ކަރަންޓް ކެނޑޭތީ ވަންދޫ ރައްޔިތުން މުޒާހަރާގައި

ދުވާލުގެ ވަގުތު ތަކުގައި ތ. ވަންދޫއަށް ކަރަންޓްގެ ހިދުމަތް ނުލިބޭތީ ރައްޔިތުން ބަޔަކު ނުކުމެ މުޒާހަރާ ކުރަމުން އެބަދެ އެވެ.

ވަންދޫ ކައުންސިލްގެ ރައީސް އަހްމަދު މަޖުދީ މިއަދު ވިދާޅުވީ އެ ރަށުގައި ޔުޓިލީޓީސް ކުންފުނިން ދޭ ކަރަންޓްގެ ހިދުމަތް ދޭތެރެ ދޭރެދޭތެރެއިން މެދުކެނޑެމުން ގޮސް މިދިއަ ހުކުރު ދުވަހުން ފެށިގެން ދުވާލުގެ ވަގުތުގައި ހިދުމަތް ނުލިބޭ ކަމަށެވެ.

އަދި ވިދާޅުވީ ހުކުރު ދުވަހު ވެސް ބަޔަކު މުޒާހަރާ ކުރި ކަމަށާއި މިއަދު ވެސް ހެނދުނުން ފެށިގެން ކައުންސިލް އިދާރާ ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންދާ ކަމަށެވެ. ވަންދޫ މުޒާހަރާގައި 60 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ.

"މިރަށުގައި ކަރަންޓް ދޫކުރުމުގައި ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި މައްސަލަތަކެއް ދިމާވަމުންދިޔައީ. އެކަން ރަނގަޅު ނުކުރެވި ދުވާލުގެ ވަގުތުތަކުގައި އެއްގޮތަކަށް ވެސް ކަރަންޓެއް ނުދޭ. ރޭގަނޑު އެންމެ ޖަނަރޭޓަރަކުން ގެތަކަށް ކަރަންޓް ދެމުން ދަނީ،" މަޖުދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ބަޔަކު ހުކުރު ދުވަހު މުޒާހަރާ ކުރުމުން މިހާރު ބޭނުންކުރާ ޖަނަރޭޓަރު އޯވަހޯލް ކުރުމަށް ފަހު ހަފުތާއެއްގެ ތެރޭގައި ކަރަންޓް ދޭނެ ކަމަށް ކަރަންޓްގެ ހިދުމަތް ދޭން ކުންފުނިން ބުނެފައިވާ ކަމަށެވެ.

"އެ ޖަވާބު ހިތް ހަމަޖެހޭ ޖަވާބެއްގެ ގޮތުގައި ރައްޔިތުން ބަލައިއެއްނުގަނޭ. އެހެންވެ މިއަދު ކައުންސިލް އިދާރާ ދޮށަށް އެއްވީ އަޅުގަނޑުމެންވެސް މަސައްކަތް ހުއްޓާލުމަށް ފަހު މިތިބީ ރައްޔިތުންނާ ވާހަކަ ދައްކަން،"

ވަންދޫގައި ކަރަންޓްދޭން އެންމެ ޖަނަރޭޓަރެއް ބޭނުން ކުރަމުންދާއިރު މިހާރު ބޭނުން ކުރަމުންދާ ޖަނަރޭޓަރު ވެސް ހުރީ މަރާމަތަށް ބޭނުން ވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު