ނަތީޖާ ނެރެދޭ މީހަކަށް ވުމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދައުރު ބޮޑު: ރައީސް

ރައީސް މުއިއްޒު: ސަލާމަތް ސިއްޙަތުގެ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަން ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ނަތީޖާ ނެރެދޭ މީހަކަށް ވުމުގައި ނަފްސާނީ ދުޅަހެޔޮކަން ބޮޑު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައި ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އުފެއްދުންތެރި، ނަތީޖާތައް ނެރެދޭ މީހަކަށްވުމަށް އިންސާނާގެ ނަފްސާނީ ގާބިލްކަން ބޮޑު ދައުރެއް އަދާކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި ސަލާމަތް ސިއްހަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނި ދުޅަހެޔޮކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.

ދިވެހި ރާއްޖޭގައި ނަފްސާނީ ބަލިތަކަކީ މިހާރު ވަރަށް އާންމު ވެފައިވާ ބަލިތަކެކެވެ. އަދި މި ބައްޔަށް ފަރުވާ ހޯދަން ބޭނުންވެ، ނުލިބިފައި ތިބި މީހުންގެ އަދަދުވެސް އެހާމެ ގިނައެވެ.

އެގޮތުން، މިސަރުކާރުން ވަނީ ނަފުސާނީ ސިއްހަތުގެ 24 ގަޑިއިރުގެ ގައުމީ ހެލްޕް ލައިނެއް ތައާރަފްކޮށްފައެވެ. ރާއްޖޭގައި ނަފުސާނީ އެހީތެރިކަމަށް ޚާއްސަކޮށްގެން މިފަދަ ހެލްޕްލައިނެއް ފުރަތަމަ އުފައްދާފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.

ކޮންމެ އަހަރަކު ވެސް އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހަކީ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަސްކަމުން ކޮންމެ އަހަރަކު ވެސް އެ ދުވަސް ފާހަގަކުރެއެވެ.

comment ކޮމެންޓް