ނަފުސާނީ ބަލީގެ ހާލަތު ގޯސް، ނަފުސާނީ ސިއްހަތު އިސްކުރޭ: މިނިސްޓަރު

ރާއްޖޭގައި ވެސް ނަފުސާނީ ބަލީގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށާއި އެހެންކަމުން ނަފުސާނީ ސިއްހަތު އިސްކުރަން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ.

ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބެއްގައި ވިދާޅުވީ، މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކޮށް، ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ނަފްސާނީ ސިއްހަތުގެ މައްސަލަތައް ސަމާލުކަމަށް ގެނައުން ކަމަށެވެ.

މިއަހަރުގެ ނަފުސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރަކީ "މެންޓަލް ހެލްތު އެޓް ވޯކް" ނުވަތަ "މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން"އެވެ.

ދުނިޔޭގެ ނިސްބަތުގައި ކޮންމެ އަށް މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަކެއް ތަހައްމަލުކުރާ މީހެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ފާހަގަކޮށްފަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން 2022ވަނަ އަހަރު ހެދި ސްޓެޕް ސާވޭއިން ހާމަވެފައިވާގޮތުން ޑިޕްރެޝަންގެ އަލާމަތްތައް ކޮންމެ ފަސް މީހަކުން އެކަކު ތަހައްމަލުކުރާ ކަމަށާއި ނަފުސާނީ ބައްޔެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ކޮންމެ 20 މީހަކުން އެކަކުގެ ހުންނަކަން ފާހަގަވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ނަފުސާނީ ބަލިތަކަށް ކުރިއާލާ ރައްކާތެރި ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުންނަ ގިނަ ގޮންޖެހުންތަކުގެ އިތުރުން ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ނަފުސާނީ ބަލިތަކާ ހާލަތްތަކުގެ ސަބަބުން، އެއްގޮތަކަށް ވެސް މަސައްކަތް ނުކުރެވުމާއި ގަވާއިދުން މަސައްކަތުގައި ޝާމިލުނުވެވުމުގެ ސަބަބުން، އާއިލާތަކަށް ލިބޭ އާމްދަނީއަށާއި އަދި ޤައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އެތައް އަސަރު ކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަމުގެ ނަތީޖާއެއްގެގޮތުން ދުނިޔޭގެ އިގުތިސާދަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ނަފުސާނީ ސިއްހަތާ ގުޅޭ ކަންކަމަށް ހޭދަކޮށް އިންވެސްޓް ކުރުމަކީ ވަރަށް މުހިއްމު އެހާމެ ބޭނުންތެރި ކަމެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ނަފުސާނީ ސިއްހަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް، ނަފުސާނީ ސިއްހަތުގެ ރަނގަޅުފަރުވާ ފަސޭހައިން ލުއިގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުންކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ އަޅުގަނޑުމެން ކޮންމެ ފަރުދަކީ، ކޮންމެ މުއައްސަސާއަކީ އެކަކު އަނެކަކުގެ ނަފުސާނީ ސިއްހަތަށް އަޅާލާ އެކަމަށް ހޭލުންތެރިވެފައިވާ ބަޔަކު ކަމުގައިވުމަށް ބާރުއެޅުން،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް