންމެ ރުޅި އައިސްފައި ހުރި ނަމަވެސް ލިމްޔާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އާދޭސްކޮށް، ސަލާންޖަހައިގެން ވިޔަސް ރަޔާން ހެޔޮ ހާލުގައި ހުއްޓައި ދެކިލަން ލިމްޔާ ބޭނުންވިއެވެ.
ލިމްޔާއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު، ޔަލްވީ އެތަނުން ދިޔުމަށް އަވަސްވެގަތެވެ. އަފްސަމްގެ ވާހަކަތަކާއި ނަފީސާއަށް އައި ފޯނުކޯލާއި ގުޅުވައިލުމުން ކޮންމެވެސް ކަމެއް ހިނގައިފިކަން ޔަލްވީއަށް ޔަގީންވިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނަސް، ނިމާލާއިމެދު ގޯސްގޮތަކަށް ވިސްނާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ. އަމީރާ ޔަލްވީގެ އަތުގައި ހިފެހެއްޓި ނަމަވެސް، އަތް ފޮޅުވާލުމަށްފަހު، ޔަލްވީ އެތަނުން ދިޔައީއެވެ.
ޔަލްވީ ދިޔަ ދިމާއަށް ބަލަން ލިމްޔާ ހުރީ ރޮވިފައެވެ. ލިމްޔާ މަޑުމަޑުން ގޮސް އެނދުގައި އޮށޯތެވެ. އަދި ދެލޯ މަރާ ބާރުކޮށްލިއެވެ. އެއާއިއެކު އެސްފިޔަތައް ފޫދުއްވާލީ ތާޒާ ކަރުނައިންނެވެ.
3 ހަފްތާ ފަސް
"މިގޮތަށް އަބަދު މިރަށުގަ ނުތިބެވޭނެ" ފިހާރައަކަށް ގޮސްފައި އައި ޔަލްވީއަށް ނަފީސާ ފެނުމާއިއެކު، ކުދިކިޔަން ފެށިއެވެ. "މަންމައަށް އަޑު ނީވެނީތަ މީހުން ކިޔާ އެއްޗެހި؟ ދެން އެންމެ އަވަހަށް ފުރާ ލޯންޗަކުން މާލެ ދާނަން. މިކަހަލަ ރަށަކު ނުހުރެވޭނެ"
ނަފީސާ އެއްވެސް އެއްޗެއް ނުބުނެއެވެ. ޔަލްވީ އާއި ދިމާއަށް ބަލާލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ. އެއީ ފާއިތުވެދިޔަ ތިން ހަފުތާގެ ތެރޭގައިވެސް ޔަލްވީ ކުރަމުން އައި ޝަކުވާއެވެ. އެޝަކުވާ އަޑު އަހާއަހާ ނަފީސާ ފޫހިވެއްޖެއެވެ. ޔަލްވީ އެދޭ ކަމެއް ކޮށްދޭން ކިތަންމެ ބޭނުންވި ނަމަވެސް އެކަމުގައި ނަފީސާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ނިމާލުގެ ހަބަރެއް ނުވަނީސް މާލެ ދާކަށް ނަފީސާ ބޭނުމެއް ނުވެއެވެ.
"މަންމަ ކީއްވެތަ އެއްޗެކޭ ނުބުނަނީ؟" ޔަލްވީ ހިތްހަމަނުޖެހުނެވެ.
"ދަރިފުޅާ! ބައްޕަގެ ހަބަރެއް ނުވަނީސް...." ނަފީސާ ބުނަން އުޅުނު ޖުމްލަ ފުރިހަމަކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ކުރިން ޔަލްވީ އޭނާގެ ދެކަންފަތް މަތީގައި އަތް އަޅައި ބާރަށް ހަޅޭއްލަވައިގަތެވެ.
