މިދިޔަ މަހު މީރާގެ އާމްދަނީ 2.30 ބިލިއަނަށް އަރާކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 93.1 ޕަސަންޓު މަތީ އަދަދެެއްކަމަށެވެ. އަދ،ި މިއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.7 ޕަސަންޓު އިތުރު އަދަދެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
މީރާއިން ބުނީ، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ސެޕްޓެމްބަރު މަހުގެ އާމްދަނީ އިތުރުވެފައި ވަނީ، ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން، މިދިޔަ މަހު ލިބިފައިވާ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގެންފައިވާ ޖުމުލަ އާމްދަނީ އިތުރުވެފައި ވާކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.
މިދިޔަ އަހަރު ސެޕްޓެންބަރު މަހު ޖީއެސްޓީ އަދި ރިޒޯޓްތަކުގެ ކުލި ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން އެ ފައިސާ ބަލައިގެންފައި ވަނީ އެ އަހަރުގެ އޮކްޓޫބަރު މަހުކަމަށް މީރާއިން ބުންޏެވެ. ނަމަވެސް، މި އަހަރު ސެޕްޓެންބަރު މަހުގެ ސުންގަޑިއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވުމުން ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީ ސުންގަޑިތަކަށް ލިބިފައި ވުމަކީ ސެޕްޓެމްބަރު މަހުގެ އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.
މިމަހުގެ އާމްދަނީ އިތުރުވި އިތުރު ސަބަބުތަކުގެ ތެރޭގައި، ޓޫރިޒަމް ގާނޫނަށް ގެނައި 13ވަނަ އިސްލާހާ ގުޅިގެން ރިޒޯޓްތަކުގެ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ 99 އަހަރަށް އިތުރުކުރުން ވެސް ހިމެނެއެވެ.
"ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ މި މުއްދަތަށް ލިބޭނެކަމަށް އަނދާޒާކޮށްފައި ނުވާ ސަބަބަކީ، މި ފީއަކީ ތާވަލް ކޮށްގެން ނަގާ ފީއަކަށް ނުވުމާއެކު ޓެކްސް ދައްކާ ފަރާތްތަކުން މި ފީ ދައްކަނީ އަމިއްލަ އިހުތިޔާރުގައިކަމަށް ވުމެވެ. ހަމަ އެހެންމެ، އަލަށް ދޫކުރި ގެތަކުރަށް ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ ގެ އާމްދަނީއާ ޓީޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓު ޓެކުހާއި ފީގެ ކުރީގެ ސުންގަޑިތަކަށް ލިބިފައިވާ ފައިސާ ހިމެނެއެވެ." މީރާއިން ބުނެފައިވެއެވެ.
މިދިޔަ މަހު އަނދާޒާކުރި އަދަދަށް ވުރެ ގިނައިން ފަތުރުވެރިން ވެސް ވަނީ ރާއްޖެ އައިސްފައެވެ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ ވަނީ އިތުރުވެފައެވެ.
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 44.5 ޕަސަންޓެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އަދަދުތައް:
- ޓޫރިޒަމް ލޭންޑް ރެންޓު: 15.7 ޕަސަންޓު
- ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ: 10.0 ޕަސަންޓު
- އާމްދަނީން ނަގާ ޓެކްސް: 7.6 ޕަސަންޓު
- އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 4.4 ޕަސަންޓު
- އެހެނިހެން ޓެކުހާއި ފީ: 17.8
މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 102.05 އެމެރިކާ ޑޮލަރު ހިމެނެއެވެ.