"ބައްޕަ، ބައްޕަ، ބައްޕަ" ޔަލްވީ ހަޅޭއްލަވައިގަތެވެ. "މަންމައަށްވެސް އެނގޭނެ ބައްޕަ ކަންތައް ކުރިގޮތް. އަހަރެމެން މީ ތިބި ބައެއްކަންވެސް ބައްޕައަކަށް ނޭނގުނެއްނު. ތިން ހަފުތާ ވީއޭ ބައްޕަގެ ހަބަރެއް ނުވާތާ. މީހުން ކިހާ އެއްޗެއްސެއް އެކިޔަނީ. ބޭރަށް ނުކުމެލިޔަސް ކިޔަނީ މާޑަރާސްއޭ. މަންމަ ތިހެން ގޭން ނުނުކުމެ އިންނާތީ މަންމައަށް މީހުން ދައްކާ ވާހަކަ އަޑު ނީވެނީ. ބައްޕަގެ އިންތިޒާރުގަ ހުންނަން ބޭނުމިއްޔާ އުމުރު ދުވަހުވެސް މަންމަ ހުންނަންޖެހޭނީ ތިހެން. އައި ކާންޓް"
ނަފީސާ އަތްލުމުން ވެސް ޔަލްވީ އެއަތް ފޮޅުވާލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ނަފީސާއަށް ހުރެވުނެވެ. ޔަލްވީ ރުޅި އައިސްފިނަމަ އެރުޅި މައިތިރި ކުރުމަކީ ނަފީސާއަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
ގޭގެ ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ދޮރު ހުޅުވީ ޔަލްވީއެވެ. ދޮރު ހުޅުވާލި ބާރުމިނުގައި ޔަލްވީ ދޮރު ލައްޕާ ތަޅުލިއެވެ.
"ކާކު؟" ނަފީސާ ސުވާލުކުރިއެވެ.
ޖަވާބުދޭކަށް ޔަލްވީ ބޭނުމެއް ނުވިއެވެ. އައިސްފައި ހުރި ރުޅި އާއި އެއްވަރަށް ހިތާމައިގެ އަސަރުވެސް ޔަލްވީގެ މޫނުން ފެންނަން ހުއްޓެވެ. އަނެއްކާވެސް ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ.
"ދަރިފުޅާ ކާކުތަ؟" ދޮރާއި ދިމާއަށް ހިނގައިގަންނަމުން ނަފީސާ އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.
********
"އެވަރަށް ޓަކިޖަހާއިރުވެސް ދޮރު ނުހުޅުވާ ކީއްތަ ތިކުރަނީ؟" ލިމްޔާ ދޮރު ހުޅުވިތަން ފެނި، އަމީރާ ޝަކުވާކުރިއެވެ.
"ނިދުނީއޭ މަންމާ" އާފުރެމުން ލިމްޔާ ވާހަކަ ދެއްކިއެވެ.
"ދަރިފުޅު ރޭގަނޑު ނުނިދާތީއޭ ދުވާލު މާވަރަކަށް ތި ނިދެނީ. ތިހެން އުޅެނިކޮށް ބަލިވެދާނެ" ފަހަކަށް އައިސް ލިމްޔާ އުޅޭގޮތުން އަމީރާ ހުރީ ކަންބޮޑުވެފައެވެ.
"ކިޔަވާށޭ ނުނިދާ އިންނަނީ. ގޯސްކަމެއް ނުކުރަމެއްނު" ލިމްޔާ ކޮޓަރިން ނުކުތެވެ.
"މަންމައަށް އެނގޭ ދަރިފުޅު އަދިވެސް އެކަމާ ފިކުރު ކުރަނީކަން" އަމީރާ އިސްޖަހައިލިއެވެ.
ރަޒީނާގެ މަރުގެ ހަބަރު ލިބުނީއްސުރެ ލިމްޔާގެ ހާލަކީ އެއެވެ. ކެއުމާއި ނިދި ލިމްޔާއަށް ބީރައްޓެހިވެއްޖެއެވެ. ރަޒީނާގެ ހަނދާންތަކަކީ ލިމްޔާއާއި ދުވަހަކު ވަކިވުމެއް ނުވާނެ ހަނދާންތަކެކެވެ.
"ފަހު ފަހަރަށް ރަޒީނައްތަގެ މޫނުވެސް ލިމްއަކަށް ނުފެނުނު" ލިމްޔާގެ ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތުގައި ބީހިލިއެވެ.
"އަފްސަމް އެބަހުރި ދަރިފުޅު ހޯދަން އައިސް. ބުރުގާ އަޅައިގެން ނުކުމެބަލަ" ލިމްޔާއަށް އިތުރު އެއްޗެއް ނުބުނެވުނީ އެތެރެއަށް ވަން މުސްތަފާގެ އަޑު އިވުމުންނެވެ.
މުސްތަފާއަށް ފުރަގަސްދީގެން ހުރެ ލިމްޔާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. މޫނު ދޮވެލައިގެން ލިމްޔާ އޭނާގެ ކޮޓަރިން ނުކުތީ، ހަމަޖެހިލަން މަސައްކަތް ކުރަމުންނެވެ. ހުޅުވުނު ދޮރާއިއެކީ ފެނުނު މަންޒަރުން ލިމްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި ހުރީ ލިމްޔާގެ ދެލޯ ހޯދަން ބޭނުންވާ ސޫރައެވެ. އެކަމަކު، އެ ސޫރަ ފެނުމުން ވާންވީ އުފާކަމެއް ދެރަކަމެއް ލިމްޔާއަކަށް ނޭނގުނެވެ.
********
"ނިމާލު؟" ދޮރު ހުޅުވާލުމާއިއެކީ، ނަފީސާއަށް ލިބުނީ ހައިރާންކަމެވެ.
"އަހަރެން މިއައީ" ނިމާލު އެތެރެއަށް ވަނެވެ.
ސޯފާގައި އިން ޔަލްވީ ކޮޅަށް ތެދުވިއެވެ. އޭނާގެ ދެލޯ ހޯދަމުންދިޔައީ އެހެން ސޫރައެކެވެ. ނިމާލުދެކެ ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް، ނިމާލުގެ ފަހަތުން އެތެރެއަށް ވަންނާނެ މީހަކަށް ޔަލްވީއަށް އިންތިޒާރު ކުރެވުނެވެ. އެކަމަކު ނިމާލު ވަނީ އެކަންޏެވެ. ދޮރު ލެއްޕި ތަން ފެނުމުން ޔަލްވީގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެހެންމީހުން ބުނީ ތެދެއް ހެއްޔެވެ؟ ނިމާލު ރަޔާނަށް ގެއްލުމެއް ދިނީ ހެއްޔެވެ؟
"ދަރިފުޅާ ޔަލްވީ!" ނިމާލުގެ އަޑުގައިވީ އޯގާތެރިކަމެވެ.
ނިމާލުގެ އަޑުގައި އެތައް ހާސް ރިހުމެއް އެކުލެވިފައި ވިއެވެ. ޔަލްވީއާއި ދިމާއަށް ދިޔުމަށް ނިމާލު ހިނގައިގަތެވެ. ނަމަވެސް ކުރިޔަށް ނެގި ފިޔަވަޅު ފަހަތަށް އަޅައިލަން ނިމާލަށް މަޖުބޫރުވީ ޔަލްވީ އަތުގެ އިޝާރާތުން ކައިރިއަށް ނައުމަށް އެދުމުންނެވެ.
"ރަޔާނަށް ކީއްކުރީ؟" ރުޅި އައިސްފައި ހުރުމުން ރީތިބަހުން ވާހަކަ ދައްކާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ.
"ދަރިފުޅާ ޔަލްވީ! ވާހަކަ ތިދެއްކެނީ ކާކާ ކަމެއް ނޭނގެނީތަ؟ އެއީ ދަރިފުޅުގެ ބައްޕައޭ" ނަފީސާ ހިތްހަމަނުޖެހުނެވެ. ކިތަންމެ ރުޅިއަޔަސް އޭގެ ކުރިން ރީތިބަހުން ނޫނީ ޔަލްވީ ނިމާލާއި ވާހަކަ ދައްކާފައެއް ނުވެއެވެ.
********
"ރެން؟" ލިމްޔާ ހުރީ ފެނުނު މަންޒަރު ގަބޫލުނުކުރެވިފައެވެ. ރަޔާން އިން ހާލު ފެނި ލިމްޔާގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. ކުރިޔަށް ފިޔަވަޅެއް އަޅާލަންވެސް ނޭނގިފައި ލިމްޔާއަށް ހުރެވުނީ ރަޔާންއަށް ބަލާށެވެ.
އަމީރާއާއި މުސްތަފާއަށްވެސް ވީ ލިމްޔާއަށް ވީވަރެވެ.
"އެގޭގެ ކަންކަން ހަމަޖެހިލަންދެން އިހަށް މިގެއަށް މިގެނައީ" އަފްސަމް ބުނެލިއެވެ.
(ނުނިމޭ)